Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( އެކާހައްޓި ވަނަބައި)

" އައި ލަވް ޔޫ ސޯމަޗް…އާންއާ ނުލާ އަހަރެންނަކަށްވެސް ނޫޅެވޭނެ…" އާއިންގެ ގައިގާ ބާރަށް ބައްދާލަމުން ޝައުން ރޯންފެށިއެވެ. އާއިންވެސް ޝައުންގެ މަޑުމަޑު ހަށިގަނޑުގައި ދެއަތުން ވަށާލައި ބާރަށް ބައްދާލިއެވެ. ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާފަދަ ގޮތަކަށެވެ. ޒަމާންތަކަކަށްފަހު އަނެއްކާވެސް ދެހިތް ގުޅިލާމެހިއްޖެއެވެ.
ޝައުންއާއި އާއިންގެ މެދުގައިވާ ހުރިހާ ހުރަހެއް ނެތި ހިނގައްޖެއެވެ. މިހާރު އެދެހިތްވަނީ އަބަދީ ގުޅުމަކުން ގުޅިފައެވެ. ލޯބީގެ ދާންތަކުގެ މަތީގައި އުފަލާއި މަޖަލުގައި ދެހަފްތާ ވޭތުވެދިޔަގޮތް ޚުދު ދެމީހުންނަށްވެސް ނޭނގެއެވެ. މާލެއަންނަން ޖެހުމުން ޝައުންގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ދުވަހަކުވެސް މާލެ ނުގޮސް އެގޮތަށް އާއިންއާއެކީ އުމުރަށްވެސް އުޅެވޭނެ ނަމައޭ ޝައުންގެ ހިތަށްއެރިއެވެ. ނަމަވެސް އިންސާނާ އެދޭހައި ގޮތަކަށް ހުރިހާކަމެއް ނުވާނެކަންވެސް އޭނާ ގަބޫލުކުރިއެވެ.
އާފެށުމަކުން ދެމީހުންގެ ލޯބި ފެށުނު ނަމަވެސް މާލެދިއުމާއެކު ކުރިއެކޭ އެއްގޮތަށް ޝައުން އާއިންއާއި ދުރުދުރުން އުޅެންފެށިއެވެ. އެކަން އާއިންއަށް ފާހަގަކުރެވުމުން އާއިން އެކަމާ ޝަކުވާކުރިއެވެ.
" އާން…އަހަރެން ބޭނުމެއްނޫން ނާޒް އެހާލުގަ އިންދާ އަހަރެމެން ދެމީހުންގެ މެދުގަ ގުޅުމެއް އޮތްކަން އޭނާއަށް އެނގޭކަށް….ނާޒް ވިހެއީމަ ހަމަޖެހިގެން ދެމީހުން އެވާހަކަ ބުނާނީ….އޭނައަށްވެސް ވަގުތުދޭން ޖެހޭނެއްނު ތައްޔާރުވާން…" އާއިންގެ ޝަކުވާތަކަށް ޝައުން ރައްދުދިނެވެ.
" އަހަރެންވެސް ވިސްނައިގެން މިހުރީ ހަމަ ތިހެންނޭ…..ގޭތެރޭގަ ގާތްކޮށް ނޫޅެވުނަސް އެންމެކުޑަމިނުން އޮފީހުގަ ގާތްކޮށް އުޅެވޭނެއްނު….ބޭބީއާ ދުރުގަހުރުމަކީ މިހާރު އަހަރެންނަށް ކިހާ އުނދަގޫކަމެއްކަން އެނގެއެއްނު…." ޝައުންގެ އަތުގައި ހިފާލަމުން އާއިން ލޯތްބާއެކު ބުންޏެވެ.
" އޮފީހުގަ އުޅޭއިރުވެސް ވިސްނައިގެންނެއްނު އުޅެންޖެހޭނީ….ހަމަ ކުއްލިއަކަށް ބައްޕަވެސް އަތުވެދާނެ…އާން ބޭނުމިއްޔާ އަހަރެމެންގެ ގެޔަށްގޮސް އުޅެވިދާނެއްނު ބޭނުންގޮތަކަށް…." ސީރިއަސްކަމާއެކު ޝައުން ބުނެލިއެވެ.
" އެންމެ ރަނގަޅު….ދެންޖެހޭނީ ކެތްކުރަންތާ…" މާޔޫސީ ރާގަކަށް އާއިން ބުނެލިއެވެ.
ކޮންމެ ރެއަކުވެސް އާއިން ޝައުންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހުޅުމާލެއަށް ދެއެވެ. ނަމަވެސް ނިދަން އަންނަނީ ފަރަހަނާޒްގެ ގާތަށެވެ. އެގޮތުގައި ކެތްތެރިކަމާއެކު ދެމީހުން ދެބީރައްޓެހިން ފަދައިން އުޅުނު ނަމަވެސް، ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަން އަބަދުމެ ފާޅުވަމުންދެއެވެ. ޚުދު ފަރަހަނާޒަށްވެސް އެކަން ފާހަގަ ކުރެވުނެވެ. ތުރުކީއިން އައިފަހުން އާއިންވެސް މާބޮޑަށް އުފާވެފައި ހުންނަކަން އޭނާއަށް ފާހަގަކުރެވުނެވެ. އަދި ޝައުންވެސް ހުންނަނީ ވަރަށް އުފަލުންނެވެ. އެހެންކަމުން އޭނާއަށް އެކަމާމެދު ވިސްނެމުން ދިޔައެވެ. އޭނާގެ ހިތްބުނަނީ ދެމީހުންގެ މެދުގައި ގުޅުމެއް އުފެދިފައިވާ ކަމެވެ. ނަމަވެސް ދެމީހުންވެސް އެކަން ސިއްރުކުރަނީ ކަމުގައެވެ. ފަރަހަނާޒް އިންތިޒާރު ކުރަމުން ދިޔައީ އެކަން ހާމަވާނެ ދުވަހަކަށެވެ.
***********
މެންދަމުގެ ވަގުތެވެ. ވިއްސާކޮޓަރިއަށް ފަރަހަނާޒް ވެއްދިފަހުން ބައިގަޑިއިރު ވެއްޖެއެވެ. އާއިންވެސް ވީ ފަރަހަނާޒާއެކުގައެވެ. ވެއިޓިން އޭރިޔާގައި އާޒިމްއާއި ހާދީއާއި ޒާހިދާ އަދި އަމީލާގެ އިތުރުން ޝައުންވެސް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އިރާކޮޅުގެ ވަގުތެއްގައި ފަރަހަނާޒް ބަނޑުގައި ކުޑަކޮށް ރިއްސަން ފެށުމުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނެވެ. އޭރުއްސުރެ ޝައުން އެއުޅެނީ ހޮސްޕިޓަލުގައެވެ.
ފަރަހަނާޒްގެ އަތުގައި ހިފާލައިގެން ހުރި އާއިންހުރީ ކެތްތެރިކަން ކޮޅުންލާފައެވެ. ފަރަހަނާޒްގެ ބަނޑުގައި އަޅަމުން ދިޔަވޭނުގެ ސަބަބުން މުޅިމީހާއިތީ ދާހިއްލާ ފޯވެފައެވެ. މޫނުވެސްވަނީ ރަތްވެފައެވެ. އެގޮތުގައި ގިނައިރުވީވަރަކަށް ފަރަހަނާޒްގެ ހާލުދިޔައީ ގޯސްވަމުންނެވެ.
" ސިސްޓަރ….ނާޒްގެ ހާލު ގޯސްވަނީނު…" ކަންބޮޑުވެފައި އާއިންއަށް ބުނެވުނެވެ.
" ހާސްނުވޭ…ދެން މާގިނައިރެއްނުވާނެ….ކުޑަކުޑަ ހިތްވަރެއް ކޮށްލަންޖެހޭނީ…" ނަރުސްކުއްޖާ އާއިންއަށް ހިތްވަރުދިނެވެ.
އާއިން ފަރަހަނާޒްގެ މޫނުގައި ފިރުމަމުން ހިތްވަރުދޭންފެށިއެވެ. ދަރިޔަކު ދުނިޔެއަށް އުފަންކުރަން މަޔަކު އުޅޭހާލު ހިތަށްއަރާފައި އާއިންއަށް އޭނާގެ މަންމަގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. އެމަންމަވެސް ހަމައެފަދައިން އޭނާއަށްޓަކައި ކިހައި ވޭނެއް އުފުލާފައިވާނެ ހެއްޔެވެ؟ މައެއްގެ ދަރަޖަ ބަފައަކަށްވުރެ އިތުރުވާ ސަބަބަކީވެސް އެއީއެވެ. ފަރަހަނާޒްގެ ހާލުފެނިފައި އާއިންގެ ހިތްވިރިގެން ދިޔައެވެ. ޚުދު އޭނާގެ އަމިއްލަ ހަށިގަނޑުގައިވެސް އެވޭން އަޅަމުންދިޔަ ކަމުގެ އިހުސާސެއް އެވަގުތު އޭނާއަށްވިއެވެ.
ފަރަހަނާޒްގެ ބަނޑުގައި އަޅަމުންދިޔަވޭން އޭގެ އިންތިހާއަށް ދިއުމާއެކު އޭނާގެ މޫނުމައްޗަށް އަނދިރިވިއެވެ. އެއާއެކު ތުއްތުކުއްޖެއްގެ ރުއިމުގެ އަޑުވެސް އޭނާގެ ކަންފަތުގައި ޖެހުނެވެ. ޚަބަރުހުސްވަމުން ދިއުމާއެކުވެސް އޭނާގެ ތުންފަތަށް ހިނިތުންވުންވެރިވިއެވެ. ދަރިފުޅު ވިހެއި މަންޒަރު ފެނިފައި ވަގުތުން އާއިންގެ ބޮލަށް އެނބުރުންއެރިއެވެ. ކައިރީގައިހުރި ނަރުސްކުއްޖަކު އެހީނުވިނަމަ އޭނާ ވެއްޓުނީހެވެ. ކައިރީގައިހުރި ގޮނޑިއެއްގައި އިށީނދެ އާއިން އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
" މާޝާ ﷲ….ލޯބި ލޯބި ފިރިހެން ކުއްޖެއް…." ފަރަހަނާޒްގެ މޭމަތީގައި ދަރިފުޅު ބާއްވަމުން އުފާވެރިކަމާއެކު ނަރުސްކުއްޖާ ބުނެލިއެވެ. ފަރަހަނާޒް ވަރަށް ހިތްވަރުކޮށްފައި ދެލޯހުޅުވާލިއެވެ. ދަރިފުޅުގެ މޫނު ފެނުމާއެކު އޭނާގެ ގައިގާ އަޅަމުންދިޔަ ހުރިހާވޭނެއްވެސް ފިލާދިޔަ ކަހަލައެވެ. އާއިން ގޮނޑިން ތެދުވެގެން އައިސް ފަރަހަނާޒްގެ ގާތުގައި ހުއްޓުނެވެ. ފަރަހަނާޒްގެ މޭމަތީގައި އޮތް ތުއްތު ތުއްތު ދަރިފުޅު ފެނުމާއެކު ވަގުތުން އޭނާގެ ލޮލުން ކަރުނައައެވެ. ވީއުފަލުން ބަސްހުއްޓިފައި އޭނާއަށް ހުރެވުނެވެ. އޭނާވެސް ބައްޕައަކަށްވީއެވެ.
ދަރިފުޅު އުރާލައިގެން އާއިން ނުކުތުމުން އާޒިމްއާއި ޒާހިދާ އަދި އަމީލާވެސް ހަލުވިކަމާއެކު އާއިންގެ ގާތަށް ދިޔައެވެ.
" ފިރިހެން ކުއްޖެއް…" އާޒިމްއާ ދިމާ ބަލާލަމުން އުފާވެފައި އާއިން ބުނެލިއެވެ. އާޒިމް ވަރަށް ސަމާލުކަމާއެކީ އޭނާގެ ކާފަދަރިފުޅު އުރާލިއިރު، އޭނާގެ ލޯވެސް އުފާވެރިކަމުގެ ކަރުނައިން ފުރިއްޖެއެވެ. ހާދީއާއި ޒާހިދާ އަދި އަމީލާވެސް ދަރިފުޅު އުރާލުމަށްޓަކައި އިންތިޒާރުގައި ތިބިއިރު، ޝައުންވެސް ހިނިތުންވެފައި އެމީހުންގެ ގާތުގައި ހުއްޓެވެ. އާއިން ބަލާލުމުން ޝައުން އައިން އާއިންއަށް މަރުހަބާކިޔަމުން ކުޑަކޮށް ބައްދާލިއެވެ.
" ދޮން މަންމައަކަށްވީ އިނގޭ…." އެހެންމީހުންނަށް ނީވޭނެހެން ސިއްރު ސިއްރުން އާއިން ބުނެލުމުން ޝައުން ލޯއަޅާލިއެވެ.
ފަރަހަނާޒް ކޮޓަރިއަށް ބަދަލުކުރެވުމާއެކު ހުރިހާ އެންމެން އެކޮޓަރިއަށް ޖަމާވިއެވެ. ފަރަހަނާޒް ވިހޭ ޚަބަރު ލިބުމުން އައިރާއާއި މާޒްވެސް އައެވެ. ތޫބާވެސް އަންނަން ބޭނުންވި ނަމަވެސް މެންދަމުގެ ވަގުތުކަމުން އޭނާއަށް ނާދެވުނީއެވެ. އެހެންކަމުން އަރްވިންވެސް މަޑުކުރީ ފަތިސްވުމުން ދިއުމަށެވެ.
ފަރަހަކު މީހަކު ކުޑަދަރިފުޅުގެ މޫނުބަލައި އެދަރިފުޅާމެދު ލޯބިވެތި ބަސްތައް ބޭނުން ކުރަމުން ދިޔައިރު ޝައުން އިނީ ނެގިމަޑުވެފައެވެ. ދަރިޔަކު ލިބުމުން އާއިން އުފާވެފައިހުރި މަންޒަރު ފެނުމުން އޭނާ އުފާވިނަމަވެސް އޭނާގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއްވެސް ވަނީ އުފެދިފައެވެ. ފަރަހަނާޒްގެ މޫނުގައިވާ ހިނިތުންވުން ފެނިފައި އޭނާގެ ސަބަބުން އެހިނިތުންވުން ނެތިދާނެތީ އޭނާ ބިރުގަތެވެ. ފަރަހަނާޒްއާއި އާއިންގެ ހަޔާތް މިހާރު އެވަނީ ފުރިހަމަ ވެފައެވެ. ވީއިރު ދެން އޭނާ އެދެމީހުންގެ ހުރަކަށްވެގެން ހުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
ތިންދުވަސްފަހުން ފަރަހަނާޒްއާއި ދަރިފުޅު ގެޔަށް ދޫކޮށްލެވުނެވެ. އާއިން އެންމެ ހިނދުކޮޅަކަށްވެސް އެދެމައިންނާ ދުރަކަށް ނުދެއެވެ. އާއިން އެދަރިފުޅަށް އާކިންގެ ނަމުން ނަންދިނެވެ. އޭނާ ޗުއްޓީ ނަގައިގެން ފަރަހަނާޒަށް ޚިދުމަށް ކޮށްދޭން ފެށިއެވެ. ދަރިފުޅު ލިބުމުގެ އުފަލުގައި ދުނިޔޭގެ އެހެން ހުރިހާކަމެއްވެސް އޭނާ ހަނދާން ނެތުނުފަދައެވެ. ޝައުންމަތިންވެސް އޭނާ ހަނދާންހުރި ހެނެއް ހިއެއްނުވެއެވެ. އޮފީހަށް ނުދިއުމާއެކު ޝައުންގެ ގާތަށް ހުޅުމާލެއަށް ނުދާތީ، ޝައުންއާ އާއިން ބައްދަލުވަނީވެސް މަދު ފަހަރަކުއެވެ. އެއީ ހަމައެކަނި ޝައުން އެގެއަށް އަންނަ ވަގުތު ތަކުގައެވެ. އެފަދަ ވަގުތު ތަކުގައިވެސް ދަރިފުޅާއިމެދު އާއިން މަޝްޣޫލުވެފައި ހުންނަވަރުން ޝައުންއާމެދު ވިސްނާލެވޭ ވަރެއްވެސް ނުވެއެވެ. އޭނާގެ ޙަޔާތުގައި ފަރަހަނާޒްއާއި ދަރިފުޅުނޫން މީހަކު މިހާރު ނެތޭވެސް ހީވާ ކަހަލައެވެ. އެކަމާމެދު ޝައުންއަށް ވިސްނުނުވަރަކަށް އޭނާގެ ހިތުގައި ޝައްކާއި ވަހުމްތައް އުފެދެން ފެށިއެވެ. ޝައުންއަކީ މިހާރު އާއިންގެ ޙަޔާތުގައި މާމުހިއްމު މީހެއްނޫންކަމުގައި އޭނާއަށް ވިސްނެންފެށިއެވެ.
އެގޮތުގައި ކަންބޮޑުވެފައި ހުއްޓައި، އެއްދުވަހަކު އޭނާ ކަލަންޑަރ ބަލާލީ ޕްރެޖެކްޓެއް ނިންމަން ޖެހޭ ތާރީޚް ނޯޓްކޮށްލުމަށްޓަކައެވެ. އެވަގުތު އޭނާގެ ކަންބޮޑުވުން އިތުރުވީ އޭނާގެ ޕީރިއަޑް މިސްވެގެން މާބޮޑަށްވެސް ލަސްވެފައިވާކަން އެނގުމުންނެވެ. ޕީރިއަޑްނުވެ މަހެއް ފާއިތުވެ ދިޔައިރުވެސް އޭނާއަށް ރޭކާނުލީ މާބޮޑަށް ބުރަކޮށް އުޅެން ޖެހުމުންނެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނީ އޭނާއާ އާއިންގެ މެދުގައި ގުޅުމެއް ހިނގާފައިވާކަން ހަނދާންވުމުންނެވެ.
" އަނެއްކާ ޕްރެގްވީބާ؟…ނޫން…އެކަހަލަ އެއްވެސް އަލާމާތެއް ނުފެނޭ…ބޮލެއްވެސް ނާބުރާ…ހޮޑެއްވެސް ނުލެވޭ….ދެން؟ " ޝައުންއަށް ވިސްނާލެވުނެވެ.
އޭނާ ބަލިވެއިނީކަމުގައި ޝައްކު ކުރެވުމުން ޓެސްޓްކުރުމަށް ގަސްތުކުރިއެވެ. އެގޮތުން އޭނާ ޕްރެގްނެންސީ ޓެސްޓްކިޓެއް ގަނެގެން އަމިއްލައަށް ޓެސްޓްކުރިއެވެ. ނަތީޖާ ފެނުމާއެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނާ ހަމަ ރަނގަޅަށްވެސް ބަލިވެއިނީ ހެއްޔެވެ؟ ގަބޫލު ނުކުރެވިފައި އޭނާއަށް އެތައްއިރަކު ޓެސްޓްކިޓަށް ބަލަން ހުރެވުނެވެ. އާއިންއަށް އެޚަބަރު ދޭނީ ހެއްޔެވެ؟ ނުވަތަ ސިއްރު ކުރާނީ ހެއްޔެވެ؟
" ނޫން…ނޫން…އާންގާތު އަހަރެން ނުބުނާނަން….މިވަގުތު އާންއާ ނާޒްވެސް އެތިބީ ނުހަނު އުފަލުން….އެމީހުނަށް މިޚަބަރު ލިބުނީމަ ކިހިނެއްވާނީ؟….ނާޒް ކިހާދެރަވާނެ…އަނެއްކޮޅުން އާންވެސް ބޭނުމެއްނުވާނެ އެހާއަވަހަށް ދެވަނަ ކުއްޖަކު….އެންމެންވެސް އެތިބީ ނުހަނު އުފަލުން….އެކަކު އަހަރެން ނުބުނާނަން…." ޝައުން ހިތާހިތާ ގޮތެއް ނިންމިއެވެ.
އޭނާ ބަލިވެއިން ޚަބަރަކީ އެއްވެސް މީހަކަށް މާމުހިއްމު ޚަބަރަކަށް ނުވާނެކަން އޭނާއަށް އެނގެއެވެ. ޚުދު އާއިންއަށްވެސް އެއީ އުފާވެރި ޚަބަރަކަށް ނުވާނެއެވެ. ވީއިރު އޭނާ އެވާހަކަ އެއްވެސް މީހަކާ ހިއްސާކުރުމުގެ ބޭނުމެއް ނެތެވެ.
އޮފީހުގައި އިންއިރުވެސް ޝައުން ވިސްނަމުން ދިޔައީ ދެން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. އާއިންއާ އޭނާ ކައިވެނިކުރީ މަޖުބޫރުވެގެންނެވެ. އަދި އެކައިވެނި އެއީ އެންމެންގެ ލޯތަކުގައި އެޅުވިގެން ދިޔަ އަނދުނެއެވެ. އަމުދުން ފަރަހަނާޒްގެ ކުރިމަތީގައި އެއީ އެއްވެސް އަގެއްހުރި ކައިވެންޏެއް ނޫނެވެ. ކައިވެނިކުރި މަޤުސަދުވެސް މިހާރު އެވަނީ ނެތިގޮސްފައެވެ. އާއިންގެ ލޯބި ކުޑަ ދުވަސްކޮޅަކަށް ލިބުނު ނަމަވެސް އެކައިވެނީގެ ހަޤީޤަތެއް ބަދަލެއް ނުވާނެއެވެ. މުޅި އުމުރަށް އާއިންގެ މީހަކަށްވެގެން އުޅެން އޭނާ ދުށް ހުވަފެންވެސް ހަޤީޤަތަށް ނުވާނެއެވެ.
އާއިން އޭނާދެކެ ލޯބިވެޔޭ ތަކުރާރުކޮށް ބުނި ނަމަވެސް، ފަރަހަނާޒަށްވުރެ ބޮޑަށް އާއިންއަށް އޭނާދެކެ ލޯތްބެއް ނުވެވޭނެއެވެ. އަދި އަމުދުން މިހާރު ފަރަހަނާޒް އެވަނީ އޭނާއަށްވުރެ ހުރިހާ ގޮތަކުންވެސް ކުރިއަރާ ގޮސްފައެވެ. އާއިންއާ ފުރަތަމަ ކައިވެނިކުރީވެސް އަދި ދަރިޔެއްގެ އުފާދިން މީހަކީވެސް އެއީއެވެ. ދުވަހަކުވެސް އޭނާއަށް ފަރަހަނާޒްއާ އެއްދަރަޖައަކަށް ނުދެވޭނެއެވެ. އާއިންގެ ޙަޔާތުގައި އޭނާ ބަހައްޓަން އާއިން ބޭނުންވި ނަމަވެސް ފަރަހަނާޒަށް ދިންފަދަ މަޤާމެއް އާއިން ޙަޔާތުން ދުވަހަކުވެސް އޭނާއަކަށް ނުލިބޭނެއެވެ. މިއަދާ ހަމައަށް އޭނާއަށް ފެނުނު މަންޒަރުތަކުންވެސް އޭނާއަށް އެކަން ދޭހަވެއެވެ.
" އަހަރެން އާންއާ ދުރަށްދާނަން….މުޅި އުމުރަށް ދުރަށްދާނަން….ކުރިންވެސް އާންއާ ނުލާ އަހަރެންނަށް އުޅެވުނު….ދެންވެސް އުޅެވޭނެ…" ޝައުން އޭނާގެ ލޮލުން ކަރުނަ ފުހެލަމުން ހިތާހިތާ ކިޔާލިއެވެ. އޭނާ ދެން ކަންތައްކުރަންވީ ގޮތެއް ހިތުގައި ރާވާލިއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އާއިން އުފާވެރިކަމާއެކު އޭނާގެ ދަރިފުޅާއެކު ވަގުތު ހޭދަކުރަމުން ދިޔައެވެ. ދުވާލަކު އެތައް ބަޔަކު އެދަރިފުޅަށް ޒިޔާރަޒްކޮށް ލޯބިކޮށް ހަދައެވެ. ޝައުންވެސް އެހެންމީހުންނެކޭ އެއްގޮތަށް އެދަރިފުޅުގެ ގާތަށް އައިސް ލޯބިކޮށް ހަދައެވެ. އެފަދަ ވަގުތު ތަކުގައި އަމިއްލަ ދަރިޔަކު ލިބުމުން އުޅޭނެ ގޮތުގެ ޚިޔާލުތައް އޭނާއަށް ކުރެވެއެވެ.
" ޝައުން ބަލީތަ؟…" އެއްދުވަހަކު ފަރަހަނާޒް އެހިއެވެ.
" ނޫން…ކިހިނެއްވީ؟…" ޝައުން ހީލަމުން ޖަވާބުދިނެވެ.
" މިހާރަކަށް އައިސް މާބޮޑަށް ނެގިމަޑުވެފަ ހުންނާތީ….މޫނުމަތިންވެސް ވަރަށް ބަލިފާޑު ޖަހަނީ…" ޝައުންގެ މޫނަށް ބަލަން އިނދެ ފަރަހަނާޒް ބުނެލިއެވެ.
" ނޫނޭ….އެއްވެސް ކަމެއްނުވޭ….މާބޮޑަށް ބުރަކޮށް އުޅޭތީ ހީވާގޮތް…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ. އޭނާހުރީ އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް ފަރަހަނާޒަށް ފާހަގަވީކަމުގައި ހީކޮށް ކަންބޮޑުވެފައެވެ. ފަރަހަނާޒްއާ ޝައުން އެވާހަކަ ދެއްކިއިރު ފާޚާނާއިން ނުކުތް އާއިންއަށްވެސް އެއަޑު އިވުނެވެ. އާއިން ވަރަށް ފުންކޮށް ޝައުންއަށް ބަލާލިއެވެ. ޝައުންގެ މޫނު ވަރަށްބޮޑަށް މިލާފަހުރިކަން އޭނާއަށްވެސް ފާހަގަ ކުރެވުނެވެ. ޝައުން ކޮންމެވެސް ކަމަކާ ފިކުރުކުރާކަން ވިސްނި ޝައުންއާ އެކަނި ބައްދަލު ކުރުމަށް އޭނާ ނިންމިއެވެ. އެހެންކަމުން ޝައުން އޮފީހަށް ދިޔަ ވަގުތު ބަލާފައި އާއިންވެސް އޮފީހަށް ދިޔައެވެ.
" ކިހިނެއްވީ؟…ކޮންކަމަކާ މާދެރަވެފަ ތިހުންނަނީ؟…" ޝައުންގެ މޫނަށް ބަލަންހުރެ އާއިން ސުވާލުކުރިއެވެ.
" އެއްވެސް ކަމަކާ ނުވިސްނަން…މިދުވަސްކޮޅު ތަންކޮޅެއް ބުރަކޮށް އުޅެންޖެހޭތީ ވަރުބަލިވަނީ…" ޝައުން ބަހަނާއެއް ދެއްކިއެވެ.
" އެކަމު އަހަރެންނަށް ހީވަނީ ކޮންމެވެސް އެހެންކަމެއްވީހެން….މިދުވަސްކޮޅު ވަރަށް މޫޑީވެފަ ހުންނަނީ….އެނގޭ އަހަރެންނަށް މިހާރު ޝައުން ބޭނުންވާވަރަށް ވަގުތު ނުދެވޭކަން…އެކަމު އެނގެއެއްނު ކީއްވެގެންކަންވެސް…..އަހަރެންވެސް ބޭބީގެ ކަންތަކުގަ ވަރަށް ބިޒީކޮށް އުޅޭތީ ގުޅާވެސް ނުލެވެނީ….ވަރަށްބޮޑަށް ސޮރީ…އެއްގޮތަކަށްވެސް ޝައުންމަތިން ހަނދާންނުވަނީކީނޫން….ނާޒްއަށް ބޭބީގޮވައިގެން އުޅެވޭވަރުވީހާ އަވަހަކަށް އަހަރެމެންގެ ވާހަކަ ނާޒްގާތު ބުނާނަން…..އޭރުން ހުރިހާކަމެއްވެސް ހަމައަކަށް އެޅޭނެ….އަހަރެމެން ތިންމީހުންވެސް އުޅޭތީ އުފަލުން….އެކީގަ….މާބޮޑަށް ނުވިސްނާ ހެޕީކޮށް ހުރެބަލަ!….ތިގޮތަށް މޫޑީވެގެން ހުރީމަ ވަރަށްދެރަވޭ…." އާދޭހުގެ ރާގަކަށް އާއިން ބުންޏެވެ. އާއިންގެ ވާހަކަތަކުން ޝައުންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް އާއިން އެބުނާފަދަ އުފާވެރިކޮށް ތިންމީހުންނަށް އުޅުމަކީ ވާނޭކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ފަރަހަނާޒަށް ހަޤީޤަތް އެނގޭ ދުވަހަކުން ފަރަހަނާޒް އޭނާއަށް ނަފްރަތު ކުރާނެއެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަންވެސް ނެތިގެންދާނެއެވެ.
ފަރަހަނާޒާއި ދަރިފުޅުގެ ކަންކަމުގައި ބުރަކޮށް އުޅެމުންވެސް އާއިންއަށް ވީވަރަކުން ޝައުންގެ ހާލުބަލަމުން ދިޔައެވެ. ނިދުމުގެކުރިން ޝައުން ނުގުޅިއްޖެނަމަ މެސެޖްވެސް ކޮށްލައެވެ. އެގޮތުން އޭނާ ޝައުންއާއެކުގައިވާކަން ހަނދާންކޮށްދެމުން ދިޔައެވެ. ދަރިފުޅު ލިބުމުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ޝައުންއާމެދު ފަރުވާކުޑަ ކުރެވުނީތީ އޭނާ އެކަމަށް މާފަށްވެސް އެދުނެވެ. ޝައުން ހެޔޮހިތުން މާފުވެސް ކުރިއެވެ. އާއިންގެ ގާތުގައި އޭނާ ބަލިވެއިން ވާހަކަ ބުނަން ހިތަށް އަރާފައިވެސް ބުނާކަށް ނުކެރުނެވެ.
މެންދަމުގެ ވަގުތެވެ. ޝައުން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ބަލިވެއިންކަން ސިއްރުކޮށްގެން ދެން މާގިނަ ދުވަހަކު ނޫޅެވޭނެއެވެ. މިހާރު އޭނާގެ ބަނޑަށް ދެމަސްވާން ގާތްވެއްޖެއެވެ. އޭނާގެ ހަށިގަނޑުންވެސް އެކަން ފާޅުވާން ފަށައިފިއެވެ. ކުރިޔަށްވުރެ ބަރުދަންވެސް އިތުރުވެއްޖެއެވެ. އެހެންކަމުން އޭނާގެ ހެދުން އެޅުންވެސް ބަދަލުކުރަން ޖެހިއްޖެއެވެ. މިހާރު އޭނާލަނީ މުޅިންވެސް ގަޔަށްދޫ ހެދުމެވެ. އާއިންވެސް އޭނާ ފަލަވަނީ ދޯއޭ ކުރިންވެސް އެހިއެވެ. ނަމަވެސް އޭރުވެސް އޭނާ ބަލިވެ އިނދެފާނެ ކަމަކަށް އާއިން ނުވިސްނައެވެ. ވިސްނުމުގައި އޮއްވައި ޝައުންއަށް ނިދުނީ ފަތިސްވާން ގާތްވެފައި ވަނިކޮށެވެ. އެހެންކަމުން ހެނދުނު ފޯނު އެލާމުވުމުންވެސް ތެދުވާހިތް ނެތިފައި އޭނާއޮތެވެ. ނިދީގެ ސަބަބުން ދެލޯހުޅުވަންވެސް އޭނާއަށް އުނދަގުލެވެ. އޭނާ މިއަދު އޮފީހަށް ނުދާން ގަސްތުކޮށްގެން އަނެއްކާވެސް ދެލޯމަރާލިއެވެ.
ޝައުންއަށް ހޭލެވުނީ މެންދުރުވާން ގާތްވެފައި ވަނިކޮށެވެ. އޭނާ ގަޑިބަލާލަމުން އަވަސް އަވަހަށް ތެދުވިއެވެ. އޭނާ ފެންވަރާލައިގެން ނުކުމެ މަންމަމެންގެ ގެޔަށް ދިޔައެވެ. މިއަދު އޭނާ ބޭނުންވަނީ ހުރިހާ އެންމެނާ ބައްދަލު ކުރުމަށެވެ. އެގެޔަށް ދިޔައިރު، މަންމަ އުޅެނީ ބަދިގޭގައެވެ. އުޝާ އުޅެނީ އޭނާގެ ދަރިފުޅު އީޝަލް ފެންވަރުވާ ރީތިކުރުމަށެވެ.
" މިއަދު އޮފީހަށްވެސް ނުދާ ދުވަހަކީތަ؟…" ޝައުން ފެނުމާއެކު އުޝާ އެހިއެވެ.
" ހޫމް…ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ….އެހެންވެ ޗުއްޓީއެއް ހަދާލީ…" ހިނިތުންވެލަމުން ޝައުން ބުނެލިއެވެ.
" އަނހާ…ދަރިފުޅު މާއަވަހަށް އޮފީހުން އައި ދުވަހެއްތަ؟…" އަޒީފާ އައިސް ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
" މިއަދު ކުޑަކޮށް ބަލިވެއުޅޭތީ ނުދަން…" މަންމައަށް ބަލާލަމުން ޝައުން ބުނެލިއެވެ.
" އެހެންތަ؟…ކިހިނެއްވީ؟…ސައިބޮއެގެން އަވަހަށް ޑޮކްޓަރަށް ދައްކަން ހިނގާ…." ކަންބޮޑުވެފައި އަޒީފާ ބުނެލިއެވެ.
" ނޫނޭ މަންމާ….މާބޮޑުކަމެއްނޫނޭ….ތަންކޮޅެއް ބުރަކޮށް އުޅެވުނީމަ ބޮލުގަ ރިއްސަނީ…" މަންމަގެ ކަންބޮޑުވުން ފެނިފައި ޝައުން އަވަސް އަވަހަށް ބުނެލިއެވެ.
" އެހެންވިއްޔާ ދެކުދިން އަވަހަށްދޭ ސައިބޯން….ސައިބޮއެގެން އަރާމުކުރީމަ ރަނގަޅުވާނީ…" އުޝާއާއި ޝައުންއަށް އިޝާރާތްކުރަމުން އަޒީފާ ބުންޏެވެ. އުޝާ ދަރިފުޅު އަޒީފާގެ އަތަށްދީފައި ޝައުންއާއެކު ބަދިގެޔަށް ދިޔައެވެ.
" ދޮންބެ ދައްތަވެސް އަދި ސައިނުބޮނީތަ؟…މިހާރު އެއޮއް މެންދުރުވަނީނު…" ކޮޓަރިން ނުކުންނަމުން ޝައުން އެހިއެވެ.
" މިހާރު ދެވަނަ ފަހަރަށް ސައިބޯން މިދަނީ….އޭތް ތިޔެއްނޫނޭ….ޝައުން މިހާރު ހާދަ ފަލަހެން ހީވެޔޭ…އަނެއްކާ ޝައުން އަނެއްކާ ޕްރެގްވީތަ؟." މަޖާވެލާފައި ކުއްލިއަކަށް އުޝާކުރި ސުވާލުން ޝައުންއަށް ސިހުން ލިބުނެވެ.
" ނޫން…އެދެން ހަމަ ފަލަވަނީ….ކަސްރަތުނުކޮށް އެހެން އަބަދު އެއްތާކު އިންނާތީ…." ޝައުން އަވަސް އަވަހަށް އޮޅުވާލިއެވެ.
" އެހެންތަ؟…އެކަމު މިހާރު ވަރަށް ތަފާތު…ފަލަވީމަ ހީވާގޮތް ކަންނޭނގެދޯ…" އުޝާ ބުނެލިއެވެ. ސައިބޯންތިބިއިރު އުޝާ އެކި އެކި ވާހަކަ ދެއްކިއެވެ. ގިނައިން ދެއްކީ އީޝަލްގެ ވާހަކައެވެ. އީޝަލް ލިބުމުން އުފާވާ ވާހަކައެވެ.
" ދަރިންނަކީ ހާދަބޮޑު ނިއުމަތެކޭ….ކިތަންމެ ވަރުބަލިވެގެން އުޅެފަވެސް އީޝަލް ފެންނަނިކޮށް ހުރިހާ ވަރުބަލިކަމެއް ފިލާ…އިޒީވެސް އެހެންބުނާނެ…ކޮންމެ ދުވަހަކު އޮފީހުން އަންނަގޮތަށް އޮންނާނެ އީޝަލްގާތު ހެދުންވެސް ބަދަލުނުކޮށް….ބުނާނެ ނުކެޔަސް ބަނޑުފުރެޔޭ އީޝަލް ފެނުނީމަ…" ހިނިތުންވެފައި އިނދެ އުޝާ ކިޔައިދެމުން ދިޔަ ވާހަކަތަކުން ޝައުންގެ ހިތަށް އަސަރުކުރިއެވެ. ދުވަސްކޮޅެއްފަހުން އޭނާވެސް މަންމައަކަށް ވާނެއެވެ. ނަމަވެސް އޭނާއަށް އެބުނާފަދަ އުފާވެރިކަމެއް ލިބޭނެ ބާއެވެ. ދެމަފިރިން އެކުގައި ކުޑަދަރިފުޅާއެކު އުފާކުރަން ތިބޭނެ ފުރުސަތު ދުވަހަކުވެސް އޭނާއަށް ލިބޭނެ ބާއެވެ. އެހެން ހިތަށް އެރުމާއެކު އިޚްތިޔާރަކާނުލައި އޭނާގެ ލޯ ފެންކަޅިވިއެވެ.
އެދުވަހުގެ ގިނަވަގުތު ޝައުން ހޭދަކުރީ އޭނާގެ އާއިލާއާ އެކުގައެވެ. އިޒްޔަންވެސް އޭނާއާ ވަރަށްގިނަ ވާހަކަ ދެއްކިއެވެ. އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލުކުރިއެވެ. އާއިން އޭނާއަށް އަޅާލާތޯއާއި އާއިންގެ ދަރިފުޅުގެ ގާތަށް އޭނާ ޒިޔާރަތްކުރެތޯއެވެ. ފަރަހަނާޒްއާއި އޭނާގެ ގުޅުން ކިހިނެއްތޯއާއި އެފަދަ އެތައް ސުވާލު ތަކެކެވެ. ޝައުން ބުނީ ހުރިހާ ކަމެއްވެސް ރަނގަޅު ވާހަކައެވެ. އާއިންވެސް އޭނާދެކެ އިންތިހާއަށް ލޯބިވާ ވާހަކައެވެ. އެންމެންވެސް އުޅެނީ އުފަލުގައި ކަމުގައެވެ. އެންމެންގެ ކުރިމަތީގައި އުފާވާކަމަށް ހެދެމުން އޭނާ ދިޔައީ އަމިއްލަ ނަފްސަށް އޮޅުވާލަމުންނެވެ.
އިރު އަލިކަން ފަނޑުވެ ދުނިޔޭގެ މައްޗަށް އަނދިރިކަން އަތްގަދަކޮށްފިއެވެ. ޝައުން އޭނާގެ ގޭގެ ބެލްކަނީގައި އުޑުމައްޗަށް ބަލަންހުރިއިރު، އޭނާއަށް އިހުސާސްކުރެވުނީ ޚުދު އޭނާގެ ދިރިއުޅުންވެސް އެގޮތަށް އަނދިރިވަމުން ދާކަމުގައެވެ. އާއިންގެ ލޯބިން އޭނާގެ ޙަޔާތް އަލިވެގެ އުޖާލާވެގެން ދިޔަކަމުގައި އޭނާއަށް ކުޑަ ވަގުތުކޮޅަކަށް ހީކުރެވުނު ނަމަވެސް، އޭނާގެ ސަބަބުން ފަރަހަނާޒްގެ އުފާވެރި ދިރިއުޅުން ބަނަ ކުރެވޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ ފަރަހަނާޒަށް ދަރިޔަލު ލިބުނު ދުވަހުން ފެށިގެންނެވެ.
" ޝައުން…އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން މަންމައަކަށް ވުމުގެ އުފާ އަހަރެންނަށް ލިބޭނެ ކަމަކަށް….އަނާ ނިޔާވުމުން އަހަރެން ހީކުރީ އަހަރެން ބޭކާރު މީހަކަށްވީކަމަށް….އަހަރެން މުޅީން މާޔޫސްވި…..އަހަރެންނަކީ އުނިމީހެއްގެ އިހުސާސް އަނެއްކާވެސް ކުރެވެން ފެށުނު….އެކަމަކު ﷲ ގެ ކުޅަދުންވަންތަ އެހެންހުރިހާ ކަމެއް މައްޗަށް އިސްވެގެންވޭ….އިންސާނާ ހީނުކުރާ ގޮތްގޮތުން އޭނާއަށް ނިއުމަތް ދެއްވާ….މިހާރު އަދި ކިރިޔާ އަހަރެންނަށް މިއިހުސާސް ކުރެވެނީ ފުރިހަމަ އަންހެނެއްކަން….ދަރިފުޅު ލިބުމުން އާއިން އުފާވި ވަރަށް ދުވަހަކުވެސް އުފާވެފަ ހުއްޓާ އަހަރެން ނުދެކެން….އާއިން އުފަލުން ރޮނިކޮށް އެނޫނީ ނުދެކެން….އަދި ކިރިޔާ އަހަރެމެންގެ ކައިވެނި ފުރިހަމަ މިވީ…." ފަރަހަނާޒް އޭނާގެ ހިތް ޝައުންގެ ކުރިމަތީގައި ހުޅުވާލިއެވެ.
އެވާހަކަތަކުން ޝައުންގެ ހިތަށްކުރި އަސަރެއް ފަރަހަނާޒްއަށް އަންދާޒާ ނުކުރެވުނީ އޭނާ އުފާވެފައިވާލެއް ބޮޑުކަމުންނެވެ. އަދި އެވާހަކަތައް އެގޮތަށް ހިއްސާކުރެވުނީ ގާތްއެކުވެރިއެއްގެ ގޮތުގައި ޝައުންއާމެދު ދެކެމުން އައީތީއެވެ. ޝައުންއަކީ އާއިންގެ ދެވަނަ އަނބިމީހާ ކަމުގައި އިހުސާސްކުރެވުނުނަމަ ފަރަހަނާޒް އެވާހަކަތައް ޝައުންގެ ގާތުގައި ހިއްސާ ނުކުރީސްކަން ގައިމެވެ. އެކަމުންވެސް ޝައުންއަށް އިހުސާސްވީ ފަރަހަނާޒް އޭނާއާމެދު ދެކެނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ކަމެވެ. އަދި އާއިންގެ ޙަޔާތުގައި ޝައުންއަކީ ފަރަހަނާޒް ފަދައިން އެއްމަޤާމެއްގައި ހުރިމީހެއް ކަމުގައި ފަރަހަނާޒް ނުވިސްނާކަމެވެ. ވީއިރު، އާއިންއާއި ޝައުންގެ މެދުގައިވާ ގުޅުން އެނގުމުން ފަރަހަނާޒަށް އެކަމުން ނުހަނު ބޮޑު ހިތާމައެއް ކުރިމަތިވާނެއެވެ. އޭނާގެ ފުރިހަމަ ކައިވެނީގައި ރެނދުލީކަމުގެ އިހުސާސް ކުރެވޭނެއެވެ. އާއިންއާއި ޝައުންވެސް އޭނާއަށް މަކަރުހަދައި އޮޅުވާލީ ކަމުގައި އޭނާދެކޭނެއެވެ. އަންހެނަކަށްވެހުރެ އެހެން އަންހެނެއްގެ ހިތް ހަލާލުކޮށްލުމަކީ ކިހާ ގޯސްކަމެއް ހެއްޔެވެ؟ އޭނާއަކީ އެހައި އަމިއްލައެދުން ބޮޑުމީހެއްނޫނެވެ. އިރެއްގައި އޭނާއަކީ ގޯސްމީހެއް ނަމަވެސް މިހާރު އޭނާ އެވަނީ ބަދަލުވެފައެވެ. އެހެންކަމުން އޭނާ ފަރަހަނާޒަށް ވީ ވަޢުދު ފުއްދާނެއެވެ.
އާއިންގެ ލޯބީގައި ކުޑަދުވަސްކޮޅަކަށް ނަމަވެސް އޭނާ ބެހިގެން ދިޔައެވެ. އަދިވެސް އެލޯތްބަށް އޭނާއަށް އެދެވެއެވެ. ނަމަވެސް އެލޯބި ފުރަތަމަ މިލްކުކުރީ ފަރަހަނާޒެވެ. އެލޯތްބަށް އޭނާއަށްވުރެ ހައްޤުކަން ބޮޑީވެސް ފަރަހަނާޒްގެއެވެ. އާއިން ބޮޑަށް ލޯބިވަނީ ކާކުދެކެތޯ ޔަޤީންކުރުމުގެ ބޭނުމެއްނެތެވެ. އާއިންއަކީ ފިރިހެނެކެވެ. ދެމީހުން ކީއްކުރަން ހެއްޔެވެ؟ ހަތަރުމީހުންދެކެ ލޯބިވުމަކީވެސް ފިރިހެނަކަށް މާބޮޑުކަމެއްނޫނެވެ. އެތައްކުދިންގެ ހިތްތަކާ ކުޅެލުމަކީވެސް އެމީހުންނަށް ދާދި ފަސޭހަ ކަމެކެވެ. އެއާ ޚިލާފަށް އަނިޔާލިބެނީ އަންހެންކުދިންގެ ހިތްތަކަށެވެ. ތަކުލީފު އުފުލަން ޖެހެނީވެސް އެމީހުންނަށެވެ. ލޯބީގެ ހައްޤުގައި އެހެން އަންހެންކުއްޖަކަށްވެސް އަމިއްލަ ފިރިމީހާގެ ޙަޔާތުން ޖާގަދިން ނަމަވެސް ހަޤީޤީ މާނައިގައި އެކަމުގެ ހިތިކަން އަބަދުވެސް އިހުސާސްކުރާނެއެވެ. ތިމާ އެންމެ ލޯބިވާމީހާ އެހެންމީހެއްގެ އަތުތެރޭގައިވާތަން ދެކެން ކެތްކުރެވޭނީ ވަރަށްވެސް ކެތްތެރި އަދި ހިތްތިރި އަންހެނަކަށެވެ. އޭނާއަކީ އެހާ ހިތްތިރިމީހެއް ނޫނެވެ. ފަރަހަނާޒަކީ ކިތަންމެދީންވެރި އަދި ޚުލްޤުހެޔޮ ކުއްޖެއް ނަމަވެސް އޭނާއަށްވެސް އެހާ ހިތްތިރި މީހަކަށް ނުވެވޭނެއެވެ ޝައުންދެކެ ލޯބިވުމަށް ފާޅުގައި އާއިންއަށް ހުއްދަދީފާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވާނޭކަމެއް ނޫނެވެ. އިންސާނަކު އެހާ ހިތްތިރި ވެދާނެ ހެއްޔެވެ؟
މިކަމުގައި އޮތީ އެންމެ ހައްލެކެވެ. އޭނާ ދިއުމެވެ. އެދެމީހުން ނުފެންނަ ހިސާބަކަށް އަބަދުގެ އަބަދަށް ދިއުމެވެ. އާއިންއާ ނުލައި އޭނާއަށް ދިރިއުޅުމަށް މިހާރު ސަބަބެއްވެސް ލިބިއްޖެއެވެ. އާއިންގެ ލޯބީގެ ނިޝާނެއް އޭނާގެ ހަށިގަނޑުގައި ހެދިބޮޑުވަމުން އެބަދެއެވެ. އެލޯބީގެ އެހީގައި އޭނާއަށް މުޅި އުމުރުވެސް ހޭދަކުރެވިދާނެއެވެ. އެތައްގޮތަށް ވިސްނުމަށްފަހު ޝައުން ގޮތެއް ނިންމިއެވެ. އޭނާ ނިންމި ނިންމުމަށް އަމަލީ ސިފައެއް ގެންނާނެ ވަގުތަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ޝައުން އޭނާގެ ފޮށިތައްމަތި ރަނގަޅަށް ތައްޔާރުކޮށް އިތުރަށް ބޭނުންވާ އެއްޗެއް އޮތްތޯ ބަލައި ޗެކްކުރިއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ފޮށްޓަށް އެޅުނުކަން ޔަޤީންވުމުން އޭނާ ކުލީކާރަކަށް ގުޅިއެވެ. އިންތިޒާރުގައި އިންނަތާ އިރުކޮޅެއްފަހުން ކާރު އަތުވެއްޖެއެވެ. އޭނާ ފޮށި ހިފައިގެން ގެއިން ނުކުންނަމުން އަދިވެސް އެއްފަހަރު އޭނާ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެގޭގެ ކޮންމެ އެއްޗެއް ސިފަކޮށްދެނީ އާއިންއާއި އެކުގައި އެގޭގައި ހޭދަކުރެވުނު ލޯބީގެ ވަގުތުތަކެވެ. އެއީ ކިހާއުފާވެރި ހިތްގައިމު ވަގުތު ތަކެއް ހެއްޔެވެ؟ އެހަނދާންތައް އެގޭގެ ހަރަތުފާރުގެ ތެރޭގައި ރައްކާކުރެވުނު ފަދައިން އޭނާގެ ހިތުގައިވެސް މުޅި އުމުރަށް ރައްކާކުރެވިފައި ހުންނާނެވެ. އޭނާ ދޫކޮށް އެދަނީ ހަމައެކަނި އެގެއްނޫނެވެ. އަދި ހަމައެކަނި އާއިން އެއްވެސް ނޫނެވެ. އޭނާ އެދަނީ އޭނާ ލޯބިވާ އެންމެން ދޫކޮށްފައެވެ. އޭނާގެ ސިއްރު އެންމެނަށް ފޮރުވުމަށްޓަކައި އެއަށްވުރެ މޮޅުގޮތެއް އޭނާއަކަށް ނުފެނުނެވެ. މެންދަމުގެ އެ ހަމަހިމޭން ވަގުތުގައި އޭނާ އެދަނީ އޭނާގެ ލޯބިވާ އެންމެނާ ފިލާށެވެ. ދެން އެނބުރި އާދެވޭކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ.
ނުނިމޭ