Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އަމިއްލަ އާމްދަނީގެ މައްޗަށް ޒުވާނުން ދިރިއުޅުން ބިނާކުރަންޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ޒުވާނުންނަކީ އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރަންޖެހޭ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ފަރުދީ ޒިންމާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"ދިވެހި ކޮންމެ ޒުވާނަކީ، އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ އާބާދީގެ 36 އިންސައްތައަކީ ޒުވާނުން ކަމަށާއި އަދި މަސައްކަތްކުރާ ޢުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 67 އިންސައްތަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު، 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެ ގޮތުގައި ކަމަށް، އަންދާޒާތަކުން ދައްކާ ކަމަށެވެ.

ނަމަވެސް ހިތާމައަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިޔުންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޤައުމީ އާމްދަނީގައި ޙިއްޞާނުވާ ބަޔަކު އާބާދީގައި ތިބުމަކީ، އިޤްތިޞާދަށް ލޮޅުންއަރާނެ ކަމެއް. ތަފާސް ހިސާބުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށްވުރެ، ފިރިހެން ދަރިވަރުންގެ ޢަދަދު، 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން. އަދި އަހަރުން އަހަރަށް، އެ ފަރަޤު ބޮޑުވަމުން ދިޔުމަކީ، ޤައުމީ ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.

ޤައުމުގެ އާބާދީގައި، މަސައްކަތްކުރާ ޢުމުރުގެ މީހުން ގިނަވުމަކީ، އޮޓަމެޓިކުން ޤައުމު ތަރައްޤީވާ ސަބަބެއް ނޫން ކަމަށާއި އުފެއްދުންތެރިކަން އިތުރުވެ ޤައުމު ތަރައްޤީވަނީ، މަސައްކަތްކުރާ ޢުމުރުގެ ވީހާ ގިނަ ބަޔަކު ޢަމަލީ މައިދާނަށް ނުކުމެގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުފެއްދުންތެރި މަސައްކަތުގެ އާބާދީގައި، އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.