Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ރާއްޖޭގައި ޕްލާސްޓިކު މަނާކުރާ ގަރާރެއް ފާސްކޮށްފި

ދިވެހި ރާއްޖޭގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކު، 2025 ވަނަ އަހަރުން ފެށިގެން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.

ޕްލާސްޓިކު ވެފައިވަނީ ދުނިޔޭގެ ކަނޑުތަކާއި ތިމާވެއްޓަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކުންޏަކަަށެވެ. އޭގެ ނުރައްކާ ބޮޑުވެ މުޅި ދުނިޔެއިން ވެސް އަންނަނީ ޕްލާސްޓިކު މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.

މަޖިލީހުން ގަރާރެއް ފާސްކޮށްފައިމިވަނީ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް އިސް ނަގައިގެން މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީއަށް ހުށައެޅި ހުށައެޅުމަކާ ގުޅިގެންނެވެ. 17 ސްކޫލަކުން ބައިވެރިވެ މިހުށައެޅުން ކޮމިޓީން ބަލައިގަނެ ވަނީ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ގަރާރެއް ފޮނުވާފައެވެ.

މިއަދު ގަރާރަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާގުން ގަރާރު ވަނީ މަޖިލީހުން ފާސްވެފައެވެ. އެގޮތުން 2025 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އެއް ފަހަރު ބޭނުންކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކު ފުޅިއާއި ހޮޅި އަދި ކޮތަޅު ފަދަ ތަކެތި ބޭނުންނުކުރެވޭ ގޮތަށް ހެދުމަށާއި އާންމުން ޕްލާސްޓިކާއި ދުރުކުރުމަށް ޕްރޮގްރާމްތައް ބޭއްވުމަށް ގަރާރުގައި ހިމަނާފައިވެއެވެ.