Last Updated: April 26, 17:23
Friday, April 26, 2024
ރިޕޯޓް

ހިތަދޫ 27 ގެއެއްގެ ރައްޔިތުން، ބިރުވެރިކަމާއި ހާސް ކަމުގައި އެތައް އަހަރެއް!

އައްޑޫ ސިޓީގެ ހުރިހާ ރަށަކަށްވެސް ރަށްގިރުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ހާއްސަކޮށް ދިޔަވަރު ބޮޑުވާ ދުވަސްވަރު އުދަ އަރައި ހަންކެޑާއި، މަރަދޫ އަދި މަރަދޫ ފޭދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ފުށްޓަރު ސަރަހައްދަކީ މިމައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ އެއް ސަރަހައްދެވެ.

މޫލެކެޑެ ސަރައްހަދު ފުއްޓަރާ ވީ ހިސާބުން ނުވަތަ "ކަޅިބިއް" ފަރާތުން ގިރެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެސަރަހައްދު ގައި ދިރިއުޅެމުންދާ އެތައް ބަޔަކު ވަނީ މި މައްސަލަ އައްޑު ސިޓީ ކައުންސިލަށް އެތައް ފަހަރަކު ހުށަހަޅާފައެވެ. ނަމަވެސް މިކަމަށް އެދެވޭ ހަލެއް ނުލިބެއެވެ. ޖަވާބުގައި ލިބެނީ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މަސައްކަތެއް ފެށިގެންދާ ތަނެއް ނުފެނެއެވެ.

އެ ސަރަހައްދުން "އައްޑޫލައިވް" އާ ވާހަކަ ދެއްކި ބައެއް އާއްމު ރައްޔަޔިތަކު ބުނީ އަބަދުވެސް އެމީހުން ތިބެން ޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އުދައަރާނީ ކޮންއިރަކު ކަމެއް ނޭނގި އެހާސް ކަން މަތީ ކަމަށެވެ. ހިފާ ގެންގުޅޭ ތަކެއްޗައް ބޮޑެތި ގެއްލުންތަކެއް ލިބި އަބަދު ޖެހެނީ އެތަކެތި އާކޮށް ކޮށް ތިބޭށެވެ. އުދައަރާ ދުވަސްތަކުގައި ގޭތެރެގައި އޮންނަނީ ލޮނެވެ.

އެރައްޔިތުން ބުނާ ގޮތުން ވަޅު ފެނުން ފެންވެރުމެކޭ މޫދަށް ދިއުމެކޭ ތަފާތެއް ނެތެވެ. ވަޅު ފެން އޮންނަނީ އެއްކޮށް ލޮނުވެފައެވެ. ވަޅު ލޮނުވުމުގެ ސަބަބުން ފެންވަރަން އަދި ހެދުން ދޮންނަން ޖެހެނީ މިސްކިތުވަޅުން ފެން ގެނެސްގެންނެވެ. ވަޅުން ނަގާ ފެނަކީ ކަނޑުން ނަގާ ލޮނެކޭ ތަފާތެއް ނެތެވެ.

މި ސަރަހައްދުގެ ފުއްޓަރު ފަރާތުން ވެލި ނެގުމަކީވެސް އާއްމުވެފައިވާ ކަމެކެވެ. ވެލިނަގާތީ ފުލުހުންނަށް އެތައް ދުވަހެއް މަތީން ޝަކުވާ ހުށަހެޅިއްޖެއެވެ. ނަމަވެސް އެދެވޭ ހައްލެއް ނުލިބެއެވެ. "އައްޑޫލައިވް" އާއި ވާހަކަ ދެއްކި މީހާ ބުނީ ފުލުހުން މިކަމަށް ދެނީ ބީރު ކަންފަތެކެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވާ ގޮތުގައި މިކަން ކުރަނީ މިސަރަހައްދަށް ނިސްބަތްވާ ބަޔެކެވެ. އެމީހުން ވެލި ނަގައިގެން ގޯތި ތެރެއަށް ވެލި އެޅުމަށްފަހު އެތަނުގައި ބަސްތާތަކަށް އަޅައި ވިއްކަމުންދާ ކަން ފުލުހުންނަށް އެކި ފަހަރު މަތިން ރިޕޯޓުކުރި ކަމަށް އޭނާ ކިޔާދީފައިވެއެވެ.

ސަރުކާރަށް އަހަރެއް ފުރިހަމަވާން ކައިރިވެފައިވީއިރުވެސް މިކަމަކަށް އެއްވެސް ހައްލެއް ނުލިބެއެވެ. އައްޑު ސިޓީ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމަށްވެސް މިކަމަށް ވަގުތީ ހައްލެއް ނަމަވެސް ހޯދާއިދިނުމަށް އެދުނެވެ. ވޯޓު ހޯދަން އެގެތެކަށް ވަޑައިގަތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހުށައެޅުމުން މަޖިލީހަށް ހޮވިވަޑައިގެންނެވެމުން ވީ އެންމެ އަވަހަށް ހައްލު ހޯދައިދޭނެ ކަަމަށް ވިދާޅުވިއެވެ. ހަތަރު މަސް ފާއިތު ވީއިރުވެސް އެދެވިގެންވާ ޖަވާބެއް މިކަމަށް ލިބިގެން ނުދާކަމަށް އެފަރާތުން ބުންޏެވެ.

"ދެން ކޮބައިތޯ އެންވައިރަންމެންޓް މިނިސްޓްރީ؟ އައްޑޫ ސިޓީ އަށް ދެ ފަހަރު މަތިން (މިނިސްޓަރ) ވަޑައިގެންފި. ގިރެމުންދާ ސަރަހައްދުތައް ސާވޭ ވެސް ކޮށްފި، ސާވޭ ކުރިތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް ހައްލެއް ނުލިބޭ،"

ކަންބޮޑުވުން ހިއްސާކުރި ރައްޔިތަކު ބުންޏެވެ.

މިސަރަހައްދުގައި ދިރިއުޅެމުން މިދާ ރައްޔިތުންގެ އެދުމަކީ ދާއިމީ ހައްލެއް މިތަނަށް ނުލިބޭނަމަ މިސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން އެހެންތަނަކަށް ބަދަލުކޮށްދިނުމެވެ. ވިއްސާރަ މޫސުމުގައި، ކަނޑުގަދަވާ ދުވަސްވަރުގައި އަދި މިފަދަ އުދަ އަރާ ދުވަސްވަރުގައި މިހިސާބުގެ ރައްޔިތުން އުޅެން ޖެހެނީ އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ރައްޔިތުންނަށް އުޅެވެނީ މާސިންގާ ކަނޑު މެދުގައި އޮންނަ ގަލެއްގެ މަތީގައި ފަދަ ހާލެއްގައެވެ.