Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑރ. ސާރިއު: ސްޕެޝަލައިޒްވެ އަތޮޅަށް ހިދުމަތް ކުރުމުގައި!

ޑރ. ސާރިއު، އެއިމްސް ކްލިނިކްގައި ފަރުވާ ދެއްވަނީ

ރަށްތަކުގެ ގިނަ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށުގެ ޒުވާނުން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު އެނބުރި ރަށަށް ޚިދުމަތްކުރުމަށް ނާންނަ ވާހަކައެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާ ފަދަ ރަށަށް ބޭނުން ޖެހިފައިވާ ދާއިރާތަކުން ކިޔަވައިގެން އަންނަ ޒުވާނުންގެ ހިދްމަތް ރަށު ރައްޔިތުންނަށް ނުލިބޭ ކަމުގެ ޝަކުވާއެވެ. ނަމަވެސް ސ. މަރަދޫއަށް އުފަން، އެރަށު ހަބަރުމާގޭ ޑރ. ސާރިއު އަލި ދީދީގެ ވިސްނުން ތަފާތެވެ. ސާރިއު ވަނީ އައްޑޫ ރައްޔިތުނަށް ޚިދުމަތްކުރުމަށް އައްޑޫއަށް އައިސް އެއިމްސް ކްލިނިކާއި ގުޅި، ހިދުމަތް ދޭން ފަށާފައެވެ. ސާރިއު އަކީ އެ ކްލިނިކުގެ އެތެރެހަށީގެ ބަލި ތަކުގެ ސްޕެޝަލިސްޓެވެ.

ސާނަވީ ތައުލީމު އިރުޝާދިއްޔާ، އަދި މުހިއްބުއްދީން ސްކޫލުން ހާސިލު ކުރުމަށް ފަހު، ޑރ. ސާރިއުގެ މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވަނީ މާލޭ ސީއެޗްއެސްއީ އިންނެވެ. އެއަށްފަހު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން 2011 ވަނަ އަހަރު އެމްބީބީއެސް ނިންމުމަށްފަހު ޑރ. ސާރިއު ވަނީ ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕެއް ފުރިހަމަ ކުރައްވާފައެވެ. އަދި 2 އަހަރު ވަންދެން އައިޖީއެމްއެޗްގެ އިންޓަރނަލް މެޑިސިން ޑިޕަރޓްމެންޓްގައިވެސް މަސައްކަތް ކުރައްވާފައެވެ.

އޭގެ ފަހުން ޑރ. ސާރިއު މިސްރާބު ޖެހީ އިތުރަށް މިދާއިރާއިން ސްޕެޝަލައިޒްވުމަށް ދެކުނު އެފްރިކާއަށެވެ. އެގޮތުން ކޭޕް ޓައުންގެ ޔުނިވަރސިޓީ އޮފް ކޭޕްޓައުން އެންޑް ގްރޫޓް ޝުރ ހޮސްޕިޓަލުން އިންޓަރނަލް މެޑިސިން އިން ފެލޯޝިޕް ޓްރޭނިންގ ފުރިހަމަ ކުރައްވާ، ޓްރޭނިންގ ހައްދަވަމުން ގެންދެވިއިރު މެޑިކަލް ރަޖިސްޓްރަރއެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވިއެވެ.

މިއަދު ޑރ. ސާރިއު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ. ކޮލެޖް އޮފް މެޑިސިން ސައުތު އެފްރިކާއިން ހާސިލުކުރި ޑިޕްލޮމާ އިން އިންޓަރނަލް މެޑިސިން އާއި ދެކުނު އެފްރިކާގެ ކޮލެޖް އޮފް ފިޒީޝިއަންސް އިން ފެލޯޝިޕް ހާސިލު ކުރެއްވުމަށްފަހު، ލިިބިލައްވާފައިވާ ތައުލީމާއި ތަޖުރިބާގެ އެހީގައި އަނބުރާ އައްޑޫއަށް އައިސް އައްޑޫއަށް ޚިދުމަތްކުރެއްވުމަށެވެ.

މިގޮތުން އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި ޑރ. ސާރިއު ބައްލަވާ ބަލިތަކުގެ ތެރޭގައި، ހަކުރުބަލި، ލޭމައްޗަށްދިޔުން، ގޮހޮރުގެ މައްސަލަތައް، ތައިރޮއިޑް މައްސަލަތައް، ހިތާ ފުއްޕާމޭގެ ބަލިތައް، އަދި ރާއްޖެބަލީގެ އިތުރުން ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންފެކްޝަން ކޮންޓްރޯލްކޮށް ބަލިތަކަށް ފަރުވާކުރުން ހިމެނެއެވެ. އަދި ފަރުވާދެއްވާ ގަޑިތަކަކީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް، ހެނދުނު 09:00 އިން 12:00 އަށް އަދި ރޭގަނޑު 19:00 އިން 22:00 އަށެވެ.