Last Updated: April 26, 15:02
Friday, April 26, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( އަށުވަންނަ ވަނަބައި)

ތުރުކީގެ މަޝްހޫރު ކުންފުންޏަކާއިއެކު އެއްބަސްވުން އާކުރުމަށްޓަކައި އެދަތުރު ދިއުމަށް ކޮންމެހެންވެސް މަޖުބޫރެވެ. ޝައުން އެދަތުރުގައި ގެންދިއުމަށް ނިންމީ ކުންފުނީގެ ޚާއްސަ ޑިޒައިނަރގެ އެހީތެރިކަމުގައި ކުޑަދުވަސްކޮޅެއްގެ ތަޖުރިބާއެއް ހޯދުމަށެވެ. ގާތްގަނޑަކަށް ފަނަރަ ދުވަހުގެ މުއްދަތަކަށް ޝައުން ތުރުކީގައި މަޑުކުރަން ޖެހެއެވެ. އެހެންކަމުން އޭނާހުރީ ކޮންމެވެސް ވަރެއްގެ ހިތްނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ތުރުކީއަށް ދިއުމާއެކު ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޚަބާއެއް ކިޔެވެ. ކުންފުނީގެ ހޮޓެލެއްގައި އެމީހުން ތިބުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔައެވެ. އެމީހުންނަށްޓަކައި ހަމަޖައްސާފައިވާ ހިތްގައިމު ލަކްޒަރީ ސުއިޓް ފެނުމުން ޝައުންއަށް ހިނިތުންވެލެވުނެވެ.
" ވަރަށް ހިތްގައިމުދޯ…." ބެލްކަންޏާއިވީ ފަރާތުގެ ބިއްލޫރި ދޮރު ކަހާލަމުން އާއިން ބުނެލިއެވެ.
" ހޫމް…" ފުންނޭވާއެއް ދޫކޮށްލަމުން ޝައުން ބުނެލިއެވެ.
އުސްއިމާރާތުގެ ބެލްކަނީގައި ހުންނައިރު، ޝަހަރުގެ ރީތިކަން ވަރަށް ރަނގަޅަށް ފެންނަމުން ދިޔައެވެ. އެކި ޑިޒައިންތަކާއި އެކިކުލަތަކުންވާ އުސްއިމާރާތްތަކުން ޤައުމު ތަރައްޤީވެފައިވާ މިންވަރު ސިފަކޮށްދެއެވެ. އެހިތްގައިމުކަމަށް ހިތްދޫކޮށްލައިގެން ކިތަންމެއިރަކުވެސް އެތާހުރެވިދާނެއޭ ޝައުންގެ ހިތަށްއެރިއެވެ. ނަމަވެސް ދަތުރުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލޮޑުކަމެއް އިހުސާސްކުރެވިފައިވީތީ އޭނާ ބޭނުންވީ އަރާމުކޮށްލާށެވެ.
" އަހަރެން ބޭނުން އަރާމުކޮށްލަން….ކޮންކޮޓަރިއަކަށް އަހަރެންދާންވީ؟…" އާއިންއަށް ބަލާލާފައި ޝައުންއެހިއެވެ.
" ޝައުން ބޭނުން ކޮޓަރިއަކަށްދާންވީ….އަހަރެންގެ މައްސަލައެއްނެތް….ދެމީހުން އެއްކޮޓަރިއެއްގެ ތިސްބަސް މައްސަލައެއްނޫން އެއީކީ…" ސަމާސާކޮށްލުމުގެ ގޮތުން އާއިން ބުންޏެވެ. އާއިން ބުނި އެއްޗެއް އަޑުއިވުނު ނަމަވެސް ޝައުން ޖަވާބެއްނުދީ ގޮސް އެންމެ ކައިރިއަށްހުރި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އާއިންވެސް އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ހަވީރުގެ ވަގުތެވެ. އާއިންއާއި ޝައުންތިބީ އިޕޭކް ކުންފުނީގެ މައި އޮފީހުގައެވެ. ކުންފުނީގެ މެނޭޖަރގެ އިތުރުން މެނޭޖްމެންޓްގެ ބައެއް މުއައްޒަފުންނާއި ކުންފުނީގެ ޚާއްސަ ޑިޒައިނަރ ފަޚްރީ ވެސް އެމީހުނާއި ބައްދަލުކުރިއެވެ. ފަޚްރީއަކީ ޝައުންފަދައިން ޒުވާން ރީތި އަންހެން ކުއްޖެކެވެ. ހަމައެކަނި ތަފާތަކީ އޭނާއަކީ ހިޖާބީއެއް ކަމެވެ. އޭނާއަކީ ފުރިހަމައަށް ނިވާވެގެން ހުރި ކުއްޖެކެވެ. ފަޚުރީ ފެނުމުން ޝައުން ކުޑަކޮށް ޖެހިލުންވީ ނަމަވެސް އޭނާ ވާހަކަދައްކަން ފެށުމުން، އޭނާގެ ހިތްހެޔޮ މިޒާޖު ފެނިފައި ޝައުންގެ ހިތަށް ހަމަޖެހުން ލިބުނެވެ.
ދެކުންފުނީގެ މެދުގައި ވެވިފައިވާ އެއްބަސްވުމާމެދު ވާހަކަ ދެކެވި، އެއްބަސްވުމަށް ބައެއް ނުކުތާތައް އިތުރުކުރުމަށްފަހު އެއްބަސްވުމުގެ މުއްދަތުވެސް އިތުރުކުރެވިގެން ދިޔައެވެ. އާއިން އެއްބަސްވުމުގައި ސޮއިކުރުމުން، އޮފީސް ދައްކާލުމަށްޓަކައި އެސިސްޓެންޓް މެނޭޖަރ އިބުރާހިމް އާއި ފަޚްރީ އެމީހުން ގޮވައިގެން ދިޔައެވެ. އެއީ ވަރަށްވެސް ބޮޑު އޮފީހެކެވެ. ޝައުން ސިންގަޕޫރުގައި މަސައްކަތްކުރި އޮފީސްހައި ތަނަވަސް އެހާމެ ރީތި ހިތްގައިމު ތަނެކެވެ. ފަޚްރީ ޝައުން ގޮވައިގެން އޭނާ މަސައްކަތްކުރާ ޑިޕާރޓްމެންޓަށް ދިޔައެވެ. އަދި އޭނާ ނިންމާފައިވާ ބައެއް މަސައްކަތްތަކާއި މިހާރު ކުރަމުންދާ މަސައްކަތްތައްވެސް ދައްކާލިއެވެ. އެތާނގައިވަނީ މުސްލިމު އަންހެންކުދިންނަށް ޚާއްސަ ވަރަށްވެސް ހިތްގައިމު ޑިޒައިންތަކުގެ ހެދުންތަކެވެ.
" ހަމައެކަނި އަންހެނުންގެ ހެދުންތަ ޑިޒައިންކުރަނީ؟…" ހެދުންތައް ބަލާލަމުން ޝައުން ސުވާލުކުރިއެވެ.
" ނޫނޭ މިކުންފުނިން ތައްޔާރުކުރާނެ ފިރިހެނުންގެ ހެދުންވެސް…އެކަމު އަޅުގަނޑު ޑިޒައިންކުރަނީ އަންހެނުންނަށް ޚާއްސަ އެއްޗެހި….ފިރިހެނުންގެ ހެދުން ޑިޒައިންކުރާ ބޭފުޅާ މިއަދު ވަރަށް ބުރަކޮށް އުޅޭތީ ބައްދަލުނުވީ….ހީވަނީ މިރޭ ބައްދަލުވާނެހެން…" ފަޚްރީ އޮޅުން ފިލުވައިދިނެވެ.
" އަންނަ ހަފްތާގަ އޮންނަ ޝޯގައި ލޯންޗްކުރަން ތައްޔާރުކޮށްފަހުރި ހެދުންތައް މިހުރީ…މިއީ އަދިމުޅިން އާ ޑިޒައިންތަކެއް…..ޝައުންވެސް މިޝޯގަ ބައިވެރިވެލަންވާނެ….ކޮންމެ އަހަރަކުވެސް ދެފަހަރު އަހަރެން ޝޯބާއްވަން، އާޑިޒައިންތައް ބާޒާރަށް ނެރުމުގެކުރިން…." ފަޚްރީ ކިޔައިދިނެވެ.
ޝައުން އެހެދުންތައް ވަކިވަކީން ބެލިއެވެ. އެއީ ވަރަށްވެސް ފުރިހަމަ ރީތި ޑިޒައިންތަކެކެވެ. އެތައްޔާރުކޮށްފައިވާ ފޮއްޗަކީވެސް ވަރަށް މޮޅު، އެހާމެ އަގުހުރި ފޮއްޗެކެވެ. އެހެންކަމުން ހެދުންތަކުގެ އަގުވެސް ބޮޑުވާނެކަން އޭނާއަށް އެނގުނެވެ. އޭނާ އަގުތަކާމެދު ސުވާލުކޮށްލިއެވެ.
" ތައްޔާރުކުރާ ޑިޒައިނަކާ ފޮތީގެ ކޮލިޓީއަށް ބަލާފަ އަގުތަފާތުވަނީ…" ފަޚްރީ ބުންޏެވެ.
ދެކުދިން އެމައުލޫއަށް ވަރަށްގިނަ ވާހަކަދެއްކިއެވެ. ދެމީހުންގެ މެދުގައިވާ ބީރައްޓެހިކަން ކެނޑޭކަށް މާގިނައިރެއްވެސް ނުނެގިއެވެ. ދެން ފަޚްރީ ވާހަކަދެއްކީ ޝޯއާ ބެހޭގޮތުންނެވެ. އެޝޯގައި ބައިވެރިވާ މޮޑެލުންނާ ބެހޭގޮތުންވެސް ޝައުން ސުވާލުކުރިއެވެ.
" އެއީ ހަމަ ހިޖާބީ އަންހެންކުދިން….އިސްލާމުދީނުގެ މިންގަނޑުތަކާ ޚިލާފު އެއްވެސް ހެދުމެއް އެކުދިން ނުލާނެ….އަޅުގަނޑުމެންގެ ހުރިހާ ޑިޒައިންތައްވެސް މިންގަނޑަށް ފެތޭގޮތަށް ހުންނާނީ….އެހެނިހެން ފެޝަންޝޯތަކުގަ އުޅޭ މޮޑެލުންނާ އެކުދިން ތަފާތުވާނެ….އެމީހުން ހަމައެކަނި ހެދުންތައް ދައްކާލާނީ….އެކިސައިޒްގެ މޮޑެލްސް އުޅޭނެ…" ފަޚްރީ އޭނާގެ ކޮމްޕިއުޓަރުން ކުންފުނީގެ ވެބްސައިޓަށް ވަދެ މޮޑެލްސް ދައްކާލިއެވެ.
" މިއީ އަޅުގަނޑުމެންގެ އޮންލައިން ޕްލެޓްފޯމް….ކޮންމެ ޤައުމަކަށްވެސް އަޅުގަނޑުމެން ޑެލިވަރީކޮށްދޭން….އެކަމު އޮންލައިންކޮށް ވިއްކާތަކެތި އަގުބޮޑުވާނެ…" ފަޚްރީ އިތުރަށް ކިޔައިދިނެވެ.
ފަޚްރީގެ ވާހަކަތަކުން ޝައުންއަށް ވަރަށްގިނަ ތަފާތު މައުލޫމާތު ތަކާއި ޚިޔާލުތައްވެސް ލިބުނެވެ. އޭނާ އޭގެބޭނުން ހެޔޮގޮތުގައި ކުރަން ނިންމިއެވެ. އިސްލާމުދީނާއި ޚިލާފުނުވާ ގޮތުގެމަތިން ފެޝަންޝޯތައްވެސް ބޭއްވިދާނެކަން އޭނާއަށްވެސް ގަބޫލުކުރެވުނެވެ. އެންމެ ފުރަތަމަ އޮފީހާއި ގުޅުނުއިރު، އޭނާވެސް އާއިންއަށް ފެޝަންޝޯ ބޭއްވުމުގެ ޚިޔާލުދިނެވެ. ނަމަވެސް އާއިން ސާފުކޮށް އެކަމާ އިންކާރުކުރިއެވެ.
ރޭގަނޑުގެ ވަގުތެވެ. ފަރަހަނާޒް އިނީ އޭނާގެ ކޮޓަރީގައެވެ. ތުރުކީއަށް ދިޔަފަހުން އާއިންއާއި ޝައުންގެ ޚަބަރެއްވީ އެންމެ ފަހަރަކުއެވެ. އެމީހުން މާބޮޑަށް ބުރަކޮށް އުޅެނީކަމުގައި އޭނާ ޔަޤީންކުރިއެވެ. އެހެންނަމަވެސް އާއިންއާ ވާހަކަ ނުދެއްކި ގިނައިރުވުމުން އޭނާއަށް ހިތްނުތަނަވަސްކަމެއް ލިބުނެވެ. އޭނާ ފެންވަރާލައިގެން އައިސް ނިދަން އޮށޯތުމާއެކު އޭނާގެ ފޯނަށް ވައިބައިން މެސެޖެއް އައެވެ. އޭނާ ބަލާލިއިރު އެއީ ޝައުންގެ މެސެޖެކެވެ. އާއިންއަށް ވަގުތު ނުވީއިރު ޝައުންއަށް ވަގުތުވީތީވެސް އޭނާ އުފާކުރިއެވެ. އޭނާ ޝައުންއާ ވާހަކަދައްކާތާ އިރުކޮޅެއްފަހުން އާއިންވެސް މެސެޖްކުރަން ފެށިއެވެ. ދެމީހުންގެ ވާހަކަތައް ތަފާތުކަމުން ދެމީހުން މިއަދުގެ ގިނަ ވަގުތު ހޭދަކުރީ ވަކިންހެން ހީވިއެވެ. އެހެންކަމުން އެކަން ޔަޤީންކޮށްލުމުގެ ގޮތުން ޝައުންއާ ފަރަހަނާޒް ސުވާލުކުރިއެވެ.
" އަހަރެން މިއަދު ގިނަވަގުތު އުޅުނީ ފަޚްރީއާއެކު…ގެޔަށްއައީ އިރުއޮއްސުނުފަހުން….ފަޚްރީ ފެނުނީ އަހަރެން ނާޒްމަތިން ހަނދާންވި…ނާޒްހެން ވަރަށްރީތިކޮށް ހެދުން އަޅާފަހުރީވެސް…" ޝައުން ބުނެލިއެވެ.
ހަފްތާއެއް ފަހެވެ. އާދަވެގެން ކޮންމެ ރެއަކުވެސް ޝައުންއަދި އާއިންވެސް ވައިބަރއިން ފަރަހަނާޒްއާ ވާހަކަދައްކާ ހަދައެވެ. ކޮންމެ ރެއަކުވެސް ތަފާތު އެތައްކަމެއް އެމީހުން ފަރަހަނާޒަށް ކިޔައިދީ ހަދައެވެ. ނަމަވެސް ދެމީހުންގެ ވާހަކަތަކުގައި އެއްވެސް ގުޅުމެއް ނުހުރެއެވެ. ކޮންމެ މީހަކުވެސް ކިޔައިދެނީ އެމީހެއްގެ އަމިއްލަ ވާހަކައެވެ. އާއިންއާއި ޝައުންއާ ދެމީހުން އެއްތާކު ތިބިއިރުވެސް ދެމީހުންގެ މެދުގައި އެއްވެސް ގާތްކަމެއް ނެތްކަމުގެ އިހުސާސް ފަރަހަނާޒްއަށް ވިއެވެ. މާލޭގައި އުޅުނުއިރުވެސް ޝައުން އަބަދުވެސް އާއިންއާ ދުރުގައި އުޅޭކަން އޭނާއަށް ފާހަގަވިއެވެ. ނަމަވެސް ބީރައްޓެހި ޤައުމަކަށް ދިއުމުން އެދެމީހުންގެ މެދުގައި ގާތްކަމެއް އުފެދޭނެ ކަމުގައި ފަރަހަނާޒަށް ހީކުރެވުނެވެ.
ރޭގަނޑުގެ ވަގުތެވެ. މިރޭއޮންނަ ޚާއްސަ ޝޯއަށް އާއިންއާއި ޝައުންއަށްވެސްވަނީ ދައުވަތުދީފައެވެ. އާއިންއާއި ޝައުންވެސް ތައްޔާރުވެގެން ނުކުތްއިރު، އެމީހުންގެ އިންތިޒާރުގައި ކާރުއޮތެވެ. ފުރިހަމައަށް ޒީނަތްތެރިކުރެވިފައިވާ މާލަމަށް ވަދެގެން ގޮސް އެމީހުންނަށް ޚާއްސަކުރެވިފައިވާ ޖާގައިގައި އެމީހުން އިށީނެވެ. ޝޯފެށެން ގާތްވެފައި ވަނިކޮށް ފަޚްރީ އައިސް ޝައުންގެ ގާތުގައި ސިއްރު ސިއްރުން އެއްޗެއް ބުނުމާއެކު އެބައަންނަމޭ ބުނެފައި ޝައުން ތެދުވެގެން ފަޚްރީއާއެކުގައި ދިޔައެވެ.
ޝޯފެށިއްޖެއެވެ. ތަފާތު ޑިޒައިންތަކުގެ ކުލަކުލައިގެ ހެދުންތައް ފެންނަން ފެށިއެވެ. ޒުވާންރީތި ކުދިން އެކަކު ފަހަތުން އަނެކަކު އަންނަމުން ދިޔައިރު، އާއިންވެސް އެކުދިންގެ ހެދުންތަކަށް ނަޒަރު ހިންގަމުން ދިޔައެވެ. އެކުދިންގެ ފަހަތުން އައިސް ހުއްޓުނު ކުއްޖަކަށް އާއިންގެ ނަޒަރު ހުއްޓުނީ އެއީ ދަންނަ މޫނެއްހެން ހީވުމުންނެވެ. އާއިން ރަނގަޅަށް އެކުއްޖާއަށް ބަލާލިއެވެ. ރަތްކުލައިން ޖަރީކުރެވިފައިވާ ކަޅުހެދުމާއި ރަތްކުލައިގެ ޝޯލްއެއް އަޅާފައިވާ އެއަންހެން ކުއްޖާއަކީ ދެވަނަ މީހެއްނޫނެވެ. އެއީ ޝައުންއެވެ. އިސްލާމީ ހިޖާބުން ނިވާވެފައިވާ ޝައުން ފެނުމުން އާއިންއަށް އާޝޯޚުވެފައި ބަލަން އިނދެވުނެވެ. ޝައުން އެސިފައިގައި ހުންނައިރު ވަރަށްވެސް ފުރިހަމައެވެ. އާއިންއަށް އެއީ ޝައުންކަން ގަބޫލު ނުކުރެވިފައި އިރުކޮޅެއްވާންދެން އިނދެވުނެވެ. ނަމަވެސް ޝައުން އޭނާއާ ދިމާބަލާލާފައި ހީލިގޮތުން އެއީ ޝައުންކަން ޔަޤީންވިއެވެ.
ޝޯނިމިގެން ކެއުމުގެ ވަގުތު ޖެހުމުން ފަޚްރީއާއެކުގައި ޝައުން އައިސް އާއިންގެ ގާތުގައި އިށީނެވެ. އޭރުވެސް ޝައުންހުރީ ހަމަ އެހެދުމުގައެވެ. ލުއިމޭކަޕަކާއެކުގައި ހުރުމުން އެމޫނަށް އިތުރު ފުރިހަމަކަމެއް ގެނުވާފައިވިއެވެ. ޝައުން މިފަދަ ފުރިހަމަގޮތެއްގައި ފެނުމުން އާއިންއަށް ނުބަލައެއްވެސް ނުހުރެވުނެވެ. އެރީތިކަން ގާތުން ބަލާލާހިތްވިއެވެ.
" އަހަރެންނާ ނުގުޅެނީތަ؟…" އާއިން މާވަރަކަށް ބަލަން އިނުމުން ލަދުން އިނދެފައި ޝައުން އަހާލިއެވެ.
" ނޫނޭ…ވަރަށް ރީތީ….ވަރަށްފުރިހަމަ….ބުނާނެ އެއްޗެއްވެސް ނޭނގިފަ މިއިނދެވުނީ…" ހިނިތުންވެލަމުން އާއިން ޝައުންއަށް ތައުރީފުކުރިއެވެ.
" އެކަމު ވަރަށް އުނދަގޫ މިލައިގެން އުޅެން….އެހާބަރު…" ހެދުމަށް ބަލާލަމުން ޝައުން ބުނެލިއެވެ.
" ފުރަތަމަކޮޅު އުނދަގޫވާނެ….އެކަމު ފަހުން އާދަވީމަ ރަނގަޅުވާނެ….އޭރުން ނިވާނުވެ އުޅެން ޖެހިލުންވާނެ…އަސްލު މުސްލިމު އަންހެނުން ތިބެންޖެހޭގޮތަކީ ތީ…ވީހާވެސް ބޮޑަށް ނިވާވެގެން…ތިހެންހުންނައިރު އަންހެނާގެ ފުރިހަމަކަން އިތުރުވަނީ" ނަސޭހަތުގެ ރާގެއްގައި އާއިން ބުނެލިއެވެ. އާއިންގެ ވާހަކަތައް އަޑުއަހާފައި ޝައުން ޖަވާބެއް ނުދިންނަމަވެސް އޭނާ ހިތާހިތުން އެވާހަކަތަކަށް އެއްބަސްވިއެވެ. އެހެދުން ލުމުން އޭނާއަށް ރައްކާތެރިކަމުގެ އިހުސާސެއް ކުރެވުނެވެ.
" ތިހެދުން ރައްދުކުރާކަށް ނުޖެހޭތަ؟…" ހަފްލާ ނިމިގެން ނުކުންނަ ވަގުތުޖެހުމުން އާއިން އެހިއެވެ.
" ފަޚްރީ ބުނީ މިއީ ކުންފުނީގެ ފަރާތުން އަހަރެންނަށް ދިން ހަދިޔާއެކޭ…." ޝައުން އޮޅުންފިލުވައިދިނެވެ.
" ތިހެދުމާއެކު ފޮޓޯއެއް ނަގަންޖެހޭނެއްނު….ނާޒްއަށް ދައްކާލަންވާނެއްނު ޝައުން ހިޖާބުގަ ހުންނަގޮތް…" އާއިން އޭނާގެ ފޯނުޖީބުން ނަގަމުން ބުނެލިއެވެ. ޝައުން ކުޑަކޮށް އެއްފަރާތަކަށް ޖެހިލާފައި ފޮޓޯއަށް ތައްޔާރުވެލިއެވެ. ދެތިންފޮޓޯ ނެގުނުތަކުން ފަޚްރީ އައުމުން ދެކުދިން އެކީގައި ސެލްފީ ނަގަން ފެށިއެވެ.
މެންދަމުގެ ހިމޭން ވަގުތެވެ. އާއިން ކޮފީއެއް ބޯލުމަށްޓަކައި ބެލްކަނީގައި ހުރިއިރު އޭނާ ވިސްނަމުންދިޔައީ މާދަމާ މާލެދާން ޖެހޭތީ އެކަމާމެދުގައެވެ. ޝައުން ދޫކޮށްފައި ދާކަށް އޭނާގެ ހިތެއްނޭދެއެވެ. ޝައުންއަކީ އެކަނިއުޅެން އާދަވެފައިވާ ކުއްޖެއް ނޫނެވެ. އާއިން ޚިޔާލުގައި ހުއްޓައި ކުއްލިއަކަށް ވާރޭވެހެން ފެށުމުން ސިހިފައި އެތެރެއަށް ޖެހެވުނެވެ. އަދި އަވަސް ހަރަކާތަކާއެކު ބެލްކަނީގެ ދޮރުދަމާލިއެވެ. ހަވީރުއްސުރެ ދިޔައީ ވިއްސާރަވުމުގެ އަލާމާތްތައް ފެންނަމުންނެވެ. މޫސުން ދައްކާގޮތުން ކުރިޔަށް އޮތް ހަފްތާގައިވެސް ވިއްސާރަވާނޭކަން އެނގުމުން އާއިން ވަކީން ކަންބޮޑުވިއެވެ. ވިއްސާރަމޫސުމެއްގައި ޝައުން އެކަނި ދޫކޮށްލުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ.
ވެހެމުންދިޔަ ވާރޭ ދިޔައީ ހިނދެއް ހިނދަކަށް ބޯކުރަމުންނެވެ. ގިނައިރުތަކެއްނުވެ ވިދާ ގުރުރަންވެސް ފެށިއެވެ. ގުގުރީގެ އަޑުގަދަވެގެން ދިއުމާއެކު ކުއްލިއަކަށް ޝައުންގެ ކޮޓަރި ދޮރު ހުޅުވިއްޖެއެވެ. އާއިންހުރީ އެފަދަ ވަގުތަކަށް ވިސްނައިގެންނެވެ.
" ކޮބާ ހޭލެވުނީތަ؟…." ޝައުން ފެނުމާއެކު އާއިން އެހިއެވެ.
" ނިދެމުންދަނިކޮށް ހޭލެވުނީ….އާން އަދިވެސް ނުނިދަނީތަ؟…" ޝައުން އައިސް ސޯފާގައި އިށީއްނަމުން އެހިއެވެ.
" ހޫމް…ކޮފީއެއް ބޯލަނީ….ޝައުން ކޮފީއެއްބޭނުންތަ؟…" ޝައުން ބިރުން އިންކަން އެނގޭތީ އާއިން ބުނެލިއެވެ.
" ނޫން….ކޮފީބޯހިތެއްނެތް…." ޝައުން މަޑުމަޑުން ބުނެލިއެވެ.
" ނިދިއައިސްފަދޯ….ހިނގާ ކޮޓަރިއަށް….ޝައުންއަށް ނިދޭންދެން އަހަރެން އޮއްނާނަން…" ވަރަށް އާދައިގެ ގޮތަކަށް އާއިން ބުނެލިނަމަވެސް ޝައުން އޭނާއާ ދިމާ ބަލާލީ ޖެހިލުންވެފައެވެ.
" ތިހާ ބިރުވެރިގޮތަކަށް ތިބަލާލީ ކީއްވެ؟….އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟…" ޝައުން ބަލާލިގޮތުން ހިނިއައި ނަމަވެސް އެކަން އޮއްބާލަމުން ސީރިއަސް ރާގެއްގައި އާއިން އަހާލިއެވެ.
" ނޫން…" ޝައުން އަވަހަށް ޖަވާބުދިނެވެ.
" އަހަރެން ހީކުރީ އެހެންކަމަށް…" ތެދުވެގެން ޝައުންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން އާއިން ބުނެލިއެވެ. ޝައުންވެސް އިތުރު ބަހެއް ނުބުނެ އާއިންގެ ފަހަތުން ދިޔައެވެ.
ޝައުން އެނދުގެ އެއްފަރާތުގައި އޮށޯވެ ކުއިލްޓް އަޅާލުމުން އާއިންވެސް އަނެއްފަރާތުގައި އޮށޯތެވެ. އިތުރުމީހަކަށް އޮވެވޭހައި ހުސްޖާގައެއް ދެމީހުންގެ މެދުގައި އޮތެވެ.
" އަހަރެން ފޮޓޯ ފޮނުވީމަ ނާޒް ބުނީ ޝައުން ވަރަށް ރީއްޗޭ މިރޭ…." ފުރަގަސްދީގެން އޮތް ޝައުންއަށް ބަލާލަމުން އާއިން ބުނެލިއެވެ. އެއާއެކު ޝައުން އޭނާއާ ދިމާއަށް އެނބުރުނެވެ.
" އަހަރެންގާތުގަވެސް ނާޒްބުނި އެހެދުންލީމަ ރީތި ވާހަކަ….ފަޚްރީގެ ފޮޓޯއެއްވެސް އަހަރެން ފޮނުވިން….ބުނި ދެމީހުންގެ ހެދުންވެސް ވަރަށް ރީއްޗޭ….އަހަރެން މިވިސްނަނީ ނާޒްއަށް އެކަހަލަ ހެދުންކޮޅެއް ގަންނަން….ރާއްޖެއަކުން ނުލިބޭނެ އެހާރީތި ހެދުމެއް….ބައެއް ޑިޒައިންތައް ލިބުނަސް އެހާމޮޅު ފޮއްޗެއް ނުލިބޭނެ…." ޝައުން އޭނާ ވިސްނާފައިވާގޮތް ހާމަކުރިއެވެ.
" އާނ…ތީތެދެއް….ނާޒްއަށްވެސް އެހެދުން ވަރަށް ކަމުދިޔަ….ނާޒްބުނީ ޝައުންގާތު ބުނާށޯ ދެން އެކަހަލަ ހެދުމަށް ބަދަލުކުރާށޭ…އެކަމު އަހަރެންބުނީ އަހަރެން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރާނަމޭ…..އެމީހަކަށް ރަނގަޅުގޮތް އެނގުނީމަ ކޮންމެ މީހަކުވެސް ބަދަލުވާނޭ…." މާނަފުން ގޮތަކަށް އާއިން ބުންޏެވެ. އާއިންގެ ވާހަކައަށް ޝައުން ރައްދުނުދީ ހިމޭނުން އޮތެވެ.
" ސޮރީ…ހިތްހަމަ ނުޖެހުނީތަ؟…." ޝައުން ހިތްހަމަ ނުޖެހުނީހެން ހީވެގެން އާއިން ބުނެލިއެވެ.
" ނޫނޭ….އަހަރެން ކޮންކަމަކާ ހިތްހަމަ ނުޖެހޭންވީ….ރަނގަޅުގޮތް އެނގުނީމަ ބަދަލުވާންވެސް ޖެހޭނެ….އަދި ރަނގަޅުގޮތް ނޭނގޭނަމަ ބުނެދޭންވެސް ޖެހޭނެދޯ…" ޝައުން ބުނި ޖުމްލައިން އާއިންއަށް ޝައުންއާ ދިމާ ބަލާލެވުނެވެ. ޝައުންއަށް ރަނގަޅުގޮތް ބުނެނުދިނީތީ ޝަކުވާކުރީއޭވެސް ހިތަށްއެރިއެވެ.
" އަހަރެން ވަރަށް މަސައްކަތްކުރިން ޝައުންއަށް ރަނގަޅުގޮތް ބުނެދޭން….ވަރަށް ނަސޭހަތްވެސް ދިނިން…އެކަމު އޭރު ޝައުންގެ ވިސްނުންހުރީ ވަރަށް ތަފާތުކޮށް….އަހަރެން ދައްކާ ވާހަކަ އަޑުއަހާކަށްވެސް ބޭނުމެއްނުވި….އަހަރެން އަބަދުވެސް ނާޒްގެ ރަނގަޅު ވާހަކަ ދައްކަނީކަމަށް ބުނެ ޝަކުވާކުރި…އެހެންވެ ހިތަށްއެރީ އެވާހަކަ ދެއްކީމަ ޝައުންގެ ހިތުގަ ނާޒްއަށްޓަކާވެސް ރުޅިވެރިކަން އުފެދުން ނޫންކަމެއް ނުވާނެއޭ….ކޮންމެވެސް ދުވަހަކުން ރަނގަޅުގޮތް ވިސްނޭނެކަމަށް ބަލާފަ އަހަރެން ފަހުން އެވާހަކަ ނުދައްކަން ފެށީ…" އާއިން އޭނާ އެގޮތަށް ކައްތައްކުރި ސަބަބު އޮޅުން ފިލުވައިދިނެވެ.
" ތިއީ ތެދެއްކަން އަހަރެން ގަބޫލުކުރަން….ކުރިން އަހަރެންނަށް ނުވިސްނޭ ކިތަންމެ އެއްޗެއް މިހާރު އަހަރެންނަށް ވިސްނިއްޖެ….ނޭނގޭ ކިތަންމެ ކަމެއްވެސް އެނގިއްޖެ…ހާލަތާއެކު އިންސާނުންނަށްވެސް ބަދަލުވާން މަޖުބޫރު ވާނެއްނު…" ޝައުން ނުސީދާގޮތެއްގައި އޭނާއަށް އައިސްފައިވާ ބަދަލު އާއިންއަށް ބުނެދިނެވެ. މިހާރު އޭނާގެ ވިސްނުންވަނީ މުޅިން ބަދަލުވެފައިކަން ހާމަކޮށްދޭން ބޭނުންވިއެވެ. އޭނާވެސް ނާޒްފަދަ ރަނގަޅު ކުއްޖަކަށްވާން ބޭނުންވާ ކަމުގައި ބުނެދޭންވެސް ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ބުނެވުނީ ހަމައެކަނި އެހާވަރަށެވެ. އާއިންއަށް އޭނާގެ ހިތުގެ ހާލު ވިސްނޭނަމައޭ ހިތަށްއެރިއެވެ. އޭނާގެ ބަދަލުވުން ފެންނާނޭ ނަމައޭ ހިތަށްއެރިއެވެ. އެހެންމީހުންނަށް ނޭނގުނު ނަމަވެސް މިހާރު އޭނާ ނަމާދުވެސް ކުރެއެވެ. ނަމާދުގައި ކިޔާތަކެތި ހިތުން ނޭނގޭތީ އޭނާ ނަމާދުކުރަނީ ފޯނުން ބަލައިގެންނެވެ. ޤުރުއާން ކިޔަވަންވެސް އޭނާ ބޭނުންވެއެވެ. އެނގޭތޯ އޭނާ މަސައްކަތްވެސް ކުރެއެވެ. ނަމަވެސް އޭނާއަށް ކިޔަވާކަށް ނޭނގެއެވެ. އަދި މީހަކުގާތު އަހާކަށްވެސް ނުކެރެއެވެ. އެހެންކަމުން އޭނާ އެކަންވެސް ކުރަން ގަސްތުކުރީ ފޯނުގެ އެހީގައެވެ. ސިއްރު ސިއްރުން އޭނާގެ ނަފްސު އިސްލާހުކުރަން އޭނާ މަސައްކަތް ކުރެއެވެ.
" ނިދީތަ؟…" ޝައުން ހިމޭނުން އޮތުމުން އާއިން އެހިއެވެ.
" ނޫން…އާން ނިދިއައީތަ؟…" ޝައުން މަޑުމަޑުން ބުނެލިއެވެ.
" ނޫނޭ…މާބޮޑަށް ހިމޭނުން އޮތީމަ އަހަރެން ހީކުރީ ނިދީކަމަށް….ނުނިދާ ކޮންކަމަކާ ތިވިސްނަނީ؟….އަނެއްކާ އަހަރެން މިތާއޮތީމަ ބިރުން ނިދި ނާންނަނީތަ؟…" ޝައުން ކަމަކާމެދު ވިސްނާކަން އެނގޭތީ އާއިން ސަމާސާކޮށްލިއެވެ.
" އާން މާދަމާ ދާނަންތަ؟…" ސީރިއަސްކަމާއެކު ޝައުން ސުވާލުކޮށްލުމުން އާއިންގެ މޫނުގައިވި ލާނެއްކަން ކެނޑުނެވެ.
" ނުދާންވީތަ؟…" ޝައުންއަށް ބަލާލަމުން އާއިން އެހިއެވެ. އާއިން ބޭނުންވީ ޝައުންގެ ހިތުގައި އޮތް އެއްޗެއް ބެލުމަށެވެ.
" ނޫނޭ….އާން ނުދާށެކޭ އަހަރެން ނުބުނާނަން….މިހާރު ހަފްތާއެއްވީ މިކޮޅުގަ….އިތުރު ހަފްތާއެއް މަޑުކުރަންވީމަ ވަރަށްގިނަ ކަންކަން ނުނިމި ހުންނާނެ….އެހެންވީމަ އާން ދާން ޖެހޭނެއްނު…." އެގޮތް ބޭނުންނުވީ ނަމަވެސް ޝައުން ބުނެލިއެވެ.
" އެކަމު ޝައުން އެކަނި ބަހައްޓާފަ ދާކަށް އަހަރެން ބޭނުމެއްނުވޭ….ޝައުން ތިހާ ބިރުގަންނައިރު ކިހިނެއް އެއްހަފްތާ ވާންދެން އެކަނިއުޅޭނީ…." އާއިން ހާމަކުރީ ހަޤީޤަތެވެ.
" އެކަނި އުޅެންވެސް ދަސްކުރަން ޖެހޭނެއްނު….ގުގުރާވިދާއިރު ކިޔާދުޢާވެސް އަހަރެން ދަސްކޮށްފިން….ނާޒް ބުނީ ދުޢާކިޔާފަ ﷲއާ ވަކީލުކުރީމަ ބިރު ފިލާނޭ…." މައުސޫމު ގޮތަކަށް ޝައުން ބުނެލުމުން އާއިން ހީލިއެވެ.
ދެމީހުން ވާހަކައިގައި ތިއްބާ ވަރަށް ގަދަޔަށް ވިދާލުމާއެކު ބާރު ގުގުރިއެއް ޖަހައިފިއެވެ. އެއާއެކު ގަތްބިރުން ޝައުންއަށް ފުންމައިގެން ތެދުވެ އާއިންގެ އުނގުތެރެއަށް ވަދެވުނެވެ. އާއިން ނުވިސްނާއިނުމުން ސިހިފައި އަތުގައި އޮތްފޯނުވެސް ދޫވިއެވެ.

ނުނިމޭ