Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސަވަންނަ ވަނަބައި)

*****
ރަށުން އައިތާ ގިނަ ދުވަސްތަކެއްނުވެ އަޔާނާ ވަރަށްބޮޑަށް ބަލިވެއްޖެއެވެ. އެއްވެސް އެއްޗެއް ނުކެވޭ ތާނގައި ރޭގަނޑު އެއްގޮތަކަށްވެސް ނުނިދެއެވެ. އެކުއްޖާގެ ކަމަކީ އަބަދުވެސް ރުއިމެވެ. އެއްފަހަރު ބަނޑުގައި ރިއްސާތީ ޝަކުވާކޮށްފިނަމަ އަނެއްފަހަރު އުޅޭނީ ބޮލުގައި ރިއްސާތީއެވެ. އެންމެފަހުން ހޮޑުވެސް ލާންފެށިއެވެ. ޑޮކްޓަރަށް ދައްކައި ހެދުނު ޓެސްޓްތަކުން އަޔާނާގެ އެއްވެސް ބައްޔެއްހުރި ކަމަކަށް ނުވިއެވެ. ޑޮކްޓަރ ދިން އެއްވެސް ބޭހަކުން އަޔާނާއަށް ލުއިވާގޮތެއްވެސް ނުވިއެވެ. މަނާވުމެއްނެތި ހޮޑުލަމުން ގޮސް އެންމެފަހުން ލޭވެސް އަންނަން ފެށިއެވެ. ފަރަހަނާޒްގެ ކުރިމަތީގައި އެކުޑަދަރިފުޅު އުޅޭހާލު ފެނުމުން އޭނާގެ ހިތްފަޅައިގެން ދާހާވެއެވެ. އެހެންކަމުން އޭނާ ތަކުރާރުކޮށް އެތައް ޑޮކްޓަރުންނަކަށް ދައްކައި ޓެސްޓްވެސް ހެދުވިއެވެ. ހުރިހާ އެންމެންވެސް ދެނީ ހަމަ އެއްޖަވާބެކެވެ. އެމީހުންބުނަނީ އަޔާނާގެ ހަށިގަނޑުގައި އެއްވެސް ބައްޔެއް ނެތްކަމުގައެވެ. އެއްކުއްޖާއަށްވާ އުނދަގޫތަކާއި ހަށިގަނޑުގައި އަޅާވޭނުގެ ހަޤީޤަތް ދެނެގަނެވޭފަދަ ވަސީލަތެއް އެމީހުންގެ އަތުގައި ހުރިކަމަކަށް ނުވިއެވެ.

އެންމެފަހުން އާއިންވެސް ކުއްލިގޮތަށް ޗުއްޓީނަގައިގެން އަޔާނާ ގޮވައިގެން ސިންގަޕޫރަށް ދިޔައެވެ. ސިންގަޕޫރުގެ ނަން މަޝްހޫރު ހޮސްޕިޓަލްތަކުގެ މޮޅެތި ޑޮކްޓަރުންނަށް ދެއްކުމުންވެސް އަޔާނާގެ ބަލީގެ އަސްލެއް އެނގޭގޮތެއް ނުވިއެވެ. ކުޑަމިނުން އަޔާނާއަށް ލުއިވާ ކަހަލަ ބޭހެއްވެސް ނުދެވުނެވެ. ހަމައެކަނި އެމީހުނަށް ކުރެވުނުހައިވެސް ކަމަކީ އިންޖެކްޝަނެއްގެ އެހީގައި އަޔާނާ ނިންދެވުމެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާއިން އަޔާނާގެ ކިބައިގައި އެއްވެސް ބައްޔެއްހުރި ކަމަކަށް ނުދައްކައެވެ. ނަމަވެސް އެކުއްޖާގެ ހާލުބޮޑުވެގެން އައިސީޔޫއަށްވެސް ލާންޖެހުނެވެ.

" މިއީ އާދައިގެ ކަމެއްނޫން….އެއްވެސް ޑޮކްޓަރަކަށް އަނާގެ ބައްޔެއް ނުހޯދުނު…އެކަމު އެކުއްޖާގެ ހަށިގަނޑުގަށް އެވާގޮތްތަކަކީ ހަމަ ގައިމުވެސް ކޮންމެވެސް ބައްޔެއްގެ ސަބަބުން ވާގޮތެއްނު…." އަޔާނާގެ ހާލުފެނިފައި އާއިންވެސްވަނީ ގޮތް ހުސްވެފައެވެ.
" އާއިން…އަހަރެންނަށް ހީވަނީ އަނާއަށް ކޮންމެވެސް ކަހަލަ ރޫހާނީކަމެއް ޖެހުނީހެން….އެއްވެސް ޑޮކްޓަރަށް ބަލީގެ އަސްލުނޭނގޭނީ އެހެންވީމަ…" ފަރަހަނާޒް ވަރަށް ވިސްނުމަށްފަހު ބުންޏެވެ.

" އަނެއްކާ އެއީ ސިހުރެއްގެ އަސަރެއްނޫންބާ؟…އަހަރެންނަށްވެސް އެކަހަލަ އަލާމާތްތަކެއް އަނާގެ ކިބައިން ފެނުނު….އޭނާގެ ހަށިގަނޑުގަ އެތަންމިތަން ނޫފައިގެންފަވެސް އެބަހުރި….ޑޮކްޓަރވެސް ބުނީ އޭނާއަށް މީހަކު އަނިޔާކުރަނީހޭ؟…އަހަރެންނަށް މިހާރު ވަރަށް ޝައްކު އެއީ ކޮންމެވެސް ކަހަލަ ޝައިތޯނެއް ގޯނާކަމަށް.." އާއިންވެސް އޭނާގެ ވިސްނުން ހާމަކުރިއެވެ.

ޑޮކްޓަރީ ބޭހުން ރަނގަޅުނުވާނެ ކަމުގެ ޔަޤީންކަން ލިބުމުން އާއިން ބޭނުންވީ އަޔާނާގޮވައިގެން މާލެދިއުމަށެވެ. އަދި އޭގެކުރިން އޭނާގެ ރައްޓެއްސަކު ލައްވައި މޮޅު ރާޤީއަކުވެސް ހޯދިއެވެ. ރާޤީ ގެނެސް ރުޤުޔާ ކުރަންފެށުމާއެކު އަޔާނާގެ ހާލު އިތުރަށް ގޯސްވިއެވެ. އަދި ހަމައެހެންމެ ފަރަހަނާޒްއަށްވެސް ތަފާތުގޮތްތަކެއް ވާންފެށިއެވެ. އެހެންކަމުން އޭނާއަށްވެސް ސިހުރުގެ އަސަރުކޮށްފައިވާކަން ޔަޤީންވިއެވެ. ރުޤުޔާކުރަން ފެށުމާއެކު އަޔާނާގެ ގައިގާ އަޅާވޭން އިތުރުވެ، އެކުޑަ ހަށިގަނޑަށް ކެތްނުވާ ދަރަޖައަށް ދިޔައެވެ. އެންމެފަހުން އަނގައިންނާއި ނޭފަތުން ލޭއަންނަން ފެށުމުން، ރުޤުޔާކުރުން ހުއްޓާލާފައި ހޮސްޕިޓަލަށް ގެންދަން މަޖުބޫރުވިއެވެ. އަޔާނާ ގެންދިއުމާއެކު އައިސީޔޫގައި އެނދުމަތިކުރެވުނެވެ. އެޚަބަރު ލިބުމުން މާޒްއާއި އައިރާގެ ތޫބާއާއި އަމީލާވެސް ހޮސްޕިޓަލަށް ދިޔައެވެ. އޭރު އާޒިމްއާއި ޒާހިދާވެސް ކަންބޮޑުވެގެން ދެކޮޅަށް ހިނގަހިނގާ ތިއްބެވެ.

" ދަރިފުޅާ…އެމަންޖެއަށް ކިހިނެއްތަވީ؟…ކުއްލިއަކަށް ކީއްވެތަ ހާލުދެރަވީ؟…" އަމީލާ ދެރަވެފައި ސުވާލުކުރިއެވެ.
އާއިން ސިއްރުކުރުމެއްނެތި ވީގޮތް އެންމެނަށް އޮޅުންފިލުވައިދިނެވެ. އެވާހަކަތައް އަޑުއިވުމުން ކޮންމެމީހެއްގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމާއި ކަންބޮޑުވުމެވެ.

" އެކަމު ކާކުތަ އެވަރު ތުއްތު ކުއްޖަކަށް ސިހުރު ހަދާނީ؟…ކާކުތަ އެވަރުގެ ނުބައިކަމެއް ކުރާނީ؟…" ދެރަވީވަރުން އަމީލާއަށް ބުނެވުނެވެ.

އެންމެންގެ ހިތުގައިވެސް އުފެދުނީ ހަމަ އެފަދަ ސުވާލު ތަކެކެވެ. ކަންބޮޑުވުމާއި ހިތާމަޔާއެކު ކެތްތެރިކަމެއްނެތި ވަގުތުތައް ގުނަމުން ދަނިކޮށް އައިސީޔޫއިން ޑޮކްޓަރ ނުކުތެވެ. ޑޮކްޓަރގެ މޫނުން ފެނުނު މާޔޫސްކަމުގެ އަސަރުންވެސް އޭނާ ދޭންއުޅޭ ޚަބަރުގެ ނުބައިކަން އަންދާޒާ ކުރެވުނެވެ.

" އައިމް ސޮރީ..ސީއިޒް ނޯމޯ…" ޑޮކްޓަރގެ ދުލުން ބުނެލި ކުޑަ ކުޑަ ޖުމްލައިން އެތަނުގައި ތިބި އެންމެންގެ ހިތްތައް އެއްފަހަރާ ޒަޚަމްވެގެން ދިޔައެވެ. އެޚަބަރު ކަންފަތަށް އިވުމާއެކު ފަރަހަނާޒް މުޅި ދުނިޔެ އަނދިރިވެގެން ހިނގައްޖެއެވެ. އޭނާ ޚަބަރު ހުސްވެގެން އާއިންގެ އަތްމައްޗަށް ދެމުނެވެ. އަމީލާއާއި ތޫބާ އަދި އައިރާވެސް ގިސްލާ ރޯންފެށިއެވެ. އެމީހުން ހަމައަކަށް އެޅުވޭތޯ ހުރިހާ ފިރިހެނުންވެސް މަސައްކަތްކުރިއެވެ. އާއިންގެ ހިތަށް ލިބުނު ހިތްދަތިކަމުން އޭނާގެ އަނގައިން އަޑެއް ބޭރުނުވިތާނގައި ލޮލުން ކަރުނަތިއްކެއްވެސް ބޭރެއްނުވިއެވެ. އެހާކުއްލިގޮތަކަށް އޭނާގެ ދަރިފުޅު ވަކިވެ ހިނގައިދާނެކަމަކަށް އޭނާ ހީއެއްނުކުރެއެވެ.

އަޔާނާ ނިޔާވި ޚަބަރު ލިބުމާއެކު ހުޅުމާލޭގައިތިބި އެންމެންވެސް ވަގުތުން މާލެ އައެވެ. ޝައުންއަށްވެސް އެޚަބަރު ލިބުމާއެކު ގަބުވެ ހަރަކާތް ހުސްވެފައި އިރުކޮޅަކު އިނދެވުނެވެ. އޭނާގެ ޒަމީރު އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އާއިންއާއި ކައިވެނިކޮށްގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އޭނާއަށްވަނީ އަޔާނާއާވެސް ގުޅުން ބަދަހި ކުރެވިފައެވެ. ޚާއްސަކޮށް ދަތުރު ގޮސްގެން އުޅުނު ދުވަހުގެ ހަނދާންތައް އޭނާގެ ހިތުގައި އާވިއެވެ. އެދުވަހު އޭނާ އަޔާނާއާ އެކުގައި ކުޅެ ސަކަރާތްޖަހައި އުޅުނުގޮތުން އާއިންގެ މަންމަވެސް ހިނިތުންވެފައި އޭނާއާ ވާހަކަދެއްކިއެވެ. އެދުވަހުގެ ހަނދާންތައް އާވެފައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. އަމުދުން ފަރަހަނާޒްގެ ހާލު ހިތަށްއަރާފައި އޭނާގެ ހިތަށް ނުހަނު އަސަރުކުރިއެވެ.
ފަރަހަނާޒްއަށް ހޭވެރިކަންވީއިރު، އަޔާނާގެ ޖަނާޒާގެ ކަންކަން ކުރިޔަށްދަނީއެވެ. އޭނާއަށް ފުރަތަމަވެސް ދުއްވައިގަނެވުނީ އަޔާނާ އޮތް ކޮޓަރިއާ ދިމާއަށެވެ. އާއިން ފަރަހަނާޒް ގޮވައިގެން އަޔާނާ އޮތް އެނދާއި ކައިރިވުމާއެކު، ފަރަހަނާޒް ކުއްލިއަކަށް އަޔާނާގެ ގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ.

" ނާޒް….ކެތްތެރިވޭ…ކެތްތެރިވޭ…" ރޮވިފައިވާ އަޑަކުން އާއިން ބުނަމުން ދިޔައެވެ. ނަމަވެސް ފަރަހަނާޒްއަށް ކެތްކުރެވޭނީވެސް ކޮންފަދައަކުން ހެއްޔެވެ؟ އޭނާގެ މުޅިދުނިޔެ އެވަނީ ބަނަވެފައެވެ. އާއިންއާއެކު ދިރިއުޅުމަށްޓަކައި ލިބުނު އުއްމީދުގެ ހުޅުކޮޅު އެވަނީ އަބަދުގެ އަބަދަށް ނިވިފައެވެ. އޭނާގެ އުނގު ފަޅުފިލުވާލަދިން ލޯބި ލޯބި ދަރިފުޅު އަބަދަށްޓަކައި އޭނާއަށް އަލްވަދާއު ކިޔައިފިއެވެ. އެތައްދުވަހަކު ލޯބިން އުނގުތެރޭގައި ނިންދެވި އެތުއްތުދަރިފުޅު އަބަދީ ނިންޖަކުން ނިދައިފިއެވެ. ވީއިރު، އޭނާ ކެތްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ ފަރަހަނާޒް މޮޔައަކު ފަދައިން އަޔާނާއަށް ގޮވަ ގޮވާފައި ރޮމުންދިޔައިރު، އެމަންޒަރު ފެނުނުމީހެއްގެވެސް ހިތްފަޅައިގެން ދާހައިވެއެވެ.

އަޔާނާ ހިނަވައި މޫނު ކަފަގަނޑު އެޅުމުގެކުރިން ފަރަހަނާޒްވެސް އެންމެފަހު ވަގުތު އެމޫނު ދެކިލުމަށްދިޔައެވެ. ނަމަވެސް ދެންދުވަހަކުވެސް އެތުއްތު މޫނު ނުފެންނާނެކަން އެނގުމުން އޭނާގެ ހިތްވިރިގެން ދިޔައެވެ. އެހިތަށް އިތުރަށް ކެތްނުވުމުން، އަނެއްކާވެސް އޭނާގެ ޚަބަރު ހުސްވިއެވެ. އާއިން އަވަސް އަވަހަށް ފަރަހަނާޒް އަތްދަނޑިމައްޗަށް އުފުލާލައިގެން އެތަނުން ނެރުނެވެ. އަދި އަވަސްގޮތެއްގައި ފަރަހަނާޒް އެނދުމަތިކުރެވި ފަރުވާދޭން ފެށުނެވެ. އަޔާނާގެ މޫނުބަލަން ވަތް ކޮންމެމީހެއްގެ ލޯކަރުނުން ފުރިފައިވެއެވެ. އެމީހުންގެ ހިތްތައް ޒަޚަމްކުރުމަށްފަހު، އަބަދުގެ އަބަދަށް އެތުއްތުފުރާނަ އެމީހުނާ އަލްވަދާއު ކިޔައި ފަސްގަނޑުދަށުގައި ވަޅުލައިފިއެވެ. އެތައް ދުވަހު އެކުއްޖާގެ ފަރާތުން ލިބުނު އުފަލާއި ހިތްހަމަޖެހުން، ހަމައެކަނި ހަނދާންތަކެއްގެ ގޮތުގައި ދޫކޮށްފައި ދިޔައީއެވެ.

ކުއްލިއަކަށް އަޔާނާގެ ވަކިވެދިއުން ބަރުދާސްކުރުން ފަރަހަނާޒްއަކަށް ކުޅަދާނައެއް ނުވިއެވެ. އެކަން އޭނާއަށްވީ ބައްޔަކަށެވެ. އޭނާއަކަށް ނުކެވެއެވެ. ނުނިދެއެވެ. އެއްވެސް މީހަކާ ވާހަކަދައްކާ ހިތެއްވެސް ނުވެއެވެ. އޭނާއަށް ކުރެވޭހައިވެސް ކަމަކީ ރުއިމެވެ. އާއިން އޭނާއަށް ވިސްނައިދީ ހިތްވަރުދޭން މަސައްކަތްކުރިނަމަވެސް އޭނާއަށް މާބޮޑު ލުއިކަމެއް ނުލިބެއެވެ. ނިދިޖެހޭއިރަށް އަޔާނާ ފެންނަނީއެވެ. ގޭތެރެއިންވެސް އަޔާނާ ގޮވާލާއަޑު އިވެނީއެވެ. ކުއްލިއަކަށް ސިހިފައި ހޭލެވިގެން އަޔާނާ ކޮބައިތޯ ބަލާލެވެނީއެވެ. ފަރަހަނާޒްގެ މިޒާޖާއި ތަބީޢަތްވެސް މޮޔައަކުފަދައިން ވެއްޖެއެވެ. އެކަނިއިނދެ އަޔާނާއާ ވާހަކަދައްކާވެސް ހަދަންފެށިއެވެ. އެންމެފަހުން އާއިން ފަރަހަނާޒް ނަފްސާނީ ޑޮކްޓަރަކަށް ދައްކައި ބޭސްކުރަން ފެށިއެވެ. އެކަމުންވެސް އޭނާއަށް މާބޮޑު ލުއިތަކެއް ލިބޭގޮތެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް ރުޤުޔާކުރާ މީހަކުގެނެސްގެން ފަރަހަނާޒްއަށް ރުޤުޔާކުރަން ފެށުނެވެ. އޭނާއަށް ސިހުރުޖެހިފައިވާ ކަމުގެ އަލާމާތެއްގެ ގޮތުން ތަފާތު އުނދަގޫތައްވާން ފެށިއެވެ.

" ހީވަނީ ކުޑަމީހަށްވެސް އެޖެހުނީ ފަރަހަނާޒަށް ހަދާފައިވާ ސިހުރެއްހެން…" ރާޤީ ވަރަށް ވިސްނުމަށްފަހު ބުންޏެވެ.

" އެކަމު ކީއްވެ ނާޒްއަށް އެންމެ ފުރަތަމަ އަސަރެއްނުކޮށް އަނާއަށް އެހާބޮޑުވަރުވީ؟.." އާއިން ސުވާލު އުފެއްދިއެވެ.

" އެއްގޮތަކަށްވެސް ތިޔެއްނޭނގެ…ހީވަނީ ކުޑަމީހާއަށްވެސް ކާއެއްޗެއް ޒަރިއްޔާއިން ހަށިގަނޑަށް ސިހުރު އެތެރެވީހެން…ދެމީހުން އެކައްޗެއް ކައިފިއްޔާ އެހެންވެދާނެ….އެ ކޭ އެއްޗެއްގެ ސަބަބުން ކުޑަކުއްޖާއަށް މާބޮޑަށް އަސަރުކުރީކަމަށް ވެދާނެ..ހަމަގައިމުވެސް އެއްޗެއް ކާންދިނީމަ ފެންނަ ކަހަލަ އަސަރުތަކެއް ދެމީހުންގެ ކިބައިންވެސް ފެންނަނީ…" ރާޤީ އޮޅުން ފިލުވައިދިނެވެ.

" އެކަމު އެމީހުންނަށް އެކެވުނީ ކިހިނެއްތަ؟…އެ ކެވުނު އިރެއް އެނގޭނެގޮތެއް އޮންނާނެތަ؟…" އާއިން އޮޅުން ފިލުވަން ބޭނުންވިއެވެ.
" އެއްޗެއް ކެވޭތާ ސާޅީދުވަސްވުމުގެކުރިން އޭގެ އަސަރު ފެންނާނެ…އެހެންވީމަ ހީވަނީ ވަރަށްފަހުން ވީކަމެއްހެން…" ރާޤީ ބުންޏެވެ.

" ވަރަށް ފަހުންވިޔަސް އެދެމީހުންނަށް އެކަނި އެއްޗެއް ކެވެންވީގޮތަކާމެދު ހައިރާން މިވަނީ….އަހަރެމެން އެންމެން މިކަނީ އެއްތާކުން، ވީއިރު އެދެމީހުންނަށް ވަކިން ސިހުރެއް ކެވެންވީ ކީއްވެ؟…" އާއިން ވިސްނާ ވިސްނާވެސް އޭގެ ޖަވާބެއް ނޭނގުނެވެ.

" މީހަކު ކާންދިނީމަ ކެވިދާނެތާ….މިއާއިލާއާ އެއްވެސް ވަރެއްގެ ދުޝްމަންކަމެއް އޮތް މީހަކު އުޅޭތަ؟…މިބުނީ އެއްވެސް އިރެއްގަ ބޮޑު މައްސަލައެއްޖެހި ހަސަދަވެރިކަމެއް އުފެދިފަހުރި މީހަކު…އާއްމުކޮށް އެކުވެރިންގެ ތެރެއިން ނޫނީ އާއިލާމީހުންގެ ތެރެއިން އެފަދަކަންކަން ވަނީ….އެހެންވެ މިހެން މިބުނީ.." ރާޤީގެ ވާހަކަތައް އިވިފައި ފަރަހަނާޒަށާއި އާއިންއަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ދެމީހުންގެ ހިތަށްވެސް ވެރިވީ އެއްނަމެކެވެ. އިމާދުއެވެ. އޭނަ ނޫނީ ހިތުގައި ހަސަދައެއް ލައިގެން އެފަދަކަމެއް ކުރާނެ މީހަކު އުޅޭހެނެ ކަމަކަށް އެމީހުންގެ ހިތް ގަބޫލެއް ނުކުރެއެވެ.

" ނާޒް…އިމާދުގެ ގެއިން އެއްޗެއް ކެއިންތަ؟…މިބުނީ އަހަރެމެން އެންމެން ނުކާ އެއްޗެއް ވަކިން ތިދެމީހުން ކެއި ހަނދާނެއްވޭތަ؟…" ފަރަހަނާޒަށް ބަލާލާފައި އާއިން ސުވާލުކޮށްލިއެވެ.

" އާނ..އިމާދުމެންގެޔަށް ކާންދިޔަ ދުވަހު އޭނާގެ އަންހެނުން އަހަރެންނަށާ ތޫބާއަށް ދެޗޮކްލެޓްދިން….އަހަރެންނަށް ދިން ޗޮކްލެޓުން އަހަރެން ކެއީ ވަރަށް ކުޑައެތިކޮޅެއް…އަނެއްބައިދިނީ އަނާއަށް…" ފަރަހަނާޒް ކިޔައިދިނެވެ.

" ތިއީ ތިވީގޮތަކީ؟…އެއީ ކަނޑައެޅިގެން ސިހުރު ހަދާފަ އޮތް އެއްޗަކަށް ތިވާނީ…އިމާދުގެ ނުބައިކަން ދެކިބަލަ…މައުސޫމު ކުއްޖެއްގެ ފުރާނަ އެދުއްވާލީ ހައްޤަކާނުލާ…" ރުޅިއައިސްފައި އާއިންއަށް ބުނެވުނެވެ.

" އެކަމު ތޫބާއާ ތުޤާވެސް ކެޔޭ އަހަރެންގެ ކުރިމަތީގަ….އެމީހުނަކަށް ގޮތެއްނުވެ އެއްނު…ދެންކިހިނެއް އެނގެނީ އެކޭމަ ވީގޮތެއްކަމެއް؟…" ވިސްނަން އިނދެފައި ފަރަހަނާޒް ބުންޏެވެ.

" ނާޒްއަކަށް ނޭނގޭނެ….އިމާދު ބުނެގެން އޭނާގެ އަންހެނުން ނާޒްއަށް ސިހުރު ހަދާފަ އޮތް އެއްޗެއް ދިނީކަމަށް ވެދާނެއްނު…ތިބުނީނު އަނާއޭ ބޮޑުބައި ކެއީވެސް…އަނާއަކަށްނު ބޮޑަށް އަސަރު އެކުރީ….އެކަމުގަ އެތުއްތު ފުރާނަ މިދުނިޔެއާ ވަކިވެދިޔައީ…އަހަރެން އޭނަ ދުލެއްނުކުރާނަން…" އައިރުޅިން އާއިންގެ އަޑުވެސް ތުރުތުރު އަޅައެވެ.

" އެހެންވީމަ އެއީ ހަމަ މަރުގެ އެތިފަހަރެއް….އެ ހެދިމީހަކު އެހުރީ ފަރަހަނާޒް މަރާލަން އެކަން ކޮށްފަ…ހަޤީގަތުގަ ފަރަހަނާޒަށް އެކެވުނު އެއްޗެއް އަސަރު ނުކުރީ ކޮންމެވެސް ގޮތަކުން އެ ބޭރުވީމަ، ނޫންނަމަ ކިތަންމެ ކުޑަ އެތިފުކެއް ކެވުނަސް އޭގެ އަސަރު ނުހަނުބޮޑަށް ކުރާނެ…ސިހުރަކީ ވަރަށް ބިރުހުރި އަދި ބާރުގަދަ އެއްޗެއް…" ސީރިއަސްކަމާއެކު ރާޤީ ބުންޏެވެ.

" އާނ….އެދުވަހު އިރުއޮއްސުނު ވަގުތު އަޅުގަނޑުގެ ކޮޓަރިތެރެއިން ޗަސްވެ މަރުވެފަ އޮތް ހޯނެއްފެނިގެން، އަޅުގަނޑަށް ވަރަށް ހޮޑުލެވުނު…އެދުވަހު ކޭހައި އެއްޗެއް ހޮޑަށް ލެވުނު…" ފަރަހަނާޒް އޮޅުން ފިލުވައިދިނެވެ.

" ތިއީ ހަމަ ފަރަހަނާޒްގެ ނަސީބު…އެރޭ ފަރަހަނާޒަށް ހޮޑުނުލެވުނުނަމަ، ފަރަހަނާޒްގެ ދުވަސްވެސް ދިޔައީސް….މިހާރު ފަހަރަނާޒަށް ކޮށްފަ ތިހުރީ އަދި ކޮންމެވެސް އެހެންއިރެއްގެ ސިހުރެއްގެ އަސަރުހެން ހީވަނީ…" ރާޤީ އޮޅުން ފިލުވައިދިނެވެ.

" އަސްލު ތިދެމީހުންވެސް ހެނދުނުގެ ދުޢާތަކާއި ޒިކުރުތައް ބަރާބަރަށް ކުރާތީ ސިހުރުގެ އަސަރެއް ނުކުރިނަމަވެސް، ދެމީހުނަށްވެސް ސިހުރު ހަދާފަ ހުރެދާނެ، އޭގެ އަސަރު ނުފެންނަނީ އެބާތިލުވަމުންދާތީ…" ރާޤީގެ ވާހަކަތަކުން އާއިންއާއި ފަރަހަނާޒްގެ ހިތުގައިވެސް ސުވާލުތަކެއް އުފެދުނެވެ. ފަރަހަނާޒަށް ރުޤުޔާކުރި ވަގުތު އާއިންއަށްވެސް އުނދަގޫތަކެއްވީކަން އޭނާއަށްވެސް ފާހަގަވިއެވެ. ވީއިރު އޭނާއަށްވެސް އެވަނީ ކޮންމެވެސް ގޮތަކުން އުދަނގުލެއްވެފައެވެ.

" އެކަމު މީގެކުރިން އެއްވެސް އުނދަގުލެއްނުވެ ހުރެފަ ކުއްލިއަކަށް ވާންވީ ކީއްވެ؟.." އާއިން ސުވާލުކުރިއެވެ.

" ދެމަފިރިން ދުރުކުރަން ހަދާ ސިހުރުން އާއްމުކޮށް މީހާގެ ހަށިގަނޑަށް އުނދަގޫ ނުވެ ހުރެދާނެ، އެކަމު ވިސްނުމަށް ބަދަލު އަންނާނެ…އެކަކު އަނެކަކުދެކެ ފޫހިވުމާ، ހިތުގަ ކުރިން އޮތް ލޯބިއުނިވުން މިއީ އާއްމުކޮށް ވާ ކަންކަން…އެފަދަ ކަމެއް ދިމާވިތަ؟.." ރާޤީ ސުވާލުކުރިއެވެ. އާއިން އެކަމާމެދު ވިސްނާލުމުން އޭނާއަށް މަޑުމަޑުން ކަންކަން ރޭކާލާން ފެށިއެވެ. ނުހަނު ލޯބިން ފަރަހަނާޒްއާއެކީ އުޅެމުންދަނިކޮށް އޭނާއަށް ޝައުންއާމެދު ވިސްނެން ފެށިއެވެ. ޝައުންގެ މައްޗަށް ހިތް ލެނބެން ފެށިއެވެ. ނަމަވެސް އޭނާ ފަރަހަނާޒްދެކެ ފޫއްސެއް ނުވެއެވެ. ވީއިރު، އެއީ ސިހުރުގެ ސަބަބުން ވީކަމެއް ހެއްޔެވެ؟

" އަޅުގަނޑަކަށް ހިއެއްނުވޭ ތިބުނާ ކަހަލަ ސިހުރެއްގެ އަސަރެއް އަހަރެމެންނަށް ކުރިހެންނެއް…އަޅުގަނޑުމެން ދެމީހުން އަދިވެސް އެކަކު އަނެކަކުދެކެ ލޯބިވޭ…ދެމީހުންގެ މެދުގަ އެއްވެސް މައްސަލައެއްވެސް ނުޖެހޭ…" އާއިން އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

" އެހެންތަ؟…އެކަމު މިހާރުވެސް މީހަކު އެވަނީ ފަރަހަނާޒް މަރާލަން ސިހުރެއް ހަދާފަ…އެވަރުގެ ބޮޑު ސިހުރެއް ހެދުމުގެކުރިން ކޮންމެވެސް ވަރަކަށް ތިދެމީހުން ދުރުކުރަން މަސައްކަތްކުރާނެ ކަންނޭނގެ…" ރާޤީވެސް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

އެދެމީހުންގެ ވާހަކަތައް އަޑުއަހަން އިން ފަރަހަނާޒް ވިސްނަމުން ދިޔައެވެ. އާއިން ކުއްލިއަކަށް ޝައުންއާ ކައިވެނިކުރުންވެސް އެއީ އެފަދަ ކަމެއް ހެއްޔެވެ؟ އެދެމީހުންގެ ދިރިއުޅުމަށް އައި ބަދަލުގެ އަސްލަކީވެސް އެއީ ހެއްޔެވެ؟ އެއީ ހަމަ އިމާދު ކުރިކަމެއް ހެއްޔެވެ؟ ނޫންނަމަ އެއީ އަނެއްކާ ޝައުންގެ ކަމެއް ހެއްޔެވެ؟ މިހުރިހާ ދުވަހު އިމާދުގެ އެއްވެސް އުނދަގުލެއް ނުވާތާނގައި މީހަކު އިމާދުގެ ނަން ކިޔާ އަޑުވެސް އޭނާ ނާހައެވެ. ނަމަވެސް ކަމަކަށްފަހު ކަމެއް އޭނާގެ ދިރިއުޅުމުގައި ދިޔައީ ގޯސްވަމުންނެވެ. ފުރަތަމަ ބަލިވެއިނދެފައިވެސް އޭނާގެ ދަރިފުޅު ބައިގެން ދިޔައެވެ. އެޔަށްފަހު ދެވަނަ ދަރިފުޅުވެސް ދުނިޔެއަށް ނޭވާލުމުގެކުރިން އޭނާއަށް ވަކިވިއެވެ. މިހުރިހާ ކަމެއްވީއިރު އޭނާއަށް އެންމެބޮޑު ހަސަދައެއްލައިގެން އުޅުނީ ޝައުންއެވެ.
" އާއިން…އިމާދު ނޫން މީހަކުވެސް އަހަރެމެން ދުރުކުރަން ސިހުރު ހަދާފާނެއްނު…..އޭނާގެ މަސައްކަތް ކާމިޔާބުވާ ކަމުގެ އަސަރުތައް މިހާރުވެސް އެދަނީ ފެންނަމުންނެއްނު…އާއިން ދެވަނަ ކައިވެންޏެއް ކުރުން އެއީ އެކަމުގެ އެންމެބޮޑު ހެކި.." ފަރަހަނާޒް ބުންޏެވެ.

" ނާޒް…އިމާދުނޫން މީހަކު އެފަދަކަމެއް ނުކުރާނެ…އެރަށަށް ގޮސް އައިފަހުން އަހަރެންނަށްވެސް އުނދަގޫވާންފެށީ…އެހެންވީމަ މިއީހަމަ އޭނާގެ ކަންތައް…އޭނާ އަހަރެމެން ތިންމީހުންވެސް ނައްތާލަން މަސައްކަތްކުރީކަމަށް ވެދާނެއްނު….މާރަނގަޅުވެގެން ހެޔޮއެދިގެން އުޅުނީމަވެސް އަހަރެންނަށް ޝައްކުވި…އޭނަ އެހާފަސޭހައިން އަހަރެންނަށް ހިތްހެޔޮ ނުކުރާނެކަން އަހަރެންނަށް އެނގޭ….ދެރައީ ވިސްނާނުލާ އުޅެވުނީތީ…." މޮޅިވެރިކަމާއެކު އާއިން ބުނެލިއެވެ.

" އަދިވެސް ވަގުތު ފާއިތެއްނުވޭ….ރުޤުޔާއިން ދެމީހުންނަށް ފަރުވާ ލިބޭނެ އިންޝާﷲ…ހާސްނުވޭ…" ރާޤީ ދެމީހުންނަށްވެސް ހިތްވަރުދިނެވެ.

ރާޤީދިއުމުން ފަރަހަނާޒް ޝައުންއަށް ޝައްކުކުރެވޭ ވާހަކަ ބުނުމުން އާއިންއަށް ހައިރާންކަމެއް ލިބުނެވެ.
" ކީއްވެ ޝައުން އެފަދަކަމެއް ކުރަންވީ؟..އޭނަ ސިހުރަކީ ކޯއްޗެއްކަންވެސް ނޭނގޭނެ…" ފަރަހަނާޒް އެގޮތަށް ވިސްނީތީ އާއިން ކުޑަކޮށް ނުރުހިފައި ބުންޏެވެ.

" އާއިންއަށް ނުފެނޭތަ ކަންތައްތައް ވެގެން ދިޔަގޮތެއް….އަހަރެމެން ނުލާހިކު އުފަލުގަ އުޅެނިކޮށް އޭނަ އަހަރެމެންގެ ދިރިއުޅުމަށް އައީ….ފުރަތަމަވެސް އޭނަ އަހަރެންނަށް ގޯނާކުރަންފެށި، އަހަރެން ކައްކާ އެއްޗެހި ގަޑުބަޑުކޮށް އެކިގޮތްގޮތުން އުނދަގޫދިން…އަދި އަހަރެމެންނަށް ލިބެން އުޅުނުދަރިފުޅު މަރުވި ހާދިސާ ހިނގީވެސް އޭނައާއެކު ހުއްޓާ…އެދުވަހު އެކަން ހިނގިގޮތް އަހަރެންގެ ހަނދާނުގަ ނެތަސް، އޭނަ ހަމަ ގަސްތުގަ އަހަރެން މަރާލަން އުޅުނީކަމަށްވެސް ވެދާނެއްނު…ކުރިން އަހަރެންނަށް އެކަން ނުވިސްނުނަސް، މިހާރު ހިތަށްއަރާ އެދުވަހުގެ ހާދިސާ ހިނގީ ކިހިނެއްބާއޭ…އޭނައާ ދެމީހުން ހިނގާފަދިޔައިރު، އަހަރެން އެކަނި އެކްސިޑެންޓްވީ ކީއްވެގެންބާއޭ…." ފަރަހަނާޒް އުފައްދަންފެށި ސުވާލުތަކުން އާއިންވެސް ހިމޭންވިއެވެ.

" ޝައުން ކިޔައިދިން އެދުވަހު ކަންތައްވީގޮތް…އޭނަ ފޯނަށް ބަލަމުން ދަނިކޮށް ސައިކަލެއް އައިން އޭނަގެ ގައިގާ ޖެހެން އުޅޭތަން ފެނުމުން އޭނަ ސަލާމަތްކުރަން ނާޒް ދިޔައީ…ސީސީޓިވީ ފްޓޭޖްވެސް އަހަރެމެން ބެލިން….ތިބުނާފަދަ އެއްކަމެއްވެސް ޝައުން ނުކުރޭ….ނާޒް ޝައުންއާމެދު އެހާގޯސްކޮށް ނުވިސްނަބަލަ! އަހަރެމެންގެ ދަރިފުޅު މަރުވުމުންވެސް އޭނަ ހާދަ ހިތާމައެއް ކުރިއޭ…ހާދަ ދުވަހަކު އަމިއްލަ ނަފްސު ކުށްވެރިކޮށްގެން އުޅުނޭ…" އާއިން ފަރަހަނާޒަށް ވިސްނައިދިނުމަށް މަސައްކަތްކުރިއެވެ.
" އެހެންވިޔަސް ހެޔޮ…އޭނަ އަހަރެމެންގެ ދިރިއުޅުމަށް އައިފަހުން ހުރިހާ ކަމެއް ގޯސްވީ…އޭނައާހެދި އަހަރެންގެ ދަރިފުޅުމަރުވީ، ދެން އަހަރެންގެ ފިރިމީހާ ޖަހައިގަތީ، އެންމެފަހުން އަނާވެސް އޭނަގެ ސަބަބުން އެމަރުވީ…" ފަރަހަނާޒް ރުޅިވެރިކަމާއެކު ބުނަމުން ދިޔައެވެ.

" އަނާ ނިޔާވުމުގަ ޝައުންގެ ކުށަކީ ކޮބާ؟…އެކަމުގަ ޝައުން ކީއްކުރީ؟.." އާއިން މަޑުމައިތިރިކަމާއެކު ސުވާލުކުރިއެވެ.
" އޭނަގެ ކުށަކީ އޭނަ އަހަރެމެން ގޮވައިގެން އެރަށަށް ދިއުން…އޭނަ އާދޭސްކޮށްގެން އަހަރެންވެސް އަނާ ގޮވައިގެން ދިޔައީ….އަހަރެމެން ނުގެންގޮސް ތިދެމީހުންނަށްވެސް ދެވުނީހެއްނު…އެހެންނަމަ އަނާ ސަލާމަތްވީހެއްނު…" ރޮއެ ރޮއެފައި ފަރަހަނާޒް ޝަކުވާކުރަމުން ދިޔައެވެ.
" އެއްވެސް އިންސާނަކަށް ކިހިނެއް އެނގޭނީ ވާންހުންނަ ކަމެއް….ޝައުންއަށްވެސް އެނގޭނަމަ އޭނަވެސް އެރަކަށް ނުދާނެއްނު….ޝައުންވެސް އަނާދެކެ ލޯބިވެޔޭ، އަނާއަށް ދެރަގޮތެއްވާކަށް އޭނަވެސް ނޭދޭނެ…" ޝައުންގެ ދިފާއުގައި އާއިން ވާހަކަދެއްކިއެވެ.

" ކިހިނެއް އަހަރެންނަށް އެނގެނީ ޝައުންއާ އިމާދުއާ ދެމީހުން ރާވައިގެން ކުރިކަމެއް ނޫންކަމެއްވެސް….ދެމީހުނަކީވެސް އަހަރެމެންގެ ދިރިއުޅުމަށް ހަސަދަވެރިވެފަ ތިބި ދެމީހުން…ހަސަދަވެރިން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވާނެ…" ވިސްނާލުމެއްވެސްނެތި ފަރަހަނާޒް ޝައުންގެ ބޮލުގައި އިލްޒާމްތައް އަޅުވަމުން ދިޔައެވެ.
" ނާޒް…ތިދައްކަނީ މިހާރު ބޯގޯސް ވާހަކަ…އެދެމީހުންނަކީ ދުވަހަކުވެސް ބައްދަލުވެ ފެނިދެނިވި މީހުނެއްނޫން…ދެން ކިހިނެއް އެކީގަ ރޭވުމެއްރާވާނީ…އެހެންނޫނަސް ޝައުން އަހަރެންނާ އިނީ އަހަރެން އޭނައަށް މަޖުބޫރުކުރީމަ….އޭނަހުރީ އަދްޔަންއާ އިންނަން ތައްޔާރަށް….އޭނަކުރިން ނާޒްއަށް ޖެއްސުންކުރިނަމަވެސް ފަހުން އޭނަ އެފަދަ އެއްވެސް ކަމެއް ނުކުރޭ…އޭނަބެލީ އަހަރެމެންނާ ދުރުން އުޅެވޭތޯ….މިހުރިހާ ރޭވުމެއްވެސް ރޭވީ އިމާދު….ނާޒް ތިވަރަށް ނުވިސްނާ، ނާޒްގެ ތަބީއަތް މިހާރުވެސް މާބޮޑަށް ގޯސްވެއްޖެ…ދެން އަރާމުކުރޭ…" އާއިން ލޯތްބާއެކު ފަރަހަނާޒްއަށް ވިސްނައިދީ އޭނަ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

ފަރަހަނާޒްގެ ހާލުބަލާލުމަށްޓަކައި އެގެއަށްދިޔަ ޝައުންއަށް އެދެމެދުގައި ދެކެވުނު ވާހަކަތައް އިވުނީ އިއްތިފާޤުންނެވެ. އެވާހަކަތައް އަޑުއަހާފައި އޭނާ އިންތިހާއަށް ދެރަވިއެވެ. އޭނާއަށް އެނގުމަކާ ނުލައި ހިނގައިވާ ކަންތައް ތަކެއްގެ އިލްޒާމް ނުހައްޤުން އޭނާގެ ބޮލުގައި ފަރަހަނާޒް އެޅުވުމުން އޭނާ ރުޅިވެސް އައެވެ. ނަމަވެސް އެވަގުތު ފަރަހަނާޒްގެ ހާލާއިމެދު ހަމްދަރުދީވެސް ވެވުނެވެ. ލޯބިވާ ދަރިއަކު ކުއްލިއަކަށް ބީވެދިއުމުން މައެއްގެ ހިތަށާއި ސިކުނޑިއަށްވެސް އެކަމުގެ އަސަރު ކުރާނެކަން އޭނާއަށް ވިސްނުނެވެ.
ޝައުން އެނބުރި ގެޔަށް އައިއިރު، އޭނާ ވިސްނަމުން ދިޔައީ ވީހާވެސް އަވަހަކަށް އާއިންގެ ޙަޔާތުން ދުރަށްދިއުމަށެވެ. އަދްޔަންގެ ކިބައިން ސަލާމަތް ވެފައިވީތީ އިތުރަށް އެކައިވެނިމަތީގައި ދެމިހުރުމުގެ ބޭނުމެއްނެތް ކަމުގައިވެސް އޭނާއަށް ވިސްނުނެވެ.

ނުނިމޭ