Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

އިތުރު 1597 ކުންފުނި އުވާލަން ނިންމައިފި

އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އިތުރު 1597 ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އުވާލަން ނިންމާފައިވާ ކުންފުނިތަކަކީ 2002 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ކަމަށެވެ. އަދި މި ކުންފުނިތަކުން ގަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އުވާލުމަށް ނިންމާފައިވާ އެއްވެސް ކުންފުންޏެއް އަލުން ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް، 4 އޯގަސްޓު 2019 ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއި އެކު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، 4 އޯގަސްޓު 2019 ގެ ކުރިން ހުށަހެޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމުއްދަތުގެ ތެރޭގައި މި ތަފްޞީލުތައް ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ އަހަރީ ފީ ދައްކާފައިނުވާތީ 523 ކުންފުންޏެއް އުވާލުމަށް ވެސް ނިންމާފައެވެ.