Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ގާޒީ މަހާޒުގެ މައްސަލަ އަލުން ރިވިއު ކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޑްރަގު ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި ސުލޫކީ މައްސަލަ އަލުން ރިވިއު ކުރުމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ ގާޒީ މަހާޒުގެ ފަރާތުން އެކަމަށް އެދިފައިވާތީއެވެ. އެގޮތުން އެ މައްސަލަ އަލުން ރިވިއު ކުރުމަށް ކޮމިޓީ އެއް ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ އެކުލަވާލާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ރައީސް މުހައްމަދު ނަޝީދާއި، ހިސާން ހުސެއިން އާއި ޑރ.އަލީ ޝަމީމްގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުއެވެ.

ގާޒީ މަހާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ކަނޑައެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނިކޮށް ޖިނާއީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަހާޒު އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވި ލިޔުމަކާ ގުޅިގެންނެވެ.

ޑްރަގް ކޯޓުގެ ފަނޑިޔާރުކަން ލިބިވަޑައިގަތުމުގެ ކުރިން މަހާޒަކީ ޕީޖީ އޮފީހުގެ ވަކީލެވެ.