Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލަން ލަފައެއް ނުދެން: ނީޒާ

އެމްއެމްޕީއާރްސީގެ ޚިޔާނާތު ފައިސާ ޖަމާވި ކުންފުނި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލީ އޭރު އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގައި ހުރި ނީޒާ އިމާދުގެ އިރުޝާދަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނާ ބުނުން ނީޒާ ދޮގުކުރައްވައިފިއެވެ.

ނީޒާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބީއެމްއެލް އިން މާލިއްޔަތު ކޮމިޓީގައި ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމަކާ ގުޅިގެން ވަކި ކަމެއް ކުރުމަށް ބޭންކަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާނެ ކަމަށެވެ.

އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި މުއައްސަސާތަކަށް މައުލޫމާތު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ނީޒާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބީއެމްއެލްގެ އިސްވެރިން ވިދާޅުވީ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް އެންގީ އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި ބީއެމްއެލްގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.

"އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުންވެސް އަދި އާތިފް ޝަކޫރުގެ ފަރާތުންވެސް އެއް އިންސްޓްރަކްޝަން އައި،" ޔާމީން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ 1.3 ބިލިއަން ރުފިޔާ ގެއްލުވާލީ ބޭންކްގެ ތެރެއިން ކަމަށް ގަބޫލުކުރަންތޯ މެންބަރަކު ސުވާލު ކުރެއްވުމުން ޑެޕިއުޓީ ސީއީއޯ ވިދާޅުވީ އެކަމުގައި ބީއެމްއެލްގެ އިހުމާލެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ހިނގާފައިވާ ކަމެއް ނަމަ އެކަން ހިނގާފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިިދާޅުވިއެވެ.