Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޮމެޓީން ފާސްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިހާރު ތިއްބެވި ފަސް ފަނޑިޔާރުން --

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް އިތުރުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ހުށައެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ 5 ފަނޑިޔާރުންނެވެ. ނަމަވެސް މީގެކުރިން އޮތް ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކުރަން ކޯޓުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އެ އިޞްލާޙު ޖުޑީޝަރީ ކޮމިޓީން ފާސްކުރިއިރު އެ އިޞްލާހަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ. ނަމަވެސް ދެ ފަނޑިޔާރުން އިތުރުވުމުން އެކަމަށް އިތުރު ޚަރަދެއް ހިނގާނެތީ އެކަމާއި ގުޅޭގޮތުން ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފައެވެ.

ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވަނީ އިތުރުވާ ދެ ފަނޑިޔާރުންނަށް ހިނގާނެ ޚަރަދުގެ ތަފްސީލް ހިމަނުއްވާފައެވެ. އޭގެތެރޭގައ ފަނޑިޔާރުންގެ ގޭގެ ޚަރަދާއި، އޮފީސް ޚަރަދާއި، އިދާރީ ޚަރަދުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ސޯފާއާއި ކާރު ގަތުމުގެ ޚަރަދުތައްވެސް ހިމަނާފައިވެއެވެ.

ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ ޚަރަދަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާގެ މަތިން ކޮމިޓީން ވަނީ އިޞްލާހު ފާސްކޮށްފައެވެ.

ރާއްޖޭގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ގާއިމްކޮށްފައިވަނީ 2008ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހެވެ. އޭރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ. ނަމަވެސް 2010ވަނަ އަހަރުގެ އޮގަސްޓުމަހުގެ 10ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.

އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހެޅިއެވެ. އެއީ 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުޢުތަސިމް އަދުނާންއެވެ. އަދި 2014 ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.

ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.