Last Updated: April 27, 06:00
Saturday, April 27, 2024
ކުޅިވަރު

އައިއޯއައިޖީ 2023: މަޑަގަސްކާގެ ތާއީދު ރާއްޖެއަށް ދިނުމަށް އެދިއްޖެ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާއީދުކޮށް ދިނުމަށް މަޑަގަސްކާގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރާއްޖޭގެ އިތުރުން 2023 ވަނަ އަހަރުގެ އައިއޯއައިޖީ ބާއްވަން ބިޑްކޮށްފައިވަނީ ކޮމޮރޮސް އާއި މަޑަގަސްކާއެވެ.

މިކަމަށް އެދިވަޑައިގެންފައިވަނީ އައިއޯއައިޖީ ބޭއްވުމަށް ރާއްޖެ އިން ކުރާ ބިޑަށް ތާއީދު ހޯއްދެވުމަށް މިވަގުތު ރާއްޖެ އިން ބޭރުގައި ތިއްބެވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޑަގަސްކާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބާއި އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޑަގަސްކާގެ ކިބައިން އެކަމަށް އެދިވަޑައިގެންފައިވަނީ އެގައުމުގައި މީގެކުރިން ދެ ފަހަރެއްގެ މަތިން އައިއޯއައިޖީ ބާއްވާފައިވާތީ ކަމަަށެވެ.

މަޑަގަސްކާގެ ތާއީދަށް އެދިފައިވާއިރު މުބާރާތް ރާއްޖޭގައި ބޭއްވުމަށް މީގެކުރިން ސީޝެލްސް އިން ވަނީ ތާއީދުކޮށްފައެވެ.

އައިއޯއައިޖީގެ ކައުންސިލްގެ މެމްބަރުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ކައުންސިލް މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ.