Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ގޯހީ ބޭންކެއް ނޫނެވެ. ގޯހީ އެ އަމަލު ހިންގި މީހުންނެވެ.

ހަނދާނަށް ގެންނަވާށެވެ. އެއީ މީގެ 10 ވަރަކަށް އަހަރުކުރި އެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުއްލިއަކަށް އިވުނީ އޭރު ނުފޫޒުގަދަ ސިޔާސީ ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށާއި އޭނާގެ ތިމާގެ ބޭފުޅެއް ހިއްސާވާ ކުންފުންޏަކަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ލޯނެއް، ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) ކުއްލިއަކަށް ދިން ވާހަކައެކެވެ. އެ ވާހަކަ ފެންމަތިވުމުން އޭރުގެ އޮޑިޓާ ޖެނެރަލް ބީއެމްއެލްގެ ޚާއްސަ އޮޑިޓެއް ކުރައްވައި ބޭންކާ ބެހޭ ވަރަށް ތަފުސީލް އޮޑިޓް ރިޕޯޓެއް އާއްމުކުރެއްވި އެވެ.

ބީއެމްއެލްއާ ބެހޭ ގޮތުން އެ ރިޕޯޓް ނެރުނީ ސިޔާސީ ގޮތުން ގައުމު ވަރަށް ބޮޑަށް ހަލަބޮލިވި ދަނޑިވަޅެއްގަ އެވެ. ކަންދިމާކުރި ގޮތުން އެ ރިޕޯޓުގެ އެންމެ ބޮޑު ބައެއް އަމާޒުވީ އޭރުގެ އިދިކޮޅު ލީޑަރު، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށެވެ. ބީއެމްއެލްގެ އެ ހާއްސަ އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ބޭންކުން އަމަލުކުރަން ޖެހޭ އުސޫލްތަކުގެ ބޭރުން އެ ލޯނު ތަސްމީން ހިއްސާވާ ކުންފުންޏަކަށް ދިނުމެވެ. އެއާ އެކު، ބޭންކުގެ ވިޔަފާރި އަށް ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވި އެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި އެ ލޯނުގެ ފައިސާ އަނބުރާ ނުލިބިދާނެ ބިރު އޮތްކަން ފާހަގަކޮށްފައި އޮތުމުން، އާއްމުންގެ ތެރޭގައި ބޭންކާ މެދު ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދިޔަ އެވެ. އަދި ބޭންކުގައި ރައްކާކޮށްފައި ހުރި ފައިސާ އަނބުރާ ނަގަން ވެސް ގިނަ ބަޔަކަށް ވިސްނޭހާ ބޮޑަށް އެ ރިޕޯޓުގައި ބޭންކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ އިތުރުން، ބައެއް ނޫސްތަކުގައި ބޭންކާ ބެހޭ ގޮތުން ލިޔުނު ޚަބަރުތަކާ ގުޅިގެން ވެސް ބީއެމްއެލްއާ މެދު އާއްމުންގެ އިތުބާރު އޮތީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ބޭންކުގެ އެ މައްސަލަ ދިމާވިއިރު، އެމްއެމްއޭގެ ގަވަރުނަރަށް ހުންނެވި ބޭފުޅާ އަޅުގަނޑާ ބައްދަލުކޮށް ދެއްކެވި ބައެއް ވާހަކަތައް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

އެ ބޭފުޅާ ވިދާޅުވީ ބޭންކުން ހިންގާފައިވާ އަމަލު ދިފާއު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް، ބޭންކުގެ ވިޔަފާރި ހަލާކުވެ، ބަނގުރޫޓުވާން ދޫކޮށްލައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. ކަންދިމާވި ގޮތުން އެ ދުވަސްވަރަކީ ގްރީސްގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެތަނުގެ މައި ބޭންކުގައި ހުރި ފައިސާ ނަގަން ޑިޕޮސިޓަރުން ދިމާކޮށްލި ދަނޑިވަޅެވެ.

އެ ގަވަރުނަރު ވިދާޅުވީ ބީއެމްއެލްގެ މައްސަލަ މާ ބޮޑަށް ސިޔާސީ ކޮށްފި ނަމަ، ގްރީސްގެ އެ ބޭންކަށް ދިމާވި ފަދަ ހާލަތެއް ބީއެމްއެލް އަށް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ ބަޔަކު ގޯހެއް ހެދިޔަސް، ބޭންކު ފަހާ ނުދެވެ، އެކަން ކުރި ބަޔަކާ މެދު ފިޔަވަޅު އެޅުން މާ ރަނގަޅު ކަމަށެވެ.

ބީއެމްއެލް އަށް އޭރު ކުރިމަތިވި އަޑިގަޑުން އަރައިގަނެވުނީ 2013 ހިސާބުގަ އެވެ. އޭގެ ކުރިން އެތައް އަހަރެއް ވެގެން ދިޔައީ ބޭންކުގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ވެސް ނުބެހި އެވެ. އެހެން ނަމަވެސް، އެތައް މަސައްކަތަކުން ބޭންކު އަލުން އަނބުރާ ކޮޅަށް ޖަހައި އަލުން ފައިދާ ވާ ތަނަކަށް ހަދައި ބޭންކުގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބެން ވަނީ ފަށާފަ އެވެ. މާލީ ގޮތުން ބޭންކު ވަރުގަދަވެ، އެތައް ވިޔަފާރިތަކަކާއި އާއްމު ފަރުދުންނަށް މާލީ ގޮތުން ތަފާތު ވަސީލަތްތައް ފޯރުކޮށްދެވޭ ވަރުގެ ވަރުގަދަ މާލީ އިދާރާ އަކަށް ބީއެމްލއެ ވަނީ ވެފަ އެވެ. އޭގެ ސަބަބުން، ރާއްޖޭގެ މުޅި އިގްތިސާދަށް އެތައް ގޮތަކުން ފައިދާކުރަން ވަނީ ފަށާފަ އެވެ.

އަނެއްކާ ވެސް ކުރިމަތިވެފައި މިވަނީ ހަމަ އެފަދަ ދަނޑިވަޅެކެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައިގެން އަނެއްކާ ވެސް އެ ބޭންކުގެ އިހުމާލު އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ގެންގޮސް، ހަވަރަށް ދޭ އުސޫލުން ތަހުގީގުތައް ހިންގަން ފަށައިފަ އެވެ. މިކަމުގައި ބޭންކުން އަންނަނީ ދިފާއުގައި، ބޭންކިން ގާނޫނާއި އެނޫން ވެސް ހެދިފައިވާ އުސޫލްތަކުގެ ބޭރުން އެއްވެސް އަމަލެއް ހިންގާފައި ނުވާ ސާބިތުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އަދި ބޭންކުގެ ތަސައްވުރު ގެއްލޭ ގޮތަށް ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން އެ ތަނުގައި މަސައްކަތްކުރާ 1،000 އެއްހާ މުވައްޒަފުންނަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވެސް ބޭންކުން ދަނީ ބުނަމުންނެވެ. އޭގެ އިތުރުން، ބޭންކުގެ ތަސައްވުރު ހަޑިވުމުން ބޭންކުގެ ވިޔަފާރި އަށް ވެސް ހިޔަނި އެޅުމުގެ ބިރު ވެސް އެބަ އޮތެވެ. މިއީ ހީކުރާހާ ކުޑަ މައްސަލައެއް ނޫނެވެ.

ގައުމުގެ އެންމެ ބޮޑު ބޭންކާ މެދު މިފަދަ ވާހަކަތަކެއް ދެއްކުމުން އޭގެ ގެއްލުން ވަނީ އެ ބޭންކުގައި އެކައުންޓް ހުޅުވާފައިވާ ގާތްގަނޑަކަށް 280،000 އެއްހާ މީހުންނަށް އެކަންޏެވެ. ސަރުކާރަށާއި މުޅި ގައުމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ބޮޑު ކާޑު ނެޓްވޯކް ހިންގާ ބޭންކެވެ. އެ ހިދުމަތް ދިވެހިންނަށް ދެނީ ވިސާ އާއި މާސްޓަކާޑް އަދި އެމެރިކަން އެކްސްޕްރެސް ފަދަ ދުނިޔޭގެ އެންމެ ވަރުގަދަ ކާޑު ސާވިސްގެ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެންނެވެ. ވިސްނުމަކާ ނުލާ ބޭންކާ މެދު އެފަދަ ވާހަކަތައް ފެތުރުމުން، ކާޑުގެ ހިދުމަތް ދޭ ކުންފުނިތަކުން އެ ހިދުމަތް މެދުކަނޑާލައިފި ނަމަ އޭގެ ގެއްލުން މުޅި އިގްތިސާދަށް ފޯރާނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރިވެރިން ބޭރުން މުދާ ގަތުމަށާއި ރާއްޖެ އަށް ފައިސާ ގެނައުމަށް ވެސް ބޭނުންކުރާ ބީއެމްއެލްގެ ތަސައްވުރު ގެއްލޭ ގޮތަށް ކެނޑިނޭޅި ވާހަކަދައްކަމުންދާ ނަމަ، އެ ބޭންކާ އެކު މުއާމަލާތްކުރާ ބޭރުގެ ބޭންކުތަކުން މުއާމަލާތްކުރުން ހުއްޓާލައިފި ނަމަ އެއީ ފޫނުބެދޭވަރުގެ ގެއްލުމަކަށްވާނެ އެވެ.

އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ މައްސަލަ ތަހުގީގުކޮށް، އެ ފައިސާ ދައުލަތަށް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ބީއެމްއެލް ފަދަ ސެންސިޓިވް ތަންތަނުގެ ވާހަކަ އެ ތަންތަނުގެ އިސްވެރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ގައުމުގެ އެންމެންނަށް ފެންނަ ގޮތަށް ޓީވީން ވަގުތުން ދެއްކުމަކީ އެހާ ޒިންމާދާރު ކަމެއް ކަމަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި އެފަދަ ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަސް، މަގުސަދު ހާސިލްވާނެ އެވެ. ހުރިހާ ކަމަކީ އާއްމުންގެ ކުރިމަތީގައި ބޭޒާރުކުރަން ޖެހޭ ކަންކަމެއް ނޫނެވެ.

ބީއެމްއެލްއާ މެދު ކުރެވޭ މިބޮޑު ތުހުމަތުން އަރައިގަނެ، ކޮންމެވެސް ކޮޅެއްގައި ޖެހެންޖެހެ އެވެ. މި މައްސަލަ ހައްލު ނުވެ ދިގުލައިގެންދާ ނަމަ ބޭންކަށާއި ގައުމުގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ގެއްލުންވުމުގެ ބިރު އެބަ އޮތެވެ. ގޯހީ ބީއެމްއެލް އެއް ނޫނެވެ. ގޯހީ ފައިސާ އަށް ހިޔާނާތްތެރިވި މީހުންނެވެ. އެ މީހުންނާ މެދު ފިޔަވަޅު ފިޔަވަޅު އަޅާށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ ފުނޑާނުލާށެވެ.