Last Updated: April 27, 09:26
Saturday, April 27, 2024
ވިޔަފާރި

އެމްއެމްއޭގެ "ކަރަންސީ ގެލަރީ" ހުޅުވައިފި

އެމްއެމްއޭގެ 'ކަރަންސީ ގެލަރީ' ރަސްމީކޮށް ހުޅުވައިފިއެވެ.

މި ގެލަރީ ރަސްމީކޮށް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. މި ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ކަރަންސީ ގެލަރީ ހުޅުވިގެން މިދަނީ އެމްއެމްއޭއަށް 38 އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން ކަމަށެވެ.

އެމްއެމްއޭގެ އިމާރަތް ހެދުމަށް ޕްލޭންކުރެވިގެން ދިޔަދިޔުމުގައިވެސް އެމްއެމްއޭގައި ކަރަންސީ ގެލަރީ އެއް ހުޅުވުމުގެ ވިސްނުން ގެންގުޅެފައިވާ ކަމަށާއި މިއަދު އެކަންތައް ހަގީގަތަކަށްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާފޮއްޗާއި ނޫޓު ނެރުމުގެ މަސައްކަތް ބަލަހައްޓާ އިދާރާކަމަށްވާތީ، އެމްއެމްއޭއިން ރާއްޖޭގެ ފައިސާގެ ތާރީޚް ފެންނަން ހުރުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭ އިން ބުނީ މި ކަރަންސީ ގެލަރީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވާ ތަކެއްޗާއި، ނެރެފައިވާ ހުރިހާ ނޫޓާއި ފައިސާފޮއްޗެއް އެއްތަނަކުން ފެންނާނެގޮތް ހެދުން ކަމަށެވެ. މީގެ އިތުރުން ހަނދާނީ ފައިސާގެ ގޮތުގައި ނެރެފައިވާ ފައިސާވެސް މި ގެލަރީއިން ފެންނާނެ ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

ކަރަންސީ ގެލަރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދުނޫން ކޮންމެ ދުވަކު 8:30 ން 2:00 އަށެވެ. އެމްއެމްއޭގެ ގްރައުންޑްފްލޯގައި ހަދާފައިވާ މި ގެލަރީ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށްވެސް ވަނީ ހުޅުވާލާފައެވެ.