Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އުދަ އަރާތީ ސަމާލުވާން ފުލުހުން އެދިއްޖެ

އައްޑޫއަށް އުދަ އަރާފަ- ފޮޓޯ: އައްޑޫސިޓީ ކައުންސިލް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުކުރަމުންދާތީ، މިކަމަށް ކުރީބައިގައި ފިޔަވަޅު އެޅުމަަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިހާތަނަށް އުދައިގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވަނީ އައްޑޫސިޓީ، އދ. ފެންފުއްޓާއި، ގދ. ފަރެސްމާތޮޑާއާއި، ރަތަފަންދުއާއި، ހޯނޑެއްދުއާއި، މަޑަވެއްޔާއި، ވާދުއާއި، ފިޔޯރީއާއި، ނަޑެއްލައާއި، ފ. ނިލަންދޫއާއި، ތ. ގާދިއްފުއްޓާއި، ދިޔަމިގިއްޔާއި، ލ. މާވަށަށްކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މައުލޫމާތުދެއެވެ.

ފޮޓޯ: އައްޑޫސިޓީ ކައުންސިލް

މިރަށްތަކަށް އުދަ އަރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް ރަށަކުން ގެއަށް ފެންވަދެ މުދަލަށް ގެއްލުންވަމުންދާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެއެވެ. ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އެތަންތަނަަށް ފަސް އެޅުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެެވެ. އެގޮތުން އައްޑޫސިޓީގެ އަވަށްތަކަށް އުދައަަރައި، ރަށުތެރެއަށް ލޮނުގަނޑު ވަންނަ ދިމާތަކަށް ފަސް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އަދި އުދައިގެ ސަބަބުން މަގު މައްޗަށް ވެލި އަރާފައިވާ ސަރަހައްދުތައްވެސް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކައުންސިލުން ބުނެއެވެ.