Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ސްޓިކާ ޖަހަން ފެށީ ޕާކް ކުރާނެ ތަންތަން ދެއްކުމަށްފަހު: މިނިސްޓަރު

ވެހިކަލްތަކުގައި ސްޓިކާ ޖަހަން އަލުން ފެށީ ޕާކު ކުރާނެ ތަންތަން ދެއްކުމަށްފަހު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕާކުކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއިރު ވެރިކަމާ ހަވާލުވެ މާގިނަ ދުވަސްތަކެއް ނުވަނީސް ވަނީ ސްޓިކާ ޖެހުން ހުއްޓާލާފައެވެ. ނަމަވެސް މިހާރު އަލުން ސްޓިކާ ޖަހަން ފަށާފައިވާއިރު މިދިޔަ ހަފްތާގައި އެކަނި ވެސް ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.

މިއަދު ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ސްޓިކާ ޖަހަން އަލުން ފެށީ ޕާކުކުރާނެ އިތުރު ތަންތަން ހެދުމަށްފަހު ކަމަށެވެ. އަދި ކަފިހި ހުރަސް މަތީގައި ސައިކަލު ހުރަހަށް ބަހައްޓާފައި ދިއުމަކީ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޕާކުކުރާނެ ތަންތަން ދެއްކުމަށްފަހު އަޅުގަނޑުމެން ސްޓިކާ މި ޖަހަން ފެށީ" ނަހުލާ ވިދާޅުވިއެވެ.

އަދި ކުރިއާ ހިލާފަށް މިހާރު ސްޓިކާ ޖަހަމުން އަންނަނީ އުޅަނދު އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވި ނަމަވެސް ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަނެއް ނުދައްކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.