Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފުވައްމުލަކުގެ 31 މަގެއްގައި ތާރު އަޅަނީ

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ފުވައްމުލަކު ސިޓީގެ 31 މަގެއްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް، އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. ނަމަވެސް އާ ސަރުކާރުން ވަނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އޮންލައިން ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ފުވައްމުލަކުގެ މަގުތައް ހެދުމަކީ އެ ރަށުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި އެގޮތުން އެ ރަށުގެ ރިންގްރޯޑުގައި އަލަށް ތާރު އަޅާ ސަރަހައްދުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ރިންގް ރޯޑުގެ އިތުރުން ފުވައްމުލަކުގެ އިތުރު 31 މަގެއްގައި ތާރު އަޅަން ނިންމާފައިވާއިރު އެ މަގުތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 16 ކިލޯމީޓަރު ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އެ ޕްރޮޖެކްޓު އަގަކީ 270 މިލިއަން ރުފިޔާ ކަމަށާއި މިއީ ސަރުކާރުގެ ބަޖެޓުން ޕީއެސްއައިޕީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި އަލަށް ހަދާ މަގުތަކުގެ މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.