Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ދެން ކުނި ނިއެޑަމާ ދީ؟

ޓްވިޓްސާފު އައްޑޫ އެޑިޝަނުގައި ޔޫތް މިނިސްޓަރ މަހްލޫފް ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ - ޓްވިޓްސާފު

ޓްވިޓްސާފުގެ ނަމުގައި ސޯޝަލް މީޑިޔާއިން ފެށުނު ސާފުކުރުމުގެ ބިޔަ ހަރަކާތް އައްޑޫ ސިޓީގައި އިއްޔެ މެންދުރު ފަހު ބާއްވާފައިވާއިރު އައްޑޫގެ ހުރިހާ އަވަށަކުން 600 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 3 ޓަނުގެ ކުނި ވަނީ ނަގާފައެވެ.

މި ޕްރޮގްރާމް އިންތިޒާމް ކުރި ފަރާތްތަކުން ކުރި ބުރަ މަސައްކަތާއި ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން އައްޑޫގެ 600 އަށްވުރެ ގިނަ ރައްޔިތުން ދެއްކި ނަމޫނާއަށް ވުރެ ބޮޑަށް، މިފަހަރު ހަރަކާތުން އަޅައިގަތް ތަންކޮޅަކީ ހަރަކާތުގައި ބޭނުންކުރި ޝިއާރެވެ. "ދެން ކުނި ނިއެޑަމާ ދީ؟" އައްޑޫ ބަހުރުވައިން ދެން ކުނި ނާޅަމާ ދޯ، މި ބަހުން ޝިއާރެއް ހަދާފައިވާއިރު މި ޝިއާރު ވަނީ ވަރަށް ފާހަގަކޮށްލެވޭ ޝިއާރަކަށް ވެގެން ގޮސްފައެވެ.

ކޮންމެ އަހަރަކުވެސް ވަކި ދުވަސްތަކެއްގައި މިފަދަ ކުނި ނެގުމުގެ ހަރަކާތްތައް ބޭއްވޭއިރު މި ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރެއްގައި ހިފަހައްޓާލެވެއެވެ. ނަމަވެސް ފާހަގަކޮށްލެވޭ އެހެން ކަމެއްވެސް އެބައޮތެވެ. އައްޑޫގެ ފުއްޓަރު ފަރާތާއި މީހުން ދިރިނޫޅޭ ބައެއް ހިސާބުތަކާއި ވަލު ތެރެއިން ކުނި މަދެއް ނުވެއެވެ.

ވެގެން އުޅޭ ގޮތް ސާފެވެ. އެއް ބަޔަކު ކުނި ނަގާ ނިންމައި ޕިކަޕަށް ބަރު ނުކުރެވެނީސް އެ ނެގި ތަނަށް އަނެއް ބަޔަކު އައިސް ކުނި އަޅަނީއެވެ. އަޅުގަނޑުމެންގެ ވެށި ސާފު ވެއްޓެއްގެ ގޮތުގައި ބޭއްވޭނީ އެންމެން އެއް ވިސްނުމެއްގައި ތިބެ ކުނި އެތަންމިތަނަށް އުކާޅުން ހުއްޓާލައިގެންނެވެ.

އުކާލާ ކުނި ކޮތަޅަކީ ބޭރުން އަންނަ ބަޔަކު އުކާލާ ކުނި ކޮތަޅެއް ނޫނެވެ. އެއީ ހަމަ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ތެރޭގައި ދިރިއުޅޭ ބަޔަކު ކުރަމުން އަންނަ ކަމަށެވެ. ތަން ހަޑިކޮށް ގޮނޑުކޮށްލުމުގެ އިތުރުން މިއީ ރަށު ތެރޭގައި ބަލިމަޑުކަން ވެސް ފެތުރުމަށް ހުޅުވާލެވޭ ދޮރެކެވެ. ޚާއްސަކޮށް ވިއްސާރަ މޫސުމުގައި މީހުން ދިރިއުޅޭ ހިސާބާ ކައިރިއަށް ކުނި އުކާލުމުން ބަލިމަޑުކަން ފެތުރޭކަން ފާހަގަކޮށްލެވެއެވެ.

ޓްވިޓްސާފުން ދެއްކި ރީތި ނަމޫނާ ބަލައިގަނެ، އައްޑުއަށް ގެނެސްދިން ފުރިހަމަ ޝިއާރު ކޮންމެ ރައްޔިތަކު ވެސް ހިތު ތެރޭގައި ބާއްވައިގެން ދިރިއުޅޭ ވެއްޓަކީ ސާފު ތާހިރު ވެއްޓަކަށް ހެދުމަށް މިއަދުން ފެށިގެން އަޒުމު ކަނޑައަޅަމާތޯއެވެ؟