Last Updated: April 26, 23:00
Friday, April 26, 2024
ރިޕޯޓް

ވިޔަފާރި ދަށްވެ ވިޔަފާރިވެރިން މާޔޫސްވެފައި!

ފާއިތުވި ހަތަރު ފަސް މަހެއްގެ ތެރޭގައި ވިޔަފާރިވެރިންގެ ފަރާތުން އިވެމުން އަންނަނީ މުޅިން އެއްވާހަކައެކެވެ. ވިޔަފާރި ދަށްވެ ނުހިފެހެއްޓޭ ހިސާބަށް ދާ ވާހަކައެވެ. ލިބޭ އާމްދަނީ އިން ޚަރަދުތައް ދެކޮޅުނުޖެހޭ ވާހަކައެވެ. އެނގިފައިވާގޮތުން ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބަނގުރޫޓުވެ މުޅިންހެން ވިޔަފާރިއާ ދުރަށްވަނީ ޖެހިފައެވެ.

ނަމަވެސް ރާއްޖޭގެ ކަމާބެހޭ ބެހޭ އެއްވެސް ވުޒާރާއަކުން މިހާތަނަށް ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަދަލު އައި ވާހަކައެއް ބުނެފައިނުވެއެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުން ވިޔަފާރީގެ ހަތްދިހަ އިންސައްތަ ވަނީ ދަށްވެފައެވެ. އާދައިގެ ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކަށްވެސް ވަނީ ލޮޅުން އައިސްފައެވެ.

މާލޭގައި ކަންމަތީ ފިހާރައެއް ހިންގާ ފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުރިން ދުވާލަކު 12000 ރުފިޔާ އެވްރެޖްކޮށް ލިބޭ ފިހާރައިގެ ސޭލްސް މިހާރު 4000 ރުފިޔާއަށްވެސް ގިނަދުވަހު ނާރާކަމަށެވެ.

ކާބޯތަކެތީގެ އައިޓަމްތައް ފުޅާކޮށް އެތެރެކުރާ ފަރާތަކުން މައުލޫމާތު ދިންގޮތުން މިދިޔަ ދެ މަސް ދުވަހު ޖުމުލަ ވިޔަފާރިއަށް ލިބުނީ ގެއްލުމެވެ. އެހެންކަމުން ކުންފުނިން މިހާރު ގެއްލުން ކުޑަކުރުމަށް ބައެއް ވިޔަފާރިތައް މަޑުޖައްްސާލާފައިވާ ކަމަާް އެމީހާ ބުންޏެވެ.

ނަމަވެސް ވިޔަފާރި ދަށްވެގެންއުޅޭ ސަބަބާމެދު އެކި ވިޔަފާރިވެރިންގެ ހިޔާލު ތަފާތެވެ. ބައެއް ވިޔަފާރިވެރިން ބުނީ މިދުވަސްކޮޅު އާއްމު ވިޔަފާރި ދަށްވެފައިވަނީ ރާއްޖޭގައި ހިންގަމުން އައި ބައެއް ބިޔަ ޕްރޮޖެކްޓްތަކަށް ހުއްޓުމުންނެވެ.

ހާރޑްވެއާރ ވިޔަފާރި ކުރިން ކުރަމުން އައި ފަރާތަކުން މައުލޫމާތު ދެމުން ބުނެފައިވަނީ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ސަރުކާރުގެ ގިނަ ޕްރެޖެކްޓްތަކެއް ކުރިން އެއްފަހަރާ ހިނގަމުން އައުމުން ވިޔަފާފިއަށް ފާއިދާ ވަމުން އައިކަމަށެވެ. ނަމަވެސް ކުއްލިއަކަށް މަސައްކަތްތައް ހުއްޓި އެއްވެސްވަރަކަށް ވިޔަފާރި ނުކުރެވޭތީ މިހާރު މުޅިން ވިޔަފާރިއާ ދުރަށް ޖެހުނީއެވެ.

ހޯލްސޭލް ވިޔަފާރީގައި އުޅޭ ވިޔަފާރިވެރިއަކު މައުލޫމާތުދެމުން ބުނެފައިވަނީ އެކުންފުނީގެ ވިޔަފާރި ދަށްވާން ދިމާވި މައިގަނޑު ސަބަބަކީ ކުއްލިއަކަށް ބިދޭސީން އެ ވިޔަފާރީގެ ތެރެއަށް ވަނުމެވެ. އެފަރާތުން ހާމަކުރިގޮތުގައި މައިގަނޑު ވިޔަފާރިއަކަށް ރިސޯޓުތަކަށް ޕެރިޝަބަލް އައިޓަމްސް ސަޕްލައިކޮށް ހޯލްސޭލް ވިޔަފާރީގައި އަހަރުތަކެއް ވެފައިވާއިރު މިހާ އުނދަގޫ ދުވަސްކޮޅަކާ ދިމާނުވެއެވެ.

އެފަރާތުގެ ޝަކުވާއަކަށްވީ އިންޑިއާގެ ވިޔަފާރިވެރިން އަމިއްލަ ބޯޓުފަހަރުގައި މުދާތައްގެނެސް ރާއްޖޭގެ ބާޒާރަށް ނުއަގުގައި މުދާއްވިއްކާ "މާކެޓް ފްލަޑް" ކޮށްލުމުން ގެއްލުންލިބޭ ވާހަކައެވެ.

ރާއްޖެއަށް ފިނިކުރި ކުކުޅާއި އެއްގަމުމަސް އެތެރެކޮށް އެންމެ ފުޅާކޮށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް އިންޑިއާ މީހުންގެ އުނދަގޫޖެހި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށްވެއެވެ.

ކޮންމެއަކަސް ރާއްޖޭގެ އިގްތިސާދުތެރޭގައި ދައުރުވާ ފާއިސާގެ މިންވަރަށް ބަދަލު އަންނަ ވަރަކުން ވިޔަފާރިތަކަށް ސީދާ އަސަރުކުރާނެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ގެއްލުމުގައި ގިނަދުވަހަކު ހިފެހެއްޓޭނެ ވިޔަފާރިތަކެއް ނޫނެވެ. މިދުވަސްކޮޅަކީ މުޅިރާއްޖެއަށް މަސްވެރިކަންވެސް ދަށް ދުވަސްވަރަކަށް ވުމުން އެއީވެސް އިގްތިސާދުތެރޭގައި ދައުރުވާ ފާއިސާއަށް އަސަރުކުރާނެ ކަމެކެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވުމާއި ގުޅިގެން ހުއްޓިފައިވާ ގިނަ މަސައްކޓއތަކެއް ހުރުމުން އެކަމުގެ އަސަރުވެސް ދާނީ ކުރަމުންނެވެ. ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ވުޒާރާތަކުން އެކަށީގެންވަ ފިޔަވަޅު އަޅަމުން ނުދިއުމެވެ.