Last Updated: April 24, 17:43
Wednesday, April 24, 2024
ރިޕޯޓް

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނެތް!

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ގާއިމް ކުރެވިފައިވާ މަރުކަޒީ އިންޖީނުގޭގައި ބެހެއްޓިފައިވާ އިންޖީނުތައް ފެއިލްވެ ކަރަންޓު ކެނޑޭ މައްސަލައަށް ތިން ސަރުކާރުންވެސް ހައްލެއް ހޯދައި ނުދެވޭތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން 1992 ވަނަ އަހަރު ގާއިމް ކުރި އިންޖީނުގޭގައި އަދިވެސް މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ އޭރު ބެހެއްޓި 3 ޖަނަރޭޓަރެވެ. މަރާމާތު ނުކުރެވި އިންޖީނުތައް ފެއިލްވެ 2008 ވަނަ އަހަރާްއި ހަމައަށްވެސް އިންޖީނުގެ ހިންގަމުން އައީ ޖަޕާނު ސަރުކާރުން ދިން ތިން ޖަނަރޭޓަރާއި އެކުއެވެ.

އައްޑޫގެ އާބާދީ އިތުރުވެ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކަރަންޓުގެ ލޯޑު ނުހިފެހެއްޓިގެން ކަރަންޓު ކެނޑެެން ފެށިއެވެ. 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާއި ދިމާކޮށް ބިނާ ކުރި ކޮންވެންޝަން ސެންޓަރަަށް ބޭނުންވާ ކަރަންޓު މަރުކަޒީ އިންޖީނުގެއިން އުފެއްދެން ނެތިގެން އެތަނަށް ހާްއްސަ ޖަނަރޭޓަރާއި އެކު އިންޖީނުގެއަށްވެސް ކެޕޭސިޓީ އިތުރު ކުރުމަށް އިންޖީނުތައް ގެނެވުނެވެ.

ކުރިން ސްޓެލްކޯއިން ހިންގަމުން އައި މި އިންޖީނުގެ ސަދަން ޔޫޓިލިޓީގެ ނަމުގައި އުފެއްދި ކުންފުންޏަކާއި ހަވާލުކޮށް އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އޭރުވެސް ދޭތެރެދޭތެރެއިން ދިޔައީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންނެވެ. ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިމުނު އިރު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެ ނުހޯދެއެވެ. އޭގެ ފަހުން ސަދަން ޔޫޓިލިޓީ އުވާލައި ރައީސް ވަހީދުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދައި އައްޑޫ މަރުކަޒީ އިންޖީނުގޭގެ ބެލެނިވެރިކަން ނެގިއެވެ.

ވަހީދުގެ ސަރުކާރުގައި އޭރު ފެނަކައިގެ އިސް ފަރާތްތައް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްކަމަށް ބުނެ އެކި ފަހަރުމަތިން އިންޖީނުތަކެއް އައްޑޫއަށް ގެނައެވެ. މުހައްމަދު ނިމާލުގެ މެނޭޖިން ޑިރެކްޓަރުގެ ދަށުން ފެނައިން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ހޯދައިދިނުމަށްކަމަށް ބުނެ ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަން ފެނަކައިގެ ރިކޯޑުތަކުން މިހާރުވެސް އެހެރީ ފެންނާށެވެ. ވަހީދުގެ ވެރިކަން ނިމިގެން ދިޔައީ ކަރަންޓުގެ ކެނޑި ކެނޑިއޮވެއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރުވެސް ފެނަކަ އޮތީ ނިމާލުގެ މުށުތެރޭގައެެވެ. އައްޑޫ އޮތީ ކަނު އަނދިރީގައެވެ. ޔާމީންގެ އެންމެ ބޮޑު އެއް ވައުދަކަށްވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަވައި ދެއްވުމެވެ. އިސްލާމިކް ބޭންކުގެ ލޯނު އެހީގެ ދަށުން އެތައް ސަތޭކަ އިންޖީނު ގެނެސް އިއްލާން ކުރެއްވީ އައްޑޫ އާއި އެކު ކަރަންޓު "ޔަގީން"ވީ ކަމަށެވެ. ނަމަވެސް ކަރަންޓު ކެނޑުމަކަށް ބަދަލެއް ނުގެނެވުނެވެ. ޔަގީންވީ ވައްކަމާއި ކަރަޕްޝަނެވެ. ފުރުނީ ފެނަކައިގެ އިސްވެރިންގެ ޖީބާއި ބޭންކު އެކައުންޓެވެ.

ޔާމީންގެ ވެރިކަމުގައި އައްޑޫއަށް އެކި ފަހަރު މަތިން 4 ޖަނަރޭޓަރު ސެޓު ގެނެވުނެވެ. އޭގެ ތެރޭގައި 2 މެގަވޯޓުގެ ދެ ޖެން ސެޓު ހިމެނެއެވެ. މިއަދުވެސް "ކަރަޕްޝަންގެ މޮނިއުމެންޓެއްގެ" ގޮތުގައި އެ ޖަނަރޭޓަރު ސެޓު އެހެރީ މަރުކަޒީ އިންޖީނުގޭގައި ފެންނާށެވެ. ޗައިނާއިން ގެނައި މި ދެ ޖަނަރޭޓަރު ސެޓު އުފެއްދި ކުންފުންޏެއް ސްޕެއާއެއް އެނގޭ މީހަކު ނެތެވެ. އެކަން އެނގެންޏާ އެނގެނީ ފެނަކައިގެ އެންމެ އިސް ފަރާތްތަކަށެވެ. އެތަކެތި މިއަދު އެވަނީ ބޭނުން ނުކުރެވޭ ބާ ދަގަނޑަށްވެފައެވެ.

ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވިފަހުން 9 މަސް ވެގެންދާއިރު އަދިވެސް ކަރަންޓު ކެނޑުމަށް ބަދަލެއް ނުގެނެވެއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް 3 ޖަނަރޭޓަރު ގެނެސްފިއެވެ. ތަނުގައި ޖުމްލަ 18 އިންޖީނު މިހާރު ވަނީ ބެހެއްޓިފައެވެ. ނަމަވެސް އައްޑޫއަށް ބޭނުންވާ 7 މެގަވޯޓު ކަރަންޓު އުފެއްދޭނެ ޔަގީންކަމެއް ނެތެވެ.

އައްޑޫގެ ކަރަންޓާއި ގުޅޭ ގޮތުން ހުރިހާ ސަރުކާރުންވެސް ދައްކަނީ ހުސް ވާހަކަތަކެވެ. މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑެއް އިވެނީ ކަރަންޓު ކެނޑިގެން ޕްރެޝަރު ބޮޑުވާ ވަގުތު އެކަނިއެވެ. އެފަދަ ދަނޑިވަޅުގައި މޮޅެތި ޕްލޭންތައް ހުރި ވާހަކަ އާއި މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އިވެއެވެ. ނަމަވެސް އިންޖީނެއް ގެނެސް ވަގުތީ ހައްލެއް ލިބުމާއި އެކު ޕްލޭންގެ ވާހަކަ ކެނޑި އަޑު މަޑުވެއެވެ. އެއްވެސް ކަމެއްގެ އަމަލީ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ދޭތެރެއަކުން ފެންނަނީ އެމްޑީ، ޑީއެމްޑީ ފަދަ ބޭފުޅުން ވަޑައިގެން ކާރުކޮޅުގައި ފިނި ބުރު ޖެހާލުމަށްފަހު ފުރާ ވަޑައިގަންނަވާ މަންޒަރެވެ.