Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ރައީސްގެ ސިޓީފުޅެއް މޮރިޝަސްގެ ބޮޑުވަޒީރަށް

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތްއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަލްފާޟިލް އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި މޮރިޝަސްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދާވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.