Last Updated: April 27, 10:10
Saturday, April 27, 2024
ކުޅިވަރު

ޔޫތް މިނިސްޓަރުގެ ތައުރީފު މާޒިން އަށް

މުހައްމަދު މާޒިން - އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން ލޯ މެޑަލް ހާސިލުކުރުމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ތައުރީފު ކުރައްވައިފިއެވެ.

މާޒިން އަށް ތައުރީފު ކުރައްވާ މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާޒިން އަކީ މުޅި ގައުމަށް ހުރި ނަމޫނާއެއް ކަމަށާއި ބުރަކޮށް މަސައްކަތްކޮށްފިނަމަ އެއްވެސް ކަމަކީ ހާސިލުނުކުރެވޭނެ ކަމެއް ނޫންކަން މާޒިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ލޯ މެޑަލް އާއެކު ރާއްޖޭގެ ތާރީހީ ސޮފްހާތަކުން މާޒިން އަށް ޖާގަ ލިބިގެން ގޮސްފައިވާ ކަމަށާއި، މާޒިން އަށް މެޑަލް ހަވާލުކުރަން ފުރުސަތު ލިބުމަކީ ލިބުނު ޝަރަފެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މޮރިޝަސްގައި މިހާރު ކުރިއަށްދާ އައިއޯއައިޖީގައި މާޒިން ހޯދި ލޯ މެޑަލްއާއެކު ރާއްޖެ އަށް މިހާތަނަށް ވަނީ ފަސް މެޑަލް ލިބިފައެވެ. އޭގެތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން ހޯދި ރަން މެޑަލް ވެސް ހިމެނެއެވެ.