Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ކޮމިޝަންތަކުގެ ބިލަކީ އިންސާފަށް ވާސިލްވުމަށް އެޅުނު ފިޔަވަޅެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

މިއަދު ތަސްދީގު ކުރެވުނު ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަކީ އިންސާފައި ތެދުވެރިކަމަށް ވާސިލު ވުމަށް މަގު ފަހިވުމަށް އެޅުނު ފިޔަވަޅެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވާފައިވާ ބިލުތަކަކީ، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރު ދޭ ބިލެވެ.

އެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ކޮމިޝަންތަކުގެ ބިލަކީ އިންސާފަށް ވާސިލުވުމަށް އެޅުނު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

ކޮމިޝަންތަކަށް ބާރުތައް ދިނުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ބިލު ފާސްކުރީ 67 މެމްބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ސަރުކާރު ފަރާތުން ހުށަހެޅުއްވީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

މި ބިލުން ކޮމިޝަންތަކަށް ދިނުމަށް ނިންމާފައިވާ ބާރުތަކުގެ ތެރޭގައި މީހުން ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ބަލާ ފާސް ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އެންގުން ހިމެނެއެވެ.

ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް 18 ވަނަ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް 18 ވަނަ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކަށް މެޖޯރިޓީ އޮތް ނަމަވެސް ބައެއް މެމްބަރުންގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ ބިލު ވަނީ އޭރު ފާސްކުރެވޭ ގޮތް ނުވެފައެވެ.