Last Updated: April 18, 06:09
Thursday, April 18, 2024
މުނިފޫހިފިލުވުން

ބޮކްސް އޮފީހުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް "އެވެންޖާސް އެންޑްގޭމް"

މިހާތަނަށް ބޮކްސްއޮފީހުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް މާވެލް ސްޓޫޑިއޯސް އިން އުފައްދާފައިވާ އެވެންޖަރސް: އެންޑްގޭމް ވާނެ ކަމަށް އެ ފިލްމު ޑިސްޓްރިބިއުޓް ކުރާ ވޯލްޓް ޑިޒްނީއިން ހާމަކޮށްފިއެވެ.

ސެންޑިއޭގޯ ގައި މިހާރު ކުރިޔަށްދާ "ކޮމިކް-ކޮން" ގައި ނެރުނު ބަޔާނެއްގައި ޑިޒްނީ އިން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެންޑްގޭމުން، ޖޭމްސް ކެމެރަންގެ އެވެޓަރ އިން ހޯދި 2.789 ބިލިއަން ޑޮލަރުގެ އާމްދަނި އަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދާނެ އެވެ.

އެންޑްގޭމް އަކީ ފާއިތުވެ ދިހަ އަހަރު ދުވަހުގެ ތެރޭގައި މާވެލް ޔުނިވަރސް އިން ނެރުނު 22 ފިލްމުގެ ސިލްސިލާގެ އެންމެ ފަހު ފިލްމެވެ. މި ފިލްމަކީ އެ ސިލްސިލާގެ ފިލްމު ތަކުގައި ހަރަކާތްތެރިވި ގިނަ ތަރިންތަކެއް އެ ރޯލުތަކުގައި ހަރަކާތްތެރިވާނެ ފަހު ފިލްމެވެ.

ކޮމިކް-ކޮން ގައި ވާހަކަދައްކަމުން މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީ ބުނީ، އެވެޓަރގެ ރެކޯޑް މުގުރާލެވުނު ކަމުގައިވީ ނަމަވެސް ދެން ނިކުންނަ އެވެޓަރ ފިލްމަކުން އަނެއްކާވެސް އެ ރެކޯޑް މުގުރާލާނެ ކަމަށެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރު ކަމުގައިވާ ޖޭމްސް ކެމެރަންގެ އެވެޓަރ ސިލްސިލާގެ ދެން ނިކުންނަ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.