Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދޭން ރިނބުދޫ ކައުންސިލުން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިލަންދެއަތޮޅު ދެކުނުބުރި ރިނބުދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފި - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިޞަލް ނަސީމް، ނިލަންދެއަތޮޅު ދެކުނުބުރި ރިނބުދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ މައްސަލައާއި، އިޖްތިމާޢީ މައްސަލަތައް ޙިއްޞާ ކުރެއްވިއެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ފަތުރުވެރިކަން ރަށުގައި ތަރައްޤީ ކުރެވޭނެ މަގުފަހިކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރަށަށް ކުރިމަތިވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދުމަށާއި ރަށަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލުން ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.