Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ސަތުވަންނަ ވަނަބައި)

ޝައުން އެނބުރި ގެޔަށް އައިއިރު، އޭނާ ވިސްނަމުން ދިޔައީ ވީހާވެސް އަވަހަކަށް އާއިންގެ ޙަޔާތުން ދުރަށްދިއުމަށެވެ. އަދްޔަންގެ ކިބައިން ސަލާމަތް ވެފައިވީތީ އިތުރަށް އެކައިވެނިމަތީގައި ދެމިހުރުމުގެ ބޭނުމެއްނެތް ކަމުގައިވެސް އޭނާއަށް ވިސްނުނެވެ.
ފަރަހަނާޒްގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަޔާނާގެ ހަނދާންތައް އޭނާއަށް އުނދަގޫކުރާވަރުން އޭނާއަކަށް ނުނިދެއެވެ. ނުކެވެއެވެ. އެއްވެސްކަމެއް ކުރާހިތެއް ނުވެއެވެ. މީހަކާ ވާހަކަނުދައްކާ ގަބުވެފައި އިންނަން ފެށިއެވެ. ނަފްސާނީ ޑޮކްޓަރދިން ބޭހުންވެސް އޭނާއަށް އަސަރެއްކުރި ކަމަކަށް ނުވެއެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އޭނާ ދިޔައީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންނެވެ. އެހެންކަމުން އާއިންއަށް މަޖުބޫރުވީ އަނެއްކާވެސް ޗުއްޓީއެއްނަގައިގެން ފަރަހަނާޒްގެ ގާތުގައި މަޑުކުރާށެވެ. އާއިން އެއްމަސްދުވަހުގެ ޗުއްޓީއެއް ނަގައި ފަރަހަނާޒް ގޮވައިގެން ސިންގަޕޫރަށް ދިޔައެވެ. އަޔާނާގެ ހަނދާންތަކުން ދުރުކުރުމަށްޓަކައި މާހައުލު ބަދަލުކޮށްލަން އޭނާ ބޭނުންވީއެވެ. އެކިގޮތްގޮތުން ފަރަހަނާޒްގެ ހިތްއުފާވާނޭހައި ކަންކަން އޭނާ ކުރަމުން ދިޔައެވެ. އާއިން ހިތްވަރުދިނުމާއި އަޅާލުމާއި ލޯބީގެ ސަބަބުން އެއްމަސްދުވަހުގެ ތެރޭގައި ފަރަހަނާޒްގެ މިޒާޖް ހަމައަކަށް އެޅުނެވެ. އޭނާ އަނެއްކާވެސް ކައިބޮއެ އުޅެންފެށިއެވެ. ހިނިތުންވެފައި މީހުނާ ވާހަކަދައްކަން ފެށިއެވެ. އެހެންކަމުން އާއިން ފަރަހަނާޒް ގޮވައިގެން އެނބުރި މާލެއައެވެ.
މާލެއައުމުން އަޔާނާގެ ހަނދާންތައް އާވިނަމަވެސް އޭނާ ކެތްތެރިވިއެވެ. އޭނާ ދެރަވެ މާޔޫސްވާ ކޮންމެފަހަރަކު ނަމާދުކޮށް ޤުރުއާން ކިޔަވައެވެ. އޭނާ ކުރިއަށްވުރެވެސް ބޮޑަށް އަޅުކަމުގައި މަޝްއޫލުވެ އުޅެންފެށިއެވެ. ދަމު ނަމާދުކުރުމާއި އެހެނިހެން ސުންނަތް ނަމާދުތައްވެސް ކުރަންފެށިއެވެ. އާދަވެގެން ސުންނަތް ރޯދަހިފަން ފެށިއެވެ. މިގޮތުގައި އޭނާ ދުވަސްތައް ހޭދަކުރަން ފެށުމުން މަޑުމަޑުން އޭނާގެ ހިތަށް ހަމަޖެހުން ލިބެންފެށިއެވެ. އާއިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުންވެސް އިތުރުވެފައިވީތީ އޭނާގެ ހިތަށް އުފާވެރިކަން ލިބެއެވެ.
އަނެއްކޮޅުން ޝައުންގެ އެކަނިވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އާއިން އޮފީހަށް ނުކުތުމުންވެސް ދެމީހުންނަށް ބައްދަލުވެވެނީ މަދު ފަހަރަކުއެވެ. ފަރަހަނާޒް ބަލިވިފަހުން، ރަސްމީގަޑި ނިމުމާއެކު އާއިން ގެޔަށްދެއެވެ. އަދި ޝައުންގެ އެޕާރޓްމެންޓަށް ނިދާކަށްވެސް ނުދެއެވެ. އާއިން ދުވަހެއް ދުވަހަކަށް ޝައުންއާ ދުރުވަމުން ދާކަމުގެ އިހުސާސްވީނަމަވެސް އެކަމާ ޝަކުވާކުރުމުގެ ހައްޤެއްވެސް އޭނާއަކަށް ނެތެވެ. ކައިވެނިކުރިއިރުވެސް އޭނާވަނީ އެދެމެދުގައި އިމެއް ކަނޑައަޅާފައެވެ.
ދުވަސްތައް އެގޮތުގައި ހޭދަވާން ފެށުމުން އާއިންގެ ގާތުން ވަރިޔަށް އެދުމުން ޝައުން ނިންމިއެވެ. އަދި އެވާހަކަ ދެއްކުމަށް ރަނގަޅު ވަގުތެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. ނަމަވެސް އޭނާއަކަށް އެފަދަ ފުރުސަތެއް ލިބޭގޮތެއް ނުވިއެވެ. ފަރަހަނާޒްގެ ބަލިހާލަތު ހަމައަކަށް އެޅުނުތާ މާގިނަދުވަހެއްނުވެ އަނެއްކާވެސް އޭނާ ބަލިވެ އުޅެންފެށިއެވެ. ޑޮކްޓަރަށް ދެއްކުމުން ލިބުނީ އެމީހުން ހީވެސް ނުކުރާފަދަ ޚަބަރެކެވެ. އަނެއްކާވެސް ފަރަހަނާޒް ބަލިވެއިނީއެވެ. އެކަމުގެ ސަބަބުން އާއިން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް ފަރަހަނާޒްހުރީ ނުހަނު އުފަލުންނެވެ.
" އާއިން….މިއީވެސް މިންވަރުފުޅު….މިއީ އަނާގެ ބަދަލުގާ އަހަރެމެންނަށް ދެއްވި ނިއުމަތެއްކަމަށް އަހަރެން ދެކެނީ…މިދަރިފުޅުވާނީ އާދައިގެ ކުއްޖަކަށް އިންޝާﷲ….އަހަރެން އަބަދުވެސް ސިއްޚަތު ރަނގަޅު ދަރިޔަކު ދެއްވާތޯ ދުޢާކުރަން….ވެދާނެ އަހަރެންގެ ދުޢާ އިޖާބަވީކަމަށްވެސް…." އާއިން ކަންބޮޑުވެފައި އިނުމުން ފަރަހަނާޒް އާއިންއަށް ވިސްނައިދިނެވެ. ފަރަހަނާޒްގެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުން އާއިން ހިނިތުންވެލީ ނަމަވެސް އޭނާގެ ހިތުގައި އޮތް ބިރުވެރިކަންވެސް ކުޑައެއްނޫނެވެ.
ފަރަހަނާޒް އަނެއްކާވެސް ބަލިވެއިންކަން އެނގުމުން އާއިލާގެ އެންމެންވެސް ކަންބޮޑުވިއެވެ. މާޒީގައި ކަންހިނގާފައިވާފަދަ ހިތިގޮތަކަށް ވެދާނެތީ ބިރުގަތެވެ. ނަމަވެސް އާއިން އެދުނީ އެންމެންވެސް އެމީހުނަށް ހެޔޮދުޢާކޮށްދިނުމަށެވެ. އަދި ފަރަހަނާޒަށް ހިތްވަރުދީ އަޅާލުމަށެވެ. އެހެންކަމުން ކޮންމެމީހަކުވެސް ފަރަހަނާޒްއާ ބައްދަލުކުރީ އުފާވެރި މޫނަކައިގެންނެވެ. ޝައުންއަށްވެސް އެޚަބަރު ލިބުމުން އޭނާ ނުހަނު އުފާވިއެވެ. އޭނާގެ އަބަދުވެސް ދުޢާއަކީ ފަރަހަނާޒްގެ ހިތުގައި އޭނާއަށްޓަކައި އުފެދިފައިވާ ކިލަނބުކަން އުމުރަށްވެސް ނެތިގޮސް ސާފުވާނެ ގޮތެއް މެދުވެރިވުމެވެ. ފަރަހަނާޒަށް ސިއްޚަތު ރަނގަޅު ދަރިޔަކު ލިބުމަކީ އެކަމަށް އޮތް އެންމެ ބޮޑު ހައްލެވެ. އެކަމަށް އެދި އޭނާ ދުޢާކުރިއެވެ.
ބަލިވެއިނުމާއި ގުޅިގެން ފަރަހަނާޒްއަށް ތަފާތު އުނދަގޫތައް ވާންފެށިއެވެ. ހޮޑުލެވި ހާލުދެރަވާގޮތްވިއެވެ. ޑޮކްޓަރ ލަފާދިނީ ގިނައިން އަރާމުކުރުމަށެވެ. އެއްވެސް ބުރަ މަސައްކަތެއްވެސް ނުކުރުމަށެވެ. އެހެންކަމުން ފަރަހަނާޒަށް ގިނަ ވަގުތު ހޭދަކުރަން ޖެހެނީ އެނދުގައެވެ. އާއިލާގެ ފަރާތުން ހުރިހާގޮތަކުންވެސް ފަރަނާޒަށް އެހީތެރިކަން ލިބެމުން ދިޔައެވެ. އަމީލާވެސް މާޒީ ހަނދާން ނައްތާލުމަށްފަހު، އާޒިމްގެ ގެޔަށް އައިސް އުޅެންފެށިއެވެ. އެހެންކަމުން ޒާހިދާއާއި އަމީލާގެ މެދުގައި ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއްވެސް އުފެދުނެވެ. އަރްވިންއާއި ތޫބާވެސް އެމީހުނަށް ކިރިޔާވެސް ވަގުތެއް ލިބިއްޖެނަމަ ފަރަހަނާޒްގެ ހާލުބަލަން އާދެއެވެ.
އަޔާނާ ނިޔާވުމާއި ގުޅިގެން ފަރަހަނާޒް އުޅުނު ހިތާމަވެރި ހާލަތުގެ ސަބަބުން އާއިންއަށް ފަރަހަނާޒް ބަލިވެ އިނދެފާނެކަމާމެދު ވިސްނާނުލާ އުޅެވުނީތީ އޭނާހުރީ ދެރަވެފައެވެ. ދަރިޔަކު ނެތްނަމަވެސް ބަލިވެ އިނުމުގެ ސަބަބުން ފަރަހަނާޒްގެ ފުރާނައަށް ގެއްލުމެއް ވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ފަރަހަނާޒްގެ ބަލިހާލަށްޓަކައި އާއިން އަނެއްކާވެސް ޗުއްޓީނަގަން ބޭނުންވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ކުންފުނީގެ ކަންކަމަށް ބުރޫ އަރާނެކަމަށްބުނެ ފަރަހަނާޒް ދެކޮޅު ހެދިއެވެ. ނަމަވެސް އާއިން އެއަޑުނާހައި އަނެއްކާވެސް ޗުއްޓީނެގިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަރަހަނާޒްގެ ހިތަށް އުފާވެރިކަން ލިބެމުން ދިޔައެވެ. ކިތަންމެ ބޮޑު ތަކުލީފެއްގައި އުޅެމުންވެސް ދުޅަހެޔޮ ދަރިޔަކު ލިބިއްޖެނަމަ އޭނާގެ އުއްމީދުތައް ފުރިހަމަވީއެވެ. ފަރަހަނާޒްގެ އުފާވެރިކަން ފެނިފައި އުފާވިނަމަވެސް އާއިންގެ ހިތުގައިވާ ބިރުވެރިކަން ކުޑަވާގޮތެއް ނުވެއެވެ. އޭނާގެ ހިތުގައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި އޭނާ އެކަން ޝައުންއާ ހިއްސާކުރިއެވެ. އާއިންގެ ކަންބޮޑުވުން އަޑުއަހާފައި ޝައުން އޭނާ ބޭނުންވާ ގޮތް ހުށަހަޅަން ފަސްޖެހުނެވެ. އާއިން އެހައިބޮޑަށް ކަންބޮޑުވެފައިހުރި ހާލަތެއްގައި އޭނާގެ ކިބައިން ވަރިވާން އުޅުމުން އާއިންއަށް އިތުރު އުނދަގުލެއް ކުރެވޭނެ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ހާލަތު ހަމައަކަށް އެޅޭންދެން އެވާހަކަ ނުދައްކާ ހުރުމަށެވެ.
*****
ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް އުޝާވެސް ފިރިހެން ކުއްޖެއް ވިހައިފިއެވެ. އިޒްޔަން ބައްޕައަކަށްވީ ކަމުގެ އުފަލުގައި މަރުޚަބާ ކިޔުމަށްޓަކައި އާއިން ހޮސްޕިޓަލަށް ދިޔައެވެ. ނަމަވެސް ފަރަހަނާޒްގެ ހާލަތުހުރިގޮތުން އޭނާގެ ފަރާތުން އާއިންގެ އަތުގައި ހަދިޔާއެއް ފޮނުވާފައި އޭނާ ގޭގައި މަޑުކުރީއެވެ. އިޒްޔަންއަށް ދަރިޔަލު ލިބުމުގެ އުފާ މުޅި އާއިލާއިންވެސް ފާހަގަކުރިއެވެ. އެންމެންގެ މޫނުމަތިންވެސް އާދަޔާ ޚިލާފު އުފާވެރިކަމެއް އާއިންއަށް ފެނުނެވެ. ވަކިން ޚާއްސަކޮށް އިޒްޔަންގެ އުފާވެރިކަން އޭނާއަށް ފާހަގަކުރެވުނެވެ. އިޒްޔަން އޭނާގެ ދަރިފުޅު ފުރަތަމަ އުރާލިއިރު، އާއިންވެސް އޭނާގެ ގާތުގައި ހުއްޓެވެ. އާއިންއަށް އިޒްޔަންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފެނުމުން އޭނާއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. މާދުރުނޫން މުސްތަޤުބަލެއްގައި އޭނާވެސް ބައްޕައަކަށް ވެދާނެއެވެ. އޭރުން އޭނާއަށްވެސް އެފަދަ އުފާވެރިކަމެއް ލިބޭނެއެވެ.
" ބައްޕައަކަށް ވުމުން ކުރެވޭ އިހުސާސަކީ ކޮބައިކަން އަހަރެންނަށް ނޭނގުނަސް އެއީ ކިހާ އުފާވެރި އިހުސާސެއްކަން މިއަދު އަހަރެންނަށް އެނގިއްޖެ….ދަރިޔަކާމެދު ނުވިސްނާ މިންވަރަށް ޝުކުރުކޮށްގެން މިހުރިހާ ދުވަހު އުޅުނުނަމަވެސް އަހަރެންވެސް ދަރިޔަކު ބޭނުންވޭ….އަނާ ދުނިޔޭގަ ހުރިއިރު ބައްޕާވޭ ގޮވާލުމުން އުފާވިނަމަވެސް، އަބަދުވެސް ހިތަށްއަރާ އަހަރެންގެ އުފަންދަރިޔަކު ބައްޕާއޭ ގޮވާލާނީ ކޮންދުވަހަކުން ބާއޭ….އެއުފާ ދުވަހަކުވެސް އަހަރެންނަށް ލިބޭނެބާއޭ…" އާއިން އޭނާގެ އިހުސާސްތައް މާޒްއާ ހިއްސާކުރިއެވެ.
" އިންޝާﷲ….އާންގެ ތިޔަ އުއްމީދުވެސް ދާދި އަވަހަށް ފުރިހަމަވެދާނެ….މިފަހަރު އާންއަށް ދުޅަހެޔޮ ސިއްޚަތެއްގެ ވެރި ކުއްޖަކު ދެއްވާތޯ އަހަރެން ދުޢާކުރާނަން…" މާޒް އާއިންއަށް ހިތްވަރުދިނެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ފަރަހަނާޒްއާއި އާއިން ކަންކަން ކުރަމުން ދިޔައެވެ. ބަރާބަރަށް ޗެކަޕްތައް ކުރެވެމުން ދިޔައެވެ. ބަލިވެއިންފަހުން އާއިންގެ އަޅާލުމާއި ލޯބި ދެގުނައަށް އިތުރުވެފައިވާހެން ފަރަހަނާޒަށް ހީވިއެވެ. ފަރަހަނާޒްގެ ދުލުން ޝަކުވާގެ އެންމެ ލަފްޒެއްވެސް ބޭރުވާނޭ ފުރުސަތެއް އާއިން ނުދެއެވެ. އެގޮތުގައި ދުވަސްތައް ހޭދަކުރަމުންގޮސް ފަރަހަނާޒްގެ ބަނޑަށް ތިންމަސްފުރިއްޖެއެވެ. ޑޮކްޓަރގެ ލަފާގެމަތިން ބަނޑުގައިވާ ދަރިފުޅަކީ ބަލިކުއްޖެއްތޯ ބެލުމަށް ޓެސްޓްކުރެވުނެވެ. ޓެސްޓްގެ ނަތީޖާ ފެނުމުން އާއިންގެ ހިތް އުފަލުން ނަށައިގަތެވެ.
" އިންޝާﷲ…ދަރިފުޅަކީ އާދައިގެ ކުއްޖެއް….އެކަމަކު ވިހަންވާންދެންވެސް ފަރަހަނާޒް އުޅެންޖެހޭނީ ވަރަށް ބަލައިގެން…." ޑޮކްޓަރ ލަފާދިނެވެ.
ދަރިފުޅާމެދު ލިބުނު ޚަބަރުން އާއިލާގެ އެންމެންވެސް ނުހަނު އުފާވިއެވެ. އާއިންއާއި ފަރަހަނާޒްގެ އުފާވެރިކަން ބަޔާންކުރަން ދައްޗެވެ. އެދެމީހުންގެ އުއްމީދުތައް ފުރިހަމަވާކަމުގެ އަލާމާތް ފެނުނީތީ ދެމީހުންވެސް ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ. ޝައުންވެސް ހިތާހިތުން އެތައްފަހަރަކު ޝުކުރުކުރިއެވެ.
ލިބުނު އުފާވެރި ޚަބަރާއެކު އާއިންއާއި ފަރަހަނާޒްވެސް ދުވަސްތައް ގުނަމުންދިޔައީ ކެތްތެރިކަމެއްނެތިއެވެ. އާޒިމްއާއި ޒާހިދާ ހައްޖަށް ދިއުމުން އާއިން އަނެއްކާވެސް އޮފީހަށް ނުކުންނަން ޖެހުނެވެ. ނަމަވެސް ހަމަސްވާންދެން ބެޑްރެސްޓްކުރަން ޑޮކްޓަރ ބުނެފައި އޮތުމުން ފަރަހަނާޒްގެ ކަންކަން ކުރުމަށްޓަކައި އަބަދުވެސް ކޮންމެވެސް މީހަކު ހުންނަން ޖެހެއެވެ. އެހެންކަމުން ޝައުން އަމިއްލައަށް އެދިގެން ފަރަހަނާޒަށް ޚިދުމަށްކުރުމަށްޓަކައި ޗުއްޓީނެގިއެވެ. އަދި އޭނާ އާއިންމެންގެ ގެޔަށް ބަދަލުވިއެވެ. ފަރަހަނާޒް ފުރަތަމަ ޝައުންގެ އެހީހޯދުމަށް އިންކާރު ކުރިއެވެ. ހާދީވެސްހުރީ އެކަމާ ނުރުހިފައެވެ. ނަމަވެސް ހާލަތު މަޖުބޫރުކުރީތީ އޭނާ އެގޮތާއި އެއްބަސްވިއެވެ.
" އަހަރެން ހިތުން ރުހުމުން ނާޒްއަށް އެހީތެރިވާން ބޭނުންވަނީ….ނާޒް އަހަރެންނާމެދު ކޮންމެގޮތަކަށް ދުށްނަމަވެސް، އަހަރެން ދުވަހަކުވެސް ނާޒަށް ދެރައެއް ލިބޭކަށް ނޭދެން….އަހަރެންނަށް ނޭނގިނަމަވެސް ނާޒަށް ދެރައެއް ދެވިފައިވާނަމަ މާފަށްވެސް އެދެން….ނާޒްގެ ދިރިއުޅުމަށްވަދެ ދިރިއުޅުން ހަލާލުކުރުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތް….އަހަރެންމީ ނާޒް ހީކުރާ ކަހަލަ ސިހުރުވެރިއެއްނޫން….ނާޒް މަރާލާކަށް ނުވަތަ ނާޒްގެ ދަރިޔަކު މަރާކަށްވެސް އަހަރެން ދުވަހަކުވެސް ސިހުރެއް ނުހަދަން…." ޝައުންގެ ވާހަކަތައް އަޑުއަހާފައި ފަރަހަނާޒަށް ލިބުނީ ހައިރާންކަމެކެވެ. ޝައުންއަށް އާއިން އެވާހަކަތައް ކިޔައިދިނީ ކަމުގައި ހީކުރެވި އާއިންދެކެ ރުޅިވެސް އާދެވުނެވެ.
" އެދުވަހު އަހަރެންނަށް އެހެންބުނެވުނީ ދެރަވިވަރުން….އެކަމު އަހަރެން ހިޔެއްނުކުރަން އާއިން އެވާހަކަ ބުނާނެ ކަމަކަށް…" ޝައުންއަށް އެވާހަކަތައް އެނގުނީތީ ލަދުގެންފައި އިނދެ ފަރަހަނާޒް ބުންޏެވެ.
" އަހަރެންނަށް އެވާހަތައް އިވުނީ އާންގެ ފަރާތަކުންނޫން….ޚުދު ނާޒް އެވާހަކަ ދައްކަނިކޮށް އަހަރެންނަށް އާދެވުނީ…ގަސްތުގަ އަޑުއެހީކީނޫން…އިއްތިފާޤުން އަޑު އިވުނީ…" ޝައުން އޮޅުން ފިލުވައިދިނެވެ.
" ނާޒްއަކީ ހެޔޮވިސްނޭ ކުއްޖަކަށްވެހުރެ، އަހަރެންނާމެދު އެހާގޯސްކޮށް ދެކުނީތީ އަހަރެން ވަރަށްދެރަވި….މިހުރިހާ ދުވަހު ނާޒްގެ ހާލުބަލާލަން ނައިސްހުރީވެސް އަނެއްކާވެސް އަހަރެންނާމެދު ގޯސް ހީކުރުމެއް ހީކޮށްފާނެތީ….އެކަމު މިއަދުގެ ހާލަތުހުރިގޮތުން އަހަރެން ބޭނުމެއްނޫން ނާޒް އެކަނި ދޫކޮށްލާކަށް…އެކަމު މިހާރުވެސް ނާޒް ބުނެފިނަމަ އަހަރެން ދާނަން…" ޝައުން ބޭނުންވީ ފަރަހަނާޒްގެ ހިތް އޭނާގެ މައްޗަށް ސާފުކުރާށެވެ. ޝައުން ދެއްކި ވާހަކަތަކަށް ފަރަހަނާޒް ޖަވާބެއް ނުދިން ނަމަވެސް، އޭނާއިނީ އޭނާއަށް ކުރިން ދެއްކުނު ވާހަކައާމެދު ދެރަވެފައެވެ.
ޝައުން ގެޔަށް ބަދަލުވީނަމަވެސް، އާއިންވެސް ވީހާ އަވަހަކަށް އޮފީސް ނިންމާފައި ގެޔަށްދެވޭތޯ ބަލައެވެ. އެހެންކަމުން ފަރަހަނާޒާއިއެކު އޭނާއަށް ގިނަ ވަގުތު ހޭދަކުރެވެއެވެ. ޝައުން އޭނާގެ އަމިއްލަ ޒިންމާއެއްކަމަށް ދެކިގެން ފަރަހަނާޒަށް ހުރިހާގޮތަކުން ޚިދުމަތްކޮށްދެމުން ދިޔައެވެ. ގެވެހި އަންބެއް ފަދައިން ގޭތެރޭގެ ހުރިހާކަމެއްވެސް އޭނާކުރަންފެށިއެވެ. އޭނާއަކީ ކުރިން އެގޮތަށް އުޅެން އާދަވެފައިވާ ކުއްޖެއްނޫންނަމަވެސް އާއިންއަށްޓަކައި އޭނާ ގެވެހިމީހަކަށްވިއެވެ. ފަރަހަނާޒަށް ރަނގަޅުކާނާ ކާންދިނުމާއި އެހެންވެސް ގޮތްގޮތުން ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތްކުރިއެވެ. ފަރަހަނާޒާއެކު އެކުވެރިކަން ބަދަހިކުރުމަށް ވެވުނުވަރަކުން މަސައްކަތްކުރިއެވެ. ހަމައެފަދައިން އާއިންއާއި ހާދީގެ ކަންކަންވެސް ވެވުނު އެންމެ ރަނގަޅަކަށް ކުރަމުންދިޔައެވެ. އެހެންކަމުން މަޑުމަޑުން ހާދީގެ ހިތްވެސް ޝައުންއަށްޓަކައި ހެޔޮވިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންގޮސް މަޑުމަޑުން ފަރަހަނާޒާއި ޝައުންގެ މެދުގައި އެކުވެރިކަން އުފެދުނެވެ. ދެމީހުންގެ މެދުގައި ރަހުމަތްތެރީން ފަދައިން ވާހަކަ ދެކެވެން ފެށުނެވެ. ޝައުންގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމަށް ފަރަހަނާޒް ހިތާހިތުން ޝުކުރުވެރިވަމުން ދިޔައެވެ. ޝައުންގެ ކިބައިން ކިތަންމެ ގިނަ ރަނގަޅުކަމެއް ފެނުނު ނަމަވެސް، ޝައުންގެ ކިބައިގައި ދީންވެރިކަމެއް ނެތުން އެއީ ފަރަހަނާޒަށް ބަލައިގަންނަން އުނދަގޫވި ކަމެކެވެ. އެހެންކަމުން ނުސީދާގޮތެއްގައި ދީނީ ކަންކަމުގެ ވާހަކަ ޝައުންގެ ގާތުގައި ދައްކަންފެށިއެވެ. ޝައުންގެ ހެދުން އެޅުމާއި ގުޅޭގޮތުންވެސް ވާހަކަ ދެއްކިއެވެ. ފަރަހަނާޒް އެވާހަކަތައް ދެއްކުމުގެކުރިން ޚުދު ޝައުންވެސް ދިޔައީ ދީނާއިމެދު ވިސްނަމުންނެވެ. ފަރަހަނާޒާއިއެކު ހޭދަކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާ ވިސްނަން ޖެހޭފަދަ ކިތަންމެ ކަމެއް ކުރިމަތިވިއެވެ. ފަރަހަނާޒް ބަލިވެއުޅެމުންވެސް އަޅުކަމަށް ދެމުންދިޔަ ސަމާލުކަމުގެ ސަބަބުން ޝައުންގެ ހިތުގައި ސުވާލު އުފެދުނެވެ.
" ތިހާބަލިވެ އުޅޭއިރު، ނަމާދު ނުކުރިޔަސް އޯކޭވާނެއްނު…" އެއްދުވަހު ޝައުންއަށް ބުނެވުނެވެ.
" ބަލިއުޅުމަކީ ނަމާދު ދޫކޮށްލުމަށް އުޒުރެއްނޫން…" މަޑުމައިތިރިކަމާއެކު ފަރަހަނާޒް ޖަވާބުދިނެވެ. އަދި ނަމާދަކީ ކިހާ މުހިއްމު އަޅުކަމެއްކަން ބަޔާންކޮށްދިނެވެ. މީގެއިތުރުންވެސް އެކި އެކި އަޅުކަމުގެ މާތްކަމުގެ ވާހަކަތައް ކިޔައިދީ ހެދިއެވެ. ފުރަތަމަކޮޅު އެވާހަކަތަކަކީ ޝައުން އެހާބޮޑަށް އަޑުއަހާ ހިތްވި ވާހަކަތަކެއްނޫނެވެ. ނަމަވެސް ގުގުރާވިދި ރެއެއްގައި ޝައުންއަށް ބިރުން ކޮޓަރީގައި ނިދަން ނުކެރިގެން ފަރަހަނާޒްގެ ކޮޓަރިއަށް އަންނަން މަޖުބޫރުވިއެވެ.
" ގުގުރާ ވިދާއިރު ކިޔާދުޢާވެސް ހުންނާނެ…ދުޢާކިޔައިގެން ﷲއާ ވަކީލުކޮށްގެން ހުރީމަ، ދެރަގޮތެއްނުވާނެ….ހިތުގަ ތިއުފެދޭ ބިރުވެސް ފިލާނެ…" ފަރަހަނާޒް ލަފާދިނެވެ. އަދި އެފަދަ ވަގުތުގައި ކިޔާ ދުޢާވެސް ޝައުންއަށް ދަސްކޮށްދިނެވެ. މިގޮތުން މަޑުމަޑުން ޝައުން ދީނީ ކަންކަން ދަސްކުރަމުން ދިޔައެވެ. ފަރަހަނާޒް އެހާފަސޭހައިން އޭނާއަށް ހިތްހެޔޮކުރީ ދީނުގައި މީހުނާމެދު ހިތްހެޔޮކުރަން އޮތީމައިކަންވެސް އޭނާއަށް އެނގުނެވެ.
" ނާޒް އެހެންމީހުންނާ ވަރަށް ތަފާތު…..އަހަރެންނަށް މިހާރު ގަބޫލުކުރެވޭ އާން ނާޒްދެކެ ލޯބިވީ ކީއްވެގެންކަން….އެމީހެއްގެ ބުއްދި އުނިމީހަކު ނޫނީ ނާޒްދެކެ ލޯބިނުވެއެއްނުދާނެ…" ފާޅުކަންބޮޑު ގޮތެއްގައި ޝައުން ތަޢުރީފު ކުރުމުން ފަރަހަނާޒް ލަދުގަންނަ ގޮތްވިއެވެ.
" މީގެކުރިން އަހަރެންނަށް ޝައުން ނޭނގުނުނަމަވެސް، މިވީ މަދު ދުވަސްކޮޅުގެ ތެރޭގަ ފެނުނު ކަންކަމަށް ބަލާފަ އަހަރެންނަށްވެސް ގަބޫލުކުރެވިއްޖެ، ޝައުންއަކީ އަހަރެން ހީކުރިވަރަށްވުރެ ރަނގަޅު ކުއްޖެއްކަން….އަހަރެމެން ދެމީހުން މިނޫން ހާލަތެއްގަ ބައްދަލުވިނަމަ ރަނގަޅު އެކުވެރިންނަށްވެސް ވެވުނީސް…." ފަރަހަނާޒް އޭނާގެ ވިސްނުން ހާމަކުރިއެވެ.
ފަރަހަނާޒްއާއި ޝައުންގެ މެދުގައި ގުޅުން ރަނގަޅުވެފައިވާ މިންވަރު ފެނުމުން އާއިންގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް، އަދިވެސް ޝައުން އުޅެނީ އޭނާއާ ވަރަށް ދުރުދުރުންނެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝައުން ކާކޮޓަރިތެރޭގައި ސައިތައްޔާރުކުރަން އުޅެނިކޮށް އާއިން އައިސް ވަނެވެ. ޝައުން ވިސްނުމަކަށް ގެއްލިފައި ހުއްޓައި އާއިން އައިސް ފުރަގަހުން ހުއްޓިފައި ކަންފަތަށް ފުމެލިއެވެ. އެވަގުތު ޝައުންއަށް ސިހިފައި ހަޅޭއްލަވައިގަނެވުނެވެ. އަދި އެވަގުތު އޭނާގެ އަތުގައި އޮތް ސަމްސާވެސް ދޫވެގެން މުށިތަކުމައްޗަށް ވެއްޓުނެވެ.
" ހާދަވަރެއްތިވީ…..ކޮންޚިޔާލަކަށް ގެއްލިފަ ތިހުރީ؟…" ޝައުންއަށް ވީގޮތުން ހިނިއައިސްފައި އާއިން އެހިއެވެ.
" ކަމެއްނުވޭ…ސައިގިރަންހުރީމަ ނޭނގުނީ…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ.
" ކީއްވެ މިހާރަކަށް އައިސް މާދުރުދުރުން ތިއުޅެނީ؟….ނާޒްއާ އެކުވެރިކަން އުފެދުނީމަ އަހަރެންނާ އޮތް އެކުވެރިކަންވެސް ކަނޑާލީތަ؟…" މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީއްނަމުން އާއިން އެހިއެވެ.
" އަހަރެމެންގެ މެދުގަ އެކުވެރިކަމެއް ނެތްތާ ކިހާދުވަހެއް؟….ދެން އަލުން އެކުވެރިކަމެއް ގާއިމްކުރުމުގެ ބޭނުމެއްވެސްނެތް….އާންގެ ބައްޕަމެން އައީމަ އަހަރެން މިގެއިން އަދި އާންގެ ދިރިއުޅުމުންވެސް އުމުރަށްދާނަން….ނާޒްފަދަ ރަނގަޅު އަންބަކު ހުއްޓާ އާން އެހެން އަންހެނަކާމެދު ވިސްނާނީވެސް އާންގެ މޮޔަކަމުން…އަހަރެން ނެތިން ނާޒް ދެރަވާފަދަކަމެއް އަލުންކުރާކަށް…އަހަރެންގެ އެއްބަނޑު އެއްބަފާގަ އަންހެންކުއްޖަ ނެތުމާއެކު، އަހަރެން ދެކެނީ ނާޒްއަކީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގަ….ނާޒްއަށް ލިބެންއުޅޭ ދަރިފުޅުގެ ހައްޤުގާވެސް އަހަރެން ތިދެމީހުންގެ ދިރިއުޅުމާ ދުރަށްދާނަން…" ސީރިއަސްކަމާއެކު ޝައުން ދެއްކި ވާހަކަތަކަށް ދޭނެ ޖަވާބެއް ނޭނގިފައި އާއިން އިނެވެ.
ޝައުންގެ ވިސްނުން އެހުރީ އޭނާއާ އުމުރަށް ދުރަށް ދިއުމަށެވެ. އޭނާގެ ހިތް އެގޮތަށް ބޭނުންނުވީނަމަވެސް، ޝައުންގެ އެނިންމުމާ ދެކޮޅު ހަދާހައި ހިތްވަރެއްވެސް މިހާރު އޭނާގެ ނެތެވެ. އޭނާ ފަރަހަނާޒްދެކެ ކިތަންމެ ލޯބިވީނަމަވެސް، އޭނާގެ ހިތުން ޝައުންއަށް ދެވިފައިވާ ޖާގަ އެހެން އަންހެން ކުއްޖަކަށް ދުވަހަކުވެސް ނުދެވޭނެއެވެ. އޭނާގެ ކުޑައިރުގެ ހުރިހާ ހަނދާނެއް ގުޅިފައިވަނީ ޝައުންއާއެވެ. އެހަނދާންތަކަކީ ދުވަހަކުވެސް އޭނާއާ ވަކިވާނޭ އެއްޗެއް ނޫނެވެ. ވީއިރު، ޝައުން އޭނާގެ ދިރިއުޅުމުން ގޮސްފިނަމަ، އެއުނިކަން އޭނާ ފޫބައްދާނީ ކިހިނެއް ހެއްޔެވެ؟
އަމާންކަމާއި އޮމާންކަމާއެކުގައި ދުވަސްތައް ހޭދަވަމުން ގޮސް ފަރަހަނާޒްގެ ބަނޑަށްވެސް މިހާރު ހަމަސްފުރި ހަތްމަހަށް އަޅައިފިއެވެ. އޭނާއަށް މިހާރު އަމިއްލައަށް ކުދިކުދި ކަންކަން ކޮށްއުޅުމުގެ ހުއްދަ ލިބިއްޖެއެވެ. ޝައުންވެސް ހުޅުމާލެއަށް އެނބުރި ބަދަލުވިއެވެ. ހުރިހާކަމެއް ހަމައަކަށް އެޅުމުން އާއިންގެ ގާތުން ވަރިވުމަށް ޝައުން އެދުނެވެ.
" އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލެވޭނެތަ؟…ތުރުކީ ދަތުރު ނިންމާލާފަ އައިސް ތިކަމަށް އަހަރެން ގޮތެއް ނިންމާނަން….އެދަތުރުގަ އަހަރެމެން ދެމީހުންވެސް ބައިވެރިވާން ޖެހެއެއްނު…" އާއިން އަނެއްކާވެސް ބަހަނާއެއް ހޯދިއެވެ. އެހެންކަމުން ޝައުންއަށް ޖެހުނީ އާއިންގެ އެޚިޔާލަށް ތާއީދުކުރާށެވެ.
ތުރުކީގެ މަޝްހޫރު ކުންފުންޏަކާއިއެކު އެއްބަސްވުން އާކުރުމަށްޓަކައި އެދަތުރު ދިއުމަށް ކޮންމެހެންވެސް މަޖުބޫރެވެ. ޝައުން އެދަތުރުގައި ގެންދިއުމަށް ނިންމީ ކުންފުނީގެ ޚާއްސަ ޑިޒައިނަރގެ އެހީތެރިކަމުގައި ކުޑަދުވަސްކޮޅެއްގެ ތަޖުރިބާއެއް ހޯދުމަށެވެ. ގާތްގަނޑަކަށް ފަނަރަ ދުވަހުގެ މުއްދަތަކަށް ޝައުން ތުރުކީގައި މަޑުކުރަން ޖެހެއެވެ. އެހެންކަމުން އޭނާހުރީ ކޮންމެވެސް ވަރެއްގެ ހިތްނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ތުރުކީއަށް ދިއުމާއެކު ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޚަބާއެއް ކިޔެވެ. ކުންފުނީގެ ހޮޓެލެއްގައި އެމީހުން ތިބުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔައެވެ. އެމީހުންނަށްޓަކައި ހަމަޖައްސާފައިވާ ހިތްގައިމު ލަކްޒަރީ ސުއިޓް ފެނުމުން ޝައުންއަށް ހިނިތުންވެލެވުނެވެ.
" ވަރަށް ހިތްގައިމުދޯ…." ބެލްކަންޏާއިވީ ފަރާތުގެ ބިއްލޫރި ދޮރު ކަހާލަމުން އާއިން ބުނެލިއެވެ.
" ހޫމް…" ފުންނޭވާއެއް ދޫކޮށްލަމުން ޝައުން ބުނެލިއެވެ.
ނުނިމޭ