Last Updated: April 26, 18:07
Friday, April 26, 2024
ވިޔަފާރި

ސްރީ ލަންކަންގެ ޓިކެޓުތަކުގެ އަގު ހެޔޮކުރަނީ

ސްރީ ލަންކަން އެއާ ލައިންސުން އެ އެއާލައިންގެ ޓިކެޓުތަކުގެ އަގު ހެޔޮ ކުރުމަށް ނިންމުމާ ގުޅިގެން ދިވެހިންނަށް ވެސް ޓިކެޓު ދެން ލިބޭނީ މިހާރަށްވުރެ ހެޔޮ އަގެއްގައި ކަމަށް އެއާލައިނުގެ ޖީއެސްއޭ، އޭސް އޭވިއޭޝަން ސާވިސެސް އިން ބުނެފިއެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ފިރާގު ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓިކެޓުތަކުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވަނީ މައި ކުންފުނިން ކަމަށެވެ. އެހެންކަމުން، ބޮޑަށް ބެލެވެނީ މިސަރަހައްދުގައި ވެސް އަގުގެ ތަފާތު ފެނިގެން ދާނެ ކަމަށް ކަމަށެވެ.

ސްރީ ލަންކާއަށް އެޕްރީލް މަހު ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ފަތުރުވެރިކަން ރަނގަޅުކުރުމަށް ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހް ވަނީ އިއްޔެ ގައުމީ އެއާލައިނުގެ ޓިކެޓުތަކުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. މިހާރު ރާއްޖެއަށް ލަންކާ ޓިކެޓެއް ލިބެނީ 246 ޑޮލަރާއި 280 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ހަމަލާތަކުގެ ސަބަބުން ރާއްޖެއިން ލަންކާއަށްދާ މިންވަރުވެސް ވަނީ ދަށްވެފައެވެ. އަދި ލަންކާގައި ދިރިއުޅެމުން އައި ގިނަ ދިވެހި އާއިލާތަކުން ވަނީ އެގައުމު ދޫކޮށް އެނބުރި ރާއްޖެ އައިސްފައެވެ.