Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރައީސް ނަޝީދު މައުމޫނަށް މަރުހަބާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ބާ ކައުންސިލްގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މައުމޫންގެ އިތުރުން ބާ ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެ ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

މައުމޫން ހަމީދު މި އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އާއި ވާދަކޮށްގެންނެވެ. އެގޮތުން މައުމޫނަށް 260 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު ސުއޫދަށް ލިބިވަޑައިގެންނެވީ 200 ވޯޓެވެ.

މިއަދު ކުރިއަށްދިޔަ މި ވޯޓުގައި ވޯޓުލުމުގެ ހައްގު 1487 ވަކީލަކަށް އޮތްއިރު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެ އާއި އައްޑޫ ސިޓީގައެވެ. އެގޮތުން މާލޭގައި ދެ ވޯޓު ފޮށި ބެހެއްޓިއިރު އައްޑޫގައި ބެހެއްޓީ އެއް ވޯޓު ފޮށިއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހޮވުނުއިރު އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ބާ ކައުންސިލް އުފެދުމުން ވަކީލުން ރެގިއުލޭޓް ކުރުމާއި އެ މީހުންނަށް ހުއްދަ ދިނުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ކައުންސިލުންނެވެ.