Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

މަސްވެރިކަމުގެ ބިލު އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިިފި

ރައީސް އޮފީސް : ފޮޓޯ: ސަން

މިހާރު އަމަލުކުރަމުންދާ 32 އަހަރުވީ މަސްވެރިކަމުގެ ގާނޫނުގެ ބަދަލުގައި، މުޅިން އަލަށް ތައާރަފްކުރާ ބިލެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު" އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުނީ 73 މާއްދާގެ މައްޗަށް އެކުލެވޭ މި ބިލު ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މި ބިލު ފާސްކޮށް ތަސްދީގު ކުރުމާއެކު 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އެގޮތުން މި ބިލުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށް ބާރު އަޅާފައިވާނެ ކަމަށްވެސް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތަކާއި ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމާއި މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި ގެޒެޓުގައި އިއުލާންކުރަންޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެއިން ކޮންމެ ބާވަތެއްގެ މަސްވެރިކަމުގެ ޕްލޭނެއް ތައްޔާރުކޮށް، އެ މަސްވެރިކަމެއް އަމާޒުވެފައިވާ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތައް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން އެ ޕްލޭނުގައި ހިމަނަންޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އަދި މަސްވެރިކަން ކުރާ ދިވެހި އުޅަނދުފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން މަސް ވިއްކޭނެ އުސޫލާއި، ދިވެހި އުޅަނދު ފަހަރުތަކުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދު ފަހަރުތަކުން ހުއްދަ ނަގަންޖެހޭނެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މިނިސްޓްރީގެ ހުއްދަ ކުރިއާލާ ލިބިގެން މެނުވީ ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން މަނާކުރާ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވެއެވެ. މި ބިލުގެ ދަށުން ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ބޭރުގެ އެއްވެސް އުޅަނދަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ލައިސެންސް ނުދެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ މަސްވެރިކަމުގެ ވައުދުގެ ތެރޭގައި ހިމެނޭ އޮފްޝޯރ ޕްލެޓްފޯމުތައް ގާއިމުކުރާ ގުޅޭ އުސޫލު ވެސް ބިލުގައި ހިމަނާފައިވެއެވެ. މިގޮތުން އޮފްޝޯރ ޕްލެޓްފޯމުތަކަކީ މަސްވެރިންގެ އަތުން މަސް ގަތުމަށް ނުވަތަ މަސް ޕްރޮސެސް ކުރުމަށް ނުވަތަ މަސްވެރިކަން ކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެން ހިދުމަތްތައް ދިނުމަށްޓަކާ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަހައްދެއްގައި ގާއިމުކުރާ ވަސީލަތެކެވެ.

އަދި އޮފްޝޯރ ޕްލެޓްފޯމުތައް ގާއިމުކުރާނެ ފަރާތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަމުގެ އުސޫލުންކަން ބިލުގައި ފާހަގަކޮށްފައިވެއެވެ.