Last Updated: April 24, 06:35
Wednesday, April 24, 2024
ރިޕޯޓް

އަމިއްލަ ފަރާތަކުން ވި ޚިޔާނާތެއް ދައުލަތުގެ ބޮލުގައި އެޅެންވީ ކީއްވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަމިއްލަ ފަރާތަކުން ހިންގި އެންމެ ބޮޑު އެއް ޖަރީމާއަކީ ސީލައިފުން ހުޅުމާލޭގައި އަޅަން ބުނި 3،000 ފްލެޓު އަޅަން ފައިސާ ނެގުމަށް ފަހު ފްލެޓު ނާޅައި ލާރިކޮޅާއެކު ފިލި ޖަރީމާއެވެ. މިމައްސަލާގައި ޝާމިލުވާ އެޗްޑީސީ އާއި ސަރުކާރުން ވެސް ވަނީ މައްސަލައިން ބަރީއާ ވެފައެވެ.

ނަމަވެސް ޔާމީންގެ ސަރުކާރު ނިމި މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ މިޚިޔާނާތުގެ ބަދަލު ދައުލަތުން، ދިވެހި ރައްޔިތުންގެ މާލިއްޔާތުން ދެއްކުމަށް ނިންމާފައެވެ. ފްލެޓު ގަތުމަށް ލާރި ދެއްކި ނިކަމެތި ރައްޔިތުން ބޯހިޔާވަހިކަން ނުލިބި ލާރިކޮޅުވެސް ނުލިބުމުން ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު ދައުލަތުން ވަނީ މިހާރު މިފްލެޓުތަކުގެ ބަދަލުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހާލުގައި ޖެހުނު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައެވެ.

ދައުލަތުން ބުނެފައިވަނީ ކޯޓުން ބޭރުގައި ހައްލެއް ހޯދައިދިނުމަށް ނިންމީ، ދައުލަތުން އަދި ދައުލަތުގެ ކުންފުނި އެޗްޑީސީން ވެސް އޭގައި ޒިންމާވާކަށް ނުޖެހޭ ކަމަށެވެ. ނަމަވެސް އެނގި ފެންނަން އޮތް ހަގީގަތަކީ އެޗްޑީސީން ސީލައިފް ކުންފުންޏަށް ފްލެޓު އަޅަން ހަވާލުކުރީ އެ ކުންފުނީގައި އެފަދަ ޕްރޮޖެކްޓެއް ހިންގޭނެ މާލީ ގާބިލިއްޔަތުކަން ނެތް ކަން އެނގިތިބެ ކަމަށެވެ. ޕްރޮޖެކްޓު ދިނުމުގެ ކުރިން އެޗްޑީސީން ހެދި ޑިއު ޑިލިޖެންސުން އެކަން ހާމަވެއެވެ.

ސަރުކާރުގެ ނުފޫޒާއެކު ސީލައިފަށް އެ ޕްރޮޖެކްޓު ލިބިފައިވާކަން އެނގެނީ އެ ޕްރޮޖެކްޓު ސީލައިފަށް ލިބިފައިވަނީ އެހެން ބަޔަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނުދީ، ރައީސް އޮފީހުގެ ކޮމިޓީއަކުން އެކަން ނިންމައި ކުންފުންޏާ ހަވާލުކޮށްފައިވާތީއެވެ. ޔާމީންގެ ވެރިކަމުގެ ޅަފަތުގައި، 2014 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު ޕްރޮޖެކްޓު ސީލައިފަށް ދީފައިވާއިރު ސީލައިފުން ވަނީ އޭގެ ހަތަރު ދުވަސް ފަހުން ޔާމީންގެ އަމިއްލަ އެކައުންޓަށް 15،000 އެމެރިކާ ޑޮލަރު ޖަމާކޮށްފައެވެ. އެކަން ފެންމަތި ވުމުން "ސަން" އޮންލައިނުން ކުންފުންޏާ ސުވާލުކުރުމުން ދިން ޖަވާބަކީ، އެ 15،000 ޑޮލަރަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އައްމަޓީގެ ކާރެއް ރައީސް ޔާމީން މަރާމާތު ކޮށްދީފައިވާތީ އޭގެ ބަދަލުގައި ދިން ފައިސާ ކަމަށެވެ. ޔާމީނަކީ ކާރު މަރަމާތު ކުރުމުގައި އެއްވެސް އިރަކު މަސައްކަތް ކުރެއްވި ބޭފުޅެއް ނޫނެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާއިން ވެސް އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާއިރު އެއީ ކޮން ގޮތަކަށް ހޯދި ލާރިއެއްކަން އަދިވެސް ހާމައެއް ނުކުރެއެވެ.

ބިތު ފަންގި ނަގާ ބެލުމުން ކަން ހިނގާދިޔަ ގޮތް ވަރަށް ސާފެވެ. ރައީސް ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު، ދެ ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާ ޖަމާކުރީ އެމަނިކުފާނުގެ ނުފޫޒުން އެ ޕްރޮޖެކްޓު އެ ކުންފުންޏަށް ދިނުމަށް ނިންމުމަށް ކަމަށް ބެލެވޭ ވަރަށް ހެކި އެބަހުއްޓެވެ.

ސުވާލަކީ ނިމިގެން ދިޔަ ސަރުކާރުން ހިންގާފައިވާ މިފަދަ ބޮޑެތި އެތައް ޖަރީމާތަކެއް ބަލައި ހައްގު އަދަބު ދޭނެ ކަމަށް ދިވެހި ރައްޔިތުންގެ ކައިރީގައި ވައުދުވި ސަރުކާރުން މިފަދަ މައްސަލަތައް ބަލައި ޚިޔާނާތްތެރިންނަށް ފިޔަވަޅު އަޅައި އަދަބު ދިނުމުގެ ބަދަލުގައި އެމީހުން ހިމާޔަތްކޮށް ރައްޔިތުންގެ ފައިސާއިން ބަދަލު ދެނީ ކޮން ހައިސިއްޔަތަކުންތޯއެވެ. މިއީ ސަރުކާރުން، ދައުލަތުގެ ބަންޑާރަ ނައިބު ޖަވާބުދާރީވާން ޖެހޭ ކަންކަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާ ފެންނަން ފެށި މަންޒަރަކީ އެއްވެސް ބެލުމެއް އެހުމެއް ސުވާލެއް ކުރުމެއް ނެތި ކުރީ ސަރުކާރުން ހިންގާފައިތިބި ޖަރީމާތަކުގެ ބަދަލު އެތައް މިލިއަނުން، ދައުލަތުގެ މާލިއްޔާތުން ދޭން ފެށިތަނެވެ. ބަދަލު ލިބޭ ފަރާތްތަކުގެ ތެރޭގައި ތިބީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ސީލައިފް ކުންފުނިން ޚިޔާނާތްތެރިވެފައިވާ ފައިސާ އަނބުރާ ދެއްކުމަށް އެއްވެސް ގޮތަކުން އެންގި ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ރައްޔިތުންނަށް ބަދަލު ދިނުމަށް ކަމަށް ބުނެ ދައުލަތުން ރައްޔިތުންގެ ފައިސާ ހޭދަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމުމުން ލިބެނީ ވަރަށް ނުބައި މެސެޖެކެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ބޮޑެތި އަދަދުން ފައިސާ ނަގައި އެފައިސާކޮޅު ހިފައިގެން ފިލުމުން އެއްވެސް ހާސް ކަމެއް ނެތި، މިނިވަންކަމާއެކު ދިރިއުޅެވޭއިރު އޭގެ ބަދަލު ދައުލަތުން ދައްކާދޭނެ ކަމެވެ. ހަމަ ޔަގީނުންވެސް މިމައްސަލަ ނިމުނު ގޮތަށް ބަލާއިރު ލިބެނީ އެ މެސެޖެވެ.

ސީލައިފްގެ ވެރިޔާ އައްމަޓީ ފައިސާކޮޅާއެކު ރާއްޖެއިން ބޭރަށް ފިލާފައިވާއިރު އޭނާ ހޯދަން އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ނެރެފައެވެ. ނަމަވެސް އެންމެނަށް ވެސް އެނގޭ ހަގީގަތަކީ އޭނާ ރާއްޖެއިން ބޭރުގައި އުޅެނީ ވަރަށް ވެސް މިނިވަންކަމާ އެކުގައި ކަމަށެވެ. ސަރުކާރުން އޭނާ ހޯދުމަށް ވެސް އަދި ޚިޔާނާތްތެރިވި ފައިސާ ހޯދުމަށް ވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ.