Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ޑިމޮކްރެޓުންގެ ފުރަތަމަ ބަހުސް ފިނިގޮތަކަށް

(Photo by Joe Raedle/Getty Images)

އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ނެރުމަށް ބާއްވާ ޕްރައިމަރީގެ ކުރިން ބާއްވާ ބަހުސްގެ ފުރަތަމަ ބުރު ވަރަށް ފިނި ގޮތަކަށް ނިމިއްޖެއެވެ.

ރޭ ފްލޮރިޑާގައި ބޭއްވި ބަހުސްގައި ނަން ހިނގާ ގިނަ ކެންޑިޑޭޓުންނެއް ބައިވެރިވެފައެއް ނުވެއެވެ. ރޭގެ ބަހުސްގައި ބައިވެރިވެފައިވާ 10 ކެންޑިޑޭޓުންގެ ތެރެއިން ފާހަގަކޮށްލެވިފައިވަނީ މެސެޗެޓުސްގެ ސެނެޓަރ އެލިޒަބެތް ވޮރެން، ސެން އެންޓޯނިއޯގެ ކުރީގެ މޭޔަރ ހޫލިއަން ކާސްޓްރޯ އަދި ނިއު ޖާޒީގެ ސެނެޓަރ ކޮރީ ބުކާއެވެ.

ޓެކްސަސްގެ ކުރީގެ ރެޕް ބެޓޯ އޯރޫކް، އަދި ނިއު ޔޯކް ސިޓީގެ މޭޔަރ ބިލް ޑި ބްލޭސިއޯ އަށް ސަޕޯޓަރުންގެ ފަރާތުން ލިބުނީ ފާޑުކިޔުންތަކެވެ. މި ބަހުސްގައި ބައިވެރިވި މިނެސޯޓާގެ ސެނެޓަރ އޭމީ ކްލޮބޫޗާރ އަށްވެސް ސަޕޯޓަރުންގެ ހިތް ދަމައިގަނެވޭނެ ފަދަ ވާހަކަތަކެއް ދެއްކިފައެއް ނުވެއެވެ.

ކެންޑިޑޭޓުން މައިގަނޑު ގޮތަކަށް ވާހަކަ ދައްކާފައިވަނީ އިމިގްރޭޝަން މައްސަލައާއި ސިއްހީ ނިޒާމާ ގުޅޭގޮތުން ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށެވެ. ބަހުސްއެއްގެ ބަދަލުގައި ރޭ ފެނިގެން ގޮސްފައިވަނީ ގިނަ ކެންޑިޑޭޓުން ލިޔެ ހިތު ދަސްކޮށްގެން ގޮސްފައިވާ ލިޔުންގަނޑެއް އިއްވާލުން ކަމަށް ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.

ބުރާސްފަތި ދުވަހުވެސް ޑިމޮކްރެޓިކް ޕާޓީގެ ބަހުސެއް އޮންނާނެއެވެ. މި ބަހުސްގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ބާނީ ސޭންޑާސް ފަދަ ބޭފުޅުން ބައިވެރިވާނެއެވެ.