Last Updated: April 27, 09:26
Saturday, April 27, 2024
ދުނިޔެ

ލަންކާގައި މަރުގެ ހުކުމް ތަންފީޒު ކުރަން ފަށަނީ

ސްރީލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުވާން ފަށައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ ހަތަރު ގައިދީއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކޮށްފައިވާނެ ކަމަށެވެ.

"އެ ހުކުމް ވަރަށް އަވަހަށް ތަންފީޒު ވެގެންދާނެ. އެގޮތުން ތާރީހުތައް ވެސް މިހާރު ވަނީ ކަނޑައަޅާފައި" ސިރިސޭނާ ވިދާޅުވިއެވެ.

ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރަނީ ކޮން ބައެއްގެ މައްޗަށް ކަމެއް އަދި އެ ހުކުމް ތަންފީޒުކުރާނެ ތާރީހެއް ސިރިސޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށްލާފައިވާ ހަތަރު ގައިދީއެއްގެ މައްޗަށެވެ.

ލަންކާގައި އެންމެ ފަހުން މަރު ހުކުމެއް ތަންފީޒު ކޮށްފައި ވަނީ މީގެ 43 އަހަރު ކުރިންނެވެ.