Last Updated: April 19, 06:56
Friday, April 19, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަސްދޮޅަސް ވަނަބައި)

އޭނާ ޚިޔާލުގައި ހުރެގެން އާއިންއާ ދިމާއަށް ގުދުވިއެވެ. އަދި ސިއްރުވެރިކަމާއެކު އާއިން ތުންފަތުގައި ބޮސްދިނެވެ. އެންމެ ފަހަރަކުން އޭނާގެ ހިތެއް ނުފުރުނެވެ. އޭނާ ތަކުރާރުކޮށް އެތުންފަތުގެ މީރުކަން ބޭނުންވިއެވެ. ނަމަވެސް ޝައުން ދެވަނަފަހަރަށް އޭނާގެ އެއަމަލު ތަކުރާރުކުރަން ދިމާކޮށްލުމާއެކު އާއިން ލޯހުޅުވާލިއެވެ. އޭނާއޮތީ މާގަދައަށް ނިދާފައެއްނޫނެވެ. އެހެންކަމުން ޝައުންގެ އެކުޑަކުޑަ ބީހިލުމާއެކު އޭނާއަށް ހޭލެވިއްޖެއެވެ. އެހާގާތުން ޝައުންގެ މޫނު ފެނުމުން އާއިންއަށް ކަޅިޖަހާނުލައި ބަލަން އޮވެވުނެވެ. ޝައުންއަށް ލިބުނު ސިހުމާއެކު ހަރަކާތް ހުސްވެފައި ހިނދުކޮޅަކު އޮތުމަށްފަހު ކުއްލިއަކަށް ތެދުވެ ދުވެފައި އެކޮޓަރިން ނުކުތެވެ. އާއިން ތެދުވެ ލޯފުހެލަމުން ދޮރާދިމާ ބަލާލީ އެއީ ހަމަ ހަގީގަތުގައިވެސް ޝައުންތޯ ޔަގީންކޮށް ލުމަށެވެ.
" ޝައުން ކީއްކުރަންބާ އެއައީ؟…އޭނަ އެއުޅުނީ ކީއްކުރަން؟…" ބޯކަހާލަމުން އާއިން ތެދުވެ ފާޚާނާއަށް ވަނެވެ.
ޝައުން ދުވެފައި އައިސް ކޮޓަރިއަށް ވަތްއިރު އޭނާއަށް މާނޭވާ ލެވެއެވެ. އާއިންއަށް އޭނާކުރި ކަންތައް އެނގުނުހެން ހީވާތީ އޭނާ ލަދުގަތެވެ. ދެން އޭނާ އާއިންއާ ކުރިމަތިލާނީވެސް ކިހިނެއް ހެއްޔެވެ؟ އާއިން ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ އޭނާ ކަންބޮޑުވެފައި ކޮޓަރިން ނުނުކުމެ އެތައްއިރަކު ހުއްޓެވެ. އެންމެފަހުން އާއިން ކާންވެގެން އޭނާއަށް ގޮވިއެވެ.
" ކޯއްޗެއްތަ އޯޑަރކުރަންވީ؟…" ޝައުން ދޮރު ހުޅުވާލުމުން އާއިން އާދައިގެ ގޮތަކަށް އެހިއެވެ.
" އާން ބޭނުން އެއްޗެއް…" ޖެހިލުންވެހުރެ ޝައުން ބުނެލިއެވެ. އާއިން ފޯނުނަގާފައި ކާއެއްޗެއްސަށް އޯޑަރކުރުމުން ޝައުންވެސް އައިސް ސޯފާގައި، އާއިންއާ ތަންކޮޅެއް ދުރުގައި އިށީނެވެ. އާއިންއަށް އެކަން އެނގުނުނަމަވެސް އެނގޭކަމަށް ނުހަދައި ފޯނާކުޅެން ފެށިއެވެ. ޝައުންވެސް އޭނާގެ ފޯނުނަގައިގެން ކުޅެން ފެށިއެވެ. ދެމީހުންގެ މެދުގައި ހަމަހިމޭންކަން ދިގުލާދާން ފެށިއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އެހެންތިއްބާ ކާއެއްޗެހި އައުމުން ދެމީހުންވެސް ކެއުމައިގެން މަޝްޣޫލުވިއެވެ. ކައިނިމުނީވެސް އެހަމަހިމޭންކަން މަތީ ތިއްބައެވެ.
" މިގަޑީގަ ސީރީޒް ނުބަލަނީތަ؟…" ކައިނިމިގެން އައިސް ޝައުން ސޯފާގައި އިށީނުމުން، އާއިންވެސް އައިސް ޝައުންގެ ގާތުގައި އިށީނެވެ.
" ނެތްބަލާހިތެއް؟…" ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ ޝައުން ބުންޏެވެ.
" ޝައުންއަށް އެނގޭތަ، ދެންމެ އަހަރެންގެ ކޮޓަރިން ހަންޑިކުއްޖަކު ފެނުނު…..ޝައުންގެ ސިފައިގަހުރީވެސް…" ކުއްލިއަކަށް އާއިން ބުނެލިއެތިން ޝައުންއަށް ސިހުން ލިބުނެވެ. އާއިން އެއުޅެނީ ޝައުން ކުރިކަންތައް އޭނާއަށް އެނގޭ ވާހަކަ ބުނަން ހެއްޔެވެ؟ އެހެން ހިތަށްއެރުމާއެކު ޝައުން ރަކިވާގޮތްވިއެވެ.
" ހޭލެވުނުއިރު އަހަރެންނާދިމާއަށް ގުދުވެގެން އޮތީ….ވެދާނެ އަހަރެން ކާލަން އުޅުނީކަމަށް…" އާއިން މަޖާވެފައި އިނދެގެން ބުނަންފެށުމުން ޝައުންއަށް ތުންފަތުގައި ދައިގަނެވުނެވެ.
" ކީއްވެ އެއްޗެއް ނުބުނެ ތިއިނީ؟….ޝައުން ބިރެއްވެސް ނުގަނޭތަ، ޝައުންގެ ސިފާގައިހުރި ހަންޑިއެއް މިތާއުޅޭތީ؟…މަށަށް ހަމަ ލާހިކެއްނޫން މިރޭ އެކޮޓަރީގަ ނިދާކަށް…..މިރޭ އަހަރެންދާނީ ޝައުންގެ ކޮޓަރިއަށް ނިދަން…" ޝައުން ލަދުން އިންހެން ހީވާތީ އަދިވެސް ބޮޑަށް އާއިން ގޯނާކޮށްލިއެވެ. އާއިން އިތުރަށް ގޯނާކޮށްފާނެތީ ޝައުން އަވަސް އަވަހަށް ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އާއިން ހީލާފައި ޓީވީ ހުޅުވައިގެން ބަލަންފެށިއެވެ.
ރޭދެބައި ވެއްޖެއެވެ. ޝައުންގެ ލޮލަކަށް ނިންޖެއްނައެވެ. ބޭރުން އަދިވެސް ޓީވީގެ އަޑުއިވޭތީ އާއިން އަދިވެސް ނުނިދަނީކަން އެނގުނެވެ. ޝައުން އެނދުގައި ފުރޮޅި ފުރޮޅި ވަރުބަލިވެ، ކަރުހިއްކައިގަތުމުން ފެންފޮދެއް ބުއިމަށްޓަކައި ކޮޓަރިން ނުކުތެވެ. އޭނާ އައިސް އަލަމާރިއާ ދިމާއަށް ދަމުން ސޯފާއާ ދިމާބަލާލެވުނެވެ. އޭރު ސޯފާގައި އޮށޯވެލައިގެން އާއިން އޮތެވެ. ހީވާގޮތުން އޭނާއޮތީ ނިދާފައެވެ. ޝައުން ފެންފުޅިއެއް ނަގައި ތައްޓަކަށް ފެންއެޅުމަށްފަހު އެއްނޭވާއި ބޯލިއެވެ. އަދި ފެންފުޅި އަލަމާރިއަށް ލުމަށްފަހު މަޑުމަޑުން ސޯފާ ކައިރިއަށް ދިޔައެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އާއިންއޮތީ ގަދައަށް ނިދާފައެވެ. ޝައުން ރިމޯޓްނަގާފައި ޓީވީނިވާލިއެވެ. އަދި އާއިންގެ ގައިގާ ކޮއްޓާލަމުން ގޮވާލިއެވެ. އާއިން ހޫމް އަޅުވާލުމަށްފަހު އަނެއްކާވެސް ސޯފާގައި ހަމަޖެހިލިއެވެ.
" މިފަހަރު ހަމަޔަޤީނުންވެސް ތިއޮތީ ނިދާފަ….ނިކަންހުރޭ ހަމަ ދަތްއަޅާނީ…އަހަރެންނަށް ގޯނާކުރީތީވެސް ކާލާނަން…" އާއިންގެ މަގަތުގައި އިށީންނަމުން ހިތާހިތާ ޝައުން ކިޔާލިއެވެ. ޝައުން ބޭނުންވީ އާއިންއަށް ގޯނާކޮށްލާ ހޭލައްވާލާށެވެ. އެހެންކަމުން އޭނާ އާއިންއަށް ކުދި ކުދި ގޯނާތައް ކުރަންފެށިއެވެ. އެވަރުންވެސް އާއިން ނުހޭލުމުން އާއިންގެ ކަންފަތު ފޫޅުގަނޑުގައި މަޑުމަޑުން ދަތްއަޅާލިއެވެ. އާއިން ސިހިފައި ކަންފަތް ފޮޅާލިއެވެ. ޝައުންއަށް ހެވުމުން އަނގަމަތީގައި އަތްއެޅިއެވެ. އާއިން ހަމަޖެހިލުމުން އަނެއްކާވެސް އުނދަގުލެއް ކޮށްލިއެވެ. އެންމެފަހުން އާއިން ފަސޭހައިން ނުހޭލާހެން ހީވުމުން އާއިންގެ ގާތުގައި އަރިއަކަށް އޮށޯތެވެ. އަދި އާއިންގެ މޫނުގައި ދެއަތުން ހިފާފައި ލޯތްބާއެކު އާއިންގެ ތުންފަތުގައި ބޮސްދިނެވެ. އޭނާ ތަކުރާރުކޮށް ބޮސްދޭންފެށުމުން އާއިންއަށް ހޭލަން މަޖުބޫރުވިއެވެ. ލޯހުޅުވާލެވުމުންވެސް ވާނުވާ ނޭނގިފައި އާއިންއަށް އިރުކޮޅަކު އޮވެވުނެވެ. އޭނާގެ މަގަތުގައި އަރިއަކަށް އޮށޯވެލައިގެން އޮތް ޝައުންގެ ގައިގާ ބޭއިޚްތިޔާރުގައި އޭނާއަށް ބައްދާލެވުނެވެ. އެއާއެކު ޝައުން ސިހިފައި ތެދުވަން އުޅުނެވެ. ނަމަވެސް އާއިންގެ އަތުތެރެއިން ދެމިގަތުން އޭނާއަށް ފަސޭހަކަމަކަށް ނުވިއެވެ.
" ނިދާފަ އޮންނަގަޑީގަ ލޯބިކުރަން، ތީހަމަ ހަންޑި ކުއްޖެއްތަ؟…" ޝައުންގެ ކަންފަތްދޮށުގައި ވައިއަޑުން އާއިން ބުނެލުމުން ޝައުންގެ ހިއްސުތައްވެސް ގަނޑުވިފަދައެވެ. މިހާރު އާއިން އެއޮތީ ރަނގަޅަށްވެސް ހޭލާކަން އޭނާއަށް އެނގުނެވެ. އޭނާހީކުރީ ގޯނާކޮށްފައި އާއިން ހޭލަންވާއިރަށް ސަލާމަތްވެގެން ދެވޭނެކަމަށެވެ. އާއިންގެ އަތުތެރޭގައި ހައްޔަރުވުމުން ޝައުން ބިރުގަތެވެ.
" ބުނެބަލަ….ތިހާ ސިއްރުން ތިއުޅެނީ ކީއްވެ؟….ލޯބިވަންޏާ ފާޅުގަ ބުނަން ނުކެރިގެން ތިއުޅެނީ ކީއްވެ؟…އަހަރެންމީ ޝައުންގެ ހަލާލު ފިރިމީހާއެއްނު…ޝައުން ބޭނުންކޮށްމެ ކަމެއްކުރުމުގެ ހައްޤު ފުރިހަމައަށް ލިބިގެންވާއިރުވެސް ތިހާ ސިއްރުންތައް އުޅެނީ؟…" އާއިންގެ އަޑުގައިހުރި އަސަރެއްގެ ސަބަބުން ޝައުންގެ ހިއްސުތައް ހަލަބޮލި ކުރުވައިފިއެވެ. އެފަދަ މަސްތުން ފުރިގެންވީ އަޑަކުން އާއިން ވާހަކަދައްކާތީ އޭނާ މީގެކުރިން އަޑެއްނާހައެވެ. އެއީ ނިދީގެ ސަބަބުން ވެފައިހުރި ގޮތެއްކަމެއް ނުވަތަ އެހެން ޖަޒްބާތެއްގެ އަސަރުކަމެއް ނޭނގެއެވެ. އެފަދަ އަޑަކުން އަންހެން ކުއްޖަކާ ފިރިހެނަކު ވާހަކަ ދައްކައިފިނަމަ ހިތަށާއި ހަށިގަނޑަށްވެސް އޭގެ އަސަރު ނުކޮށެއް ނުދާނެކަން ގައިމެވެ.
އާއިންގެ އަތުތެރޭގައި ފިތެމުން ދިޔަވަރަކަށް ޝައުންގެ ނޭވާ ހާސްވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑަށްވެސް މަސްތެއްގެ އަސަރު ކުރިފަދައެވެ. ކުއްލިއަކަށް މުޅިމީހާ ލޮޑުވެ، ހަށިގަނޑުގައި މަޑު ތުރުތުރެއްވެސް އުފެދިއްޖެއެވެ. އާއިންގެ ހޫނުނޭވާތައް އޭނާގެ ކަނދުރާއަށް އެޅެންފެށުމުން އޭނާއަށް ލޯމަރާލެވުނެވެ. އޭނާގެ ޖަޒްބާތު ތަކުގެ މައްޗަށް ބާރުފޯނުވާވަރަށްވުރެ އޭނާ ބަލިކަށި ވެއްޖެއެވެ. އާއިންގެ ހޫނު ތުންފަތުން އެހަންއޮމާން ކަރުދޮށުގައި ބޮސްދޭން ފެށުމުން، ހަށިގަނޑުގައި ކަރަންޓްގެ އޮޔެވަރެއް ހިނގާލިފަދައެވެ. އާއިން ހުއްޓުވަން އޭނާގެ ޒަމީރު ގޮވިނަމަވެސް، ހިތުގެ މައްޗަށް އޭނާގެ ބާރެއް ނުފޯރިއެވެ.
" ލަވް ޔޫ ބޭބީ…ލަވް ޔޫ ސޯމަޗް" އާއިންގެ ޖަޒްބާތުން ފުރިގެންވީ އަޑުން އިވުނު ލޯބިވެތި ބަސްތަކުން އިތުރަށް ކެތްކުރަން ޝައުންއަށް އުނދަގޫވިއެވެ. ޝައުން އޭނާގެ ޖިސްމާއި ނަފްސުގެ ލަގަން އާއިންގެ އަތްމައްޗަށް ދޫކޮށްލިއެވެ. ދެލޯމަރާލަމުން އާއިންގެ ބީހިލުންތަކަށް މަރުޙަބާ ކިޔެވެ.
ސޯފާގެ ދަތިކަމާހުރެ ދެމީހުން ވެއްޓެން އުޅޭހެން ހީވުމުން އާއިން ތެދުވެ ޝައުން އޭނާގެ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ކިންގް ސައިޒް ބޮޑު އެނދުގައި މަޑުމަޑުން ޝައުން ބޭއްވިއެވެ. ހިނދުކޮޅެއްވެސް ނަގާނުލާ އާއިން އޭނާލާފައިހުރި ޓީޝާޓްގެ ކަރުވަޅުގައި ހިފާދަމާލަމުން ގަޔާވަކިކޮށްލިއެވެ. އާއިންގެ ހާމައަށްހުރި ހަށިގަނޑު ފެނިފައި ޝައުންގެ ނޭވާވެސް މޭގެ ތެރޭގައި ތާށިވާން އުޅުނުހެން ހީވިއެވެ.
" ބޭބީ…ސުވާލެއްކޮށްލަންތަ؟…" ޝައުންއާ ދިމާއަށް ގުދުވެލަމުން އާއިން އެހިއެވެ.
" ބޭބީ ހަމަ ބޭނުންވެގެންތަ ތިއުޅެނީ؟…" އާއިންކުރި ސުވާލުން ޝައުން ރަކިވާގޮތްވިއެވެ. ޖަވާބެއްދޭން ޖެހިލުންވިއެވެ.
" މިބުނީ….ފަހުން އަހަރެން ކުށްވެރި ނުކުރާނަންހޭ؟….ބޭބީ ބޭނުން ނުވަންޏާ މިހިސާބުންވެސް މިކަން ހުއްޓާލެވިދާނެ….އަހަރެން ބޭނުމެއްނޫން، އަހަރެންގެ ސަބަބުން ފަހުން ހިތާމަކުރަން ޖެހޭފަދަ ހާލަތެއް ބޭބީއަށް މެދުވެރިވާކަށް…" އާއިން ސީރިއަސްކަމާއެކު ދެއްކި ވާހަކައާމެދު ޝައުން ވިސްނާލިއެވެ. ތެދެކެވެ. މިވަގުތު ބޭނުންވެގެން މިކަންކޮށްފައި ފަހުން އެކަމާ ދެރަވާންވެސް ޖެހިދާނެއެވެ. މިގޮތަށް މިކަންވީތީ އަމިއްލަ ނަފްސުވެސް ކުށްވެރި ކުރެވިދާނެއެވެ. ނޫނެކެވެ. އޭނާ ފަހުންވެސް ދެރައެއްނުވާނެއެވެ. އޭނާ މިކުރަނީ ގޯސްކަމެއްނޫނެވެ. އޭނާއަކީ އާއިންގެ ހަލާލު އަނބިމީހާއެވެ. މިއީ އޭނާއަށް ލިބިގެންވާ ހައްޤެކެވެ. މުޅި އުމުރު އެކީގައި އުޅެވޭނެ ކަމުގެ އުއްމީދުނެތް ކަމުގައިވިޔަސް ލޯބިވާމީހާގެ ފަރާތުން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އުފާހޯދިދާނެ ނޫންހެއްޔެވެ؟ ދެން މިފަދަ ވަގުތެއް އޭނާގެ ހަޔާތުގައި އަންނާނެ ކަމެއްވެސް ނޭނގެއެވެ. ވީއިރު، މިވަގުތު ވިސްނުމުގައި ބޭކާރު ކުރަންވީ ކީއްކުރަން ހެއްޔެވެ؟ ކިހާދުވަހަކު މިއުފަލުން މަހުރޫމުވެގެން އޭނާ ކެތްކޮށްފި ހެއްޔެވެ؟
" ބޭބީ..ބުނެ.." އާއިންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޝައުން އާއިންގެ ކަރުގައި ދެއަތްއަޅުވާލުމަށްފަހު އާއިންގެ ތުންފަތުގައި ބޮސްދިނެވެ. ޝައުންގެ އެއަމަލުން އާއިންއަށް ޖަވާބުލިބުނެވެ.
އާއިންގެ ކޮންމެ ބީހިލުމަކާއެކު ގެ ހިތުގައި ލޯބީގެ އާރާގެއް ކުޅެވޭފަދައެވެ. ލޯބީގެ އަމަލީ މައިދާނުގައި ދެހިތް ބައްދަލުވުމުން، ލޯބީގެ ގުލްޝަނުގައި މާތައް ފަރިވެ ފޮޅެންފެށިއެވެ. ޝައުންގެ ބައްޓަންރީތި ވަނާތައް އެއްވެސް ހުރަހަކާނުލައި ހާމަވެގެން ދިއުމާއެކު އާއިންގެ ހުރިހާ ހިއްސެއްގައި ޖަޒްބާތުގެ ހުޅުރޯވެއްޖެއެވެ. އެރީތިކަމާއި ފުރިހަމަކަން ފެނިފައި އޭނާގެ ހިތާއި ނަފްސުވެސް ފިދާވެއްޖެއެވެ. ފުރަތަމަ ފަހަރު ފަރަހަނާޒްގެ ކިބައިން ފެނުނު ބިރުވެރިކަމާއި ހާސްކަން ޝައުންގެ ކިބައިން އެވަރަށް ނުފެނުނު ނަމަވެސް، ޝައުންވެސްހުރީ އާއިންގެ ކުރިމަތީގައި އޭނާގެ ހަށިގަނޑު ހާމަކުރަން ނުހަނު ލަދުގެންފައިކަން އާއިންއަށް އެނގުނެވެ. ނިދާބޮކީގެ ފަނޑުއަލިތެރޭގައިވެސް ކުއިލްގެ އެހީގައި ނިވާވަން ޝައުން މަސައްކަތްކުރި ގޮތުން ހީވީ އާއިންއާ ފިލަން އުޅުނުހެންނެވެ. ނަމަވެސް އެރީތިކަން އުމުރަށް އޭނާއަށް ފޮރުވައިގެން އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟ އެއީ އޭނާގެ މިލްކެކެވެ.
ފަރަހަނާޒްގެ މައުސޫމުކަމާއި ސާދާކަން އޭނާއަށް ކަމުދިޔަނަމަވެސް، އަންހެންވަންތަ ކަމުގެ މިފަދަ ފުރިހަމަ ނަމޫނާ އޭނާއަށް މިފެނުނީ ޝައުންގެ ކިބައިންނެވެ. އެހެންކަމުން އޭނާގެ ހިތުގައި އެސޫރަ ދާއިމީގޮތެއްގައި ބިންވަޅުނެގިގެން ހިނގައްޖެއެވެ. އާއިންގެ މަސްތުންފުރިފައިވާ ނަޒަރުގެ ޝިކާރައަކަށް ވެގެން ދިއުމުން، ޝައުންހުރީ ލަދުންވިރި ވިރިއެވެ. ނަމަވެސް ޖަޒްބާތުތައް އޭގެ އިންތިހާއަށް ދިއުމުން ލަދުވެތިކަމުގެ ފަރުދާ އެއްފަރާތްކޮށްލާފައި ކެރިގެން ކުރިމަތިލިއެވެ.
ނާޒްއާއެކު ހޭދަކުރެވުނު ލޯބީގެ ދިގު މުއްދަތުގައިވެސް ނާޒްގެ ފަރާތުން ނުފެންނަ ފަދަ ތަފާތުކަމެއް ޝައުންގެ ފަރާތުން ފުރަތަމަ ފަހަރަށްވެސް އާއިންއަށް ފާހަގަކުރެވުނެވެ. ލޯބިކުރުމުގައި ފަރަހަނާޒަށްވުރެ ޝައުން ފުރިހަމަކަމުގައިވެސް އެވަގުތު އޭނާއަށް ހީކުރެވުނެވެ. ކޮންމެ އަންހެނަކީވެސް އެމީހެއްގެ ޒާތުގައި ފުރިހަމަ އަންހެނަކަށް ވީހިނދު، ދެކުދިން އަޅާނުކިޔުމަށް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ޝައުންގެ ކޮންމެ ހަރަކާތަކާއެކު ހަނދާނުގެ ތިލަފަތުން ކިރައި ފަރަހަނާޒްއާ އަޅާލިޔެމުން ދިޔައެވެ.
ފަތިސްނަމާދު ވަގުތު ޖެހުނުއިރު، އާއިންގެ އަތުތެރޭގައި ބޮނޑިވެލައިގެން ވަރަށް އަރާމުގައި ޝައުން ނިދާފައި އޮތެވެ. ފޯނު އެލާމްވީއަޑަށް އާއިން ހޭލާފައި ފޯނުނިވާލުމަށްފަހު ޝައުންއާ ދިމާއަށް އެނބުރުނެވެ. ޝައުންގެ މައުސޫމު މޫނުގައި ބޮސްދެމުން އާއިން ހިނިތުންވެލިއެވެ.
" ހިލަކޮށްގެން އުޅުނުހިތަށް ކެތްނުވެގެން އެންމެފަހުން ވިރުނީދޯ….ތިހާ ލޯބިވާއިރު، މިހުރިހާ ދުވަހު ރުޅިއަންނަކަމަށް ހެދިގެން އުޅުނީ ކީއްވެ؟…" ޝައުންގެ މޫނަށް ބަލަންއޮވެ އާއިން ހިތާ ހިތާ ސުވާލުކުރިއެވެ. އަދި ފިނިފެން މަލުގެ ފިޔައެއްފަދަ އޮމާން މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައި ބޮސްދިނުމަށްފަހު އާއިން ތެދުވިއެވެ.
އާއިން ފެންވަރައިގެން ނުކުމެ ނަމާދުކުރިއުވެސް ޝައުން އަރާމުކޮށް ނިދާލާފައި އޮތެވެ. ޝައުން ނިދާފައި އޮތްލެއް ލޯބިކަމުން އުނދަގޫ ކުރާހިތްނުވި ނަމަވެސް ފަތިސްނަމާދުގެ ވަގުތު ފާއިތުވެދާނެތީ އާއިން ޝައުން ހޭލައްވާލުމަށްޓަކައި ގޯނާކުރަންފެށިއެވެ. ލޯބީގެ ކުދިކުދި ގޯނާތައް ކުރަމުން ގޮސް، އާއިން ކުއިލްޓް ދަމައިގަތުމާއެކު ސިހިފައި ޝައުންއަށް ލޯހުޅުވާލެވުނެވެ. އެއާއެކު ދާދިގާތުގައި ހިނިއައިސްފައި އޭނާއާ ދިމާއަށް ބަލަންއިން އާއިން ފެނިފައި ގަތްލަދުން އަވަސް އަވަހަށް އާއިންގެ އަތުން ކުއިލްއަތުލައި އޭނާގެ ހަށިގަނޑު ނިވާކޮށްލިއެވެ.
" ދެން ކިތަންމެ ވަރަކަށް ފޮރުވިޔަސް އެންމެ ރަނގަޅު….ރޭގަ އަހަރެން ބަލަން ބޭނުންވި ހުރިހާ އެއްޗެއް ފެނުނު…" ޝައުން ރަކިކޮށްލުމުގެ ގޮތުން އާއިން ބުނެލިއެވެ. ރޭގެމަތިން ހަނދާންވެފައި ޝައުންއަށް ތިރީތުންފަތުގައި ދައިގަނެވުނެވެ. އާއިން އޭނާ އިތުރަށް ލަދުގަންނުވާނުމުގެ ބޭނުމުގައި ރޭގެ ހާދިސާ އޭނާއަށް ހަނދާންކޮށްދޭން ފެށިއެވެ. ރޭގެ މަންޒަރުތައް ހިތަށް ސިފަވުމާއެކު ގަތްލަދުން ކުއިލްޓުން އޭނާގެ މޫނުވެސް ފޮރުވިއެވެ.
" ބޭބީއަށް އެނގޭތަ، ރޭގަ މިތާނގަ އުޅުނީ ވަރަށް ވައިލްޑް ކުއްޖެއް….އަހަރެން ހިއެއްނުކުރަން ރޭގަ އަހަރެން ސަލާމަތްވާނޭވެސް…އާހް! އަހަރެންގެ ކޮނޑުގާ ދަތްއެޅިތަން އަދިވެސްމިހުރީ ދުޅަވެފަ….އުނހު ބަލާލަބަލަ! " ޝައުން އޮޅައިގެން އިން ކުއިލްޓަށް ކުޑަކޮށް ދަމާލަމުން އާއިން ބުންޏެވެ. އެވަގުތު އަނެއްކާވެސް ރޭގެމަންޒަރެއް ޝައުންގެ ލޮލަށް ސިފަވެގެން ދިޔައެވެ. އޭނާއަށް އާއިންގެ ގައިގާ ދައިގަނެވުނީ ގަސްތުގައެއް ނޫނެވެ. ޖަޒްބާތުތައް އޭގެ ކުރިބޯއްޓަށް ވާސިލްވުމުން އިންސާނާގެ އަމަލުތައް އޭނާގެ އިޚްތިޔާރުން ބޭރުވެދެއެވެ. ރޭގާ އޭނާ އުޅުނު ހުރިހާގޮތެއް އޭނާއަށް ސިފަވާފަދައިން އާއިންއަށްވެސް ސިފަވާނެކަން ހިތަށްއެރުމުން ވަކީންބޮޑަށް އޭނާ ލަދުގަތެވެ. އާއިން ގަސްތުގައި އޭނާ ލަދުގަންނަވަން ގޯނާކުރަނީކަން އެނގުމުން ޝައުންއަށް އޭނާގެ ތިރީ ތުންފަތުގައި ދައިގަނެވުނީވެސް ނުހަނު ބާރަށެވެ. ގައިގާ ފޭރާމެއްނެތި އެހާލުގައި އާއިންގެ ކުރިމަތީގައި އިންނަންވުމުން، އިސާހިތަކު އޭނާގެ އަތްފައި ފިނި ގަނޑުފެންކޮޅެއްފަދައިން ވެއްޖެއެވެ. ހިތުގެ ތެޅުންވެސް އެތައްގުނައަކަށް އިތުރުވެއްޖެއެވެ. މިވަގުތު އާއިން އޭނާއަށް ކިތަންމެ ކުޑަގޯނާއެއް ކޮށްލިނަމަވެސް އޭނާގެ މުޅި ވުޖޫދު އާއިންގެ ބާރުގެދަށަށް ދާނެކަން އޭނާއަށް ކަށަވަރެވެ. އޭނާއަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާނަމައޭ އެވަގުތު އޭނާގެ ހިތަށްއެރިއެވެ. އެހެންނަމަ މިހާރު އޭނާ އެތަނުން ޣައިބު ވެއްޖެއީހެވެ. ނަމަވެސް މިވަގުތު އާއިން ހެދިގޮތެއް ހެދިފައި އެތާނގައި އިނުން ނޫންގޮތެއް އޭނާއަކަށް ނެތެވެ.
" ބޭބީ…ދެން ތިހެން ފިލާއިންދާ އިރުއަރާފާނެ…އަވަހަށް ފެންވަރައިގެން ނަމާދުކުރަން އުޅޭ….އަހަރެން ދާނަން ކޮފީއެއް ބޯލަން…" އާއިން ހިތްފުރޭވަރަށް ގޯނާ ކުރެވުމުން އޭނާ ސީރިއަސްވެފައި ބުނެލިއެވެ. އާއިން ކޮޓަރިން ނުކުތްކަން ޔަޤީންވުމުން ޝައުން، ކުއިލް އޮޅައިގެންހުރެ އެނދުން ފޭބިއެވެ. އަދި އަވަސް އަވަހަށް ކޮޓަރި ތަޅުލިއެވެ. ޝައުން އޭނާގެ ހެދުން ކޮބައިތޯ ހޯދަނިކޮށް ފެނުނީ އަލަމާރީގައި ކޮނޑެއްގައި ރީތިކޮށް އަޅުވާފައި ހުއްޓައެވެ. އޭނާ ހިނިތުންވެހުރެ ހެދުންލުމަށްފަހު، ސިއްރު ސިއްރުން ބޭރުބަލާލިއެވެ. ސިޓިންރޫމުން އާއިން ފެންނަން ނެތުމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.
ޝައުން ފެންވަރައި ނަމާދުކޮށްގެން ކޮޓަރިން ނުކުތްއިރު، ބެލްކަނީގައި އާއިން ކޮފީބޯން ހުއްޓެވެ. ޝައުންވެސް ކޮފީއެއް ގިރާނަމޭ ހިތައި ދިޔައިރު އޭނާއަށްވެސް ކޮފީއެއް ތައްޔާރުކޮށްފައި މޭޒުމަތީގައި ހުއްޓެވެ. ޝައުން ކޮފީހިފައިގެން އައިސް ސޯފާގައި އިށީނެވެ. އިރުކޮޅެއްފަހުން އާއިންވެސް އައިން ޝައުންއާ ދާދިގާތުގައި އިށީނެވެ. އާއިން އަނެއްކާވެސް ގޯނާއެއްކޮށްފާނެތީ ޝައުން އަވަހަށް ތެދުވެގެން ދާން އުޅުނެވެ.
" އޭތް…އަދިވެސް ފިލަންތަ ތިއުޅނީ؟…" ޝައުންގެ އަތުގައި ހިފާހުއްޓުވަމުން އާއިން އެހިއެވެ.
" ނޫން ޖޯޑްދޮންނަން…." ޝައުން އަވަސް އަވަހަށް ބަހަނާއެއް ދެއްކިއެވެ.
" ދޮންނާނެކަމެއްނެތް…އިހަށް މިތާ ބަހައްޓަބަލަ!…" ޝައުންގެ އަތުގައުހުރި ޖޯޑް އަތުލާފައި ކުރިމަތީގައިހުރި ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި އޭނާގެ އަތުގައުހުރި ޖޯޑްވެސް އެތާބެހެއްޓުމަށްފަހު ޝައުންގެ ގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ.
" އަދިވެސް އަހަރެންނާ ފިލައިގެން އުޅެންތަ ތިވިސްނަނީ؟…" ޝައުންގެ މޫނަށް ބަލާލަމުން އާއިންއެހިއެވެ. އާއިންއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އިސްޖަހައިގެން އިނދެ، ނޫނެކޭ ބުނުމުގެގޮތުން ޝައުން ދެފަރާތަށް ބޯހޫރާލިއެވެ. ޝައުންގެ އުނަގަނޑުގައި އަތްއަޅުވާލަމުން، ކުރިޔަށްވުރެވެސް ބޮޑަށް އާއިންއާ ގާތްކޮށްލިއެވެ.
" އަދިވެސް އަހަރެންދެކެ ހަމަ އެހާލޯބިވޭތަ؟" ޝައުންއާ ގާތްވެލަމުން އާއިން ކޮށްލި ސުވާލުން ޝައުންގެ މެޔަށް ފިނިވެގެން ދިޔައެވެ. އާއިންދެކެ އޭނާ ލޯބިވާކަން އަދިވެސް އާއިންއަށް އިހުސާސް ނުކުރެވެނީ ހެއްޔެވެ؟
" ކީއްވެ ޖަވާބު ނުދިނީ؟….އެހާ އުނގަދޫ ސުވާލެއްތަ މިކުރެވުނީ؟…" އާއިން ގަޔާވެލާފައި އެހިއެވެ.
" އަހަރެން ހީކުރީ އަހަރެންގެ ދުލުން ނުބުނިނަމަވެސް އާންއަށް ތިސުވާލުގެ ޖަވާބު އެނގޭނެކަމަށް…" އެހުރިގޮތަށްހުރެ ޝައުން ބުނެލިއެވެ.
" އެކަމުވެސް ތިދުލުން ބުނާއަޑު އަހާ ހިތްވޭ…ނުބުނެވޭނެތަ؟" ޝައުންއާ މޫނު ކައިރިކޮށްލަމުން ލޯތްބާއެކު އާއިން ބުނެލިގޮތުން ޝައުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ އެސުވާލަށް ތެދުތެދަށް ޖަވާބުދޭން ކިތަންމެހައިވެސް ބޭނުމެވެ. އޭނާގެ ދުލުން ނުބުންޏަސް އޭނާގެ އަމަލުން އެވަނީ އެކަން ނުހަނު ރަނގަޅަށް ސާބިތުކޮށްދީފައެވެ.
" ހަމަ ނުބުނާނަންތަ؟…" ޝައުންއާ މޫނުކައިރިކޮށްލަމުން އާއިން އެހިއެވެ.
" ލޯބިވޭ…ވަރަށް ލޯބިވޭ…އެކަމު.." ޝައުން އޭނާގެ ޖުމްލަ މެދުކަނޑާލިއެވެ.
" އެކަމު ކިހިނެއްވީ؟…އަދިވެސް ތިހާ ބިރުން ތިއުޅެނީ ކީއްވެ؟…އަހަރެންމީ ހަމަ ކުރީގެވެސް އާން އެއްނު…ޝައުންގެ އެންމެގާތް އެކުރެވިޔާއެއްނު…މިހާރު މިތިބީ އެއަށްވުރެވެސް ގާތްވެފަ…" ޝައުންގެ މޫނުގައި ބޮސްދެމުން އާއިން ލޯތްބާއެކު ބުންޏެވެ.
" އާން މިއީ ވަގުތީ ގުޅުމެއްނު…އަހަރެމެން ދެމީހުން….މާލެ ދެވުނުހާ އަވަހަކަށް އަހަރެމެން ވަކިވާން ޖެހޭނެ…" ޝައުން ދެރަވެލާފައި ބުނި ޖުމްލައިން އާއިންގެ މޫނުގެ ކުލަފަނޑުވެގެން ދިޔައެވެ.
" ބޭބީ އަދިވެސް ތިވިސްނަނީ އަހަރެންނާ ވަކިވާންތަ؟…ރޭގަ އެގޮތަށް ކަންތައް ކޮށްފައިވެސް ތިބުނަނީ ވަގުތީ ކަމެކޭތަ؟ ބޭބީ ތިހެން ހިތަށް އެރުވީވެސް ކީއްވެ؟ އަހަރެން ބުނެފީމެއްނު އަހަރެން ބޭބީ ދޫކޮށެއްނުލާނަމޭ….އުމުރަށްވެސް އެކީގާ އުޅޭނަމޭ….ބޭބީއާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއްނުވާނެ….ކީއްވެތަ އެކަން ނުވިސްނެނީ…" އާއިން ބޭނުންވީ ޝައުންއަށް އޭނާގެ ލޯބި ޔަޤީންކޮށްދޭށެވެ.
" ދެން ނާޒްއޯ….ނާޒްގާތު އާން ނުބުނަންތަ މިވީ ވަގުތީ ކަމެކޭ….އަހަރެންގާތު ލޯބިވަމޭ ބުނިއިރު ކީއްވެ ނާޒްގާތު ތެދަށް ނުބުނީ؟….އޭނަ އަދިވެސް ހީކޮށްގެން ހުންނާނީ އަހަރެމެންގެ މެދުގަ އެއްވެސް ގުޅުމެއްނެތްކަމަށް…މިގޮތަށް ކަންތައްކުރީމަ ނާޒްއަށް އޮޅުވާލެވެނީކީ ނޫންތަ؟…ނާޒްއަށް އެނގުނީ އޭނަ ކިހާ ދެރަވާނެ…" ޝައުންއިނީ ފަރަހަނާޒްއާމެދު ކަންބޮޑުވެފައެވެ.
" އަހަރެން ގަސްތުގަ އޮޅުވާލީކީނޫން….ނާޒްގާތު ހަގީގަތް ހާމަކުރަން ވަރަށް މަސައްކަތްކުރިން….އެކަމު ނާޒް ދެރަވެގެން ދެއްކި ވާހަކައަކުން ބުނަން ނުކެރުނީ….ނާޒްއަށް ދަރިޔަކު ނުލިބޭތީ އޭނާހުންނަނީ ވަރަށް މާޔޫސްވެފަ…..އެކަމު މިހާރު އިންޝާ ﷲ ނާޒްވެސް މަންމައަކަށްވަނީ….އެހެންވީމަ އޭނަގެ ހިތުގަ އޮތްބިރުވެރިކަންވެސް ފިލާނެ…އަހަރެންނަށް ޔަޤީން ޝައުން އަހަރެންގެ އަނތްބަކަށް ބަހައްޓާކަށް އޭނަ އިންކާރެއް ނުކުރާނެކަން….ދެއަނތްބަށް މީހުނާ އިނދެގެން މީހުން އުޅެނީ އަލަކަށް ނޫނެއްނު…ދެން ކީއްވެ އަހަރެންނަށް ދެއަނބިން ނުގެންގުޅެވެންވީ؟ ޝައުންވެސް ކުރިން ބުނީމެއްނު ދެއަނތްބަށްވެސް އަހަރެންނާ އިންނަން ބޭނުން ވާހަކަ؟ ދެން ކޮބާ މައްސަލައެއް؟ އަހަރެމެން ތިންމީހުންނަށް ކީއްވެ އެކީ ނޫޅެވެންވީ؟…ބުނެބަލަ!" އާއިން ބޭނުންވީ ޝައުންއަށް ވިސްނައިދޭށެވެ.
" އެކަމު އަހަރެންގެ ވަޢުދާ ކިހިނެއް ޚިލާފުވާނީ؟…އަހަރެން ވަޢުދުވިން ހަމަސްފަހުން ތިދެމީހުންގެ ދިރިއުޅުމުން ދާން….ނާޒް ހީކުރާނީ އަހަރެން މިކޮޅަށް އައިސް އާންއަށް ނުބައި ނަސޭހަތެއް ދިނީކަމަށް….އަހަރެންނަކަށް ނުކެރޭނެ ނާޒްއަށް ދެރައެއްދޭކަށް….އަހަރެމެންގެ މެދުގަ ގުޅުމެއް ހިނގިކަން އެނގުނީމަ އޭނައަށް ކިހިނެއްވާނީ…އޭނަ އަހަރެންނާމެދު ދެކޭނީވެސް ކިހިނެއް؟" ޝައުންހުރީ އިންތިއާއަށް ކަންބޮޑުވެފައެވެ.
" އެހެންވީމަ އަހަރެންނަށް ނޭނގޭގޮތަށް ދެމީހުން ތިވަނީ މާކުރިއް ގޮތެއް ނިންމާފަދޯ؟…" ވިސްނާލަމުން އާއިން ބުނެލިއެވެ.
" ކައިވެނީގެ ކުރިން އަހަރެން ނާޒްއާ ބައްދަލުކުރީ އޭނާ މިކަވެންޏާމެދު ދެކޭގޮތްބަލަންވެގެން….އޭނާގެ ވާހަކަތަކުން އެނގުނީ އާން އޭނާގާތު ބުނެފަ އޮތީ މިއީ ވަގުތީ ކައިވެންޏެއްކަމަށް….އެކަން އެނގުނީމަ އަހަރެން ވަރަށްދެރަވި…." ޝައުން އޮޅުން ފިލުވައިދިނެވެ.
" އެހެންދޯ އެހާ މޮޅު އެގްރީމެންޓެއް ހެދީ؟…" ހިނިއައިސްފައި އާއިން އެހިއެވެ. ޝައުން ތުންފިއްތައިގެން އިނދެ ބޯހަލުވާލިގޮތުން އާއިންއަށް އިތުރަށް ހެވުނެވެ.
" ސޮރީ އެގްރީމެންޓާ ޚިލާފުވެނުނީތީ….ބޭބީ ބޭނުން އަދަބެއް އަހަރެންނަށްދީ….ކުށްވެރިޔާ މިހުރީ ކުށަށް އިއުތިރާފުވެ އަދަބު ލިބިގަންނަން ތައްޔާރަށް…" އާއިން ގަޔާވެލާފައި ބުނެލި ޖުމްލައިން ޝައުން އިސްއުފުލާ ބަލާލިއެވެ. އާއިންގެ ލޮލުން ފެނުނު ލޯބީގެ އަސަރުން އެލޮލުގެ ތެރެއަށް ގެނބިގެންދާން ޝައުން ބޭނުންވިއެވެ.
" ބޭބީ…މާބޮޑަށް ނުވިސްނަބަލަ! އަހަރެމެން ދެމީހުން ދުވަހަކުވެސް ވަކިވާކަށް ނުޖެހޭނެ….އަހަރެން ނާޒަށް ވިސްނަދޭނަން….އޭނަ އަހަރެން ވާހަކަ ގަބޫލުވެސް ކުރާނެ…އަހަރެން ޝައުންދެކެ އަހަރެން ލޯބިވާކަން މިހާރުވެސް އޭނާއަށް އިހުސާސް ކުރެވޭނެ…އަހަރެންނަށް ދެންއިތުރަށް ބޭބީއާނުލާ ނޫޅެވޭނެ ވާހަކަވެސް ބުނާނަން….ދެމީހުންދެކެވެސް ލޯބިވާކަން ޔަޤީންކޮށްދޭނަން….ދެމީހުނަށް އަހަރެން ހަމަ ހަމަކޮށް ކަންތައްކޮށްދޭނަން….ދެމީހުންގެ އެކުވެރިކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް ވިޔަކަ ނުދޭނަން….ޝައުން އަހަރެންދެކެ ލޯބިވަންޏާ އަހަރެންނަށް އިތުބާރުކުރޭ!…" އާއިން އާދޭސްކުރިއެވެ. އާއިންގެ އާދޭސްތައް ގަބޫލުކުރަން ޝައުންގެ ހިތް އެދުނު ނަމަވެސް އަނެއްކޮޅުން ނާޒްގެ ސޫރަ އޭނާގެ ލޯމަތިން ސިފަވަމުން ދިޔައެވެ.
" އެކަމު…އަހަރެން ބިރުގަނޭ…..އަހަރެންނާމެދު ނާޒް އެހާ ރަނގަޅަށް ކަންތައްކުރިއިރު، އަހަރެންނަށް މިވަނީ ވަޢުދާ ޚިލާފުވެވިފަ…..ނާޒްއަށް އެހާބޮޑު ދެރައެއްދޭކަށް އަހަރެންނަކަށް ނުކެރޭނެ…އަމުދުން މިހާރު ތިދެމީހުންނަށް ބޭބީއެއް ލިބުނީ، ދިރިއުޅުންވެސް ފުރިހަމަވީ….ދެން އަހަރެންގެ ބޭނުމަކީވެސް ކޮބާ؟…" އާއިންގެ ދިރިއުޅުމުގައި އިތުރަށް އޭނާގެ ބޭނުމެއް ނެތްކަމުގައި ވިސްނި ޝައުންގެ ހިތުގައި ޖެހޭގޮތްވިއެވެ.
" ކީއްވެތަ ތިގޮތަށް ތިވިސްނަނީ؟…އަހަރެންނަށް ކިތަންމެ ދަރިންނެއް ލިބުނަސް، އަދި ނާޒްއާއެކު މުޅި އުމުރު ހޭދަކުރިޔަސް، އަހަރެންގެ ހިތުން ބޭބީއަށް ދެވިފާމިވާ މަޤާމު ދުވަހަކުވެސް ބަދަލެއްނުވޭ….ބޭބީ ނެތުމުގެ އުނިކަން ފޫބެއްދޭނެ އިތުރުމީހަކު ނޫޅޭނެ….ޚުދު ނާޒްއަށް އެކަމެއްނުވާނެ…." އާއިން އަސަރާއެކު ބުނަމުން ދިޔައެވެ. ޝައުންގެ ސަބަބުން އޭނާގެ ހިތަށް ކުރާ އަސަރު ޝައުންއަށް އިހުސާސް ނުވާތީ އޭނާ ދެރަވެއެވެ.
"އެންމެ ރަނގަޅު…ބޭބީއަށް އަހަރެންނާ ނުލާ އުޅެވޭނެތަ؟…އަހަރެންގެ މަތިން ހަނދާން ނައްތާލާފަ އެހެން ފިރިހެނަކާ އެކީގަ ދިރިއުޅުމެއް ފެށިދާނެތަ؟…ޖަވާބުދީބަލަ!" އާއިން ކުރި ސުވާލުތަކުން ޝައުންއަށް ވިސްނާލަން މަޖުބޫރުވިއެވެ. ތެދެކެވެ. އާއިންދެކެ ލޯބިވީ ފަދައިން އިތުރު މީހަކުދެކެ ދުވަހުވެސް އޭނާއަކަށް ލޯތްބެއް ނުވެވޭނެއެވެ. އަދި އަމުދުން ދެން ދުވަހަކުވެސް އާއިންގެ މަތިން ހަނދާން ނައްތާލުމަކީ ދުވަހަކުވެސް އޭނާއަށް ވާނެކަމެއް ނޫނެވެ.
"އަހަރެން ތަކުރާރުކޮށް މިބުނަނީ، އަހަރެން ދުވަހަކުވެސް ބޭބީ ދޫކޮށެއްނުލާނަން….އެހެންމީހެއްގެ ހައްޤަކަށް ބޭބީވާކަށް އަހަރެންގެ ހިތެއް ނޭދޭ…އަދި އަމުދުން މިހާރު އެހެންމީހަކާއެކީ ބޭބީ އުޅޭތަން ޚިޔާލަން ގެނައުމަކީވެސް އަހަރެންނަށް ކެތްވާވަރުގެ ކަމެއްނޫން…..ގަބޫލުކުރޭ!" އާއިން އާދޭހާއެކު ބުނަމުން ދިޔަ ބަސްތަކުން ޝައުންގެ ހިތްވިރިގެން ދިޔައެވެ. އާއިން ދޫކޮށްލާފައި އެހެންމީހެއްގެ އަނތްބަކަށް ވާކަށް ޚުދު އޭނާގެ ހިތެއްވެސް ނޭދެއެވެ.
" އައި ލަވް ޔޫ ސޯމަޗް…އާންއާ ނުލާ އަހަރެންނަކަށްވެސް ނޫޅެވޭނެ…" އާއިންގެ ގައިގާ ބާރަށް ބައްދާލަމުން ޝައުން ރޯންފެށިއެވެ. އާއިންވެސް ޝައުންގެ މަޑުމަޑު ހަށިގަނޑުގައި ދެއަތުން ވަށާލައި ބާރަށް ބައްދާލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ދެހިތް ގުޅުނީއެވެ.

ނުނިމޭ