Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރަލާއި އޫރުމަސް ވިއްކުން މަނާކުރަން މަޖިލީހަށް ގަރާރެއް

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު --- ފޮޓޯ / މަޖިލިސް

ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު މަޖިލީހަށް އޭނާ ހުށަހެޅުއްވިކަން "އައްޑޫލައިވް"އަށް ޖާބިރު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އިސްލާމްދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ވިއްކަން ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވަނީ ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، ދީނުގައި ހަރާންކޮށްފައިވާ އެތަކެއްޗަކީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށެވެ.

ޖާބިރު މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައިމިވަނީ ރާއްޖޭގައި ކެސީނޯ އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިވަނިކޮށެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރު ކުރައްވާ ޖާބިރު ވަނީ ރާއްޖޭގައި ކެސީނޯ އެޅުމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން ޖާބިރު ވަނީ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވާފައެވެ. އަދި ސުންނީ މުސްލިމު ގައުމެއްގައި ބަނގުރަލާއި އޫރުމަސް ވިއްކަނީ ކީއްވެގެންތޯ އޭނާ ވަނީ މިނިސްޓަރުގެ އަރިހުން އައްސަވާފައެވެ.