Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ބާހައްޓިވަނަ ބައި)

ކާރުގައި އިންއިރު އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އެންމެން ދޫކޮށްދާން ޖެހުމުން އޭނާގެ ހިތަށް ނުހަނު އަސަރުކުރިއެވެ. އޭނާ އެދަނީ އޭނާއަށް ވެވުނު ލޯތްބެއްގެ ސަބަބުން މުޅި އުމުރަށް އެކަމުގެ އަދަބު ލިބިގަންނާށެވެ. އޭނާދެކެ ލޯބިވާހައި ބަޔަކުވެސް އޭނާގެ ފަހަތަށް ދޫކޮށްފައެވެ. މަންމައާއި ބައްޕައާއި އާއިލާގެ އެހެންމީހުން ދެރަވާނޭވަރު އޭނާއަށް އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. އޭނާ ދިއުމުން ދުވަސްކޮޅަކަށް އެންމެންވެސް ހިތާމަކުރާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ވަގުތާއެކު އެމީހުންގެ ހިތާމަތައްވެސް ލުއިވާނެއެވެ. އޭނާއާ ނުލައި އުޅެން ދަސްވާނެއެވެ. މަތިންދާ ބޯޓްގައި އިންއިރުވެސް އޭނާގެ ރުއިމެއް ނުހުއްޓެއެވެ. ﷲ އަށް ވަކީލުކޮށްފައި އޭނާ އެންމެން ދޫކޮށްފައި މިދަނީ ހިތުން ނުރުމަކުން ނޫނެވެ. ވީއިރު އޭނާގެ ހިތަށް އަސަރުކުރާނެ ނޫން ހެއްޔެވެ؟
ޖެހިގެން އައި ދުވަހުގެ އިރުއޮއްނުއިރުވެސް ޝައުންގެ އެއްވެސް ޚަބަރެއް ނުވުމުން އާއިން ޝައުންއަށް ގުޅިއެވެ. ފޯނު ނިވާލާފައި އޮތުމުން އޭނާ އެންމެފަހުން އޮފީހަށްވެސް ދިޔައެވެ. ދެދުވަސްވާންދެން ޝައުން އޮފީހަށްވެސް ނާންނަކަން އެނގުމުން އޭނާ ކަންބޮޑުވިއެވެ. އޭނާ ވަގުތެއް ހޯދައިގެން ހުޅުމާލެއަށް ދިޔައެވެ. ގޭތެރެއަށް ވަދެވުމާއެކުވެސް ފަޅުކަން އިހުސާސްކުރެވުނެވެ. އާއިން ހަލުވިކަމާއެކު ގޮސް ކޮޓަރި ހުޅުވާލިއެވެ. ކޮޓަރީގައި އެއްވެސް މީހަކުނެވެ. އޭނާ ގޮސް ފާޚާނާވެސް ބެލިއެވެ. ފާޚާނާގައިވެސް ޝައުންއެއް ނެތެވެ. އާއިން ކޮޓަރިން ނުކުމެ ޖެހިގެންހުރި ދެކޮޓަރިވެސް ބެލިއެވެ. ނަމަވެސް އެއްވެސް ކޮޓަރިއަކު ޝައުންއެއްނެތެވެ.
" ކޮންތާކަށްތަ ޝައުންދާނީވެސް…." ސޯފާއަށް ވެއްޓިގަންނަމުން އާއިންއަށް ބުނެވުނެވެ. އިރުކޮޅަކު އެގޮތަށް ވިސްނަން އިނުމަށްފަހު އިޒްޔަންއަށް އޭނާގުޅިއެވެ. ޝައުން އެގޭގައިވެސް ނެތްކަން އެނގުމުން އާއިންގެ ކަންބޮޑުވުން އިތުރުވިއެވެ. ރޭގަނޑުގެ އަނދިރިކަން ހިނދެއް ހިނދަކަށް ގަދަވަމުންދަނީއެވެ. އަދިވެސް ޝައުންގެ ޚަބަރެއްނުވެއެވެ. ޝައުންގެ ފޯނުވެސް ހުޅުވީކީ ނޫނެވެ. އާއިން މާޒްމެންގެ ގެޔަށްވެސް ދިޔައެވެ. ފަހަރެއްގައި އައިރާގެ ގާތަށްވެސް ޝައުން ގޮސްފާނެކަމަށް ވިސްނާފައެވެ. އަދި އޭނާގެ މަންމަގެ ގެޔަށްވެސް ދިޔައެވެ. ޝައުން ގޮސްފާނެހެން ހީވާ ހުރިހާ ގެޔެއް އޭނާބެލިއެވެ. ނަމަވެސް ޝައުންގެ އެއްވެސް ޚަބަރެއްނުވިއެވެ. މިހާރު ރޭނގަޑު ނުވައެއްވެސް ޖަހައިފިއެވެ. އަނެއްކާ ޝައުންއަށް ބަޔަކު ކަމެއްކުރީބާއެވެ. ޝައުން އެކަނި ގެޔަށް އަންނަނިކޮށް ބަޔަކު ކަމެއްކޮށްވެސް ފާނެއެވެ. އަދި އޭނާގެ ފޯނުވެސް އަތުލީކަމަށް ވެދާނެއެވެ. އެހެންނޫންނަމަ މިހުރިހާއިރު ވާއިރު ޝައުންގެ ޚަބަރެއްނުވެއެއް ނުހުންނާނެއެވެ. އާއިން ކަންބޮޑުވެގެން އެންމެފަހުން މާޒްއަށް ގުޅާފައި ވީހާވެސް އަވަހަކަށް އޭނާއާ ބައްދަލުކުރުމަށް އެދުނެވެ.
" މާޒް…..ޝައުންގެ އެއްވެސް ޚަބަރެއްނުވި….ފޯނުވެސް ނިވާލާއޮތީ…އިއްޔެއިންސުރެ އޮފީހަކަށްވެސް ނުދޭ…" ކަންބޮޑުވެގެން ގޮސް އާއިން ފައްޗަކަށް ކިޔާލިއެވެ.
" ތިވަރުވީއިރު ކީއްވެތަ އެއްވެސްމީހަކު ގާތު ނުބުނީ….މަށަށް ފެންނަނީ ޕޮލިހަށް ގުޅަން…." މާޒް ލަފާދިނެވެ.
" ނޫން…އަދި އިހަށް އަހަރެމެން ހޯދާނީ…..ނުފެނިއްޖެއްޔާ ގުޅާނީ…" އާއިން ބުނެލިއެވެ. ދެމީހުން ސައިކަލުގައި މުޅި ހުޅުމާލޭގައި ބުރުޖެހިއެވެ. ހުރިހާ ދިމާއެއްގެ ގޮނޑުދޮށާއި ވަލުތެރެވެސް ބެލިއެވެ. އެއްވެސްތާކުން ޝައުންގެ ނިޝާނެއްވެސް ނުފެނުނެވެ. އެމީހުން އެކަމުގައި އަވަދިނެތި އުޅެނިކޮށް ފަރަހަނާޒް ގުޅިއެވެ. އާއިންއަށް ކެތްނުވެގެން ފަރަހަނާޒް ގާތުގައިވެސް ޝައުން ނުފެނުނު ވާހަކަ ބުންޏެވެ.
" އެހެންތަ؟….އެކަމު ރޭގެ ދަންވަރު އަހަރެންނަށް އެބައިން ވައިބައިން މެސެޖެއް ކޮށްފަ…އަހަރެންނަށް މާފުކުރާށޭ އިނީ….ހަމައެކަނި އެހެންއިނީ….އެކަމު އޭގެފަހުން އެއްވެސް މެސެޖެއް ޑެލިވަރއެއްނުވޭ…." ފަރަހަނާޒް އޮޅުން ފިލުވައިދިނެވެ.
" އެހެންތަ؟…ނާޒް…އެއްވެސްމީހެއް ގާތު އަދި އެއްވެސް އެއްޗެއް ނުބުނައްޗޭ!….އަހަރެމެން އަދިވެސް ޝައުން ފެނޭތޯ ހޯދާނަން…." އާއިން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަދި އަނެއްކާވެސް ހުޅުމާލޭގައިހުރި އޭނާގެ ގެޔަށް ދިޔައެވެ. ޝައުންގެ ކޮޓަރިއަށްވަދެ އަލަމާރި ހުޅުވާލިއިރު، ކޮންމެވެސް ވަރަކަށް ޝައުންގެ ހެދުން މަދުހެން ހީވިއެވެ. އޭނާ ކަބަޑަކަށްފަހު ކަބަޑެއް ހުޅުވިއެވެ. ޝައުންގެ ބައެއް ސާމާނު މަދުކަން އޭނާއަށް އެނގުނެވެ. އޭނާ ތަންތަން ހޯދަމުން ގޮސް އެނދުގެ އެއްފަރާތުގައިވާ ކުޑަކަބަޑެއް ހުޅުވާލިއެވެ. އޭގައިވާ ކުޑަނޯޓް ފޮތް އޭނާނެގީ ހިތަށްއެރި އެއްޗަކުންނެވެ. ނޯޓްފޮތް ހުޅުވާލިއިރު، އޭގައި އެއްޗެއް ލިޔެފައި އޮތެވެ.
" އަހަރެންނަށް އެނގޭ ކޮންމެވެސް ދުވަހަކުން އާން މިފޮތް ހުޅުވާނެކަން….އާން އަހަރެންނަށް މާފުކުރޭ!…އަދި އަހަރެން ހޯދަން މަސައްކަތް ނުކުރޭ!….އެކަމު އާން ބިރު ނުގަނޭ އަހަރެން އަމިއްލައަށް މަރެއްނުވާނަން…..އަހަރެން ބޭނުންވަނީ ދުވަސްކޮޅަކު އެކަނި އުޅެލަން….އަހަރެން ތާކަށްދާން އުޅޭކަން އެނގިއްޖެނަމަ އާން އަހަރެން ނުފޮނުވާނެކަން އެނގޭތީ ސިއްރުން އަންނަން ޖެހުނީ….ކޮންމެތާކު ހުއްޓަސް އަހަރެން ހުންނާނީ އުފަލުން…..އަހަރެންގެ އާއިލާމީހުންގާތުގަ ބުނެދީ ކަންބޮޑުނުވާށޭ….އަދި ނާޒްގާތުވެސް ބުނާތީ އަހަރެންނަށް މާފުކުރާށޭ…އަދި ބޭބީ މަތިން އަހަރެން ވަރަށް މިސްވާނެ….ނާޒްއާ ބޭބީއާއެކު އާން އަބަދުވެސް އުފަލުގަ އުޅޭނެކަމަށް އަހަރެން އުއްމީދުކުރަން….ލަވްޔޫ…" ޝައުންގެ ނޯޓް ކިޔާފައި އާއިންއަށް ހިތާމައިގެ އާހެއް ބޭރުކޮށްލެވުނެވެ.
" ކިހިނެއްވީ؟…ކީކޭތަ އޮތީ؟…" ކަންބޮޑުވެފައި މާޒްއަށް އަހާލެވުނެވެ.
" ޝައުން ދިޔައީ….އަހަރެންނާ ފިލައިގެން…." މޮޅިވެރި އަޑަކުން އެހެން ބުނެލަމުން އާއިން އެނދުގައި އިށީނެވެ. އިސާހިތަކު އޭނާގެ ލޮލުގައި ކަރުނަތައް ގިނަވެއްޖެއެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް ޝައުން ކަންތައްކުރިގޮތުން އޭނާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ.
" އާން…ހަމަޖެހޭ….އަދި ޝައުން އަންނާނެ….އާން ތަޅުވާލަން ކުރިކަމަކަށްވެސް ވެދާނެ…." މާޒް އާއިންއަށް ވިސްނައިދިނުމަށް އުޅުނެވެ.
" ނޫން…އެއީ ވަރަށް ބޯހަރު ކުއްޖެއް….އޭނަ ބޭނުންގޮތަކަށް ކަންތައްކުރާނީ….އެހެންމީހަކު ދެރަވާނެވަރެއް ނުވިސްނާނެ….ދެން އަހަރެން އޭނާގެ އާއިލާމީހުންގާތު ކީކޭ ބުނާނީވެސް….ދެމީހުންގެ މެދުގަ އެއްވެސް މައްސަލައެއް ނުޖެހިހުރެފަ ކުއްލިއަކަށް އެގޮތަށް ދިޔައީމަ އެމީހުން ހީކުރާނީ ކީކޭ….ކުޑަމިނުން ދިޔަ ސަބަބުވެސް ބުނެލިނަމައެއްނު….އަހަރެން ލޯބިވާވަރު އަދިވެސް އިމްތިހާން ކުރަން ބޭނުންވަނީ ކަންނޭނގެ…." ކުރެހިފައިވާ އަޑަކުން އާއިން ޝަކުވާކުރަމުން ދިޔައެވެ.
" އާން ހާސްނުވޭ….އަހަރެމެންނަށް ބެލިދާނެއްނު އޭނަ ދިޔަތަނެއް….އޭނާދާނީ ސިންގަޕޫރަށްހެން ހީވަނީ….ދަންނަ ބަޔަކުވެސް އުޅޭނީ އެތާގައެއްނު….އެހެންވީމަ ހާސްނުވޭ…ސިންގަޕޫރަށް ގޮސް ޝައުންއަށް ވިސްނަދީގެން ގެންނާނީ….އަދި އެހެންމީހުންނަށްވެސް ކަންތައްވީގޮތް ކިޔާދޭނީ…" މާޒް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.
" މާޒް…ހިނގާދާން….ފިލާހުރެ ހުރެ ވަރުބަލިވެގެން އެހުރިތާކުން ނުކުމެގެން އަންނާނެ…އަހަރެންނާ ދުރުގަ މިހާރު ޝައުންއަކަށް ނުހުރެވޭނެ" އާއިން ވަރަށް ޔަޤީންކަމާއެކު ބުނެލުމުން މާޒްވެސް ހިނިތުންވެލިއެވެ. އާއިން ޔަޤީންކުރީ ޝައުން އޭނާއާ ސަމާސާއެއް ކުރަނީ ކަމުގައެވެ. އޭނާ ލޯބިވާވަރެއް ބަލާލަން އުކުޅެއް ބޭނުންކުރަނީ ކަމުގައެވެ. މުޅި އުމުރަށް އޭނާ ދޫކޮށްދާނެހައި ހިތްވަރެއް ޝައުންގެ ނުހުންނާނެއެވެ. އެޔަށްވުރެ ބޮޑަށް ޝައުން އޭނާދެކެ ލޯބިވާނެއެވެ. އެހެންކަމުން އާއިން އެނބުރި ގެޔަށް ގޮސް ފަރަހަނާޒް ގާތުއިވެސް ކަންބޮޑު ނުވުމަށް ބުންޏެވެ. ޝައުންއަކީ ވަރަށް ސަމާސާކުރާ ކުއްޖެއްކަމުގައިވެސް ބުންޏެވެ.
" ދެން ކީއްވެ އަހަރެންގާތުން މާފަށް އެދުނީ؟.." ފަރަހަނާޒް ސުވާލުކުރިއެވެ.
" ދެން އެކަމާ ނުވިސްނާ….ޝައުން އަދި އަންނާނެ…" އާދައިގެ ގޮތަކަށް އާއިން ބުނެލިއެވެ.
" ކޮންތާކަށް ދިޔައީ؟.." ފަރަހަނާޒް އެހިއެވެ.
" ހީވަނީ ސިންގަޕޫރަށްހެން…..އެނޫން ދެން ކޮންތާކަށްދާނީ…އޭނާގެ ބައްޕައާ ކޮއްކޮވެސް އެތިބީ އެތާގަ…" ހީލަމުން އާއިން ޖަވާބުދިނެވެ. ފަރަހަނާޒް އިތުރަށް އެއްޗެއް ނުބުނިނަމަވެސް އޭނާއިނީ ނުހަނު ކަންބޮޑުވެފައެވެ.
ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޝައުންގެ އެއްވެސް ޚަބަރެއްނުވެއެވެ. ކުޑަމިނުން ވައިބަރއިންވެސް ޝައުންގެ މެސެޖެއްވެސް ނާދެއެވެ. އާއިން ކަންބޮޑުވީނަމަވެސް އެކަން ނުދައްކައި އެންމެނާވެސް ކުރިމަތިލައެވެ. ޝައުންގެ މަތިން މާބޮޑަށް ހަނދާންވުމުން އޭނާ އޮފީހަށް ދިޔައެވެ. އޭނާގެ ކޮޓަރިއަށް ވަނުމާއެކު އޭނާއަށް އެޑްރެސްކޮށްފައި މޭޒްމަތީގައިވާ ސިޓީއެއް ފެނުނެވެ. އޭނާ އެކަނޑާފައި ބަލާލިއިރު އެއީ ޝައުންގެ އިސްތިއުފާ ސިޓީއެވެ.
" ދެން ހަމަ ނާންނަން ގަސްތުކޮށްގެންތަ ތިހުރީ؟…" އަތުގައި ސިޓީ ބޮނޑިކޮށްލަމުން އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ. ޝައުންއަށް އޭނާއާ ނުލައި އެގޮތުގައި ކެތްކުރެވެނީ ކިހާ ދުވަހަކުތޯ އޭނާ ބަލާނެއެވެ.
އެއްވެސް މީހަކު ގާތުގައި ޝައުންގެ ވާހަކަ ނުދައްކާ ހަފްތާއެއް ވޭތުވެގެން ހިނގައްޖެއެވެ. ޝައުން އަމިއްލައަށް އެނބުރި އަންނާނެ ކަމުގެ އުއްމީދުގައި އާއިން އިންތިޒާރު ކުރަމުން ދިޔައެވެ.
" އާން…ދެން ވެއްޖެއެއްނު އެހެންމީހުންގާތުގަވެސް ޝައުން ދިޔަ ވާހަކަ ބުނަން….ކުރިން ދުވަހު އިޒީއާ ދިމާވެގެން އޭނާވެސް ޝައުންގެ ފޯނަށް ނުގުޅިގެން އުޅުނު ވާހަކަބުނި….އޭނަގެ ވާހަކަތަކުން މަށަށް އެނގު ޝައުން ސިންގަޕޫރަށް ނުދާކަން….ސިންގަޕޫރަށް ދިޔަނަމަ އޭނާގެ ބައްޕަގާތަށް ދޯ ދާނީ….އެކަމު އެތާކު ޝައުންއެއް ނެތް….މަށަށް ހީވަނީ ޝައުން ދިޔަތަނެއް ހޯދަން މިހާރު އާން މަސައްކަތްކުރަން ވެއްޖެހެން…." މާޒް އާއިންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
" މާޒްއަށް ހީވޭތަ ޝައުންއަށް އެހާގިނަ ދުވަހު އަހަރެންނާ ދުރުގަ ހުރެވިދާނެހެން….އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ…." ޔަޤީންކަމެއްނެތް ގޮތަކަށް އާއިން ބުންޏެވެ.
" އާން ގަބޫލުކުރިޔަސް ނުކުރިޔަސް ޝައުން އެހުރީ އާންއާ ދުރަށް ގޮސްފަ….އޭނަ ބުންޏެއްނު އޭނަ ހޯދަން މަސައްކަތް ނުކުރާށޭ….އޭނަ އެދިޔައީ އަންނަން ގަސްތުކޮށްގެން ހެނެއް މަށަކަށް ހިއެއްނުވޭ….އެހެންނޫނަންމަ މިހާރު ދެން ޚަބަރެއްވެސް ވާން ވެއްޖެއެއްނު….މަށަކަށް ދެން ނުހުރެވޭނެ މިކަން ސިއްރުކޮށްގެންނެއް….އާން ނުބުނިއްޔާ މަވެސް ބުނާނަން…" ނުރުހުމާއެކު މާޒް ބުންޏެވެ.
" އެކަމު ކީކޭތަ އަހަރެން ބުނަންވީ؟…އަހަރެންގެ ސަބަބުން ހިތްހަމަ ނުޖެހިގެން ދޫކޮށް ދިޔައީއޭތަ ބުނަންވީ؟….ނޫނީ އަހަރެމެންގެ ކައިވެނި ފޭކްވީމަ އެކަން ނިންމާލަންވެގެން ދިޔައީއޭތަ ބުނަންވީ؟…ނޫނީ އަހަރެމެންގެ މެދުގަ އުފެދުނު ގުޅުމުގެ ސަބަބުން ބިރުން އަހަރެންނާ ފިލަން ދުވަނީއޭތަ ބުނަންވީ؟….ޚުދު އަހަރެންނަކަށްވެސް ނޭނގެ ކީއްވެގެން ކަމެއް އަހަރެން ދޫކޮށް ޝައުންދާންވީކީ….ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސް ގޮސް ހުއްޓާ އެދިޔައީ….ކުޑަކޮށްވެސް އަހަރެންނާމެދު ވިސްނާލާނަމަ އެގޮތަށްދާނެތަ؟….އެހާފަސޭހައިން އަހަރެންނާ ދުރަށްދެވުނީތީވެސް އަހަރެން ހައިރާންވޭ…." އާއިންގެ އަޑުގައިވީ ހިތާމައިގެ ސަބަބުން މާޒްއަށްވެސް އަސަރުކުރިއެވެ.
" އެހެންވެތާ މިބުނީ ހިނގާށޭ ޝައުން ހޯދަން….ތިހުރިހާ ސުވާލުގެ ޖަވާބު ލިބޭނީ އޭރުންނެއްނު…." މަޑުމައިތިރި ކަމާއެކު މާޒް ބުނެލިއެވެ.
****
ހަފްތާއެއްވެގެން ދިޔައިރުވެސް ޝައުންގެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް ރަނގަޅަކަށް ނުކެވެއެވެ. ނުނިދެއެވެ. މެލޭޝިއާގައި އުޅޭ ކޮލެޖްގެ ރަހުމަތްތެރިއެއްގެ ގާތަށް އޭނާ އައީ އާއިން މަތިން ހަނދާން ނައްތާލާފައި އާދިރިއުޅުމެއް އުޅުމުގެ ބޭނުމުގައެވެ. ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އާއިންގެ ހަނދާންތައް އޭނާއާ ވަތްކެއްނުވެއެވެ. އޭނާ ނުފެނިގެން އާއިން ދެރަވެގެން އުޅޭނޭ ހިތަށްއެރުމުން އޭނާގެ ހިތަށްވެސް ތަދުވެއެވެ. ދިޔަތަނެއް އަންގާނުލާ އައުމުން މަންމައާއި ބައްޕަވެސް ކަންބޮޑުވެ ހާސްވާނެވަރު ހިތަށްއެރުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އޭނާއަށް ކަންތައް މިކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަމުގައި ހިތްބުނަމުން ދިޔައެވެ.
" ތިހަން އިނދެ އިނދެ މީހާ މުޅިން ބަލިވާނީ….ހިނގާ ޝޮޕިންއަށް ގޮސްލަން…އޭރުން މޫޑު ރަނގަޅުވާނެ…" ޝައުންގެ އެކުވެރިޔާ ޔޫމީން ލަފާދިނެވެ. ޝައުންވެސް އެގޮތާ އެއްބަސްވެ ޔޫމީންއާއެކު ބާޒާރަށް ދިޔައެވެ. ޝޮޕިންމޯލަކަށް ވަދެގެންގޮސް ތަންތަން ބަލަމުން ދަނިކޮށް ޝައުންގެ ނަޒަރު ހުއްޓުނީ ތުއްތުކުދިންގެ ސާމާނު ވިއްކާ ފިހާރައަކަށެވެ. އޭނާ ހިނިތުންވެހުރެ ގޮސް ފިހާރައަށްވަނެވެ. އެއްޗަކަށްފަހު އެއްޗެއް ބަލަމުން ގޮސް މީހެއްގެ ގައިގާ އޭނާ ލައިގަތެވެ. ދެމީހުންނަށްމެ އެކުގައި ސޮރީއޭ ބުނެވުނެވެ.
" ޝައުން؟…" ދަންނަ އަޑެއް އިވިފައި ޝައުންއަށް އެމީހާގެ މޫނަށް ބަލާލެވުނެވެ.
" އެރިކް؟…" ހަމައެއާއެކު ޝައުންއަށްވެސް ސުވާލުކޮށްލެވުނެވެ. އެތައް ދުވަހެއްފަހުން ދެމީހުން ބައްދަލުވުމުން ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ދެމީހުނަށްވެސް ލިބުނެވެ. ދައްކާނެ ވާހަކައެއް ނޭނގިފައި ދެމީހުނަށްވެސް އިރުކޮޅަކު ތިބެވުނެވެ.
" އެރިކް މިތާ ކީއްކުރަނީ؟…" އެންމެފަހުން ޝައުން އެހިއެވެ.
" ރައްޓެއްސަކާއެކު އޭނާގެ ދަރިފުޅަށް އެއްޗެއް ގަންނަން….ޝައުން ކީއްކުރަނީ؟…" އެރިކްވެސް ހަމަ އެސުވާލުކުރިއެވެ.
" އަހަރެންވެސް ރައްޓެއްސަކާއެކު އައިސް މިއުޅެނީ؟…" ޝައުން ބުނެލިއެވެ.
" ހިނގާ ކޮފީއެއްބޯލަންދާން….މިތާ މަތީގަ ހުންނާނެ ވަރަށް ސަޅި ކޮފީޝޮޕެއް…" އެރިކް އެދުނެވެ.
" ކޮފީއެއް ނުބޮވޭނެ އެކަމު ދެވިދާނެ…" ޝައުން ބުނެލިއެވެ.
އެރިކް އޭނާގެ ރަހުމަތްތެރިޔާގާތުގައި ބުނެފައި ޝައުންއާއެކު ކޮފީޝޮޕަށްދާން ނުކުތުމުން ޝައުންވެސް އޭނާގެ ރަހުމަތްތެރިޔާގާތުގައި އެބައަންނަމޭ ބުނެފައި އެރިކްއާއެކުގައި ހިނގައިގަތެވެ. ކޮފީޝޮޕަށްވަދެ މޭޒެއްގެ ކައިރިއަށް ދެވުމުން ޝައުން އިށީނުމަށް އެރިކް ގޮނޑި ދުރުކޮށްލަދިނެވެ. އެރިކްގެ އެއާދަ ޝައުންއަށް އަބަދުވެސް ކަމުދެއެވެ. އެރިކްއަކީ އަންހެނުންނަށް އިހުތިރާމުކުރަން އެނގޭ ގޮތެއްހުރި ފިރިހެނެކެވެ.
" ހާދަ ދުވަހެއްފަހުންނޭ ޝައުން މިފެނުނީ….ޝައުން މުޅިން ފިލީ އަހަރެންނާ….މުޅިން ގުޅުން ކަނޑާލީ….އަހަރެން ހީކުރީ ދެންދުވަހަކުވެސް ޝައުންއާ ދިމާނުވާނެކަމަށް…" އެރިކް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެންވެސް ހީނުކުރާ ކިތަންމެ ގޮތަކަށް ކަންތައްތައް ވެގެން ދިޔައީ….ދެން އެވާހަކަ ބާއްވާ….އެރިކް މިގައުމުގަ ކީއްކުރަނީ؟…" ޝައުން އޮޅުން ފިލުވަން ބޭނުންވިއެވެ.
" ޝައުންއާ ކައިވެނި ނުކުރެވުނީ އަހަރެން ބައްޕައާ ގުޅުން ކަނޑާލާފަ މިގައުމަށް ބަދަލުވީ….މިހާރު މިތާ ވިޔަފާރިއެއް ފަށައިގެން މިއުޅެނީ….އަހަރެން މިތަނަށް އައިތާ ދުވަސްކޮޅެއްފަހުން ސޯފީމަންމައާ އެރިކާވެސް ފިލައިގެން މިކޮޅަށް އައީ….ބައްޕަ ވަރަށް ރުޅިއައިސްގެން އެމީހުން ގެންދަން އުޅުނު…އެކަމު ނަސީބުދިމާކުރިގޮތުން ބައްޕަގެ ކުންފުނީގެ ގުދަނެއްގަ ދިމާވި އަލިފާނުގެ ހާދިސާއެއްގަ ބައްޕަ ނިޔާވީ….ދެން އަހަރެން ކުންފުނި ވިއްކާލާފަ މަންމައަށާ އެރިކާއަށް އެފައިސާދިނީ….އެއީ އަސްލު މަންމަގެ ހައްޤެއް….މަންމަ އެރިކާގޮވައިގެން ޕާކިސްތާނަށްވެސް ދުވަސްކޮޅަކަށް…އެކަމު އަނެއްކާވެސް ސިންގަޕޫރަށް އައިސް މަންމަގެ އަމިއްލަ ވިޔަފާރިއެއް ފަށައިގެން އުޅެނީ…އެރިކާވެސް މުސްލިމުވެގެން ޕާކިސްތާނު ކުއްޖަކާ ކައިވެނިކުރަން އުޅެނީ….އަހަރެން ސިންގަޕޫރަށް ދާހިތްނުވީމަ މިކޮޅަށް ދިރިއުޅުން ބަދަލުކޮށްލީ…އެހެންވެ މަންމަމެންވެސް ދުވަސްދުވަހުން މިކޮޅަށް އާދޭ…" އެރިކް އޮޅުން ފިލުވައިދިނެވެ. އަދި ޝައުންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލުކުރިއެވެ. ޝައުންވެސް އެއްވެސް ފޮރުވުމެއްނެތި އޭނާގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް ކިޔައިދިނެވެ. އަދި މެލޭޝިއާއަށް އަންނަން ޖެހުނުގޮތްވެސް ކިޔައިދިނެވެ.
" ފިލައިގެން ދިއުން ތިއީ ހަމަ ޝައުންގެ އާދައަކީތަ؟…އާއިން ފަކީރު ކިހާދެރަވާނެ ތިގޮތަށް ކަންތައްކުރުމުން….އަނެއްކާ ބަލިވެއިންކަން ސިއްރުކުރުމަކީ ކިހާ ގޯސްކަމެއް….ޝައުން އަހަރެންނަށް ފެންނަނީ ޝައުން އެނބުރި ފިރިމީހާގާތަށްދާން…." އެރިކް ލަފާދިނެވެ.
" ނޫން އެރިކް…އަހަރެން ދެން ނުދާނަން….އަހަރެން އާންދެކެ ލޯބިނުވަނީކީނޫން…އެކަމު އޭނަ އަންހެނުންނަކީވެސް އަހަރެން ކަހަލަ އަންހެން ކުއްޖެއް…އެއްވެސް މީހަކަށް ދެރައެއްދީފަ އުފަލުގައެއް ނޫޅެވޭނެ…" މޮޅިވެރި އަޑަކުން ޝައުން ބުނެލިއެވެ.
" ދެން ކީއްވެ އާންއަށް ތިދެރަދެނީ؟…އޭނަގެ ކުށަކީކޮބާ؟…އޭނަ ޝައުންދެކެ ލޯބިވާއިރު، ތިއީ އޭނައަށްދެވޭ ދެރައެއްނު….އަހަރެންވެސް ޝައުންދެކެ ލޯބިވީން…ވަރަށް ލޯބިވީން….ޝައުން އަހަރެން ދޫކޮށް ދިޔައީމަ ޝައުންގެ ފަހަތުން ރާއްޖެދާންވެސް ބޭނުންވި…އެކަމު ބައްޕަގެ އިންޒާރުތަކަށް ބިރުން އަހަރެން މަޑުންހުރީ….ޝައުންމަތިން ހަނދާން ނައްތާލަންވެސް ވަރަށް މަސައްކަތްކުރިން…އެކަމު އެއީ އެހާފަސޭހަކަމެއްނޫން…ޝައުން އަހަރެންދެކެ ލޯބިނުވާކަން އެނގޭއިރުވެސް އަހަރެންނަށް ޝައުންމަތިން ހަނދާން ނައްތައެއް ނުލެވުނު…ދެން ވިސްނާލާ އާންއާމެދު…އޭނަ ކުޑައިރުއްސުރެ އުޅުނީ ޝައުންއާއެކު….މިހާރު އަދި ޝައުންއާއެކު އެހާލޯބިން އުޅެފަ ކިހިނެއް ހަނދާންނައްތާލާނީ.؟…" އެރިކް ބޭނުންވީ ޝައުންއަށް ވިސްނަދޭނެވެ. ނަމަވެސް ޝައުން އެވާހަކަތަކަށް ރައްދެއްނުދިނެވެ. އޭނަ ބޭނުންވީ އޭނާ މެލޭޝިއާގައި އުޅޭކަން އެރިކްވެސް ސިއްރުކޮށްދިނުމަށެވެ.
" ޝަރުތެއްގެ މަތިން އަހަރެން ތިކަން ސިއްރުކޮށްދޭނީ….ޝައުން ހިނގާ އަހަރެންގެ ގެޔަށް….އެގޭގަ ޝައުންއަށް އެއްވެސް އުނދަގުލެއްނެތި އުޅެވޭނެ…ޝައުންއަށް އެހީތެރިވެދޭނެ ނޯކަރުން ތިބޭނެ…އެއްވެސް ކަމަކާމެދު ވިސްނާކަށް ނުޖެހޭނެ…" އެރިކްގެ އެދުނެވެ.
" ނޫން އެރިކް…އަހަރެންނަކީ މީހެއްގެ އަނތްބެއް…ހިލޭ ފިރިހެނަކާއެކީ އުޅޭކަށް ރަނގަޅެއްނުވާނެ…" ޝައުން ދެކޮޅު ހެދިއެވެ.
" ޝައުންއާއެކީ އުޅޭނެ އަންހެން ކުއްޖަކު އަހަރެން ގެންނާނަން….އެކަމާ ކަންބޮޑުނުވޭ…އަހަރެންނަކީވެސް މިހާރު މުސްލިމެއް…އަހަންނަށްވެސް މިހާރު ތިކަންކަން އެނގޭ…." ޔަޤީންކަމާއެކު އެރިކް ބުނެލުމުން ޝައުންއަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ.
" ކޮންއިރަކު އެރިކް އިސްލާމުވީ؟…ނުބުނަމެއްނު އިސްލާމުވީ ވާހަކައެއް…." ޝައުން ސުވާލުކުރިއެވެ.
" ޝައުންދެކެ ވީލޯބިން އިސްލާމުވާން މަގުފަހިވީވެސް…..އަހަރެން މެލޭއަށް ބަދަލުވެގެން އުޅެނިކޮށް ދިމާވި ރަހުމަތްތެރިއެއް ނޫރުއަކީ….އޭނާއާއެކު ވިޔަފާރިފެށީ….އެއީ ވަރަށް ރަނގަޅު މުސްލިމުން އުޅޭ އާއިލާއެއް….ނޫރުއާއެކު އުޅެއުޅެ މުސްލިމުންގެ އާދަކާދަތައް އަހަރެންނަށްވެސް ދަސްވި…އެކަމު ދުވަހަކުވެސް އޭނަ ދުލަކުން އިސްލާދީން އަހަރެންނަކަށް ހުށައެއްނާޅާ….ނަމަވެސް އޭނާގެ އަމަލުތައް އަހަރެން އެދީނަށް ޝައުޤުވެރިކުރުވީ….އެއާއިލާމީހުންގެ ފަރާތުން ލިބުނު ލޯތްބާއި ކުލުނު އަހަރެންގެ ހިތް ބަދަލުވާން މަޖުބޫރުކުރީ….އެއާއިލާއާއެކު ގިނަ ވަގުތުތަކެއް ހޭދަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެން އިސްލާމްވީން…އަދި ނޫރުގެ އަންހެން ކޮއްކޮ ނާޔާ އަހަރެންނަށް ކަމުދިޔައީ….ޝައުން ލިބޭނެކަމުގެ ޔަޤީންކަން ނެތުމުން ކައިވެންޏެއްކުރަން އަހަރެން ގަސްތުކުރީ…." އެރިކް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.
" އަލްޙަމްދުލިﷲ…." އުފަލުން ޝައުންއަށް ބުނެވުނެވެ.
އެރިކްގެ އެދުމަށް ޝައުން އެރިކްގެ ގެޔަށް ބަދަލުވިއެވެ. އަދި ޝައުންއަށް އެހީތެރިވުމަށްޓަކައި އަންހެން ކުއްޖަކުވެސް ގެނައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާއިންގެ ކަންބޮޑުވުމާއި މާޔޫސްކަން ދިޔައީ އިތުރުވަމުންނެވެ. އެންމެފަހުން ކެތްނުވެގެން އޭނާ އެވާހަކަ ބައްޕައާ ހިއްސާކުރިއެވެ.
" އަހަރެން މިހުރީ އާއިންގެ ދުލުން ތިހެން ބުނާނެ އިރެއްގެ އިންތިޒާރުގަ…" އާޒިމް އެހެން ބުނެލުމާއެކު އާއިންއަށް ހައިރާންކަމާއެކީގައި ބައްޕަގެ މޫނަށް ބަލާލެވުނެވެ.
" ޝައުން އަހަރެންނަށް ކުރި މެއިލްއެއްގެ ޕްރިންޓް މިއީ….މީގަ ވަރަށް ރަނގަޅަށް އެބައޮތް އެހެން ޝައުން ކަންތައްކުރި ސަބަބު ލިޔެފަ…." އެހެންބުނަމުން އާޒިމް ދިއްކޮށްލި ކަރުދާސްގަނޑުގައި އާއިން ހިފިއެވެ.
އާއިން އެކަރުދާސްގަނޑު ކިޔާލިއެވެ. އޭގައިވަނީ އާއިންއާއި ޝައުންކުރި ކައިވެންޏަކީ މަޖުބޫރުވެގެން ކުރި ކައިވެންޏެއްކަމާއި އެއީ ހަމައެކަނި ހަމަސްދުވަހަށްކުރި ވަގުތީ ކައިވެންޏެއް ކަމެވެ. އަދި މިހާރު އަދްޔަންގެ ކިބައިން ސަލާމަތްވެފައިވުމުގެ އިތުރުން ހަމަސް ދުވަސްވެސް ހަމަވެ އިތުރަށްވެސް އޭނާއަށް އާއިންއާއެކުގައި އުޅެވިއްޖެކަމާއި އެކަމު ދެން އިތުރަށް އުޅެން ބޭނުން ނުވާކަމުގައެވެ. އާއިންއަށާއި ފަރަހަނާޒްއަށް ދަރިޔަކު ލިބުމުން އޭނާ އެމީހުންގެ ދިރިއުޅުމުން އަބަދުގެ އަބަދަށް ދުރަށް ދިޔައީކަމުގައިވެސް ލިޔެފައި އޮތެވެ. އަދި އޭނާ ވަޒީފާއިންވެސް އިސްތިއުފާދިންކަމާއި އޭނާ ރާއްޖެއިން ބޭރަށް ދާ ވާހަކަވެސް އޮތެވެ. އޭނާ ބޭނުންވަނީ ދުވަސްކޮޅަކު އެކަނި އުޅެލަން ކަމަށާއި އެއްވެސް މީހަކު އޭނާހޯދަން މަސައްކަތް ނުކުރުމަށް އެދުނެވެ. އޭނާ އެގޮތަށް ކަންތައް ކުރަން ޖެހުނީ އެއްވެސް މީހަކަށް އެނގިގެން ދާން އުޅެފިނަމަ އޭނާއަށް ނުދެވޭނެކަން އެނގޭތީކަމުގައިވެސް ލިޔެފައި އޮތެވެ.
" ކީއްވެ މިހުރިހާ ދުވަހު އެކަން ސިއްރުކުރީ؟…އެންމެ ފުރަތަމަ ދުވަހުވެސް ތެދުތެދަށް ހުރިހާ ވާހަކައެއް ނުބުނީ ކީއްވެ؟…" އާޒިމް ނުރުހިފައި ސުވާލުކުރިއެވެ.
" އަހަރެން ހަޤީޤަތުގަވެސ ޝައުންދެކެ ލޯބިވޭ ބައްޕާ….އަދި މުޅި އުމުރަށްވެސް ޝައުންއާ އެކުގަ އުޅެން އަހަރެންހުރީ….އަހަރެން އޮޅުވައެއްނުލަން….އެކަމު ޝައުން އަހަރެންގާތުބުނި ހަމަސްދުވަހަށޭ އިންނާނީ…ހަމަސްވީމަ ވަރިކޮށްދޭންވާނޭ….އެކަމު ތުރުކީއަށް ދިޔަ ދަތުރުގަ ޝައުންގެ ޚިޔާލުވެސް ބަދަލުވި….އޭނަވެސް ބޭނުންވި އަހަރެންނާއެކު އުޅެން….ދެމީހުން ނިންމައިގެން ތިބީ ނާޒް ވިހެއީމަ ނާޒްއަށް ވިސްނައިދީގެން އަލުން އެކީގަ އުޅެން….އަހަރެންނަކަށް ނޭނގެ ކީއްވެގެން ހަމަ ކުއްލިއަކަށް ދާންޖެހުނީކީ…." އާއިން ތެދުތެދަށް އޭނާގެ ހިތުގައި އޮތް އެއްޗެއް ކިޔައިދިނެވެ.
" އެކަމު މީގަ ސާފުކޮށް ބުނެފަ އެބައޮތް އިތުރަށް އުޅޭކަށް ބޭނުމެއްނޫނޭ….އޭނަ ފިލައިގެން ދިޔައީވެސް ދަރިފުޅު އޭނަ ދިޔަނުދީ ފާނެތީ…އަބަދުވެސް އެއީ ނުހަނު ބޯހަރުކުއްޖެއް….އޭނަ ބޭނުންގޮތަކަށް ކަންތައްކުރާނީ….މިހާރު ދަރިފުޅަށް ޔަޤީންވެސް ވެއްޖެއެއްނު، އޭނަ ދަރިފުޅާއެކީ އުޅެން ބޭނުން ނުވާކަން….ދަރިފުޅުވެސް ދެން އޭނަ ދިޔަދީ….އޭނާ ބޭނުންވާގޮތަށް އޭނަ މިނިވަންކޮށްދީ….އެއްވެސްމީހަކު ގަދަބާރުން ގެންގުޅުމަކީ ވާނެކަމެއްނޫން…." އާޒިމް އޭނާއަށް ވިސްނޭ އެންމެ ރަނގަޅު ލަފާ އާއިންއަށް ދިނެވެ.
ޖެހިގެން އައި ދުވަހު އާއިލާގެ އެންމެން ކެއުމަކަށް ގެނެސްފައި ޝައުންގެ މެސެޖް އެންމެނާ ހިއްސާކޮށް އެންމެނަށްވެސް ވިސްނައިދިނެވެ. ޝައުން ބޭނުންހައި ދުވަހެއްވާންދެން ބޭރުގައި އުޅެފައި އަންނަންދެން އެއްވެސްމީހަކު އޭނާއަށް އުނދަގޫ ނުކުރުމަށްވެސް ބުންޏެވެ. އާޒިމްގެ ވާހަކަތައް އަޑުއިވުމުން އަޒީފާ ދެރަވެގެން ވަގުތުން ރޯންފެށިއެވެ. އިޒްޔަން އާއިންއަށް ބަލާލިގޮތުން އާއިން އިސްޖަހާލިއެވެ. އިޒްޔަންގެ ސުވާލުތަކަށް އޭނާ ފަހުން ޖަވާބުދޭން ޖެހޭނެކަން އޭނާއަށް އެނގުނެވެ. އާޒިމް އަޒީފާއަށް ވިސްނައިދިނެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ބޭނުންގޮތަކަށް އުޅުމުގެ ފުރުސަތުދޭން ޖެހޭކަމަށް ވިސްނައިދިނެވެ.
" ނޭނގެ އަހަރެންގެ ދަރިފުޅު ވީތަނެއްވެސް….ހަމަގައިމުވެސް އޭނާގެ ބައްޕަގާތަކަށް ނުދޭ….ދެން ކޮންތާކަށް އޭނަދާނީ؟….ކޮންތާކުން ހޯދާނީވެސް؟…ބުނެވެސްނުލާ ފިލައިގެން އެދިޔައީ…." އަޒީފާ ރޮއެރޮއެފައި ޝަކުވާކުރަމުން ދިޔައެވެ.
" އާން….އާދެބަލަ!…" އާއިންއަށް އިޝާރާތްކޮށްލަމުން އިޒްޔަން ބުނުމުން އާއިން ޖެހިލުންވެފައި ހުރެ އިޒްޔަންއާއެކު ބޭރަށް ދިޔައެވެ.
" އާން….ބުނެބަލަ! އާންގެ ދުލުން އަޑުއަހަން ބޭނުމީ ވީގޮތެއް؟…އާން ކީކޭތަ ބުނަންއޮތީ މިކަމުގަ؟….މިވަރުގެ ބޮޑުކަމެއް ވެގެން ދިޔައިރު އަންގާނުލާ ތިހުރީ….މިހާރު ހަފްލާއެއްވީ ޝައުން ޚަބަރެއްނުވާތާ؟….އާންގެ ހިތަށް އެއްޗެއް އަރާތަ؟…" އިޒްޔަން ހަރުކަށިކަމާއެކު ބުނެލިއެވެ.
އާއިން ތެދުތެދަށް ކަންތައްވީގޮތް އޮޅުން ފިލުވައިދިނެވެ. އަދި ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭކަން ޔަގީންވެސް ކޮށްދިނެވެ. އާއިން ދެރަވެފައިހުރިވަރުން އިޒްޔަންވެސް އިތުރު އެއްޗެއް ނުބުނެއެވެ. ދެމީހުންވެސް ވިސްނަމުން ދިޔައީ ޝައުން ކުއްލިއަކަށް ދާންޖެހުނު ގޮތަކާމެދުގައެވެ. އަދި އެފަދަ ގޮތަކަށް އާޒިމްއަށް މެއިލްކުރި ސަބަބަކާމެދުގައެވެ. އާއިންއާއި ވަކިވާން ޝައުން ބޭނުންވި ސަބަބެއް އޮންނާނެކަން ދެމީހުންނަށްވެސް އެނގެއެވެ.
" ދިޔަތަނެއް އެނގޭތަ؟…" ހިމޭންކަން ފޫއަޅުވާލަމުން އިޒްޔަން އެހިއެވެ.
" މެލޭއަށް ދިޔައީ…އެއާޕޯރޓްގަ އުޅޭ ރައްޓެއްގެ އެހީގަ ހޯދީ…" އާއިން ޖަވާބުދިނެވެ.
ޝައުންގެ އެއަމަލުގެ ސަބަބުން އާއިލާގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. ޝައުން އެގޮތަށް ފިލަން ޖެހުނު ސަބަބަކާމެދު އެންމެންވެސް ވިސްނަމުން ދިޔައެވެ. އާއިންއާ ދުރަށްދާން ޝައުން ބޭނުންވާނީ ކޮންމެވެސް ބޮޑުކަމެއް ހިނގީމަކަމުގައި ކޮންމެމީހަކުވެސް ބުނަމުން ދިޔައެވެ. ޚުދު ފަރަހަނާޒްގެ ހިތުގައި އެޚިޔާލު އުފެދުނެވެ. މިފަހަކަށް އައިސް ޝައުންގެ މިޒާޖަށް ބަދަލެއް އައިކަންވެސް އޭނާއަށްވަނީ ފާހަގަކުރެވިފައެވެ. ކޮޅިގަނޑެއް އައުމުގެކުރިން ދުނިޔެމައްޗަށް ވެރިވާފަދަ ހިމޭންކަމެއް ޝައުންގެ ކިބައިން އޭނާއަށް ފެނުނެވެ. ނަމަވެސް އޭގެ ނަތީޖާ މިފަދަ ގޮތަކަށް ފެނިދާނެކަމަކަށް އޭނާ ހީކޮށްފައެއްނެތެވެ. އާއިންގެ ގާތުގައި އެކަމާ ބެހޭގޮތުން ވާހަކައެއް ދައްކާކަށް އޭނާއަކަށް ނުކެރުނެވެ.
ޝައުން ދިޔަފަހުން އާއިންވެސް މުޅީން ހިމޭންވިއެވެ. އޭނާގެ އެހުންނަ އުފާވެރި މިޒާޖު ބަދަލުވިއެވެ. ގިނަވަގުތު ވިސްނާ ފިކުރު ކުރުމުގައި ހޭދަކުރަން ފެށިއެވެ. އޮފީހުގެ ކަންކަމުގައިވެސް ފަރުވާކުޑަކުރެވެން ފެށިއެވެ. އޭނާގެ އަނތްބެއްގެ ގޮތުގައިހުރެ ޝައުން އެގޮތަށް ދިއުމުން އެކަމުގައި އޭނާގެ ޒިންމާވާނެކަމަށް ގަބޫލުކުރެވި މާބޮޑަށް އެކަމާމެދު ވިސްނެނީއެވެ. އަދިވެސް އެއީ އޭނާގެ އަނތްބެކެވެ. ވީއިރު ޝައުންގެ ހާލުބަލަން އޭނާއަށް މަޖުބޫރުވާނެއެވެ. ޝައުން އޭނާއާ ދުރަށްދިޔައީ ޝައުން ބޭނުންވެގެން ނޫންކަމުގައިވެސް އޭނާގެ ހިތްބުނަނީއެވެ. އެކައިވެނިމަތީގައި ހުންނަން ބޭނުންނުވާނަމަ ޝައުން ވަރިއަށް ނޭދި ފިލައިގެން ނުދިޔައީހެވެ. ކޮންމެތާކު ހުއްޓަސް އަދިވެސް ޝައުން އެހުރީ އޭނާގެ މީހެއްގެ ގޮތުގައެވެ. ޝައުން އޭނާގެ ކުރިމައްޗަށް އައިސް ވަރިއަށް އެދުނު ދުވަހަކުން ނޫނީ އޭނާ ޝައުން ވަރިއެއް ނުކުރާނެއެވެ.
އަނެއްކޮޅުން ޝައުންވެސް ހިތްވަރުކޮށްފައި ދިރިއުޅުމައިގެން ކުރިޔަށް ދިޔައެވެ. އާއިންގެ ހަނދާންތައް އޭނާގެ ހިތަށް އުނދަގޫ ނުކުރާ އެންމެ ހިނދުކޮޅެއްވެސް އޭނާގެ ޙަޔާތުން ނުދެއެވެ. އެހެންކަމުން ވިސްނާ ހިތާމަކުރަން ބޭނުން ނުވިނަމަވެސް އޭނާއަށް އަބަދުވެސް ވިސްނެއެވެ. އާޒިމްއަށް މެއިލް ލިބުމުން ކަންތައްވެގެން ދާނެގޮތަކާމެދު ކަންބޮޑުވެސް ވެއެވެ. ބަނޑުގައިވާ ދަރިފުޅަށްޓަކައި ހިތްވަރުކުރަން އޭނާއަށް ޖެހެއެވެ. އެހެންކަމުން އާހިތްވަރަކާއެކު އޭނާ ދިރިއުޅުމާއި ކުރިމަތިލިއެވެ.
ޝައުން މެލޭޝިއާއަށް އައިތާ ދެމަސްމަހުން އެރިކްގެ ކައިވެނި ކުރެވޭ ތާރީޚްކަނޑައެޅުނެވެ. ކައިވެނީގައި ބައިވެރިވުމަމަށްޓަކައި ސޯފީއާއި އެރިކާވެސް މެލޭޝިއާއައެވެ. އަނެއްކާވެސް ސޯފީއާއި ޝައުން ބައްދަލުވީއެވެ. ޝައުން ފެނުމުން ފުރަތަމަ ސޯފީ ހައިރާންވިއެވެ. އޭނާހީކުރީ އަނެއްކާވެސް އެރިކް ކައިވެނިކުރަން އެއުޅެނީ ޝައުންއާ ކަމުގައެވެ. އެކީގައި ވަގުތު ހޭދަކުރަން ޖެހުމުން ގިނަދުވަސްތަކެއްނުވެ ސޯފީއާއި އެރިކާވެސް ޝައުންއާ ރަހުމަތްތެރި ވެއްޖެއެވެ. ސޯފީއަށް ޝައުންއަކީ ކާކުކަން ނުއެނގުނު ނަމަވެސް ޝައުން މާޒީ ހަނދާން ނައްތާލާފައި އޭނާގެ ބޮޑުދައިތައަށް ހިތުގެއަޑިން މާފުކުރިއެވެ. އަދި އެއީ އޭނާގެ އާއިލާމީހެއްކަމުގައިވެސް ގަބޫލުކުރިއެވެ.
އެއްދުވަހަކު ޝައުން އޭނާގެ އަލްބަމު ބަލަމުން ދަނިކޮށް ސޯފީ އައިސް އޭނާގެ ކޮޓަރިއަށްވަނެވެ. އަދި އިއްތިފާޤުން ސޯފީއަށް ޝަފަޤުގެ ފޮޓޯއެއް ފެނުނެވެ. އެވަގުތު ސޯފީ އެފޮޓޯނެގިއެވެ. އެއީ އިޒްޔަންއާއި ޝަފަޤު ބަނޑުބޮޑުއިރު އިޒްޔަންއާއެކު ނަގާފައިވާ ފޮޓޯއެކެވެ.
" މިއީ ޝަފަޤުދޯ؟…އޭނަ ބަނޑުބޮޑުދޯ؟…އޭނައަށް ދަރިންވެސް ލިބުނުތަ؟…ޝައުންއަށް އެނގޭތަ އޭނައަށްވީގޮތް؟…ބުނެބަލަ! ޝައުންއަށް އެނގޭތަ ޝަފަޤަކީ ކާކުކަން؟…" ސޯފީ ކެތްތެރިކަމެއްނެތި ސުވާލުކުރަމުން ދިޔައެވެ. އިރުކޮޅަކު ހަމަހިމޭނުން އިނދެފައި ޝައުން ހަޤީޤަތް ހާމަކުރިއެވެ. އޭނާއަކީ ޝަފަޤުއަށް ލިބުނު ހަމައެކަނި ދަރިފުޅުކަމަށްވެސް ބުންޏެވެ. ސޯފީއަށް މިއެނގުނު ހަޤީޤަތުން ހިނދުކޮޅަކަށް އޭނާގެ ބަސްހުއްޓުނެވެ. އުފަލުންގޮސް ރޯންވީކަމެއް ނުވަތަ ހޭންވީކަމެއްވެސް ނުއެނގުނެވެ. އިރުކޮޅަކު އެހެން އިނުމަށް ކުއްލިއަކަށް ޝައުންގެ ގައިގާ އޮޅުލައިގެންފައި އޭނާ ރޯންފެށިއެވެ. އަދި ޝައުންގެ ނިތްކުރީގައާއި މޫނުގެ އެތަން މިތާގައި ބޮސްދިނެވެ. އަދި ޝައުންގެ ކިބައިން ތަކުރާރުކޮށް މާފަށްވެސް އެދުނެވެ. ސޯފީ އެރިކާއަށްވެސް ޝައުން ތަޢާރަފުކޮށްދިނެވެ. ދެކުދިންނަކީ ކިހާގާތްބައެއްކަން އެނގުމުން ދެކުދިންވެސް އެރިކާ ނުހަނު އުފާވިއެވެ. އޭނަގެ ދައްތައެއް ނެތުމުން އަބަދުވެސް އެޝަކުވާ އޭނަކުރެއެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދެއެވެ. އާއިންގެ ދިރިއުޅުންވެސް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ނަމަވެސް އަދިވެސް ޝައުންގެ ޚަބަރެއް އޭނާއަކަށް ނުވެއެވެ. ކުޑަމިނުން އާއިލާގެ މީހަކަށްވެސް ޝައުން ގުޅާނުލައެވެ. ހަމައެކަނި އީމެއިލްއަކުން އޭނާގެ ހާލު އަންގާލުން ފިޔަވައެވެ. އެނޫން އެއްވެސް އޮންލައިން ވަސީލަތެއްވެސް ބޭނުމެއް ނުކުރެއެވެ. އެއްވެސް މީހަކާ ވާހަކަދައްކަންވެސް ބޭނުން ނުވާކަހަލައެވެ. އިޒްޔަންއަށް މެއިލްކުރުމުން އޭނާ ވަރަށް ޝަކުވާކޮށްފައި ޖަވާބު ފޮނުވުމުން އެކިޔާފައި ޝައުން ހިތުގައިޖެހިގެން ވަރަށް ރުއެވެ. ނަމަވެސް އޭނާހުރީ އުފަލުންކަމުގައި ބުނެ ވަރަށް ކުރުކޮށް އިޒްޔަންއަށް ޖަވާބުދިނެވެ. އަދި މަންމަވެސް ހިތާމަނުކުރުމަށް ބުންޏެވެ.
ފަރަހަނާޒްއާއި ދަރިފުޅާއިއެކު އާއިން ގިނައިން ވަގުތު ހޭދަކުރަން ފެށީ ޝައުންގެ ޚިޔާލުތަކުން ދުރުވުމަށެވެ. ޝައުންއާ ނުލައި ކުރިންވެސް ދުވަސްތަކެއްވާންދެން އޭނާ އުޅުނެވެ. ދެންވެސް އޭނާއަށް އުޅެވެން ޖެހޭނެއެވެ. ފަރަހަނާޒް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯތްބާއެކު އޭނާއަށް ޚިދުމަށްކުރެއެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރެވުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބެއެވެ. ވީއިރު ޝައުން އޭނާދޫކޮށްލިނަމަވެސް އޭނާގެ ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށްޓަކައި އެދެމީހުން ސަބަބަކަށް ފުދެއެވެ. އޭނާ ކުރިޔަށްވުރެވެސް ބޮޑަށް ދީނީކަންކަން ސަމާލުކަން ދޭންފެށިއެވެ. އެއީ ކޮންމެ ހިތާމައެއްގެވެސް ފަރުވާއެވެ.
ނުނިމޭ