ދެމީހުން ވާހަކައިގައި ތިއްބާ ވަރަށް ގަދަޔަށް ވިދާލުމާއެކު ބާރު ގުގުރިއެއް ޖަހައިފިއެވެ. އެއާއެކު ގަތްބިރުން ޝައުންއަށް ފުންމައިގެން ތެދުވެ އާއިންގެ އުނގުތެރެއަށް ވަދެވުނެވެ. އާއިން ނުވިސްނާއިނުމުން ސިހިފައި އަތުގައި އޮތްފޯނުވެސް ދޫވިއެވެ. އާއިންގެ މޭގައި މޫނު ފޮރުވައިގެން އިންއިރު، ޝައުންގެ ނޭވާގެ ހޫނުކަން އާއިންއަށް އިހުސާސްވަމުން ދިޔައެވެ. ޝައުން އެހާގާތުގައި ވުމުން އާއިންގެ ހިތުގެ ތެޅުމަށް ބަދަލުއަންނަމުން ދިޔައެވެ. ޚުދު ޝައުންއަށްވެސް އެހިތުގެ އަޑުއިވޭނެކަން ގައިމެވެ. ދެމީހުންގެ އެކަކުވެސް ހަރަކާތެއް ނުކޮށް އެތިބިގޮތަށް އިރުކޮޅަކު ތިބުމަށްފަހު، އާއިން ޝައުންގެ ގައިގާ ދެއަތުން ވަށާލުމަށްފަހު ޝައުންއަށް އެއަތުގެ ހިމާޔަތްދިނެވެ. ޝައުން ކުރިޔަށްވުރެވެސް ބޮޑަށް އާއިންގެ އަތުތެރޭގައި ބޮނޑިވެލިއެވެ.
" އަދިވެސް ބިރުގަނޭތަ؟…" އެއްވެސް ހަރަކާތެއް ނުކޮށް މަޑުމަޑުން ޝައުން އޮތުމުން އާއިން އެހިއެވެ. ޖަވާބުގައި ޝައުން ދެފަރާތަށް ބޯހޫރާލިއެވެ.
" އަހަރެން ދިޔައީމަ އެކަނި ނިދަން ކެރޭނެތަ؟…" އާއިން އަނެއްކާވެސް އެހިއެވެ.
" ނުކެރޭނެ…" ޝައުން މަޑުމަޑުން ޖަވާބުދިނެވެ.
" އެހެންވީމަ މާދަމާ އަހަރެން މަޑުކުރަންވީތަ؟…" ޝައުން ބުނާ އެއްޗެއް ބަލާލުމަށް އާއިން އެހިއެވެ. އާއިން ބޭނުން ޝައުންގެ ދުލުން އޭނާ މަޑުކުރުމަށް ބުނާށެވެ.
" އާން ބޭނުމިއްޔާ މަޑުކުރިޔަސް އޯކޭ…" އިރުކޮޅަކު ވިސްނާލުމަށްފަހު ޝައުން ބުނެލިއެވެ.
" އަހަރެން ބޭނުމިއްޔާތަ؟…ޝައުން ބޭނުމެއްނޫންތަ؟…" އާއިން ބޭނުންވީ ޝައުން އޭނާ މަޑުކުރުވަން ބޭނުންތޯ ޔަޤީން ކުރުމަށެވެ. އެސުވާލަށް ޖަބާވުދޭން ޝައުން ބޭނުންވީނަމަވެސް އޭނާ ހިމޭންކަން ޚިޔާރުކުރިއެވެ. އޭނާ ނުބުނަނީސް އާއިންއަށް ވިސްނިގެން މަޑުކުރޭތޯ ބަލަން އޭނާވެސް ބޭނުންވިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިތުގެ ހާލު ވިސްނޭތީ ނުބުނެ މަޑުކުރަނީއެވެ. އެހާގާތުގައި ތިބިއިރުވެސް ދެހިތުގެބޭނުން އެކަކު އަނެކަކަށް ހިއްސާކުރާކަށް ބޭނުމެއް ނުވެއެވެ. އެދެމެދުގައިވާ ހުރަސް ނެތިކޮށްލަން ބޭނުންވީ ނަމަވެސް އިސްވެ އެކަން ކުރާކަށް އެކަކުވެސް ބޭނުން ނުވާފަދައެވެ.
ހަމަހިމޭންކަން ދިގުލައި ދިޔަދިޔަހެން ދެހިތުގެ ތެޅުންވެސް އިތުރުވަމުން ދިޔައެވެ. ރޭގެ ފިނިކަމާއެކު އެކަކު އަނެކެއްގެ ހޫނުން ހީފިލުވަން އިންތިހާއަށް ބޭނުންވެފައިތިބި ނަމަވެސް އެކަން ސިއްރުކޮށްގެން އިހުސާސްތައް އޮއްބާލައިގެން ހިމޭންކަމާއެކު ދެމީހުން ތިއްބައި ރޭދެބައި ވެއްޖެއެވެ. މެންދަމުން އަލިވެ ދޭއްވެސް ޖެހިފަހުން ވާރޭ ތުނިކޮށްލައިފިއެވެ. އަދި ވިދާގުގުރުންވެސް އެއްކޮށް މަޑުވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ކުޑަކޮށް ވިދާލިނަމަވެސް ގުގުރުމުގެ އެއްވެސް އަސަރެއް ނެތެވެ. އާއިންގެ އަތުތެރޭގައި ބޮނޑިވެގެން އޮތް ޝައުންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އޭނާ ކުޑަކޮށް މޫނު ހިއްލައި ބަލާލިއިރު އާއިން އޮތީ ލޯމަރައިގެންނެވެ. ހީވާގޮތުން އާއިންއަށް ނިދުނީއެވެ.
" އާންއަށް އެހާފަސޭހައިން ނިދުނުއިރު އަހަރެންނަށް ކީއްވެ ނުނިދިގެން މިއުޅެނީ؟…" ހިތާހިތުން ޝައުން ސުވާލުކުރިއެވެ. އާއިން ނިދީތޯ ޔަޤީންކުރުމުގެ ގޮތުން ޝައުން ތެދުވިއެވެ. އެވަގުތު އާއިން މަޑުމަޑުމަލުން ލޯހުޅުވާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު، އާއިންގެ ލޮލުގައިވީ އަސަރެއްގެ ސަބަބުން ޝައުންގެ ހިތަށް ގޮތެއްވެގެން ދިޔައެވެ.
" ނިދިނައީތަ؟…" މޯޅިއަކަށް ދެމިލަމުން އާދައިގެ ގޮތަކަށް އާއިން އެހިއެވެ.
" ހޫމް…" ޖަވާބުގައި ޝައުން ބުނެލިއެވެ.
" އާދޭ އޮށޯއްނަން ނިދޭތޯ" ޝައުންގެ އަތުގައި ހިފައި ގާތަށް ދަމާލުމަށްފަހު އާއިންގެ މޭގައި ލައްކޮށްލިއެވެ. އާއިންގެ އެގާތްކަމުން ޝައުންގެ ހިތަށް ތަފާތު އުފާވެރިކަމެއް ލިބުނެވެ.
" ކީއްވެ ނުނިދިގެން ތިއުޅެނީ؟….ބަނޑުހައިވަނީތަ؟…" ޝައުންއަށް ނުނިދިގެން އުޅޭ ސަބަބެއް ހޯދުމަށް އާއިން ބޭނުންވިއެވެ. އެސުވާލުގެ ޖަބާވުގައި ޝައުން ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާއަށް ނުނިދިގެން އުޅެނީ އާއިން އޭނާގެ ގާތުގައި އޮތުމުންނެވެ. އެއަތުގެ ހިމާޔަތް ލިބުމުގެ ސަބަބުން އޭނާގެ ޖިސްމުގެ ކަރުހިއްކުން އިތުރުވަނީއެވެ. އެއަތުގެ ފިރުމުންތަކަށް ބޭނުންވަނީއެވެ. އެހަށިގަނޑުގެ ހޫނުކަމުން ހީފިލުވަން ބޭނުންވަނީއެވެ. އޭނާ ނުވިސްނަން އުޅުނުނަމަވެސް އޭނާގެ ހިތުގެ ލަގަން ދޫވަމުންދަނީއެވެ. މިހުރިހާ ދުވަހު އޭނާ އާއިންއާ ދުރުގައި ކެތްކޮށްފިއެވެ. ނަމަވެސް މިފަދަ އެކަހެރި މާހައުލެއްގައި އާއިންއާ އެހާގާތުގައި ވެވުމުން އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އާއިން ކެތްކުރި ނަމަވެސް އޭނާގެ ނަފްސު އޮޔާބެހެމުން ދަނީއެވެ. ހަމައެންމެ ފަހަރަކުނަމަވެސް އާއިންގެ ފަރާތުން ލޯބިލިބުމަށް އެދެވެނީއެވެ.
ދެލޯމަރައިގެން އޮތްއިރު އޭނާގެ ހިތަށް ވެރިވަމުންދާ ޚިޔާލުތަކުގެ ސަބަބުން ކެތްކުރަން އުނދަގޫވެގެން އޭނާއަށް އާހެއް ބޭރުކޮށްލެވުނެވެ. އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތްކުރަނިކޮށްވެސް ދެލޯފެންކަޅި ވެއްޖެއެވެ. އެންމެ ލޯބިވާމީހާ އެހާގާތުގައިވީއިރުވެސް އެލޯބި ލިބެންނެތްކަން އެނގުމުން، އޭނާގެ ހިތަށް ތަދުވެ އަރުތެރެ ބެދޭގޮތްވިއެވެ. އެލޯތްބަށް ކަރުހިއްކައިގެންފައި މުޅިއުމުރު ހުރިނަމަވެސް އެލޯބީގެ ކުޑަމިންވަރެއްވެސް އޭނާއަށް ލިބެންނެތީ ހެއްޔެވެ؟ އެހުރިހާ ވަގުތު އެއުނގުތެރޭގައި އޮތުމުންވެސް އެއަތުން ލޯބިން ފިރުމާވެސް ނުލީނޫން ހެއްޔެވެ؟ އެހިތަށް ހަމަ ކުޑަކޮށްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ ޝައުންގެ އެސްފިޔަތަކުގެ ތެރެއިން ފޫދިގެން ކަރުނަތިކިތައް ފައިބަން ފެށުމުން އޭނާ އަވަސްއަވަހަށް ލޯފުހެލިއެވެ. އަދި އޭނާއަށް ރޮވިދާނެހެން ހީވުމުން އާއިންގެ އަތުތެރެއިން ނުކުތެވެ.
" ކިހިނެއްވީ؟" ޝައުންގެ އެހަރަކާތުން ސިހިފައި އާއިން އެހިއެވެ.
" ފާޚާނާއަށް…" އެހެންބުނުމަށްފަހު ޝައުން އަވަސް އަވަހަށް ގޮސް ފާޚާނާއަށްވަނެވެ.
ޝައުންއަށް ކުއްލިއަކަށް ވީގޮތެއް ނޭނގިފައި ހައިރާންކަމެއްގައި އާއިން އިނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލަމުން އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ވިސްނުމެއްގެ ތެރެއަށް ހިތްދޫކޮށްލިއެވެ. ޝައުން އުނގުތެރޭގައި ބައިންދައިގެން ހަރަކާތެއް ނުކޮށްއިން ނަމަވެސް އޭނާގެ ހިތަށްވެސް ކެތްވަނީއެއް ނޫނެވެ. ލޯބިން އޭނާގެ އަތުތެރޭގައި ޝައުން ބޮނޑިކޮށްލައި ލޯބިކޮށްލަން ތަކުރާރުކޮށް އޭނާގެ ހިތްގޮވަމުން ދިޔައެވެ. ނަމަވެސް ޝައުންގެ ނުރުހުމުގައި އޭނާ އެފަދަ އެއްވެސް އަމަލެއް ނުކުރާނެއެވެ. އޭނާގެ ސަބަބުން ކުޑަނަމަވެސް ކޫރުމެއް އެމައުސޫމު ހިތުގައި އެޅޭކަށް އޭނާ ނޭދެއެވެ.
އާއިން ލޯމަރައިގެން އިންނަތާ އެތައް އިރެއްވީއިރުވެސް ޝައުންގެ ޚަބަރެއްނުވިއެވެ. އެހެންކަމުން އޭނަ މަޑުމަޑުން އެނދުން ފައިބައިގެން ގޮސް ޝައުންއަށް ގޮވިއެވެ. ދެތިން ފަހަރަކު ގޮވާލުމުން ޝައުން ފާޚާނާއިގެ ދޮރުހުޅުވިއެވެ.
" އަހަރެން ހީކުރީ ނިދީކަމަށް….އަނެއްކާ ކަމެއް ގޯސްވީތަ؟…" ޝައުން އިސްޖަހައިގެން ހުރުމުން އާއިންއަށް ޝައްކެއްވެގެން އެހިއެވެ.
" ނޫން…އާންދެންދޭ ކޮޓަރިއަށް އަހަރެން ނިދިއައިސްފި…" އާއިންއާ ދިމާބަލާވެސް ނުލާހުރެ ޝައުން ބުނެލިއެވެ. އާއިން ޖަވާބެއްނުދީ ޝައުންއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ކޮޓަރިން ނުކުތެވެ. ކުއްލިއަކަށް ޝައުންއަށް އެއައި ބަދަލެއްގެ އަސްލެއް ނޭނގިހުރެ އާއިން އައިސް އޭނާގެ ކޮޓަރިއަށްވަނެވެ.
އާއިން ދިއުމުން ޝައުން ކޮޓަރި ތަޅުލުމަށްފަހު އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިއޮވެ ރޯންފެށިއެވެ. އާއިންއަށް އޭނާގެ އިހުސާސްތައް ނުވިސްނުނީތީ ހިތާހިތާ ޝަކުވާކުރިއެވެ. އާއިންދެކެ އޭނާއަށް އެހާބޮޑަށް ލޯބިވެވުނީތީ އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވުނެވެ.
" ކީއްވެ އަހަރެންނަށް އާން މަތިން ހަނދާން ނައްތާ ނުލެވެނީ؟…ކީއްވެ އެލޯތްބަށް އެދެވެނީ؟….ކީއްވެ؟ ކީއްވެ؟…" ރޮއެ ރޮއެފައި ހިތާއި ޝަކުވާކުރަމުން ދަނިކޮށް ދޮރުގައި ޓަކިދޭއަޑު އިވުނެވެ. ޝައުން ރުއިން ހުއްޓާލުމަށްފަހު ބޯހިއްލާލިއެވެ. ތަކުރާރުކޮށް ދެތިންފަހަރު ދޮރުގައި ޓަކިދިނުމަށް އޭނާ އަވަސް އަވަހަށް ކަރުނަތައް ފުހެލަމުން ތެދުވިއެވެ. ދޮރު ހުޅުވާނީތޯ ނުވަތަ ނޫންތޯ ހިތާ ހުއްޓައި އާއިން އޭނާއަށް ގޮވަން ފެށިއެވެ.
" ޝައުން ދޮރުހުޅުވާލަބަލަ!….އަހަރެންގެ ފޯނު ބަލައޭ މިއައީ…" އާއިން އެހެން ބުނުމުން ޝައުން އެނދުމަތި ހޯދާލިއިރު ފޯނުއޮތެވެ. ޝައުން ފޯނު ހިފައިގެން ގޮސް ކުޑަކުޑަކޮށް ދޮރުހުޅުވާލާފައި ދިއްކޮށްލިއެވެ. ޝައުންގެ އެހަރަކާތުން އާއިން އެތެރެއަށް ވައްދަން ބޭނުންނުވީކަން އާއިންއަށް އެނގުނެވެ. އާއިން ފޯނުގައި ހިފުމާއެކު ޝައުން ދޮރުލައްޕަން އަވަސްވެގަތެވެ. އެވަގުތު އާއިން ދޮރުގައި ހިފައި ކުޑަކޮށް އެތެރެއަށް ކޮއްޕާލުމުން ޝައުންއަށް ފަހަތަށް ޖެހިލެވުނެވެ. އަދި ދޮރުފަތުން އަތްދޫކޮށްލާފައި އަވަސް އަވަހަށް އެނދާދިމާއަށް ހިނގައިގަތެވެ. އާއިން އެތެރެއަށް ވަނުމަށްފަހު ދޮރުލެއްޕިއެވެ. ޝައުންއަށް ކަމެއް ވެއްޖެކަން އޭނާއަށް އެނގޭތީ އޭނާ އައީވެސް އެވީގޮތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.
" ޝައުން…ޝައުން ނުރުހޭފަދަ ކަމެއް ކުރެވިފަވާނަމަ މާފަށް އެދެން…އެއްވެސް ހާލެއްގަ ގަސްތުގަ އަހަރެން އެފަދަކަމެއް ނުކުރަން….ޝައުން ބިރުން އުޅުނީތީ މިތާ މަޑުކުރީވެސް…." އާއިން ހީކުރީ ޝައުންއާ މާބޮޑަށް ގާތްވެވުނީތީ އެކަމާ ޝައުން ނުރުހުނީ ކަމުގައެވެ.
" އާން މާފަށް އެދެން ޖެހޭވަރުގެ ކަމެއްނުވޭ…." ކުރެހިފައިވާ އަޑަކުން ޝައުން ބުނެލިއެވެ. ޝައުންގެ އަޑުހުރިގޮތުން އޭނާ ރޮއެފައިވާކަން އާއިންއަށް އެނގުނެވެ. އާއިންއަށް ފުރަގަސްދީގެން އެނދުގައި އިން ޝައުންގެ ގާތަށް އޭނާ ދިޔައެވެ. އަދި ދާދިގާތުގައި އިށީނެވެ.
" ދެން ކީއްވެ ތިރޮނީ؟…ޝައުން ތިގޮތަށް ސިއްރު ސިއްރުން ހިތާމަކުރީމަ އަހަރެން ދެރަވާވަރު އެނގޭތަ؟…އަހަރެން ކިހިނެއް ޔަޤީންކޮށްދޭނީ ޝައުންއާމެދު އަހަރެން ކަންބޮޑުވާވަރު….އަހަރެން ހިތަށްއަރާ ކޮންދުވަހަކުން ބާއޭ ޝައުން އަހަރެންނަށް މާފުކުރާނީ….އަހަރެންގެ ވާހަކަތައް ގަބޫލުކުރާނީ….އަހަރެން ކިހިނެއް ކަންތައް ކުރިއްޔާތަ އަހަރެންނަށް ކުރީގެ އުފާވެރި ޝައުން އަނބުރާ ލިބޭނީ…ބުނެދީބަލަ؟…" ޝައުންގެ ކޮނޑުގައިހިފައި އާއިންއާ ވީދިމާއަށް އަނބުރާލަމުން އަސަރާއެކު އޭނާ ބުންޏެވެ. އެވަގުތު ޝައުންގެ ކަރުނައިން ފުރިފައިވީ ދެލޯފެނިފައި އޭނާގެ ހިތަށް އަސަރުކުރިއެވެ.
" ޕްލީޒް….ތިގޮތަށް ނުރޮއެބަލަ! ތިރޯ ސަބަބެއް އަހަރެންނާ ހިއްސާ ނުކުރެވޭނެތަ؟…އަހަރެން މީ އަދިވެސް ޝައުންގެ ބެސްޓް ބަޑީއެއްނު….އަބަދުވެސް ޝައުންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ އަހަރެން ހުންނާނެ….ގަބޫލުކުރަން އަހަރެން ޝައުން އެކަނިކޮށްލިންކަން….ގަބޫލުކުރަން ޝައުންގެ ހާލުބަލާނުލާވެސް އުޅުނިންކަން….އޭރު އެގޮތަށް ކަންތައްކުރެވުނީ ހިތުގަ އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން….ދެމީހުންގެ މެދުގާ ގޯސްގުޅުމެއް އުފެދިދާނެ ކަމުގެ ބިރުހީވުމުން….އެކަމު މިހާރު އެފަދަ އެއްވެސް ބިރުވެރިކަމެއްނެތް….ދެން ކީއްވެ މިހާރު އަހަރެން ތިހާ ދުރުކޮށްލީ؟…ކުރީގަ ހުރިހާކަމެއް އަހަރެންނާ ހިއްސާކުރާއިރު، މިހާރު ހަމަ އެއްވެސްކަމެއް އަހަރެންނާ ހިއްސާ ނުކުރަނީ ކީއްވެ؟…އެހާބޮޑަށް އަހަރެން ދުރުހިލޭކޮށްލީ ކީއްވެ؟…" އާއިން ޝަކުވާކުރަމުން ދިޔައިރު، ޝައުންއަށް ގިސްލާ ރޮވެމުން ދިޔައެވެ. އާއިން އެކުރަމުންދާ ޝަކުވާއަށްވުރެ އޭނާގެ ހިތުގައިވާ ޝަކުވާ ގިނައެވެ.
" އާން އަށް މިއަދުތަ އިހުސާސް ކުރެވުނީ އަހަރެން ދުރުވިކަން….މިއަދުތަ އިހުސާސް ކުރެވުނީ އަހަރެން އެކަނިވެރިވިކަން….މިއަދުތަ އިހުސާސް ކުރެވުނީ އަހަރެން ހިތާމަކުރާކަން….މިގޮތުގަ އަހަރެން އުޅޭތާ ހަތަރު އަހަރުވަނީ…..އަހަރެންމީ މިހާރު އާންގެ ކުރީގެ ޝައުންއެއްނޫން….އަހަރެންނަކީ އެއްވެސް މީހެއްގެ މީހެއްނޫން….އާންދޭ މިތަނުން…އަހަރެން ބޭނުމީ އެކަނިވާން…" އާއިންގެ އަތް ފޮޅާލަމުން ޝައުން އާއިންއާ ދުރަށް ޖެހިލިއެވެ.
" އެކަމު އަހަރެން ބޭނުމެއްނޫން ޝައުން އެކަނިކުރާކަށް….ފިރިއެއްގެ ދަރަޖަ ނުދެވެންޏާ ކުޑަމިނުން އެކުވެރިއެއްގެ މަގާމު ދެވޭނެއްނު….އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން…އަހަރެންދެކެ ރުޅިން ނުހުރެބަލަ…އަހަރެންދެކެ ޝައުންވީ ލޯތްބަށްޓަކާވެސް ތިގޮތަށް އަހަރެން ދުރުކޮށްނުލާބަލަ!…" އާއިން އާދޭހާއެކު ބުނަމުން ދިޔައެވެ.
" އަހަރެން އާން ދެކެ ލޯބިވުމުގެ ސަޒާމީ….އަހަރެން ހީކުރިން އާންވެސް އަހަރެންދެކެ ލޯބިވީކަމަށް….އަހަރެން ހީކުރީ މުޅި ދުނިޔެއިންވެސް އާންކަމަށް އަހަރެންދެކެ އެންމެ ލޯބިވާނީ….އެކަމު އަހަރެންނަށް ކުރެވުނީ ކުށްހީއެއް….އާން ލޯބިވީ ހަމައެކަނި ނާޒްދެކެ…އާން އަހަރެންނަށް ވަނީ ހަމްދަރުދީ އެކަނި….އަހަރެންނާ ކައިވެނިކުރީވެސް ހަމްދަރުދީވެގެން….އެކަމު އެހެންމީހުން ގާތުގަބުނީ އަހަރެންދެކެ ލޯބިވަމޭ….އެންމެން ހީކުރަނީވެސް އެހެން….އެމީހުން އެހާ އުފަލުން އެތިބީވެސް އެހެންވެ….އެކަމު ދެން އެމީހުންނަށްވެސް ހަގީގަތް އެނގޭކަށް ގިނަދުވަހެއްނެތް….އެދުވަހަކުން އެމީހުނަށް ދޭނެ ޖަވާބެއް އާން ހޯދާ…" ޝައުންގެ ވާހަކަތަކުގައި އެކުލެވިގެންވީ ހިތާމައާއި ނުރުހުމެ އަސަރުން ހިނދުކޮޅަކަށް ހިމޭންވާން އާއިންއަށް މަޖުބޫރުވިއެވެ.
" އަހަރެން ކިހިނެއް ޔަޤީން ކޮށްދޭނީ އަހަރެންވެސް ޝައުންދެކެ ލޯބިވާކަން….އަހަރެން ނާޒްދެކެ އެކަނި ލޯބިވާނަމަ ކީއްވެ ޝައުންއާ ދުރުގަ ނުހުރެވެނީ؟….ކީއްވެ ޝައުން ދެރަވީމަ އަހަރެންގެ ހިތަށް ތަދުވަނީ؟…ބުނެބަލަ! އެއީ ހަމައެކަނި ހަމްދަރުދީނަމަ ޝައުން ގާތްވީމަ ކީއްވެ އަހަރެންގެ ހިތުގެ ތެޅުން އަވަސްވަނީ….އެއީވެސް ހަމްދަރުދީގެ އަސަރުތަ؟…" ޝައުންއާ ގާތްވެލަމުން އާއިން ފަހުން ބުނެލި ޖުމްލައިން ޝައުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
" އެއީ ކީއްވެކަން އެނގޭނީ އާންއަށް….އެކަމު އަހަރެންނަށް އެނގޭ އެއްޗަކީ އާން ދުވަހަކުވެސް އަހަރެންދެކެ ލޯބިނުވާކަން…ލޯބިވާނަމަ ނާޒްގާތު ނުބުނާނެ އަހަރެންނާ ކައިވެނިކުރަނީ ވަގުތީގޮތުންނެކޭ….ހުރިހާ އެންމެން ގާތުގެ އެހެން ވާހަކައެއް ބުނެފަ ނާޒްގާތު ބުނީ މުޅިން އެހެން އެއްޗެއް….އަހަރެންގާތު ލޯބިވެޔޭ ބުނެފަ ނާޒްގާތު އެފަދަ ލަފްޒެއްވެސް ނުބުނޭ….ކީއްވެ؟…ކީއްވެ ލޯބިވާނަމަ ތެދު ހާމަކުރަން ނުކެރޭންވީ؟…ދެން ބުނެބަލަ ކިހިނެއް އަހަރެން ގަބޫލުކުރާނީ އާން އަހަރެންނާ އިނީ ދިރިއުޅެންކަމަށް….ފަހަރެއްގަ ވެދާނެ އަހަރެންގެ ބޭނުން ކޮށްލަން ކަމަށްވެސް….އަހަރެންދެކެ ލޯބިނުވިޔަސް އަހަރެންނާ ކައިރިވީމަ ކޮންމެމީހަކަށްވެސް ގޮތެއްވުން އެކަށީގެންވޭ…." ޝައުންގެ ވާހަކަތަކުން އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ. ޝައުން އޭނާއާމެދު އެހާ ދަށުދަރަޖައިގެ ވިސްނުމެއް ގެންގުޅުނީތީ އޭނާ ދެރަވިއެވެ. އޭނާ ހިތްހަމަ ނުޖެހުނުވަރުން ޝައުންގެ އަތުގައި ހިފައި ލަތްކެއް ޖަހަމުން އޭނާގެ ގާތަށް ދަމާލިއެވެ. އެވަގުތު ސިހިފައި ޝައުންއަށް އާއިންގެ މޫނަށް ބަލާލެވުނެވެ.
" އަހަރެން ބޭނުންނަމަ ބޭނުން ކޮށްމެ ކަމެއްކުރެވިދާނެ މިހާރުވެސް….އެކަމު ކީއްވެގެންކަން އެނގޭތަ އަހަރެން މިކެތްކުރަނީ؟…އަހަރެން ބޭނުންނުވަނީ ތިހިތަށް އަނިޔާދޭން….މިހާރު ތިހުރީ އަހަރެންގެ އަންބެއްގެ މަގާމުގަ، އަހަރެން ކޮންމެ ކަމެއްކުރިޔަސް މަނާކުރާނެ މީހަކުވެސް ނޫޅޭނެ…ތިޒުވާންކަމާ ރީތިކަން އަހަރެންނަށް ފެނުނީ މިޔަދަކުނޫން….މީގެ އެތައްދުވަހެއްކުރިންވެސް މިއަށްވުރެ ގާތުން ފެނުނު…އޭރުވެސް އަހަރެން ބޭނުންވިނަމަ ތިކުއްޖާހުރީހީ އަހަރެންގެ މުށުތެރޭގަ….ހަނދާންވޭތަ އެދުވަސްތައް…ހަނދާންނުވަންޏާ ހަނދާންކޮށްދޭންތަ އަހަރެން އުނގުތެރޭގަ ބިރެއްނެތި ހޭދަކުރި ދުވަސްތައް….އަހަރެންނަކީ ތިބުނާހާ ދަށުދަރަޖައިގެ މީހެއްނަމަ ކީއްވެ އޭރު ކަމެއްނުކުރީ….ކައިވެންޏެއްކޮށް ހަލާލު އަނތްބަކު ލިބުނީމަ ދެންތަ އަހަރެން ޝައުންގެ ބޭނުންކުރަން ވިސްނަންވީ؟…ބުނެބަލަ!…އަހަރެން ކުރިންވެސް ބުނިން އަހަރެންގެ ބޮލުގަ އިލްޒާމު ނާޅުވާށޭ….އަހަރެން ތިއަންހެންކުއްޖާދެކެ ލޯބިނުވާނަމަ ތިބުނާކަހަލަ ކިތަންމެ ކަމެއް އަހަރެން މިހާރު ކޮށްފީމުސް….އަހަރެން ލޯބިވާތީ މަޑުން މިހުންނަނީ….ހަގީގަތަށް ބުނާނަމަ ނާޒްއަށްވުރެވެސް ބޮޑަށް އަހަރެން ތިއަންހެން ކުއްޖާދެކެ ލޯބިވޭ….ކުޑައިރުގެ ލޯތްބާ ޒުވާންކަމުގަ ލޯތްބާ ދެލޯބި އަހަރެންވޭ….އެކަމު ތި ގޮތްދޫނުކުރާ ބޯހަރު އަންހެން ކުއްޖާއަށް ދުވަހަކުވެސް ނުވިސްނޭނެ އެކަމެއް….އަޑުއަހާ އަހަރެން މިބުނަނީ ފާޅުގަ އަހަރެން ލޯބިވެޔޭ…އަދިވެސް ބުނާނަން…ދުވަހަކު ގަބޫލު ނުކުރިޔަސް ބުނާނަން…އަހަރެން ލޯބިވޭ ޝައުންދެކެ….ކުޑައިރުން ފެށިގެން މިހާތަނަށްވެސް އެންމެގިނަ ވަގުތު އެކީގަ ހޭދަކުރި އިންސާނަކީ ތީ…ތިއަންހެންކުއްޖާގެ ކޮންމެ އަދާއެއްވެސް އަހަރެންނަށް ކަމުދޭ…ވިހި އަހަރުވާންދެން އެކީގައި އުޅެވުމުން ތިކުއްޖާއަށް އަހަރެންގެ ހިތުން އެހެން އެއްވެސް މީހަކަށް ނުދެވޭހާ ޚާއްސަ މަޤާމެއް ދެވުނު…ދުވަހަކުވެސް ދެމީހުން ދުރުވާން ޖެހޭނެ ކަމުގަ އަހަރެން ހީއެއްނުކުރަން…އަދި އަހަރެންނަށް އަބަދުވެސް ގަބޫލުކުރެވެމުން އައީ ތިއީ އަހަރެންގެ މީހެއްގެ ގޮތުގަ….ދުވަހަކުވެސް ގެއްލިދާނެކަމުގެ ބިރުނެތީތީ ހާސިލްކުރަން އޭރު ނުވިސްނުނީ….ނޭނގުނު ނަމަވެސް ކުރިންވެސް އަހަރެންގެ ހިތުގަ ޝައުންއަށްޓަކާ ވަރަށް ވަރުގަދަ ލޯތްބެއް އޮތް……އެކަމު ހަގީގަތަކީ އޭރުވެސް ދެމީހުންގެ ހިތުގަވެސް އުފެދިވަނީ އާއިލީ ލޯތްބެއްނޫން…އެއަށް ނަމެއްދޭން ނޭނގޭފަދަ ގުޅުމެއް ދެމީހުންގެ މެދުގަވެސް އޮތީ…. ދެމީހުންގެ މެދުގަ އޮތް އާއިލީ ގާތްކަމެއްގެ ސަބަބުން، ހިތުގަ އޮތް ލޯތްބަށް އިތުރު ނަމެއްދޭން ނޭނގުނީ…ލޯބިނުވާތީކީނޫން…" ހިނދުކޮޅަކަށް އާއިން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ.
" ނާޒްއާ އިންއިރުވެސް ޝައުން ގެއްލިދާނެ ކަމުގެ ބިރެއް އަހަރެންގެ ނެތް…އޭރު އަހަރެން ބޭނުންވީ ޝައުންއާ ދުރަށްދާން…ހަމައެކަނި އާއިލާގެ ހައްޤުގަ….ވެދާނެ ބަދުނާމަކުން ސަލާމަތްވުމަށްޓަކާ…. އެކަމު ފުރަތަމަ ފަހަރަށް ޝައުން ގެއްލިދާނެ ކަމުގެ ބިރުހީވީ އެރިކްއާއެކު ފެނުމުން….އެދުވަހު އަހަރެންގެ މަގާމުގަ އެރިކް ހުއްޓާ ފެނުމުން ދެރަވެ ރުޅިވެސް އައި….އެރިކްއާ ނީނދެވޭގޮތްވީމަ އަހަރެން ވަރަށް އުފާވެސްވި…ފަހުން އަހަރެންގެ އަންބަކަށް ހެދީވެސް ލޯބިވާތީ، އުމުރަށްވެސް އަހަރެންގެ ގާތުގަ ބަހައްޓަންވެގެން……ދުވަހަކުވެސް އެހެންމީހެއްގެ ހައްޤަކަށް ވާކަށް އަހަރެން ނޭދެން….ވިޔަކަނުވެސް ދޭނަން….ހީނުކުރާތި އަހަރެން ޝައުން ދޫކޮށްލާނޭ….ކުރިން ވިސްނައިގެން ހުރީ ޝައުން އެދެފިނަމަ ދޫކޮށްލަން…އެކަމު ދެން ހަނދާންކުރާތީ އާދޭސްކުރިޔަސް ވަރިއެއް ނުކުރާނަން….އުމުރަށްވެސް ހުންނަން ޖެހޭނީ އަހަރެންގެ އަނތްބެއްގެ ގޮތުގަ….ޔޫ އާ މައިން….އޮންލީ މައިން…" އާއިން އަޑަށް ބާރުލާފައި އެހެން ބުނުމަށްފަހު އެކޮޓަރިން ނުކުމެގެން ދިޔައެވެ.
އާއިން ދިޔަތާ އިރުކޮޅެއްވީއިރުވެސް ޝައުން އެހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގިފައި ހުއްޓެވެ. އާއިން ފާޅުގައި އޭނާދެކެ ލޯބިވާ ވާހަކަ އެހާ އަސަރާއެކު ބުނުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އަސަރެއް ކުރިއެވެ. ހަގީގަތުގައި އޭނާ އެކަމުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނުއެނގުނެވެ. ނަމަވެސް ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނެވެ. އޭނާ އައިސް އެނދުގައި އޮށޯވެ ވިސްނަމުން ދިޔައެވެ. އާއިން އެބުނަނީ ތެދުކަމުގައި ވަންޏާ އޭނާދެކެ އާއިންވެސް އިންތިހާއަށް ލޯބިވެއެވެ. މުޅި އުމުރަށް އާއިންގެ މީހަކަށްވެގެން ހުންނަން އޭނާވެސް ބޭނުމެވެ. އެހެންނަމަވެސް އެކަން އެގޮތަށް ވާކަށް ނެތެވެ. އާއިންގެ ދިރިއުޅުމާ ދުރަށްދާނެކަމަށް އޭނާވަނީ ނާޒްގާތުގައި ވަޢުދުވެފައެވެ. އެވަޢުދާ ޚިލާފުވެއްޖެނަމަ އޭނާވާނީ ދޮގުވެރިއަކަށެވެ. އަދި އަމުދުންވެސް މިހާރު ފަރަހަނާޒް ހުރި ހާލަތުންވެސް އޭނާއަށް ފަރަހަނާޒަށް ދެރައެއް ދޭކަށް ނުކެރޭނެއެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެގޮތުގައި ވިސްނަން އޮއްވައި އޭނާގެ އިސްފިޔަތައް ބަރުވަމުން ގޮސް އޭނާގެ ދެލޯމެރިއްޖެއެވެ.
އަނެއް ދުވަހު ޝައުންއަށް ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. ނަސީބަކުން އެއީ ބަންދު ދުވަހެއްކަމުން ކުންފުންޏަށްވެސް ދާކަށް ނުޖެހެއެވެ. އޭނާ ތެދުވެ ފެންވަރާލައިގެން ބޭރަށް ނުކުތީ އާއިން ކޮބައިތޯ ބަލާލުމަށެވެ. ބޭރުން އާއިން ފެންނަން ނެތުމުން އޭނާ މަޑުމަޑުން ގޮސް އާއިންގެ ކޮޓަރި ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައެވެ. ގޮވަން ހިތަށްއަރާފައިވެސް ގޮވަން ނުކެރިގެން އޭނާ އެނބުރި ކޮޓަރިއަށް އައެވެ. ބަނޑުހައިވެފައި ހުރުމުން އޭނާ ކާއެއްޗަކަށް އޯޑަރކުރިއެވެ. ގިނައިރުތަކެއްނުވެ ކާއެއްޗެހި އަތުވެއްޖެއެވެ. ބަނޑުހައިވެފައި ހުރުމާއެކުވެސް ކާން ނުފަށައި، އާއިން ނުކުމޭތޯ އޭނާ އިންތިޒާރު ކުރިއެވެ. އެގޮތުގައި އެތައްއިރެއްވީއިރުވެސް އާއިންގެ ޚަބަރެއް ނުވުމުން އޭނާ ކާން ތައްޔާރުވިއެވެ. ހަމަ އެވަގުތު އާއިންގެ ކޮޓަރި ދޮރު ހުޅުވު އަޑުއިވުނެވެ. އޭނާ އައިސް ބަލާލިއިރު އާއިން ނުކުންނަނީއެވެ. ފެންވަރާ ތާޒާވެލައިގެން ހުރިއިރު، އާއިން ފެންނަލެއް ނުހަނު ރީއްޗެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުއްޓުނީ އާއިންގެ އަތުގައިވާ ފޮއްޓަށެވެ.
" އަހަރެން އެކަނި ބަހައްޓާފަ އާން ދަނީތަ؟…" އޭނާގެ ހިތަށް އެސުވާލު އެރިނަމަވެސް ދުލުން ބޭރެއް ނުވިއެވެ.
އާއިން އެއްފަހަރު ޝައުންއަށް ބަލާލާފައި ބަހެއްވެސް ނުބުނެ ފޮށިހިފައިގެން މައިދޮރާ ދިމާއަށް ހިނގައިގަތެވެ. ދުވެފައި ގޮސް އާއިން ހުއްޓުވަން ހިތަށްއެރިނަމަވެސް އޭނާއަށް އެހައި ހިތްވަރެއް ނުލިބުނެވެ. އާއިން އެގޮތަށް އޭނާ ދޫކޮށްލާފައި ގޮސްދާނެކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ. ރޭގައި އަޑަށްބާރުލާފައި އޭނާދެކެ ލޯބިވާކަމަށް ތަކުރާރުކޮށް އިޤުރާރުވެފައި މިއަދު އޭނާ އެކަނި ބީރައްޓެހި ޤައުމަކަށް ދޫކޮށްލާފައި ދާކަށް ޖެހިލުމެއްވެސް ނުވޭ ހެއްޔެވެ؟ ޝައުން ހިތާހިތައި ޝަކުވާކުރަން ހުއްޓައި އާއިން ގޮސް ނިމިއްޖެއެވެ.
ދޮރުން ބޭރަށް ނުކުމެފައި އާއިން މަޑުކޮށްލިއެވެ. ޝައުން އޭނާ ހުއްޓުވަން ނުކުމޭތޯ އޭނާ ބަލަން ބޭނުންވިއެވެ. މިއަދުގެ ދަތުރު އޭނާ ކެންސަލްކޮށްފައިވީ ނަމަވެސް ޝައުން ތަޅުވާލުމަށް އޭނާ ބޭނުންވިއެވެ. އޭނާދެކެ ޝައުން ލޯބިވާނަމަ، އޭނާ ރޭގައި އެވަރަށް އިޤުރާރުވުމުން އެއްވެސް އަސަރެއް ނުކޮށް ނުހުންނާނެކަން ޔަޤީނެވެ. އާއިން ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުންނަތާ އިރުކޮޅެއްނުވެ ދޮރުހުޅުވިއްޖެއެވެ. އާއިން އަވަށް އަވަހަށް ފޮށި ހިފައިގެން ހިނގައިގަތެވެ.
" އާން….ހަމަދަނީތަ؟…" މޮޅިވެރިކަމާއެކު ޝައުން އަހާލިއެވެ.
" ތިހެން އަހަންތަ ތިއައީ؟…" އާއިން ފަސްއެނބުރި ބަލާވެސް ނުލާ އެހުރިގޮތަށް ހުރެ ބުނެލިއެވެ.
" ސޮރީ…އާން އަހަރެންދެކެ ރުޅިއައިސްގެހުރެ ނުދޭބަލަ ޕްލީޒް…." ޝައުން އާދޭހާއެކު ބުންޏެވެ.
" އަހަރެން ރުޅިއައިސްފަ ހުރެގެން ނޫނީ ހިނިއައިސްފަ ހުރެގެން ދިޔަޔަސް ފަރަޤަކީ ކޮބާ؟…." ޝައުންއާ ދިމާއަށް އެނބުރިލަމުން އާއިން އެހިއެވެ.
" އާން ތިދަނީ ރުޅިއައިސްގެންނެއްނު….އަހަރެންނަށް އެނގޭ އާން ތިހުރީ ރުޅިއައިސްގެންކަން…" ޝައުން ދެރަވީވަރުން ރޮވެން ގާތްވެއްޖެއެވެ.
" އަހަރެން ރުޅިއެއްނާދޭ…" އާއިން ސީރިއަސްކަމާއެކު ބުނެލިއެވެ.
" ރުޅިނާންނަމަ ނުދާނެ….އަހަރެން އެކަނި ބަހައްޓާފަ ނުދާނެ…" ޝަކުވާގެ ރާގެއްގައި ޝައުން ބުނެލިއެވެ.
" ޝައުން ބުނީމެއްނު ބޭނުމީ އެކަނިވާށޭ….އެހެންވެ އުނދަގޫ ނުކުރަންވެގެން މިދަނީ…." ކަމެއް ހަނދާންކޮށްދޭފަދަ ގޮތަކަށް އާއިން ބުނެލިއެވެ.
" އެހެންވިއްޔާދޭ….އަހަރެން ހުރެދާނަން އެކަނި…" ކުއްލިއަކަށް ޝައުން ރުޅިއަންނަ ގޮތްވިއެވެ. އަދި އާއިންއަށް ލޯއަޅާލަމުން ދޮރުލައްޕަން ދިމާކޮށްލިއެވެ. ނަމަވެސް އާއިން އެޔަށްވުރެ ހުޝިޔާރެވެ.
" ކިތަންމެ ބޭނުންވިޔަސް މަޑުކުރާށޭވެސް ނުބުނާނަންދޯ….މައްސަލައެއްނެތް އަހަރެން މިދަނީ….މިހާރު އެނގެއެއްނު ރުޅިއައިސްހުރީ ކާކުކަން…" އާއިން އެހެންބުނެފައި ދާން އެނބުރު ވަގުތު ޝައުން އޭނާގެ އަތުގައި ހިފިއެވެ.
" ޕްލީޒް ނުދޭބަލަ!…އަހަރެންނަކަށް ނުކެރޭނެ އެކަނިހުންނާކަށް…" ޝައުން ދެރަވެލާފައި ތުއްތު ކުއްޖަކު ފަދައިން ބުނެލިއެވެ.
" އަސްލުވެސް މަޑުކުރަންވީތަ؟…" ޔަޤީންކޮށްލުމުގެ ގޮތުން އާއިން އެހިއެވެ.
" ހޫމް…" ޝައުން އާއެކޭ ބުނެ ބޯހަލުވާލިއެވެ.
" އެކަމު ޝަރުތެއްގެ މަތިން…." އާއިން ގަދަކޮށްލިއެވެ.
" ކޮން ޝަރުތެއް؟…" ޝައުން އަވަސް އަވަހަށް އެހިއެވެ.
" އަހަރެންނަށް ކިސްއެއްދޭމަތިން މަޑުކުރެވޭނީ…" ލާނެތްގޮތަކަށް ހީލާފައި އާއިން ބުނެލި ޖުމްލައިން ޝައުންގެ ދެލޯބޮޑުވެގެން ދިޔައެވެ. މިފަދަ ސީރިއަސް ވަގުތެއްގައި އާއިން އެފަދަ ސަމާސާއެއް ކޮށްފާނެ ކަމަކަށް އޭނާ ހީއެއްނުކުރެއެވެ.
" އެހެންވީމަ ދާންވީދޯ؟…" ޝައުން ހިމޭނުން ހުންނަން ފެށުމުން އާއިން ޖެއްސުންކޮށްލިއެވެ. ޝައުން އިސްޖަހައިގެން ހުރެފައި އިސްއުފުލާ އާއިންގެ މޫނަށް ބަލާލިއެވެ. އާއިންގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމުން ރަކިވާގޮތްވި ނަމަވެސް ޝައުން އަވަސް ހަރަކާތަކާއެކު އާއިންގެ ތުންފަތުގައި ބޮސްދިނުމަށްފަހު ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. ޝައުންގެ އެހަރަކާތުން އާއިންއަށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނެވެ. އޭނާ ސަމާސާއަކަށް އެހެންބުނިނަމަވެސް ޝައުން އެއާ އެއްގޮތަށް އަމަލުކުރާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ޝައުންގެ ކޮޓަރިއާ ދިމާބަލާލާފައި ހީލަމުން އާއިން ބޭރަށްނުކުމެ ފޮށި ހިފައިގެން އެތެރެއަށް ވަނެވެ.
ބަނޑުހައިވެފައި ހުރުމުން ކޮފީއެއް ހަދާލުމަށްޓަކައި ދިޔައިރު މޭޒުމަތީގައި ކާންތައްޔާރުކޮށްފައި ހުއްޓައި އާއިންއަށް ފެނުނެވެ. ކާއެއްޗެއްސަށް ބަލާލުމުން ޝައުން ނުކާކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އޭނާގޮސް ޝައުންއަށް ގޮވިއެވެ. އެނދުގައި ބަންޑުން އޮތް ޝައުންއަށް އާއިންގެ އަޑުއިވިފައި އަތްފައި ފިނިވިއެވެ. މިހާރު އާއިން އެގޮވަނީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. އާއިން ހުއްޓާނުލައި ގޮވަން ފެށުމުން ޖެހިލުންވެ ހުރެގޮސް ޝައުން ދޮރުހުޅުވިއެވެ.
" ބަނޑުހައިވެސް ނުވަނީތަ؟…ނޫނީ އެންމެ ކިސްއަކުން ބަނޑުވެސް ފުރުނީތަ؟…" ޝައުން ނުކުތުމާއެކު އާއިން ބުނެލިއެވެ. ޝައުން އާއިންއަށް ލޯއަޅާލަމުން ކާމޭޒާދިމާއަށް ހިނގައިގަތެވެ. އާއިންވެސް ހިނިތުންވެހުރެ ޝައުންގެ ފަހަތުން ދިޔައެވެ. ކާންތިބިއިރު ދެމީހުންގެ މެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް އާއިން ދަތުރު ކެންސަލްކުރި ވާހަކަ ބުންޏެވެ. ކައިނިމިގެން ތަށިތައް ނެގުމުން އާއިން ޝައުންއަށް އެހީތެރިވެދިނެއެވެ.
" އަދިވެސް ވިއްސާރަވުން ކުރިޔަށް އޮތީ…." ބެލްކަންޏަށް ނުކުމެ އުޑުމަތި ބަލާލަމުން އާއިން ބުނެލިއެވެ.
" ދާންވާއިރުވެސް މޫސުން ރަނގަޅުވާނެ ކަމެއްނޭނގެ…" ކަންބޮޑުވެފައި ޝައުން ބުނެލިއެވެ.
" ރަނގަޅުވާނެ…އިންޝާ ﷲ…އަބަދުވެސް ރަނގަޅަށް ވިސްނަބަލަ….މާބޮޑަށް ނެގެޓިވްވެފަ މިހާރު ތިހުންނަނީ…." ޝައުންއަށް ބަލާލަމުން އާއިން ބުނެލިއެވެ. އާއިން ހެވިފައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު، އެއީ ރޭގައި އެހާވަރަށް ރުޅިއައިސްގެން އުޅުނު މީހެކޭވެސް ނުބުނާނެއެވެ. އެހާފަސޭހައިން އާއިންގެ މޫޑު ބަދަލުވީ ކީއްވެބާއޭ ޝައުންގެ ހިތަށްއެރިއެވެ.
" އަހަރެން ހީކުރީ އާން އަސްލަށްވެސް ރުޅިއައިސްގެންދަނީކަމަށް…." ސީރިއަސްކަމާއެކު ޝައުން ބުނެލިއެވެ.
" އަހަރެންނަށް ޝައުންދެކެ ރުޅިއައިސްގެން ހުރެވިދާނެހެން ހީވޭތަ؟…." ޝައުންއާ ހަތަރުކަޅި ހަމަކޮށްލަމުން އާއިން އެހިއެވެ. ޖަވާބުގައި ޝައުން ހިނިތުންވެލިއެވެ.
" ދެން ބުނެބަލަ، އަހަރެން ދިޔަނަމަ ކިހިނެއް ހަދާނީ؟" ގަޔާވެފައި އާއިން އެހިއެވެ.
" ކިހިނެއްތަ ހެދޭނީ…ދެން ހުންނާނީނު…." އުއްމީދެއް ނެތްގޮތަކަށް ޝައުން ބުނެލުމުން އާއިންގެ ގާތަށް ހިނިއައެވެ.
" މާނައަކީ އަހަރެން ހުއްޓުވާކަށްވެސް ނޫޅޭނަމޭދޯ….ފޯނެއްނުކުރާނަމޭދޯ…" އާއިން އެހިއެވެ.
" ދެންމެވެސް ހުއްޓުވީމެއްނު….ދެން މިހާރު ސުވާލު ތިކުރަނީ ކީއްވެ؟" ތުންއޫކޮށްލަމުން ޝައުން ބުނެލިއެވެ. ޝައުންގެ އެއަމަލުން އާއިންއަށް ހެވުނެވެ.
ދެމީހުން އެގޮތުގައި ވާހަކަ ދައްކަން ތިއްބައި މެންދުރު ނަމާދުގެ ބަންގި ގޮވުމުން ދެމީހުންވެސް ނަމާދުކުރުމަށް އަވަސްވެގަތެވެ.
****
ހަވީރުގެ ވަގުތެވެ. ވާރޭވެހޭތީ ދާނެ ވަކިތަނެއް ނެތުމުން އާއިންއާއި ޝައުންވެސް ސިޓިންރޫމުގައި ޓީވީ ހުޅުވައިގެން ތިއްބެވެ. އާއިން ޓީވީ ނުބަލާތާ ވީދުވަހެއްވެސް ނޭނގެއެވެ. ޝައުންވެސް ވަރަށް މަދުން ނޫނީ ޓީވީ ބަލައެއް ނޫޅެއެވެ. އޭނާ ފޫހިވެގެން ޓީވީ ހުޅުވާލުމާއެކު ތުރުކީ ސީރީޒަކުން މާމަޖާ މަންޒަރެއް ފެނުމުން ބަލަން އިނދެވުނީއެވެ. އިނގިރޭސިބަހުން ސަބްޓައިޓަލް އަރާތީ ކިޔާ އެއްޗެހި ދޭހަވެއެވެ. އެހެންކަމުން އޭނާ އެއަށް ޝައުޤުވެރިވެގެން އިންދައި އާއިންވެސް އައިސް އޭނާގެ ގާތުގައި އިށީނދެ ބަލަން ފެށިއެވެ. ދެމީހުން ގަޔާވެފައި ބަލަން ތިއްބައި ލޯބީގެ މަންޒަރެއް އައުމުން ޝައުން އަވަސް އަވަހަށް ޗެނަލް ބަދަލުކޮށްލިއެވެ. ޝައުން ލަދުގަތްކަން އެނގުމުން އާއިންއަށް މަޖާވެގެން ޖެއްސުންކޮށްލަން ހިތަށްއެރިއެވެ. އެހެންކަމުން ރިމޯޓް އަތުލާފައި އަނެއްކާވެސް ކުރިން ބެލި ޗެނަލްއަށް ބަދަލުކުރިއެވެ. ދެލޯބިވެރިން ވަރަށްލޯބިން ކިސްކުރާ މަންޒަރު ފެނުމާއެކު ޝައުންގެ އިތުރުން އާއިންއަށްވެސް ގޮތެއްވިއެވެ. އޭނާ އެފަދަ މަންޒަރުތައް ނުބަލާތާ ގިނަދުވަސްތަކެއް ވެފައިވުމުން އެމަންޒަރުބަލަން ޖެހިލުންވިއެވެ. އެއީ ފާފައެކޭ ހިތަށްއެރުމުން އަވަސް އަވަހަށް ޗެނަލް ބަދަލުކޮށްލިއެވެ. ނަމަވެސް އެމަންޒަރު އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ޝައުންވެސް އިނީ އެފަދަ ހާލެއްގައެވެ. ކުރިމަތީގައިހުރި ޓީވީ މަންޒަރުތަކެއް ފެނުނު ނަމަވެސް އެއިން އެއްވެސް އެއްޗެއް ދެމީހުންކުރެ އެކަކަށްވެސް ދޭހައެއްނުވެއެވެ.
އެހެން ތިއްބައި އާއިންގެ ފޯނަށް ކޯލެއް އައުމުން އޭނާ ފޯނު ހިފައިގެން ކޮޓަރިއަށް ދިޔައެވެ. އާއިން ދިއުމުން ޝައުން އަނެއްކާވެސް ކުރިން ބަލަންއިން ސީރީޒް ބަލަންފެށިއެވެ. އޭނާއަށް މާބޮޑަށްވެސް އެސީރީޒް ކަމުގޮސްފިއެވެ. އޭނާއަކީ ވަރަށް ގިނައިން އިނގިރޭސި ސީރީޒްތައް ބަލާއުޅުނު ކުއްޖެއްކަމުން ވަރަށް ފަސޭހައިން ސީރީޒްތަކަށް ހިތްޖެހޭ ގޮތްވެއެވެ. އާއިން ނެތުމުން ހަމަޖެހިލައިގެން އިނދެ ލޯބީގެ މަންޒަރުތައްވެސް އޭނާބެލިއެވެ. އެގޮތުގައި ސީރީސް ބަލަން އިންދައި އޭނައަށް ރޭކާލީ އިރުއޮއްސުމުން އޭނާގެ ފޯނުން މަޣުރިބު ނަމާދުގެ ބަންގިގޮވަން ފެށުމުންނެވެ. އޭނާ ޓީވީ ނިވާލާފައި މޯޅިއަކަށް ދެމިލަމުން ސޯފާއިން ތެދުވިއެވެ. އޭރުވެސް އާއިންވީ ކޮޓަރީގައެވެ. އޭނާ ކޮޓަރިއަށް ގޮސް ނަމާދުކޮށްގެން ނުކުންއިރުވެސް އާއިންގެ ޚަބަރެއްނުވެއެވެ.
އެހެންކަމުން އޭނާ މަޑުމަޑުން ގޮސް އާއިންގެ ކޮޓަރި ދޮރު ތަޅުގައި ހިފިއެވެ. ތަޅުނުލާ ހުރުމުން ފަސޭހަކާއެކު ދޮރުހުޅުވުނެވެ. އޭނާ އެތެރެއަށް ބޯދިއްކޮށްފައި ބަލާލިއިރު އާއިންއަށް އޮތީ ނިދިފައެވެ. ނަމާދުކުރުމަށްޓަކައި އާއިންއަށް ގޮވުމަށް ޝައުން އެނދުކައިރިއަށް ދިޔައެވެ. ނަމަވެސް އާއިން ނިދާފައި އޮތްއިރު، އޮތްލެއް މައުސޫމުކަމުން އެމޫނަށް ބަލަން އިރުކޮޅަކު ހުރެވުނެއެވެ. އާއިންގެ މޫނަށް ބަލަންހުރިއިރު، އޭނާގެ ހިތުގައި ހަލަބޮލިކަމެއް އުފެދުނީ އާއިންގެ ތުންފަތަށް ނަޒަރު ހުއްޓުމުންނެވެ. އެތުންފަތުގެ ކުޑަކުޑަ ބީހިލުމެއް އިހުސާސްކުރެވުމުންވެސް އޭނާގެ ހިއްސުތައް ހަލަބޮލި ކުރުވައެވެ. ކުއްލިއަކަށް އޭނާއަށް ސިފަވީ މިއަދު ބެލި ސީރީޒްގެ މަންޒަރެކެވެ. އޭނާ ޚިޔާލުގައި ހުރެގެން އާއިންއާ ދިމާއަށް ގުދުވިއެވެ. އަދި ސިއްރުވެރިކަމާއެކު އާއިން ތުންފަތުގައި އޭނާ ބޮސްދިނެވެ. އެންމެ ފަހަރަކުން އޭނާގެ ހިތެއް ނުފުރުނެވެ. އޭނާ ތަކުރާރުކޮށް އެތުންފަތުގެ މީރުކަން ބޭނުންވިއެވެ. ނަމަވެސް ދެވަނަފަހަރަށް އޭނާގެ އެއަމަލު ތަކުރާރުކުރަން ދިމާކޮށްލުމާއެކު އާއިން ލޯހުޅުވާލިއެވެ. އޭނާއޮތީ މާގަދައަށް ނިދާފައެއްނޫނެވެ. އެހެންކަމުން ޝައުންގެ އެކުޑަކުޑަ ބީހިލުމާއެކު އޭނާއަށް ހޭލެވިއްޖެއެވެ. އެހާގާތުން ޝައުންގެ މޫނު ފެނުމުން އާއިންއަށް ކަޅިޖަހާނުލައި ބަލަން އޮވެވުނެވެ.
ނުނިމޭ
