Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ބ. އަތޮޅު ޕްލާސްޓިކާއި ދުރަށް ދިއުމަށް ސިޓީއެއް

ބ. އަތޮޅުގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކު މަނާކޮށްދިނުމަށް މަދަނީ ޖަމިއްޔާއަކުން ސަރުކާރަށް ސިޓީއެއް ހުށައަޅައިފިއެވެ.

ބ. އަތޮޅު ޕްލާސްޓިކުން ސަލާމަތް ކުރުމަށް ފެށި މި ހަރަކާތަށް ރައްޔިތުންގެ މަޖިލީހުގައި އެއަތޮޅު ތަމްސީލު ކުރައްވާ ތިން މެމްބަރުންނާއި ރަށު ކައުންސިލްގެ އިތުރުން ގިނަ އަދަދެއްގެ ރިސޯޓުތަކުން ވަނީ ބައިވެރިވެފައެވެ.

ޕްލާސްޓިކު ކޮތަޅާއި، ފެންފުޅި އަދި ހޮޅި ފަދަ ތަކެތީގެ ނުރައްކާ ކަނޑުތަކާއި ކަނޑުތަކުގެ ދިރުމަށް ކުރިމަތިވެފައިވާއިރު މުޅި ދުނިޔޭގައި ވެސް ވަނީ ޕްލާސްޓިކާއި ދުރުވުމަށް ހަރަކާތްތަކެއް ފެށިފައެވެ. އެގޮތުން ބ. އަތޮޅުގެ އަތިރިމައްޗާއި ކަނޑުފަޅުތަކަށް ޕްލާސްޓިކު ތަޣައްޔަރުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ އެޓޯލް މޯލްޑިވްސް ކޮމިއުނިކެޝަނާއި ރަށު ކައުންސިލާއި ބ. އަތޮޅު ތަމްސީލު ކުރާ މަޖިލިސް މެމްބަރުން އަދި އެއަތޮޅުގައި ބިނާވެފައިވާ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ވަނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކު އެއަތޮޅުގައި ބޭނުންކުރުން ހުއްޓުވުމަށް މިއަދު އޯޕަން ލެޓާއެއްގައި ސޮއިކޮށްފައެވެ.

މިސަރުކާރަކީ ތިމާވެށި ހިމާޔަތްކުރުމަށް އައި ސަރުކާރެއް ކަމަށާއި ޕްލާސްޓިކު ކުނިން ސަލާމަތްވުމަށް ސަރުކާރުން ވެސް ބާރު އަޅަމުން އަންނައިރު ބ. އަތޮޅުގައި މިފަދަ ޕްލާސްޓިކު މަނާ ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މި ސިޓީގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ސޮއިކޮށްފައެވެ. އަދި ބ. އަތޮޅުގައި ހިންގަމުންދާ ސޮނެވާ ފުށި، އަމިއްލަ ފުށި، ފިނޮޅު، ކޮކޯ ޕާމް ދުނިކޮޅު، އަނަންތާރާ ކިހަވަށް، ފޯ ސީޒަންސް ލަނޑާގިރާވަރު އަދި ދިގުފަރު އައިލެންޑު ރިސޯޓުން ވެސް ވަނީ މިސިޓީގައި ސޮއިކޮށް، ސިންގަލް ޔޫސް ޕްލާސްޓިކާ ދެކޮޅަށް ތެދުވިފައެވެ.

ދާދި ފަހުން އައްޑޫ ސިޓީގައި ވެސް މިފަދަ ޕްލާސްޓިކު ބޭނުން ކުރުން މަނާކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.