Last Updated: March 29, 18:55
Friday, March 29, 2024
ރިޕޯޓް

ނައިބް ރައީސް ފައިސަލްގެ އައްޑޫ ދަތުރުފުޅު، ޕީއާރު ސްޓަންޓެއް!

ނައިބް ރައިސް ފައިސަލް ނަސީމް ދައުލަތުގެ ހަރަދުގައި އިއްޔެ ހެނދުނު އައްޑޫއަށް ވަޑައިގަތީ ކުރީގެ ސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތައް ކުރިއަށްދާގޮތް މި ސަރުކާރުގެ ނައިބް ރައީސްގެ ހައިސިއްޔަތުން ބައްލަވާ ލެއްވުމަށެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި އެންވައިރަމެންޓު މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޝާހުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އާއި އެކު ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުންގެ ބޮޑު ޓީމަކާއި އެކު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބް ރައީސާއި އެކު 30 މީހުންގެ ޓީމެއް ވަނީ އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގެންފައެވެ.

މި ޓީމު މާލެއިން އައްޑޫއަށް އަދި އައްޑޫން ފުވައްމުލަކަށް ވައިގެ މަގުން ދަތުރުކޮށްފައިވާ އިރު ޓިކެޓަށް ރައްޔިތުންގެ ފައިސާއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ހުޅުމީދޫ ދަތުރާއި އައްޑޫގެ އެއްގަމުގެ ދަތުރުގެ އިތުރުން ކެއުމަށް ވެސް އެތައް ހާސް ރުފިޔާއެއް ހޭދަކޮށްފައިވާ އިރު މުޅި ދަތުރުގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ހޭދަވީ ކިހާ ވަގުތެއްތޯ ބަލަން ޖެހެއެވެ.

އައްޑޫ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި، މަޝްރޫއުތައް ބެއްލެވުމަށް ކުރެއްވި ދަތުރުފުޅުގައި ނައިބް ރައިސްގެ ޓީމުން ހޭދަކުރެއްވީ ގިނަ ތަންތަނުގައި 15 މިނިޓަށް ވުރެ މަދު ވަގުތުކޮޅެކެވެ. ހާއްސަކޮށް އައްޑޫ މަރުކަޒީ އިންޖީނުގެ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫގައި ހަދަމުން އަންނަ ޓާޝަރީ ހޮސްޕިޓަލްގައި ނައިބް ރައީސް ހޭދަ ކުރައްވާފައިވަނީ މަދު މިނިޓްކޮޅެކެވެ.

ނައިބް ރައީސް އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ހައި ސްކޫލްގެ ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ. އައްޑޫ ކައުންސިލާއި އެކު 1 ގަޑި 15 މިނިޓުގެ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި އައްޑޫގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ތަފްސީލާއި ކަންބޮޑުވަންތައް ވަނީ ހިއްސާކޮށްފައެވެ. ކައުންސިލުން ނައިބް ރައީސާއި ހިއްސާ ކުރި މައުލޫމާތުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު އައްޑޫ ކައުންސިލާއި ބައްދަލު ކުރުމުން އައްޑޫ ކައުންސިލުން ހިއްސާ ކުރި މައްސަލަތަކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފައިސަލް ނަސީމް ހޭދަކުރެއްވީ އެންމެ 12 މިނިޓުގެ ވަގުތުކޮޅެކެވެ. އާއްމު ރައްޔިތަކު ބައްދަލު ކުރައްވަން އެދުމުން ދެއްވި ޖަވާބަކީ ފުވައްމުލަކަށް ފުރަން ޖެހޭތީ ވަގުތެއް ނެތް ކަމަށެވެ.

ނޫސްވެރިންނާއި ކެމެރާމަނުންގެ ޓީމަކާއި އެކު ރައްޔިތުންގެ ހާލު ބައްލަވާ ލެއްވުމަށް ވަޑައިގެންނެވި އިރު ހާލު ބެއްލެވީ ކޮން ރައްޔިތެއްގެ ތޯއެވެ. ރައްޔިތުންގެ އަޑު އެއްސެވުނީ ކިހާވަރަކަށްތޯއެވެ. މި ވެރިކަމަށް 9 މަސްވެގެންދާއިރު އައްޑޫގައި މި ސަރުކާރަށް ފެއްޓުނީ ކޮން މަޝްރޫއެއްތޯއެވެ.

ކުރީ ސަރުކާރުން ހުޅުމީދޫ މަގު ހެދުމަށް ނިންމާފައިވަނިކޮށް މި ސަރުކާރުން ހުޅުމީދޫ މަގު ހަދަން އެމްޓީސީސީ އާއި ހަވާލު ކުރެވުނު ނަމަވެސް މާ ބޮޑު ކުރިއެރުމެއް މަގު ހެދުމުގެ މަޝްރޫއަށް ލިބިފައި ނުވެއެވެ.

އައްޑޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަދިވެސް ނުނިމެއެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބެއެވެ. ހިތަދޫގައި އަޅާފައިވާ ފްލެޓުތައް ރައްޔިތުންނަށް ނުދެވެއެވެ. ކޮންވެންޝަން ސެންޓަރުގައި ހަދާ ހޮސްޕިޓަލްގެ މަސައްކަތް ދަނީ ބަރަވެލި ދުވެލީގައެވެ. އައްޑޫން ފުރާވަޑައިގެންނެވި އިރުވެސް އައްޑޫ ހޮސްޕިޓަލް ހުޅުވޭނެ ދުވަހެއް، މަސައްކަތް ގޮސްފައިވާ ހިސާބު މީޑިއާ މެދުވެރިކޮށް ހިއްސާ ނުކުރައްވައެވެ.

ހިތަދޫގައި މަގު ހަދަން އަދި ނުފަށައެވެ. ފެށޭނެ ދުވަހެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ ހާލު ބެއްލެވުމަށާއި ތަރައްޤީގެ މަޝްރޫއު ކުރިއަށްދާގޮތް ބެއްލެވުމަށް ވަޑައިގެން ވަގުތުތަކެއް ހޭދަކުރެއްވުމަށްފަހު ފުރާވަޑައިގެންނެވި އިރު ރައްޔިތުންނަށް ކުރީ ކޮން މަންފާއެއްތޯ ރައްޔިތުން ދަނީ ސުވާލު ކުރަމުންނެވެ.

އައްޑޫގައި ތަރައްޤީގެ އެއްވެސް މަޝްރޫއެެއް ނުފަށައި، ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްކަމަށް ވިދާޅުވެ ނައިބް ރައީސް ވަޑައިގަތުމަކީ ގިނަ ރައްޔިތުން ގަބޫލް ކުރާ ގޮތުގައި މިސިޓީގެ ރައްޔިތުންނަށް ކުރެއްވި މަލާމާތެކެވެ. ނައިބް ރައީސްގެ މި ދަތުރުފުޅު ރައްޔިތުން ސިފަ ކުރަނީ ސަރުކާރުން މެޑަލް ޖެހުމަށް ރައްޔިތުންގެ ފައިސާއިން ހަރަދުކުރި ޕީއާރު ސްޓަންޓެއްގެ ގޮތުގައެވެ.