Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަހުބައި)

އެރިކްއާ އެރިކާ އިސްލާމުވީފަހުން ދެކުދިންނަކީ ނުހަނު ދީނަށްލޯބިކުރާ ދެކުދިންނެވެ. ނާޔާއެކޭ އެއްފަދައިން އެރިކާވެސް ހިޖާބުއަޅަން ނިންމުމުން ޝައުންވެސް ހިޖާބުއަޅަން ބޭނުންކަމުގައި ބުންޏެވެ. އެހެންކަމުން ތިންކުދިން އެކުގައި ބާޒާރަށްގޮސް އަބާޔާ ގަތެވެ. ކައިވެނި ހަފްލާއަށް ހެދުން ފެހީވެސް ހިޖާބުއަޅާ ގޮތަށެވެ. އެރިކްއާއި ނާޔާގެ ކައިވެންޏަށްފަހު ނާޔާ އެރިކްގެ ގެޔަށް ބަދަލުވިއެވެ. ސޯފީއާ އެރިކާވެސް ގަސްތުކުރީ ކުޑަ ދުވަސްކޮޅަކު އެމީހުންގެ ގާތުގައި މަޑުކުރުމަށެވެ. އެހެންކަމުން އެރިކާ އިތުރަށް ދީނީކަންކަން ދަސްކުރުމަށްޓަކައި ނާޔާގެ އެހީތެރިކަން ހޯދިއެވެ. އެރިކާއާއި އެކުގައި ޝައުންވެސް ނާޔާގެ ގާތުން ދީނީކަންކަން ދަސްކުރަން ފެށިއެވެ. މިހާރު ޝައުންއަށް ފޯނާއިނުލައި ނަމާދުކުރަން އެނގެއެވެ. އަދި ބަލައިގެން ޤުރުއާންވެސް ކިޔަވަން އެނގެއެވެ. އޭނާގެ ހިތްނުތަނަވަސްވާ ކޮންމެފަހަރަކު އޭނާ ޤުރުއާން ކިޔެވުން އާދައަކަށް ވެއްޖެއެވެ. އުފާވެރި ވަގުތުތަކެއް އެކުގައި ހޭދަކުރުމަށްފަހު ސޯފީއާއި އެރިކާ އެނބުރި ސިންގަޕޫރަށް ދިޔައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ޝައުންއަށް އެމީހުން ގުޅާ ހާލުބަލަން ވަޢުދުވަމުންނެވެ.
މަހަކަށްފަހު މަހެއް ފާއިތުވަމުން ގޮސް ޝައުންގެ ބަނޑަށްވެސް ދުވަސްފުރެން ގާތްވެއްޖެއެވެ. އަދިވެސް އޭނާ އެސިއްރު އޭނާގެ އާއިލާއާ ހިއްސާކުރާކަށް ބޭނުމެއްނުވެއެވެ. އެރިކް އެތައް ދުވަހަކު އޭނާއަށް ނަސޭހަތްތެރިވެސްވިއެވެ. ނަމަވެސް ޝައުން ގޮތުގައި ހިފެހެއްޓިއެވެ. ނަމަވެސް އޭނާ ގޮތްދޫކޮށްފައި މަންމައާއި އަދި އާއިލާގެ އެހެންމީހުނާ ވައިބަރއިން ވާހަކަދައްކަން ފެށިއެވެ. ބައްޕައަށްވެސް ގުޅައި އޭނާ އުޅެނީ ވަރަށް އުފަލުން ކަމުގައިވެސް ބުންޏެވެ. ބައްޕަ އެތައް އާދޭހެއް ކުރުމުންވެސް އޭނާހުރި އެޑްރެހެއް ބުނުމަށް އިންކާރުކުރިއެވެ. އެއްވެސް މީހަކު އޭނައާމެދު ނުވިސްނުމަށްވެސް އެދުނެވެ. އޭނާ މެލޭޝިއާގައި އުޅެ އުޅެ ފޫހިވުމުން އެނބުރި ދާނަންކަމުގައިވެސް ބުނެ އެމީހުންގެ ހިތްހަމަ ޖައްސައިދިނެވެ. ނަމަވެސް އާއިންގެ ހާލުވެސް އޭނާ ނާހައެވެ. އިޒްޔަން އޭނާގާތުގައި އެތައްފަހަރަކު ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ސުވާލުކުރިއެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ވާހަކަ އޮޅުވާލަނީއެވެ. ނުވަތަ ފޯނު ބާއްވަނީއެވެ. އެހެންކަމުން އޭނާބަލަނީ އަބަދުވެސް އިޒްޔަންއާ ވާހަކަނުދައްކާ ވޭތޯއެވެ.

" ޝައުން…އަހަރެން ޝައުން ބަލަން ޖެހިގެން ކަންބޮޑުވަނީކީނޫން….އަހަރެން ކޮންމެހާލެއްގަވެސް ޝައުން ބަލާނަން…އެކަމު ކުޑަމިނުން އާންއަށް އެނގެންޖެހޭނެދޯ އޭނާއަށް ދަރިޔަކު ލިބެންއުޅޭކަން…އެއީ އޭނާގެ ހައްޤެއް….އަނެއްކޮޅުން މަންމަމެންވެސް ދެރަވާނެއްނު….ކޮންމެގޮތެއްވިޔަސް އުމުރު ދުވަހަކަށް ތިކަން ސިއްރެއްނުވާނެ…. އެމީހުނަށްވެސް އެނގޭނެ ހަގީގަތް…އެކަމު އެދުވަހަކުން އެމީހުން ޝައުންދެކެ ރުޅިއަންނާނެ…" އެރިކް ޝައުންއަށް ވިސްނައިދޭން ވަރަށް މަސައްކަތްކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޝައުންގެ ބަނޑަށް އަށްމަސް ފުރިއްޖެއެވެ. އޭނާގެ ގައިން އާދަޔާ ޚިލާފަށް ލޭމަދުވާކަން ފާހަގަކުރެވިގެން ދެފަހަރަކު ލޭވެސް އަޅަންޖެހުނެވެ. އެރިކް ގަދައަޅައިގެން ޝައުންއަށް ރަނގަޅު ކާއެއްޗެހިކާންދޭން މަސައްކަތްކުރެއެވެ. ލޭމަދުވާނަމަ ވިހެއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް ޑޮކްޓަރވެސް ބުންޏެވެ. ލޭއުފައްދާ ކަހަލަ ކާނާ ގިނައިން ކެއުމަށްވެސް ލަފާދިނެވެ. ޑޮކްޓަރގެ ލަފާގެމަތިން ކާނާކަމުންދާއިރުވެސް އެކަށީގެންވާވަރަށް އޭނާގެ ހަށިގަނޑުގައި ލޭނުއުފެދޭތީ އަބަދުވެސް ހުންނަނީ ވަރުބަލިވެ ބޮލަށް އެނބުރުން އަރާފައެވެ. ފަހަކަށް އައިސް އެކަން އިތުރުވެގެން ދިޔައެވެ.
އޭނާގެ ބަނޑަށް ދުވަސްފުރިފައި ވަނިކޮށް، އެއްދުވަހަކު އޭނާ ހިއްކަން އަޅާފައިހުރި ހެދުންތަކެއްބަލާ ޓެރަހަށް އަރަނިކޮށް ބޮލަށް އެނބުރުން އެރިއެވެ. މޫނުމައްޗަށް އަނދިރިވުމާއެކު ދެންވީގޮތެއް ނޭނގުނެވެ. އިއްތިފާޤުން ނާޔާވެސް ކޮންމެވެސް ބޭނުމަކު ޓެރަހަށް ދިއުމަށްޓަކައި އައީ އެވަގުތެވެ. ޝައުން އެނބުރުން އަރައިގެން ސިޑިންވެއްޓޭ މަންޒަރު ފެނުމުން ނާޔާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ކުރިއަށް ފިޔަވަޅެއް އެޅެންވާއިރަށް ޝައުން ސިޑިމަތިން ފުރޮޅެމުން އައިސް ވެއްޓިއްޖެއެވެ. ނާޔާ ރޮއެގަތް އަޑަން ކޮޓަރީގައި އޮތް އެރިކްވެސް ދުވެފައި ނުކުތެވެ. އެރިކް ހަލުވިކަމާއެކު ގޮސް ޝައުން އުފުލާލައިގެން ގެނެސް ކޮޓަރިއަށް ވެއްދިއެވެ. އަދި އަވަސްގޮތަކަށް އޭނާގެ ކާރު ގަރާޖުންނެރެ ޝައުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޑޮކްޓަރ ބެލުމަށްފަހު ބުނީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަންޖެހޭކަމަށެވެ. ނޫންނަމަ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާނެ ކަމުގައިވެސް ބުންޏެވެ. އެރިކް ހާސްވެ ކަންބޮޑުވިއެވެ. އޭނާ އަވަސް އަވަހަށް މަންމަމެންނަށް ގުޅާފައި އެޚަބަރުދިނެވެ. އަދި ވީހާވެސް އަވަހަކަށް އަމީންއަށްވެސް އެޚަބަރުދިނުމަށް އެދުނެވެ.
އަމީންއަށް ޝައުންވީ މެލޭޝިއާގައިކަން އެނގުނުފަހުން އެތައްފަހަރަކު ޝައުން ހޯދަން މެލޭޝިއާއަށް އައެވެ. ނަމަވެސް އެއްގޮތަކަށްވެސް އޭނާއަށް ޝައުން ފެންނަގޮތް ނުވުމުން މާޔޫސްވެގެން ދަނީއެވެ. އެގޮތުގައި ހިތާމައިގައި ހުއްޓައި ސޯފީ އެގެއަށް ގޮސް ޝައުންގާތަށް ދިއުމަށް އަވަހަށް އެދުމުން އޭނާއަށް ލިބުނީ ބަޔާންކުރަން ދަތި ހައިރާންކަމެކެވެ. ޝައުން ކޮބައިތޯ، ޝައުންއަށްވީ ކީއްތޯ އެހުމުންވެސް ސޯފީ އިތުރަކަށް ޖަވާބެއްނުދިނެވެ. ހަމައެކަނި ބުނިހައިވެސް އެއްޗަކީ ޝައުންދެކެން ބޭނުންނަމަ އައުމަށެވެ. އެހެންކަމުން އަމީން އިޒްވާން ގޮވައިގެން ސޯފީއާއި އެކުގައި އަވަސްގޮތެއްގައި މެލޭޝިއާއަށް އައެވެ.
އަމީން އައުމުން އެރިކް ކުރުގޮތަކަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި މިހާރު ޝައުންގެ އޮޕަރޭޝަން ކޮންމެހެންވެސް ކުރަންޖެހޭކަމަށް ބުންޏެވެ. ޝައުން އޮތްހާލު އެނގުމުން އަމީންއަށް އަޑުން އަޑުނަގައި ރޮވުނެވެ. އޭނާ އަވަސް އަވަހަށް ޝައުން އޮޕަރޭޝަން ކުރަން އެއްބަސްވިއެވެ.

" އަހަރެމެންނަށް ނުވެސް އެނގޭ ޝައުން ބަނޑުބޮޑުކަންވެސް….މިހާބޮޑުކަމެއް ސިއްރުކޮށްގެން މިހުރިހާ ދުވަހު އެހުރީ….ކިހިނެއް ހެޔޮވާނީ؟…އަޅެ އެންމެ ފަހަރަކުވެސް އަހަރެންގާތުވެސް ބުނެލިނަމަ؟…" އަމީން ރޮއެ ރޮއެފައި ޝަކުވާކުރުމުން އެރިކް އޭނާއަށް ހިތްވަރުދިނެވެ. އެރިކްވެސް އެވާހަކަ ނޭންގީތީ އެރިކްދެކެވެސް އަމީން ރުޅިއައެވެ.

ބައިގަޑިއިރުފަހުން ޝައުންގެ އޮޕަރޭޝަން ކުރެވުނެވެ. ޝައުންއަށް ލިބުނީ ސިއްޙަތު ރަނގަޅު އަންހެން ކުއްޖެކެވެ. ނަރުސްކުއްޖާ ގެނެސް އަމީންގެ އަތަށް ދަރިފުޅު ލައިދިނުމުން އަމީންގެ ދެލޯ ކަރުނުން ފުރުނެވެ. އެރިކް ޝައުން ކޮބާތޯ ސުވާލުކުރުމުން ބުނީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭކަމުގައެވެ. ޝައުންގެ ހަށިގަނޑު ލޭމަދުކަމުންނާއެކު އޮޕަރޭޝަން ކުރުމުގެ ތެރޭގައި މާގިނައިން ލޭބޭރުވުމުގެ ސަބަބުން ޝައުންގެ ސިކުނޑިއަށް ޝޮކުޖެހުނެވެ. އެހެންކަމުން ޝައުން ކޯމާއަކަށް ދިއުމުގެ ފުރުސަތުވެސް އެބައޮތްކަމުގައި ޑޮކްޓަރ ބުންޏެވެ.

" ބޭބެ…އާންއަށް އަންގަންވާނެއްނު…." އަމީންގެ ކޮނޑުގައި އަތްބާއްވާލަމުން އެރިކް ބުނެލިއެވެ. އަމީން ކުޑަދަރިފުޅު އެރިކްގެ އަތަށްދެމުން އާއިންއަށް ފޯނުކުރުމަށް އަވަސްވެގަތެވެ. އޭނާ ފުރަތަމަވެސް ގުޅީ އާޒިމްއަށެވެ. އަދި ވަރަށް އަވަހަށް އާއިންއާއެކު އަޒީފާވެސް ގޮވައިގެން އައުމަށް އެދުނެވެ. ހާލަތު ވަރަށް ނާޒްކުކަމާއި ހުރިހާ ވާހަކައެއް ފޯނުން ކިޔައި ނުދެވޭނެކަމަށްވެސް ބުންޏެވެ.
އާއިން އޮފީހުގައި އަވަދިނެތި އިންދައި ކުއްލިއަކަށް އާޒިމް އައިސް ވަނުމުން އޭނާ ހައިރާންވިއެވެ.

" ދަރިފުޅާ….މެލާޝިއާއަށްދާން ތައްޔާރުވޭ….ޝައުންގެ ހާލު ވަރަށްދެރަ….އޮތީ އައިސީ ޔޫގަ…ވީގޮތެއްނޭނގެ…އަމީން ގުޅާފަ ބުނީ…" ކަންބޮޑުވެގެންނާއި ދެރަވެގެން ގޮސް އާޒިމްގެ އަޑު ކުރެހިގެން ދިޔައެވެ. އެވަގުތު އާއިންއަށްވެސް އިންތަނުން ތެދުވެވުނެވެ.

" އެކަމު ކީއްވެ ކުއްލިއަކަށް….އެކްސިޑެންޓެއް ވީތަ؟….ކިހިނެއްތަވީ؟…" އާއިންނަށް އެއްފަހަރާ އެތައް ސުވާލެއް ކުރެވުނެވެ.
" އެއްގޮތަކަށްވެސް ނޭނގެ…ދަރިފުޅާ އަވަސްކުރޭ!…ވަގުތެއްނެތް….ބޮޑުދައިތަވެސް ގެންދަންޖެހޭ…." އާޒިމް އެހެންބުނެފައި ހިނގައިގަތް ވަގުތު އާއިންގެ ފޯނު ރިންގްވިއެވެ. އެއީ މެލޭޝިއާގެ ނަމްބަރެއްކަމުން އޭނާ އަވަސް އަވަހަށް ފޯނުނެގިއެވެ.

" އާން….ޝައުން ދެކެން ބޭނުމިއްޔާ ވީއެންމެ އަވަހަކަށް އާއިލާ އެންމެން ގޮވައިގެން އާދޭ…..ޝައުންގެ ހާލު ވަރަށް ސީރިއަސް…..އިތުރަށް ބުނާކަށް ނޭނގޭ…." އެކޮޅުން ވާހަކަދެއްކީ ކާކުކަން ޔަޤީން ނުވިނަމަވެސް އެއީ އޭނާ ދަންނަ އަޑެކެވެ.
އާޒިމްއަށް އެމެސެޖްދެމުން އާއިން ހަލުވިކަމާއެކު އޭނާގެ ގެޔަށްދިއުމަށްޓަކައި މިސްރާބުޖެހިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފައިގެން އިންއިރުވެސް އޭނާގެ އަތްތުރު ތުރު އަޅަމުން ދިޔައެވެ. ޝައުންއާނުލައި އޭނާއަށް އުޅެވޭނޭ ކިޔައި ގަދަކުރިނަމަވެސް ޝައުން އައިސީޔޫގައި އޮތް ޚަބަރު ލިބުމުން އޭނާގެ ހިތަށް ނުހަނު ތަދުވެއްޖެއެވެ. ޝައުން ހެޔޮހާލުގައި ލެއްވުމަށްއެދި އޭނާއަށް ދުޢާކުރެވެން ފެށިއެވެ.

ގެޔަށްގޮސް ފަރަހަނާޒަށް އެޚަބަރުދިންއިރު އާއިންގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އާއިންގެ އެދުމުގެމަތިން ފަރަހަނާޒްވެސް މެލޭޝިއާއަށް ދިއުމަށް ތައްޔާރުވިއެވެ. އާއިން ދަބަސް ތައްޔާރުކޮށްގެން ފަރަހަނާޒްއާއި ދަރިފުޅު އައި ޒާހިދާ ގޮވައިގެން އެއާޕޯރޓަށް ދިޔައިރު، އަޒީފާ ގޮވައިގެން އާޒިމްވެސް ހުރީ އެއާޕޯރޓްގައެވެ. އިޒްޔަންއާއި އުޝާވެސް ތިއްބެވެ. އިރުކޮޅެއްނުވެ މާޒްއާއި އައިރާވެސް އަތުވެއްޖެއެވެ. އާއިލާގެ އެންމެންނަށް ޓިކެޓު ހޯދުނީވެސް އެކި ފްލައިޓުންނެވެ. އަމީންގެ އެދުމުގެ މަތިން އަމީންގެ އާއިލާއިންވެސް ބަޔަކު އައެވެ.
އިންތިޒާރުގެ ވަގުތުތަކަކަށްފަހު އާއިންމެންނަށް މެލޭޝިއާއަށް ދެވިއްޖެއެވެ. އެންމެ ފުރަތަނަ ފްލައިޓުން ދިޔައީ އަޒީފާއާއި އާޒިމްއަދި އާއިންއެވެ. އޭރު އެރިކްހުރީ އެމީހުން ބަލާއައިހެވެ. އެރިކް ފެނުމުން އާއިންގެ ހިތުގައި ތަފާތު ޚިޔާލުތައް އެއްފަރާ އުތުރިއެރިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އޭނާ އެއްވެސް ސުވާލެއް ނުކުރެއެވެ. ހޮސްޕިޓަލަށް ދެވުމާއެކީ އަމީންގެ ގައިގާ އޮޅުލައިގަންނަމުން އަޒީފާ ރޯންފެށިއެވެ.
" ހިތްވަރުކުރޭ!…ދުޢާކުރޭ!…" އަމީން ކިތަންމެ ދެރަވިނަމަވެސް އަނބިމީހާގެ ކުރިމަތީގައި ނުރޯން ހިތްވަރުކުރިއެވެ.
އެރިކް އާއިން ގޮވައިގެން ތަންކޮޅެއް ދުރަށް ގެންގޮސް ކަންތައްވީގޮތް ކިޔައިދިނެވެ. އަދި އޭނާއަށް ދެވަނަ ދަރިޔަކު ލިބުނު ވާހަކަވެސް ބުންޏެވެ. އެރިކްގެ ވާހަކަތައް އަޑުއަހާފައި އާއިންއަށް ލިބުނީ ޝޮކެކެވެ. ޝައުން ބަނޑުބޮޑުކަންވެސް ނޭނގިހުރެ ދަރިޔަކު ލިބުނު ވާހަކަ ބުނުމުން ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޝައުން ކުއްލިއަކަށް އޭނާ ދޫކޮށް އައި ސަބަބަކީ އެއީ ހެއްޔެވެ؟ ހަޤީޤަތުގައިވެސް ޝައުންއަށް ދަރިޔަލު ލިބުނީ ހެއްޔެވެ؟ އެކަމު ޝައުން އެކަން ސިއްރުކުރީ ކީއްވެ ހެއްޔެވެ؟ މިހުރިހާ ދުވަހު ފިލާއުޅުނީ ކީއްވެ ހެއްޔެވެ؟ އާއިންގެ ހިތަށް ތަފާތު ޚިޔާލުތައް ވެރިވުމުން ބޮލަށް އުނދަގޫވެގެން ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި ވެއްޓިދާނެހެން ހީވުމުން އެރިކްގެ ގައިގާ ހިފަހައްޓާލެވުނެވެ.
" އާން…ކިހިނެއްވީ؟…އާދޭ މިތާ އިށީއްނަން…" އެރިކް އާއިން ގޮވައިގެން ގޮސް ސޯފާއެއްގައި ބޭންދިއެވެ.
" ކޮބާ ދަރިފުޅު؟.." އިރުކޮޅެއްފަހުން އާއިން އެހިއެވެ.
" ނާސަރީގަ…" އެރިކް ޖަވާބުދިނެވެ.
އަނެއްކޮޅުން އަޒީފާގެ އެތައް ސުވާލުތަކަކަށް ނާޔާ ދިޔައީ ޖަވާބުދެމުންނެވެ. އަޒީފާ ޝަކުވާކުރަމުން ދިޔައީ އެމީހުންނަށް ޝައުންގެ ޚަބަރެއް ނުއެންގުމުންނެވެ. ސޯފީއިނީ ފާޑަކަށް ގަނޑުވެފައެވެ. އޭނާއަށް އޭނާގެ އާއިލާގެ މީހަކު ލިބިފައިވެސް ގެއްލިގެން ދާންއުޅޭކަމުގެ ބިރުހީވެއްޖެއެވެ. އޭނާ ހިތާހިތުން ދުޢާކުރަމުން ދިޔައެވެ. ޝައުންގެ ދަރިފުޅު ދެކިލުމަށްޓަކައި އަޒީފާ އެދުމުން ނާޔާ އަޒީފާ ގޮވައިގެން ނާސަރީއާ ދިމާއަށް ހިނގައިގަތެވެ. އާއިންވެސް މަޑުމަޑުން އެމީހުންގެ ފަހަތުން ދިޔައެވެ. ހިތް އަވަސްވެފައިވާ ހާލު އަޒީފާގެ ފަހަތުން އާއިން ވަނެވެ. ނަރުސްކުއްޖާ އެމީހުން ގޮވައިގެން ގޮސް ހުއްޓުނީ ލޯބި ލޯބި ކުއްޖެއްގެ ކައިރިއަށެވެ. ވަރަށް އަރާމުކޮށް ނިދާފައިވާ ތުއްތު ކުއްޖާގެ މޫނަށް އާއިން ބަލާލިއެވެ. އެއީ ހަމަ އޭނާގެ ދަރިއެއް ހެއްޔެވެ؟ އޭނާއާ ޝައުންއަށްވެސް ދަރިޔަކު ލިބުނީ ހެއްޔެވެ؟ މިއީ ހުވަފެނެއް ނޫން ހެއްޔެވެ؟ އަޒީފާ ގުދުވެފައި ތުއްތު ދަރިފުޅުގެ ނިތްކުރީގައި ބޮސްދިންއިރު އޭނާ ރޮވިއްޖެއެވެ.

" ހަމަ ޝައުން ކުޑައިރުހެން ހީވަނީ…." ލޮލުން ކަރުނަ ފުހެލަމުން އަޒީފާ ބުންޏެވެ. އާއިންވެސް ތުއްތު ދަރިފުޅުގެ އަތުގައި ހިފާލިއެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުރިނަމަވެސް އޭނާގެ ލޮލުންވެސް ކަރުނަ ފޫދިއްޖެއެވެ. ޝައުންއާމެދު އޭނާގެ ހިތުގައި ޝަކުވާގެ އޮޔެވަރެއްވެސް ހިނގާލިއެވެ. މިހުރިހާ ދުވަސްވާންދެން އޭނާއަށް އެކަން ސިއްރުކުރީތީއެވެ. އަމިއްލަ ހާލުވެސް އަންގާނުލައި އޭނާގެ ދަރިފުޅުގެ ތަކުލީފުތައް އަމިއްލައަށް އުފުލީތީއެވެ. އަދި ނުވިތާކަށް މިއަދު ޝައުން މަރާއި ދިރިހުރުމާމެދު ހަނގުރާމަކުރަމުން، ވޭނުގެ ތަންމައްޗެއްގައި އޮތީތީއެވެ. މިހުރިހާކަމެއްގެ ޝަކުވާ އޭނާ ކުރަން ބޭނުމެވެ. ޝައުން އޭނާއާ ފިލައިގެން ނައިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އޭނާގެ ލޯތްބަށް ފުރަގަސްނުދީ ކެރިގެން ކުރިމަތިލީނަމަ މިއަދު އޭނާވީހީ ކިހާއުފާވެރި މީހަކަށް ހެއްޔެވެ؟ އެލޯބީގެ ގުލްޝަނުގައި މަލެއްފަރިވެ ފޮޅުނުއިރު އެކަންވެސް އޭނާއަށް ސިއްރުކުރީއެވެ. އޭނާއަށް އެހައްޤުވެގެން ލިބިގެން ނުވަނީ ހެއްޔެވެ؟ އޭނާގެ ލޯބީގައި އެވަރުގެ އަގެއްވެސް ނެތީހެއްޔެވެ؟

ތުއްތު ދަރިފުޅުގެ މޫނަށް ބަލަންހުރިއިރު، އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. ދުލުން އެންމެ ލަފްޒެއް ބޭރުނުވިނަމަވެސް ހިތުގެ ހުރިހާ ޝަކުވާތަކެއް ކަރުނައިގެ ސިފައިގައި ބޭރުވެގެން ހިނގައްޖެއެވެ. އަޒީފާމެން އެތަނުން ނުކުތްއިރުވެސް ޖެހިބުދެއްފަދައިން އާއިން އެހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ނަރުސްކުއްޖާ ދެތިންފަހަރަކު ގޮވާލުން އޭނާއަށް ރޭކާލިއެވެ. އަދި ތުއްތު ދަރިފުޅުގެ މޫނަށް ބަލާލުމަށްފަހު ވޭނީ އާހެއް ބޭރުކޮށްލަމުން އޭނާ އެތަނުން ނުކުތެވެ.
އާއިލާގެ އެންމެން ހޮސްޕިޓަލަށް ޖަމާވެ ނިމިއްޖެއެވެ. ޝައުންއަށް ވީގޮތް އެނގުމުން ކޮންމެމީހަކަށްވެސް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. ފަރަހަނާޒްވެސް އިނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އާއިންއާއި ޝައުންގެ މެދުގައި ގުޅުމެއް ހިނގިއޭ ހީވިނަމަވެސް، އެދެމީހުންގެ މެދުގައި ހިނގި ގުޅުމުގެ އަސަރު މިފަދަގޮތަކަށް ފެނިދާނެކަމަކަށް ފަހަރެއްގައިވެސް އޭނާއަށް ހީކުރެވިފައެއްނެތެވެ. ނަމަވެސް ޝައުން އެދުވަހު މާފަށް އެދުނު ސަބަބު މިއަދު އޭނާއަށް އެނގިއްޖެއެވެ. އެންމެންވެސް ހިތުގައިވެސް ތަފާތު އެތަކެއް ސުވާލެއް އުފެދުނެވެ. ވަގުތީ ކައިވެންޏެއް ކަމުގައިބުނި ކައިވެނީގެ ނަތީޖާ މިފަދަ ގޮތަކަށް ފެނުމުން ޝައުން އެމީހުނާ ވަކިވާން ޖެހުނު ސަބަބު އެންމެނަށްވެސް ސާފުވިއެވެ. ވަގުތީގޮތުން ކުރެވުނު ކައިވެނީގެ ސަބަބުން ދެމީހުންގެ މެދުގައި ގުޅުމެއް ހިނގައި ޝައުން ބަލިވެއިނީއެވެ. އެކަން ސިއްރުކުރަން އޭނާ ފިލީއެވެ. ނަމަވެސް ބަލިވެއިނުމުން އެކަން ސިއްރުކުރަން ފިލީތީ އެންމެންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

ބާރަގަޑިއިރުވެގެން ދިޔައިރުވެސް ޝައުން ހެއެއްނާރައެވެ. އިންތިޒާރުކުރުން ނޫންގޮތެއް ޑޮކްޓަރުންނަކަށްވެސް ނެތެވެ. ކުޑަދަރިފުޅު ބަނޑުހައިވެގެން ރޯންފެށުމުން ނަރުސްކުދިންވެސް ކަންބޮޑުވިއެވެ. ޝައުންގެ ހާލަތުހުރިގޮތުން ކުޑަދަރިފުޅަށް ބުށްދެވޭކަށްނެތެވެ. އެހެންކަމުން އާޒިމް ލަފާދިނީ ފަރަހަނާޒް އެދަރިފުޅަށް ބުއްދިނުމަށެވެ. ވަރަށް ވިސްނުމަށްފަހު އަމީންވެސް އެގޮތާ އެއްބަސްވިއެވެ. ފަރަހަނާޒްއަށް އެދަރިފުޅު ފެނުމާއެކު އޭނާގެ ހިތް ލޯބިން ފުރުނެވެ. އަދި ދެބަހެއްނެތި އެދަރިފުޅަށް ބުއްދިނެވެ.

އިންތިޒާރުގެ ތިރީސް ހަގަޑިއިރު ވޭތުވިފަހުން ޝައުން ހޭއެރައިފިއެވެ. އޭނާ ލޯހުޅުވާލާފައި ވަށައިގެން ހޯދާލިއެވެ. އޭނާގެ ވަށައިގެން ޑޮކްޓަރާއި ނަރުހުން ހަރަކާތްތެރިވާތަން ފެނުމުން މިއޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުނެވެ. އެވަގުތު އޭނާއަށް ކަންތައްވީގޮތް ހަނދާނަށް އައެވެ. އޭނާ ޓެރަހަށްދާން ސިޑިންއަރަނިކޮށް ބޮލަށް އެނބުރުން އެރި ހަނދާންވިއެވެ.

" މަރުޙަބާ….ވަރަށް ލޯބި އަންހެން ކުއްޖަކު ލިބުނީ…." އެނދުކައިރީގައި ހުރި މެޝިނަކުން އެއްޗެއް ބަލަންހުރި ނަރުސްކުއްޖާ އޭނާއާ ދިމާއަށް އެނބުރިފައި ހިނިތުންވެލަމުން ބުނެލިއެވެ. ނަރުސް ކުއްޖާ ބުނިއެއްޗެއް ނޭނގިފައި ނަރުސްކުއްޖާގެ މޫނަށް ބަލަން އިރުކޮޅަކު އޮވެވުނެވެ.
ޝައުން ހޭއަރައި ހަމައަކަށް އެޅުނުކަން ޔަޤީންވުމުން، އޭނާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ. އަދި އާއިލާގެ މީހުންނަށް އޭނާއާ ބައްދަލުކުރުމުގެ ފުރުސަތުދިނެވެ.
" ދަރިފުޅާ!…ދަރިފުޅާ…." ކުއްލިއަކަށް ކޮޓަރިތެރެއަށް ވަތް އަޒީފާ ދުވެފައި އައިސް ޝައުންގެ ގައިގާ އޮޅުލައިގަތެވެ.
" އަޒީފާ ހަމަޖެހޭ….ތިހާ ބާރަށް ނޫޅޭ…ޝައުންގެ ހާލު އަދި ރަނގަޅެއްނޫން…." އަމީން އަވަސް އަވަހަށް އަޒީފާ ހުއްޓުވިއެވެ.
ކުއްލިއަކަށް މަންމައާއި ބައްޕަ ފެނުމުން ޝައުން އޮތީ ހައިރާންވެ ކަންބޮޑުވެސް ވިއެވެ. އެހާ އަވަހަށް މަންމަމެން އައީ ކިހިނެއްބާއޭ ހިތަށްއެރިއެވެ.
" ދަރިފުޅު ކީއްވެ މަންމަމެންނަށް އެވަރުބޮޑުކަމެއް ސިއްރުކުރީ؟….މަންމަ ހިޔެއްނުކުރަން ދުވަހަކުވެސް ދަރިފުޅު ތިފަދަ ކަމެއް ކުރާނެކަމަކަށް…." އަޒީފާ ޝަކުވާ ކުރަންފެށިއެވެ.
" މިވަގުތު ޝައުން އަރާމު ކުރިޔަދީ….އަޒީފާ ހިނގާ ބޭރަށްދާން….އެހެންމީހުންވެސް ވަންނަން ޖެހޭނެއްނު…" އަމީން އަޒީފާ ގޮވައިގެން ބޭރަށް ނުކުތެވެ.

މަންމަގެ ވާހަކަތަކުން އޭނާގެ ސިއްރު ބޭޒާރު ވެއްޖެކަން އޭނާއަށް އެނގުނެވެ. އަދި ވިސްނާލުމުން އޭނާގެ ބަނޑުގައި ދަރިފުޅު ނެތްކަންވެސް އެނގުނެވެ. އެވަގުތު އޭނާއަށް އަންހެން ކުއްޖަކު ލިބުނު ވާހަކަ ނަރުސްކުއްޖާ ބުނި ހަނދާންވިއެވެ. އެހެންކަމަށް ވާނަމަ އޭނާގެ ދަރިފުޅު ކޮބާހެއްޔެވެ؟ އޭނާގެ ގާތުގައި ދަރިފުޅު ނެތީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ދަރިފުޅަށް ކަމެއް ވީހެއްޔެވެ؟
އޭނާ ވިސްނުމުގައި އޮއްވައި ފަހަރަކު މީހަކު އޭނާގެ ހާލުބެލުމަށްޓަކައި އެކޮޓަރިއަށް ވަންނަން ފެށިއެވެ. އޭނަ އެތާ އޮންނަތާ ވީއިރު ޚުދު އޭނާއަށް ނޭނގުނު ނަމަވެސް ވަރަށް ގިނައިރު ވެއްޖެކަން އޭނާއަށް އެނގުނެވެ. އާއިލާގެ މީހުންތައް ފެންނަން ފެށުމުން އޭނާގެ ކަންބޮޑުވުން އިތުރުވިއެވެ. އެމީހުންގެ ސުވާލުތަކާއި ޝަކުވާތައް އަޑުއަހަން ޖެހޭނެތީ ޖެހިލުންވިއެވެ. ނަމަވެސް އޭނާ ހީކުރި ފަދައިން އެކަކުވެސް ޝަކުވާއެއް ނުކުރިއެވެ. އެންމެންވެސް އޭނާ ފެނިފައި އުފާވިއެވެ. އޭނާ ހޭއެރީތީ ޝުކުރުކުރިއެވެ.
އާއިލާގެ އެންމެން އައިސް އާޒިމް އައިއިރުވެސް އާއިންއާއި ފަރަހަނާޒް ނާންނާތީ ޝައުންގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި އާއިން އަތުވެއްޖެނަމަ އޭނާއާ ކުރިމަތިލާނެ ގޮތެއްނޭނގި ހިތުގައި ބިރުވެރިކަންވެސް ހިނގާލިއެވެ. އެހެން އޮއްވައި އާއިން ކުޑަދަރިފުޅު އުރާލައިގެން އެކޮޓަރިއަށް ވަނެއެވެ. އެމަންޒަރު ފެނިފައި ޝައުންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މިހުރިހާ ދުވަހު އާއިންއާ ފިލައިގެން އުޅެފައި ނުވެސް ވިސްނާ ހުއްޓައި މިފަދަ ގޮތަކަށް އާއިންއާ ކުރިމަތިލާން ޖެހުމުން އޭނާ ނުހަނު ކަންބޮޑުވިއެވެ. އާއިން އޭނާދެކެ ރުޅިއައިސްފައި ހުރެދާނެކަމަށް ޓަކައި އާއިންގެ މޫނަށް ބަލާލަންވެސް ނުކެރިފައި އޭނާ އޮތެވެ. އާއިން އައިސް ޝައުންގެ އެނދު ކައިރީގައި ހުއްޓި ކުޑަދަރިފުޅު ޝައުންގެ ގާތުގައި ބޭއްވިއެވެ. އެތުއްތު ދަރިފުޅު މޫނުފެނުމާއެކު ޝައުންއަށް އޭނާގެ މައިވަންތަކަމުގެ ޖަޒްބާތުތައް މަތައެއް ނުކުރެވުނެވެ. އެއްއަތުން ދަރިފުޅު ކައިރިކޮށްލައި ނިތްކުރީގައި ބޮސްދެމުން އޭނާއަށް ގިސްލާރޮވުނެވެ.
އާއިން ޝައުންގެ ބޮލުގައި ފިރުމާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ. މިހުރިހާ ދުވަހު ޝައުންދެކެ ނުރުހުންވެފައި ހުރިނަމަވެސް، ޝައުން ފެނުމާއެކު އެހިތް މަޑުއުއްކޮޅެއް ފަދައިން ވިރިއްޖެއެވެ.
" ކީއްވެ…ކީއްވެ އެގޮތަށް ކަންތައްކުރީ؟….ކީއްވެ އެހާބޮޑަށް އަހަރެން ދެރަކުރީ؟…" މަޑުމޮޅި އަޑަކުން އާއިން ޝަކުވާކުރިއެވެ.
" ސޮރީ…އައިމް ރިއަލީ ސޮރީ އާން….އަހަރެންނަށް އެވަގުތު ފެނުނު އެންމެ ރަނގަޅު ގޮތަށް ކައްތައްކުރީ….އާން ދެރަކުރާކަށް ނޫން…އައި ލަވް ޔޫ" ރޮމުން ރޮމުން ޝައުން މާފަށް އެދުނެވެ.
އަހަރެން ދޫކޮށް އެގޮތަށް އައީމަ ކިހިނެއް މާފުކުރާނީ؟….ކިހިނެއް އަހަރެން ގަބޫލުކުރާނީ އަހަރެންދެކެ ތިހާލޯބިވާކަން….ކީއްވެ އަހަރެން ދޫކޮށްފަ އައީ…އެންމެ ފަހަރަކު އަހަރެންގާތުގަ ހިތުގަ އޮތް އެއްޗެއް ބުނެލިނަމަ ތިގޮތަށް އަހަރެން ދޫކޮށްފަ އަޔަނުދިނީމުސް…." ޝައުންގެ މޫނުގައި މޫނުޖައްސައިގެން އިނދެ އާއިން ޝަކުވާކުރިއެވެ. އެވަގުތު ކުކުރާލި އަޑުއިވުނެވެ. އޭނާ ތެދުވެ ދަރިފުޅަށް ބަލާލިއިރު، ދެލޯމަރައިގެން އެދަރިފުޅު އޮތެވެ.
" އެކަމަކު މިހާލޯބި ހަދިޔާއެއް ދިނީމަ މާފު ނުކޮށް ހުންނާނީވެސް ކިހިނެއް…." ނިދާފައި އޮތް ތުއްތު ދަރިފުޅަށް ބަލާލަމުން ހީލާފައި އާއިން ބުންޏެވެ. އެވަގުތު ޝައުންވެސް ހީލިއެވެ. އާއިން އެތައްއިރަކު ޝައުންގެ ގާތުގައި އިންފަހުން ފަރަހަނާޒްގެ މަތިން ހަނދާންވިއެވެ.
" ނާޒް…އެބަހުރި ބޭރުގަ…އަހަރެމެންނަށް ވަގުތުދީފަ އެންމެން ތިބީ ބޭރުގަ….އަންނާނަން ނާޒް ގޮވައިގެން…." އާއިން ތެދުވެގެން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އެދެމަފިރިންނަށް ވަގުތުކޮޅެއްދީގެން ބޭރުގައިތިބި އެންމެންވެސް ކެތްތެރިކަމާއެކު އެމީހަކު ތިބިތަނެއްގައި ވާހަކަދައްކަން ތިއްބެވެ. އެމީހުންގެ މެދުގައި އަދިވެސް ބަހުސްކުރެވެމުންދަނީ ޝައުން އެކަން އެހުރިހާ ދުވަހު ސިއްރުކުރިގޮތަކާއި މެދުގައެވެ. އާއިން ގޮސް ފަރަހަނާޒް އާއި އާކިން ގޮވައިގެން އެތެރެއަށް ވަނެވެ. ފަހަރަހަނާޒް ފެނުމުން ޝައުން ލަދުގަންނަގޮތްވިއެވެ. އޭނާއަށް ކުށްވެރިކަމުގެ އިހުސާސެއް ކުރެވުނެވެ. ފަރަހަނާޒް އައިސް ހިނިތުންވެހުރެ ޝައުންއާ ވާހަކަދައްކަން ފެށުމުން ޝައުންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
" ނާޒް…އަހަރެންދެކެ ރުޅިއެއްނާދޭތަ؟…" އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު ޝައުން އެހިއެވެ. އޭރު އެއަޑު އިވޭހިސާބުގައި އާއިންވެސް ހުއްޓެވެ.
" ކީއްވެ އަހަރެން ރުޅިއަންނަންވީ؟…" ފަހަރަނާޒް ވިސްނުމެއްނެތި ބުނެލިއެވެ.
" އަހަރެމެންގެ މެދުގަ ގުޅުމެއް ހިނގީމަ….ނާޒްއަށް އެކަން ސިއްރުކުރީމަ…." ޝައުން އޮޅުން ފިލުވައިދިނެވެ.
" ދެމަފިރިންގެ މެދުގަ ހިނގަންޖެހޭ ކަހަލަ ގުޅުމެއް ހިނގީމަ އެކަމާ އަހަރެން ކުރަންވީ ކޮންޝަކުވާއެއް…..އެކަމަކު އަހަރެން ދެރަވި ދެމީހުންވެސް އެކަން ސިއްރުކުރީމަ….އަދި ޝައުން އެގޮތަށް އައީމަ…ކުރިންވެސް އަހަރެންނަށް ޝައްކުވި….ކޮންމެވެސް ދުވަހަކުން ބުނާނެކަމަށްވެސް ހީކުރިން….އެކަމުން އާއިންވެސް ނުބުނި….ދެން އަދި އަމުދުން ޝައުންއަކަށްވެސް ނުކެރޭނެދޯ ބުނާކަށް….އެކަމުގަ ޝައުންގެ އެއްވެސް ކުށެއް އޮތްކަމަކަށް އަހަރެން ގަބޫލެއްނުކުރަން….އަހަރެންގާތު އެއްޗެއް ބުނަންޏާ ބުނަންޖެހޭނީ އާއިން…ޝައުންއަކީވެސް އަހަރެން ފަދައިން އާއިންގެ އަނތްބެއް….އެއީ ވަގުތީ ކައިވެންޏެއްކަމުގަ ދެމީހުން ބުނިނަމަވެސް، ފަހުން އަހަރެންހުރީ ޝައުންގާތު ވަރިނުވާށޭ ބުނަންވެގެން….ހަމަސްވެގެން ދިޔުމުންވެސް ވަރިނުވީމަ އަހަރެން ހީކޮށްގެންވެސްހުރީ ދެން ތިދެމީހުން ދުރުވާން މަސައްކަތް ނުކުރާނެކަމަށް….ޝައުންގެ ރަނގަޅުކަން އެނގުމުން އަހަރެން ބޭނުންނުވީ ޝައުންއާ އާއިން ދުރުވާން…އަހަރެން ހިތުން ރުހުމުން އާއިންގެ އަނތްބަކަށް ޝައުން ގަބޫލުކުރިން…އެކަމު އަންގާވެސް ނުލާ ޝައުން އައީ….އަހަރެން ހާދަދެރަވިޔޭ އެގޮތަށް ހެދީމަ……" ފަރަހަނާޒް ދެރަވެފައި ވާހަކަދެއްކުމުން ޝައުން ދެރަވެފައި ފަރަހަނާޒްގެ ކިބައިން މާފަށް އެދުނެވެ.
" ޝައުން އައީ ނާޒްގެ ގާތުގައިވީ ވަޢުދު ފުއްދުމަށް….ނާޒް ދެރަވެދާނެތީ އަހަރެމެންގެ ޙަޔާތުން ދުރަށްދިޔައީ….އަހަރެންނަށް އަންގާލުމެއްވެސް ނެތި ދެމީހުން ދެމީހުނަށް ގޮތް ނިންމާލީ….އެކަކު އަނެކަކަށްޓަކާ ޤުރުބާންވާން ތައްޔާރަށް ތިބިއިރު، އަހަރެން މީދެން ބޭކާރުމީހެއް…ހަޤީޤަތު ފިލަންވީ އަހަރެން ކަންނޭނގެ…ތިދެމީހުން ބަހައްޓާފަ…" ފަރަހަނާޒްއާއި ޝައުން ދައްކަމުން ދިޔަ ވާހަކަ އަޑުއިވުމުން ދެރަވާކަމަށް ހެދިފައި އާއިން ބުނެލިއެވެ. އާއިންގެ ވާހަކަތައް އަޑުއިވުމުން ޝައުންއާއި ފަރަހަނާޒްގެ ގާތަށްވެސް ހިނިއައެވެ.
" ނާޒް…ނާޒްއެކޭ އެއްފަދައިން ޝައުންދެކެވެސް އަހަރެން ވަރަށް ލޯބިވޭ …ފުރަތަމަ ފަހަރަށް ނާޒްގެ ކުރިމަތީގަ އިޢުތިރާފު މިވަނީ…..އަހަރެން ކުޑައިރުއްސުރެ ޝައުންދެކެ ލޯބިވޭ…..އެކަމު މިހުރިހާ ދުވަހުވެސް މިހެންބުނަން އަހަރެން ޖެހިލުންވި…..ނާޒްދެރެވެދާނެތީ ބިރުގަތީ….ކިހާދުވަހެއް ވާންދެން މިކަން ހިތުގަ ބާއްވައިގެން އަމިއްލަ ހިތަށް އަނިޔާދިނީ….އަހަރެން ހީކުރީ ދީވާނާއަކު ފަދައިން ދެމީހުންދެކެ ލޯބިވެވުނީ އަހަރެންނަށްކަމަށް….އެކަމު ހަގީގަތު އެންމެބޮޑު ދީވާނާއަކީ މި މޮޔަ ކުއްޖާގަނޑު…..އޭނަ އަހަރެންދެކެވެސް އިންތިހާއަށް ލޯބިވޭ…އަދި ނާޒްދެކެވެސް ކޮއްކޮއަކު ފަދައިން ލޯބިވޭ….ނާޒްއަށް ދެރައެއް ދިނުމަށްވުރެ އަމިއްލައަށް ދެރައެއް ލިބިގަންނަން މާރަނގަޅު ކަމުގަ ހީކޮށްގެން އައިސް މިތާ ފިލާ އެހުންނަނީ…..އަމިއްލަ ލޭހިނގާ ދައްތައަކުވެސް މިޒަމާނުގަ މިފަދައިން ލޯބިވާނެކަމެއް ނޭނގެ…." އާއިން އެހާފާޅުކަން ބޮޑުގޮތެއްގައި ޝައުންދެކެ ލޯބިވާ ވާހަކަ ފަރަހަނާޒްގެ ކުރިމަތީގައި އިއުތިރާފުވުމުން ޝައުންގެ ހިތަށް ބުނެދޭން ނޭނގޭފަދަ ފޮނި އަސަރެއް ކުރުވިއެވެ. ހަމައެހެންމެ އޭނާ ލަދުވެސް ގަތެވެ.
އާއިންގެ ވާހަކަތަކާމެދު ފަރަހަނާޒް ވިސްނާލިއެވެ. އޭނާއަށް މީގެކުރިން އެގޮތަށް ވިސްނިފައިނެތްނަމަވެސް އާއިންގެ ވާހަކަތަކުން ވަރަށްބޮޑު ހަޤީޤަތެއް ވިސްނިއްޖެއެވެ. ޝައުންއަކީ ކިހާ ހިތްތިރި އިންސާނެއްކަންވެސް އެނގިއްޖެއެވެ. އާއިންގެ ލޯބި ލިބެން އޮއްވައި، އަމުދުން އާއިންގެ ދަރިޔަކަށް ބަލިވެއިނދެހުރެ އެގޮތަށް އެދިރިއުޅުމުން ނުކުމެގެން ދެވޭނީ ވަރަށްވެސް ކެތްގަދަ، ހިތްވަރުގަދަ އަދި އެހާމެ ހިތްތިރި އިންސާނަކަށް ވެގެންނެވެ. އާއިންގެ ލޯބި ބީވެދާނެތީ މިހުރިހާ ދުވަހު ޚުދު ފަރަހަނާޒް ކިހާ ވިސްނުމެއް ވިސްނިހެއްޔެވެ؟ ކިހާ ވަރަކަށް ކަންބޮޑުވެ ދެރަވި ހެއްޔެވެ؟ ނަމަވެސް އެންމެ ފަހަރަކުވެސް ޝައުންގެ ހާލާމެދު އޭނާއަށް ވިސްނުނު ހެއްޔެވެ؟ ޝައުން އޭނާއާމެދު ބެހެއްޓި އޯގާތެރިކަން ބެހެއްޓުނު ހެއްޔެވެ؟ ޝައުން އޭނާދެކެ ލޯބިވީވަރާއި ގާތަށްވެސް އޭނާ ޝައުންދެކެ ލޯތްބެއް ނުވެއެވެ. ޝައުން އެވީފަދަ ޤުރުބާނެއް ޝައުންއަށްޓަކައި އޭނާއަށް ވެވުނީސް ހެއްޔެވެ؟
ޝައުން ހަމައަކަށް އެޅުމުން އެންމެންވެސް ފެންވަރައި ކައިބޮއެ ހެދުމަށް ހޮޓެލަކަށް ދިޔައެވެ. އެމީހުންގެ ކަންކަން ހަމަޖެއްސުމުގައި އެރިކް އިސްވެ އުޅުނެވެ. އަދި ނޫރުގެ އާއިލާއިންވެސް އެހީތެރިކަން ފޯރުކޮށްދިނެވެ.

އެރިކްގެ ފަރާތުން ޝައުން މެލޭޝިއާގައި ހޭދަކުރި ގޮތުގެ ތަފްސީލު އެންމެންނަށްވެސް އެނގިގެން ދިޔައެވެ. އަދި ސޯފީއާއި އެރިކާއަށްވެސް ޝައުންގެ ހަޤީޤަތް އެނގޭކަންވެސް އެނގުނެވެ. އެމީހުން ޝައުން ގެންގުޅުނީ ނުހަނު ލޯބިންކަން އެނގި އަމީންގެ ހިތުގައި ސޯފީއާއިމެދުގައި އޮތް ރުޅިވެރިކަން ފިލާދިޔައެވެ. އެރިކްއާއި އެރިކާވެސް އިސްލާމުވީކަން އެނގުމުން އެންމެންވެސް އެކަމާ އުފާކޮށް މަރުޙަބާ ކިޔެވެ.

ހުރިހާ އޮޅުން ބޮޅުމެއް ސާފުވުމުން ހިތްތަކުގައިވާ ޝަކުވާއާއި ގިލަންތައްވެސް ފިލާ ހިނގައްޖެއެވެ. އެރިކްއާމެދުގައި އާއިންގެ ހިތުގައިވާ ނުރުންވެސް ނެތިގޮސް އެދެމެދުގައި އެކުވެރިކަން ޤާއިމް ވެއްޖެއެވެ. ޝައުން ކައްތައްކުރި ގޮތުން ނުރުންވެފައި ތިބި އެންމެންގެ ހިތްތައްވެސް ޝައުންގެ ލޯބިލޯބި ދަރިފުޅު ފެނުމުން ސާފުވެ ޝައުންއަށް މާފުކުރިއެވެ. ޝައުން ހީކުރިގޮތާއި ޚިލާފަށް އެންމެންވެސް ޝައުން ބަލައިގަނެ އޭނާގެ ދަރިފުޅުދެކެ ލޯބިން އުޅޭ މަންޒަރު ފެނުމުން އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކާއި ވަހުމްތައް އެއްކޮށް ފިލާދިޔައެވެ.އަދި ޚާއްސަކޮށް ފަރަހަނާޒް އޭނާ ބަލައިގަނެ އާއިންގެ ޙަޔާތުން އޭނާއަށް ޖާގަދިނީތީ އޭނާ އިންތިހާއަށް އުފާކުރިއެވެ.

***** އެއްއަހަރު ފަސް*****
އާއިން އޮފީގައި އަވަދިނެތި މަސައްކަތެއް ކުރަމުން ދަނިކޮށް، ޝައުން އައިސް ފައިލެއް ދިއްކޮށްލިއެވެ. އާއިން އިސްއުފުލާ ބަލާލަމުން ފައިލުގައި ހިފުމުގެ ބަދަލުގައި ޝައުންގެ އަތުގައި ހިފައިގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ. ޝައުން ތެޅިގެންފައި އަވަސް އަވަހަށް ތެދުވަން މަސައްކަތްކުރުމުން އާއިން އޭނާގެ ބާރުގަދަ ދެއަތުން ޝައުންގެ މެދުހަށީގައި ބައްދާލުމުން ޝައުންއަށް އަތަކަށް ގުޑާވެސް ނުލެވުނެވެ.
" އޫމް….ހާދަމީރުވަސް ދުވައޭ…." ޝައުންގެ ގައިން ވަސްބަލާލަމުން އާއިން ބުނެލިއެވެ.
" ދެން…އާން….ޕްލީޒް ދޫކޮށްލަބަލަ!…މިއީ ގެއެއްނޫނޭ…މީއޮފީހޭ….ތިހެންއުޅެނިކޮށް މީހަކު އަތުވެދާނެ…" ޖެހިލުންވެ އިނދެ ޝައުން ބުނެލިއެވެ.
" ކޮބާ މައްސަލައަކީ….ތީ އަހަރެންގެ އަންހެނުންކަން ނޭނގޭ މީހަކު މިތާކު ނޫޅޭނެ….ދެން ކޮންކަމަކާ ބިރުގަންނަނީ…." ލާނެތްކަމާއެކު ހީލަމުން އާއިން ބުނެލިއެވެ.
އާއިންގެ ކުރިމަތީގައި ގަދަ ނުދެއްކޭނެކަން އެނގުމުން ޝައުން ލޯއަޅާލިއެވެ. އާއިން އޭނާ ބޭނުންވަރަކަށް ގޯނާކުރުމަށްފަހު ޝައުންދޫކޮށްލިއެވެ. އޭނާގެ ނޭވާވަނީ އަވަސްވެފައެވެ. ހިތުގެ ތެޅުންވެސް އިންތިހާއަށް ގަދަވެފައެވެ. ކޮންމެ ދުވަހަކުވެސް އާއިންގެ އެގޯނާތައް ތަކުރާރުކޮށް އޭނާއަށް ލިބޭއިރުވެސް ހަމަކޮންމެ ފަހަރަކު އޭނާގެ ހާލަކީ އެއީއެވެ. އާއިން ސޮއިކޮށްފައި ފައިލްދިނުމުން އޭނާއަވަސް އަވަހަށް ފައިލު ހިފައިގެން އެތަނުން ނުކުތްއިރު އޭނާ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޮފީހުގައި އުޅޭއިރު އާއިންގެ ފަރާތުން ލިބޭ ލޯބީގެ ގޯނާތަކުން އޭނާގެ ހިތަށް ފޮނިކަން ލިބެއެވެ.

ވިހައިގެން އައިސް ޝައުން ދިރިއުޅުން ބަދަލުކުރީ މާލެއަށް އާއިންގެ ގެޔަށެވެ. ދަރިފުޅަށް އަހަރުވުމުން އޭނާ އަނެއްކާވެސް އޮފީހަށް ދިއުމަށް ބާރުއެޅީ ފަރަހަނާޒެވެ. ޝައުންއަކީ ކިޔައިވެގެންހުރި ހުނަރުވެރި ޤާބިލް ކުއްޖަކަށްވީތީ އޭނާގެ ބޭނުން ކުންފުންޏަށް ޖެހޭނެކަން ޚުދު ފަރަހަނާޒްވެސް ގަބޫލުކުރިއެވެ. ދަރިފުޅު ދޫކޮށްލާފައި ނުދާންވެގެން ޝައުން ބަހަނާވެސް ދެއްކިއެވެ. ނަމަވެސް ފަރަހަނާޒް ދަރިފުޅުގެ ހުރިހާކަމެއްވެސް ބަރާބަރަށް ބަލާނެކަމާއި ބޭނުންވެއްޖެ ހިނދެއްގައި ޝައުންއަށްވެސް އާދެވޭނެކަން ވިސްނައިދިނެވެ. އެހެންކަމުން އާއިންގެ ހުއްދައާއެކު ޝައުން އަނެއްކާވެސް އޮފީހަށް ނުކުންނަން ފެށިއެވެ. އޮފީހުގައި ލިބޭ ހުސްވަގުތު ދަރިފުޅުގާތަށް އާދެއެވެ. އަދި އޮފީސް ނިމުމާއެކު ލަސްނުކޮށް އޭނާ ގެޔަށް އާދެއެވެ. އަދި ގޭތެރޭގައި ފަރަހަނާޒްއާއެކު ކަންކަމުގައި އެހީތެރިވެދީވެސް ހަދައެވެ. އޮފީހަށް ދާތީއޭ ކިޔާފައި ގޭތެރޭގެ މަސައްކަތްނުކޮށެއް އޭނާ ނުހުރެއެވެ. ކުރިން ގޭތެރޭގެ މަސައްކަތްކުރަން ފޫހިވީނަމަވެސް މިހާރު އެއީ އޭނާއަށް މާބޮޑު ކަމަކަށްވެސް ނުވެއެވެ. ފަރަހަނާޒް ފަދައިން އޭނާވެސް ހުރިހާ ކަމެއް ދަސްކުރިއެވެ. ދީނީ ކަންކަމުގައިވެސް ފަރަހަނާޒަކަށް އޭނާ ދުލެއްނުކުރެއެވެ. ދެމީހުންގެ މެދުގައި އޮތް އެކުވެރިކަންވެސް ހަމައެފަދައެވެ. ދެމީހުންވެސް އަމިއްލަ ދަރިފަދައިން އެކަކު އަނެކެއްގެ ދަރިދެކެ ލޯބިވެއެވެ.

" ހޭއި ބޭބީ….ގެޔަށްދާކަށްނުވޭތަ….ވަރަށް ބަނޑުހައިވެއްޖެ…" މަސައްކަތެއްގައި މަޝްއޫލުވެގެން ޝައުން އިންދައި އާއިން ވަނެވެ.
" ނެތްދެވޭކަށް….ފަޚްރީ މާދަމާ އަންނައިރު، ވަރަށްގިނަ ތައްޔާރީތައް ވާންޖެހޭ….އާންދޭ….އަހަރެންދާނަން އިރުކޮޅަކުން….ނާޒްގާތުގަވެސް ބުނާތި…" އާއިންއަށް ބަލާލަމުން ޝައުން ބުންޏެވެ.

" އޯކޭ…ދެން އެކަނިދޯ މިއަދު ދާން މިޖެހުނީ…އެހެންވީމަ ދިއުމުގެކުރިން ބޭނުން އެއްޗެއް…" ޝައުންއާ ގާތްވަމުން އާއިން ބުނެލިގޮތުން އެއުޅެނީ ކޮންމެވެސް ގޯނާއެއްކުރަންކަން އޭނާއަށް އެނގުނެވެ. އާއިން ޝައުންގެ އަތުގައި ހިފާނަގައި ބައްދާލަމުން ތުންފަތުގައި ބޮސްދިނެވެ.

" އަވަހަށް އަންނާތި…" ޝައުންގެ ގައިން ދޫކޮށްލަމުން މަސްތީގޮތަށް އާއިން ބުނެލިއެވެ. ޝައުން ހީލާފައި އާނއެކޭ ބުނެ ބޯހަލުވާލިއެވެ.

ގޭތެރޭގައި ދުވެ ދުވެފައި އުޅުނު އާކިންގެ ފަހަތުން ދިއުމަށްޓަކައި ތުއްތު ޝަނުމްވެސް މަސައްކަތްކުރަމުން ދިޔައެވެ. ޝަނުމްއަށް ކިރިޔަ ކިރިޔާ ހިނގަން އަދި އެނގެންފެށީއެވެ.

" އަވަހަށް ދޮންބެ އަތުންލަންދޭ….ކޮބާ ބަލަން ހުންނާތި އަދި ކޮއްކޮ އަތުލާނެ ދޮންބެ…" ފަރަހަނާޒް ހިނިއައިސްފައި އިނދެ ބުނަމުން ދިޔައެވެ. ތަންކޮޅަކަށް ގޮސްފައި ވެއްޓެން އުޅޭހެން ހީވުމުން ޝަނުން އިށީނދެއެވެ. އާކިން ހެމުން ހެމުން އައިސް ޝަނުމް އަތުގައި ހިފައިގެން ނަގަން އުޅުނުނެވެ.

ދެކުދިން ލޯބިން ކުޅެން އުޅޭމަންޒަރު ފެނުމުން ފަހަރަނާޒް ހިތަށް އުފާވެރިކަން ލިބެއެވެ. އޭނާ އެކުދިންނަށް ބަލަންއިނދެ މުޅި ދުވަސްވެސް ފޫހިކަމެއްނެތި ހޭދަކޮށްފާނެއެވެ. އެއްވަރުގެ ކުޑަދެކުދިން ބަލަންވުމުން ބުރަކަން އިހުސާސްކުރެވުނު ނަމަވެސް އެއީ އޭނާގެ ހިތަށް ނުހަނު ފޮނިކަން ލިއްބައިދޭ ކަމެކެވެ.

" ހަމަ ކުޅުމުގަ ދޯ….މިހާރު ބައްޕިގެ ޝަނުމްވެސް މޮޅުވެއްޖެއޭދޯ…." އޮފީހުން އައިސް ގެޔަށްވަތް އާއިން އައިގޮތަށް އައިސް ޝަނުމް އުރާލުމަށްފަހު ކޮލުގައި ދޮނެއްދިނެއެވެ. އެއާއެކު ތަންކޮޅެއްދުރުގައިހުރި އާކިންވެސް އައިސް އާއިންގެ ފައިގައި އޮޅުލައިގަތެވެ. އާއިން ގުދުވެފައި އަނެއްއަތުން އާކިންވެސް އުރާލިއެވެ.

" ބައްޕަގެ ދޫނިތައް ލޯބިކަމުން ހަމަކާލެވިދާނެ…." އާކިންގެ ކޮލުގައި މަޑުމަޑުން ދަތްއަޅާލަމުން އާއިން ލޯތްބާއެކު ބުނެލިއެވެ.

" އެކުދިން ކާނުލާ ބަތްކާން އާދޭ….މިހާރު މާބޮޑަށް ހައިވެފަ ތިހުރީ…." ބަދިގެޔާ ދިމާއަށް ހިނގައިގަންނަމުން ފަރަހަނާޒް ބުންޏެވެ. އާއިން އެކުދިން ޒާހިދާއާ ހަވާލުކުރުމަށްފަހު ފަރަހަނާޒްގެ ފަހަތުން ގޮސް ބަދިގެޔަށްވަނެވެ. އަދި ފަރަހަނާޒްގެ އުނަގަނޑުގައި އަތްއަޅުވާލަމުން ގާތަށް ދަމާލިއެވެ.

" ކުދިދޫނިތައް އެކަންޏެއްނޫން….މަންމި ދޫނިވެސް ހަމައެހާލޯބި….ހަމަކާލެވިދާނެ…." ފަރަހަނާޒްގެ ފުރަގަހުން ބައްދާލުމަށްފަހު، ކޮލުގައި ދަތްއަޅާލަމުން އާއިން ބުނެލިއެވެ. އެވަގުތު ފަރަހަނާޒް ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަވަސް އަވަހަށް ދެކޮޅު ހޯދާބަލާލީ މީހަކަށް ފެނިދާނެތީއެވެ.

" މިމީހުން މިއޮއް ގަންނަ ބިރަކުން ނޯންނާނެ އަތްލެވޭކަށްވެސް….ޝައުންވެސް ހީވާނީ ތެޅިގަންނައިރު އެހެންކަމެއްހެން.." ފަރަހަނާޒްގެ ގައިން ދޫކޮށްލަމުން ހީލާފައި އާއިން ބުނެލިއެވެ.

" އޮފީހުގަވެސް އުޅެނީ ތިހެންދޯ….ޔަޤީން ޝައުން ފަކީރަށްވެސް އެހާ ޖެއްސުންކޮށްފަކަން ތިއައީ….އަބަދު ތިހާ ލާނެއްވެގެން ތިއުޅެނީ ބައްޕަވެސް އަތުވެދާނެއްނު….އަހަރެމެން ލަދުގަނެޔޭ ބައްޕަމެންނަށް ފެނިދާނެތީ….ކުރިން ދުވަހުވެސް މަންމައަށް ފެނުނީ….އެދުވަހުވެސް ލަދުންގޮސް ހަލާކުނުވީ ކިރިޔާ….." ޝަކުވާގެ ރާގެއްގައި ފަރަހަނާޒް ބުނެލިއެވެ.

" ތިދެމީހުން ގޮވައިގެން ޖުޕިޓަރއަށް ދާންވީ…އޭރުންނެއްނު މީހަކަށް ނުފެންނާނީ…މަގޭ އަމިއްލަ އަނބިންނާ ލޯބިކުރަންވެސް މިޖެހެނީ ސިއްރު ސިއްރުން ވިއްޔަ…" އާއިން ޝަކުވާކޮށްލިއެވެ.

" އަހަރެންނަށް ހީވަނީ ދެމީހުނާ އިނދެގެން އުޅޭމީހުންގެ ކަންތައް މާބޮޑުހެން…" ފަރަހަނާޒް މަޑުމަޑުން ބުނިނަމަވެސް އާއިންއަށް އިވުނެވެ. އާއިން ކުއްލިއަކަށް ތެދުވެ ފަރަހަނާޒްގެ އަތުގައި ހިފައިގެން ގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ.

" ބުނަން…ދެމީހުނާ އިނދެގެން އުޅޭހާ މީހެއްގެ ގޮތެއް މަށަކަށް ނޭނގެ…އެކަމު ހަމަގައިމުވެސް ތިހާ ލޯބި ދެކުދިންނާ އިނދެގެން އުޅެންޏާ ހިއްސުކެނޑިފަހުރި މީހަކަށް ނޫނީ ގޮތެއްނުވެއެއް ނުހުންނާނެ…." ފަރަހަނާޒް ގަދަ ހަދަހަދާ ހުއްޓައި އާއިން އޭނާގެ މޫނުގެ އެތަން މިދާ ބޮސްދޭންފެށުމުން ފަރަހަނާޒްއަށް ކެތްނުވެގެން ބާރަކަށް ހެވިއްޖެއެވެ. ދެމީހުން އެސަކަރާތުގައި ތިއްބައި މީހެއްގެ ހިޔަނިވީހެން ހީވެގެން އާއިން އަވަސް އަވަހަށް ފަރަހަނާޒްގެ ގައިން ދޫކޮށްލިއެވެ. އޭރު އާޒިމް އަނބުރާލާފައި އައިކޮޅަށްދަނީއެވެ. ކޮޓަރީގައި އުޅެފައި އޭނާއައީ ފެންފޮދެއް ބޯލުމުގެ ބޭނުމުގައެވެ. ނަމަވެސް ކާބަޔަށް ވަދެވަދެ ހުއްޓައި ފަރަހަނާޒް ހޭންފެށުމުން އޭނާ އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތީއެވެ.

" ކޮބާ…އަހަރެން ބުނީމެއްނު….އަހަރެންނަށް ދެން ނުކެރޭނެ ބައްޕަ ފެންނަ ހިސާބަށްދާންވެސް…..ދެން އަޅެ ބައްޕައަށް ފެނުނީއެ…" ހާސްވެގެން ފަރަހަނާޒަށް އޭނާގެ އިނގިލީގައި ދައިގަނެވުނެވެ.

" ގޭގެ މަތީބައި ނިމުނީމަ އަހަރެމެން އެބަޔަށް ބަދަލުވާނީ…އޭރުން ތިޝަކުވާކުރާކަށް ނުޖެހޭނެ….އައިރާވެސް ވިހަން އަންނާނީ މިކޮޅަށޭ މަންމަބުނި…އެހެންވީމަ ކޮންމެހެންވެސް އެބައި ނިމޭތޯ ބަލާނަން….މިހާރު ހަމައެކަނި ކުލަލުން ބާކީއޮތީ….އޭރުން ނިމުނީ…." ސީރިއަސްވެފައި އާއިން ބުނެލިއެވެ.

" ޝައުން މިއަދު ކުޑަކޮށް ލަސްވާނޭބުނި…..މާދަމާ ފަޚްރީ އަންނާތީ އެކަމުގެ ތައްޔާރީތައްވަނީ…..މާދަމާ ވަރަށް ރަނގަޅު ކާއެއްޗެއް ތައްޔާރުކުރަންވާނެ….ފަޚްރީއަށް ޚާއްސަކޮށް…." ފަރަހަނާޒް ހާސްވެފައި އިނުމުން އާއިން ވާހަކަ އޮޅުވާލިއެވެ.

އެއީ މިހާރު އާއިންގެ ދިރިއުޅުމުގެ އާދައެވެ. އޭނާ އަބަދުވެސް ޝައުންއާއި ފަރަހަނާޒް އުފަލުގައި ބެހެއްޓޭތޯ މަސައްކަތްކުރެއެވެ. އެއިން މީހަކާއެކު އެކަނިވާ ކޮންމެ ވަގުތަކީވެސް އެމީހުންނާއެކު ލޯބިން ހޭދަކުރެވޭ ވަގުތެއް ކަމުގައި ހަދަން ބޭނުންވެއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު އެއީ އާއިންގެ ޙަޔާތުގައި ޚާއްސަމީހެއް ކަމުގެ އިހުސާސް ކޮށްދޭން ބޭނުންވެއެވެ. މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް ނުވަތަ ކަންބޮޑުވާފަދަ ކަމެއް ދިމާވިނަމަވެސް އެމީހުނަށް އޭނާ އެކަމެއް ނުދައްކައެވެ. ދެއަނބިންނަށް ހަމަހަމައަށް ވަގުތުތައް ބަހާލައިގެން ކަންތައް ކުރުމަށް އޭނާ އަބަދުވެސް ސަމާލުކަން ދެއެވެ. އެގޮތުން އޭނާ ހެނދުނުގެ ނާސްތާ ގޭގައި ފަރަހަނާޒްއާއެކު ކޮށްފިނަމަ މެންދުރުގެ ނާސްތާ އޮފީހުގައި ޝައުންއާއެކު ކުރެއެވެ. އެކަކު ގޮވައިގެން އެއްދުވަހު ބުރުޖަހާލަން ގޮސްފިނަމަ އަނެކަކު ގޮވައިގެން އަނެއްދުވަހު ދެއެވެ. އަދި ބައެއްފަހަރު ތިންމީހުންއެކުގައިވެސް ބޭރަށްގޮސް އެކީގައި ކައިހަދައެވެ. އެހެންކަމުން ދެއަނބީންގެ މެދުގައި ޝަކުވޭ އުފެދޭނެ އެއްވެސް ފުރުސަތެއް އޭނާ ނުދެއެވެ.

ހަމައެފަދައިން ދެއަނބިންގެ އެކުވެރިކަމާއި ހެޔޮކަން އަދި އޭނާދެކެވާ ލޯބިފެނިފައި އޭނާއަށްވެސް އިހުސާސްކުރެވެނީ އޭނާއަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ ނަސީބުވެރި އިންސާނާ ކަމުގައެވެ. އެކުގައި އޮފީހުގައި މަސައްކަތްކުރާނެ އަނތްބަކު ހުރުމުން ހިތްހަމަޖެހިގެންހުރެ އަވަހަށް މަސައްކަތްތައް ނިންމާލެވެއެވެ. ހަމައެހެންމެ ގޭގައި އޭނާގެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭނެ ދީންވެރި ތައުލީމީ އަނތްބަކު ހުރީތީ އެކަމުގެ އުފާވެސް އޭނާގެ ހިތަށް ލިބެއެވެ. ދަރިންގެ ތަރުބިއްޔަތާމެދު ކަންބޮޑުވެ ފިކުރު ކުރާކަށް ނުޖެހެއެވެ. އަނެއްކޮޅުން ރެއާދުވާލު ދެއަނބިންގެ ފަރާތުންވެސް އޭނާއަށް ލޯތްބާއި އަޅާލުން ހުންނަނީ ލިބިލިބިއެވެ. އޭނާ ޝަކުވާކުރާނޭ ކުޑަވެސް ފުރުސަތެއް އެމީހުން ނުދެއެވެ. ދެމީހަކު ދެކެ ލޯބިވުމާއި އެއްފަހަރާ ދެއަނބިން ގެންގުޅުމަކީ ބުރަ އަދި ތަކުލީފުލިބޭ ކަމެއް ކަމުގައި ގިނަމީހުން ދުށް ނަމަވެސް އެއީ ކިހާ އުފާވެރިކަމެއްކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެކަން އެގޮތަށްވާނީ ތިމާވެސް އަނެކާގެ އުފާތަކަށްޓަކައި ޤުރުބާންވެގެންނެވެ. އަނެކާގެ އިހުސާސްތަކަށް ޤަދަރުކޮށްގެންނެވެ. އަދި ދީނުގައިވާ އުސޫލުތަކަށް ފުރިހަމައަށް ތަބާވެގެންނެވެ. ނޫންނަމަ، ހަމައެކަނި ރަސޫލާގެ ސުންނަތަށް ތަބާވުމުގެ ނަމުގައި ދެއަނބިން ހޯދުމަކީ އެކަލޭގެފާނުގެ ސުންނަތަށް ކުރެވޭ މަލާމާތެކެވެ.
އޭނާއަށް ދެއަންހެންކުދިންދެކެ ލޯބިވެވި،އެކަމުގެ ތަކުލީފުގައިވެސް އުޅެން ޖެހުނެވެ. ނަމަވެސް މިހާރު އެދެމީހުންގެ ލޯބިވެސް އެވަނީ ހާސިލްވެފައެވެ. އެދެމީހުންދެކެ އުމުރަށްވެސް އޭނާ ލޯބިވާނެއެވެ. އެއްވެސް ކަމެއްގައި އެކަކަށްވުރެ އަނެކަކު އިސްނުކުރާނެއެވެ. ހުރިހާކަމަކަށްވުރެވެސް މުހިއްމު ކަމަކީ ތެދުވެރިކަމާ ވަފާތެރިކަމެވެ. އޭނާގެ ދެއަނބިންވެސް އޭނާއަށް ނުލާހިކު ތެދުވެރި އަދި ހަމައެހާމެ ވަފާތެރިމެއެވެ. ޚުދު އޭނާވެސް އެދެމީހުންނަށް އެއްވެސްކަމެއް ސިއްރެއް ނުކުރެއެވެ. އޭނާއަށް ލިބޭކޮންމެ އުފަލަކާއި ހިތާމައެއްގައި ދެމީހުން ހަމަހަމައަށް ބައިވެރިކުރެއެވެ. އޭނާގެ ހިތުގައި ދެމީހުންނަށްޓަކައިވެސް ވަރަށް ޚާއްސަ މަޤާމެއް ވެއެވެ.

ފަރަހަނާޒަކީ އޭނާ މަގުގެއްލިފައި ވަނިކޮށް ތެދުމަގަށް އޭނާއަށް މަގުދައްކައިދިން އަލިގަދަ ދަންމަރެކެވެ. އެމަގުން އޭނާ ހިނގުމަށް ބާރުއެޅި ބައިވެރިއެކެވެ. އޭނާއަށް ކެތްތެރިވާން ދަސްކޮށްދިން އެކުވެރިއެކެވެ. ހަމައެހެންމެ ޝައުންއަކީ އޭނާގެ ކުޑައިރުގެ ރަހުމަތެރިޔާއެވެ. ފުރާވަރުގެ އެކުވެރިޔާއެވެ. ޒުވާންކަމުގެ އެންމެ އުފާވެރި ހަނދާންތައް ޝައުންއާ އެކުގައި ރައްކާކުރެވިފައިވީ ނަމަވެސް އަލަތުކައިވެނީގެ އުފަލާއި ލައްޒަތު އޭނާއަށް ފުރަތަމަ ލިއްބައިދިނީ ފަރަހަނާޒެވެ. ޝައުންއަކީ އޭނާގެ ހިތުގެ ދިރުންކަމުގައި ވަންޏާ ފަރަހަނާޒަކީ އޭނާގެ ރޫހުގެ ދިރުމެވެ. އެދެމީހުންނާއި ނުލައި އޭނާގެ ދިރިއުޅުން ފުރިހަމައެއްނުވާނެއެވެ. އެލޯބި ދެއަންހެންކުދިން ހާސިލްކުރެވި އޭނާގެ ދިރިއުޅުން މިހާރު އެވަނީ ފުރިހަމަވެފައެވެ. މިހާރު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތެވެ. ލޯބި ފިޔަވައި އިތުރު އެއްޗަކަށް އެހިތަކުން ޖާގައެއް ނެތެވެ.

ނިމުނީ