Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

މަރަދޫ ފޭދޫގެ ބަނދަރު ހެދުމަށް ބަޔަކާއި ހަވާލުކޮށްފި

ފޮޓޯ- ޕްލޭނިންގ މިނިސްޓްރީ

ސ. މަރަދޫ ފޭދޫ، ދ. ރިނބިދޫއާ އަދި ތ. އޮމަދޫގެ ބަނދަރު ހެދުމަށް ހެވޯ ފޯސް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

ތިން ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ޖުމްލަ 93 މިލިއަން ރުފިޔާއަށެވެ. މަރަދޫ ފޭދުއާއި، އޮމަދޫގެ ބަނދަރު ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. އަދި ރިނބުދޫ ބަނދަރުގެ މަސައްކަތް އަށްމަސް ދުވަހުގެ ތެރޭގައި ނިންމަންވަނީ ހަވާލުކޮށްފައެވެ.

މަރަދޫ ފޭދޫ ބަނދަރުގެ މަސައްކަތުގައި ހިމެނެނީ 260 މީޓަރުގެ އެއްގަމު ތޮށި ލުމާއި، ބޭރު ތޮށީގެ 243މީޓަރުގެ ސަރަަހައްދެއްގައި ބޮޑު ހިލަޖެހުމެވެ. ދ.ރިނބުދޫ ބަނދަރުގައި 254މީޓަރު އެއްގަމު ތޮށި ޖެހުމާއި، 65 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ހިމެނެއެވެ. އަދި ތ.އޮމަދޫ ބަނދަރުގައި 388 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 307މީޓަރުގެ ބޭރު ތޮށި ލުމަށްވެސްވަނީ ނިންމާފައެވެ.

މި މަޝްރޫޢުތަކުގެ ދަށުން ބައެއް ރަށްރަށުގައި ރިވެޓްމަންޓް ޖެހުމާއި، ބަނދަރުގައި ލައިޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ރޭމްޕް ހެދުމުގެ އިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީއިން މިއަހަަރު 45 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ. އަދި މިއަހަރު ފަހުކޮޅު ލޯނުއެހީގައި އިތުރު 6 ރަށުގެ ބަނދަރުގެ މަސައްކަތް ފަށާނެކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.