Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

"ބާބީ" ގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ

ކުޑަކުދިންގެ މެދުގައި މަޝްހޫރު ބުދެއްކަމުގައިވާ “ބާބީ” އަށް ލައިވް އެކްޝަން ފިލްމެއްގެ ސިފައިގައި ހަދަން ނިންމައިފިއެވެ.

ވާނާ ބްރަދާސް އަދި ބާބީ ބުދު އުފައްދާ ކުންފުނި “މެޓެލް” ގުޅިގެން “ބާބީ” އަށް އިންސްޕަޔާ ވެގެން ލައިވް އެކްޝަން ފިލްމެއް ގެނެސްދޭން ނިންމާފައިވާނީ 2020 ވަނަަ އަހަރުއެވެ.

މި ފިލްމް ގެނެސްދޭނެ ކަމުގެ ހަބަރުތައް ވަރަށް ކުރިން ފެތުރިފައިވާއިރު، ފިލްމްގެ ސްކްރިޕްޓް ލިޔާ މީހުން ފިލްމަށް ސޮއިކޮށްފައިވަނީ ދާދި ފަހަކުންނެވެ.

މި ފިލްމްގައި ބާބީ ގެ ރޯލުން ފެނިގެންދާނީ “ސުއިސައިޑް ސްކޮޑް”ގައި ހާލީ ކުއިން ގެ ރޯލުން މަޝްހޫރުވި ހޮލީވުޑްގެ އެކްޓަރެސް މާރގޯ ރޮބީ އެވެ. އަދި މި ފިލްމް ޕްރޮޑިއުސް ކުރާނީވެސް އޭނައެވެ.

މި ރޯލު އެންމެ ފުރަތަމަ ކުޅެން ހަމަޖައްސާފައިވަނީ، ހޮލީވުޑްގެ އެކްޓްރެސް އޭމީ ޝިއުމާ އެވެ. ނަމަވެސް މި އެކްޓްރެސް އެހެން ފިލްމެއްގައި މަސައްކަތް ކުރާ ޝެޑިއުލްއާ ކްލޭޝް ވުމުން މި ރޯލު ލިބިފައިވަނީ މާރގޯ ރޮބީއަށެވެ.

ޖުލައި 26 ގައި ރިލީޒްކުރި ފިލްމް “ވަންސް އަޕޮއަނަ ޓައިމް އިން ހޮލީވުޑް” ގައި މާރގޯ ފެނިގެންދާއިރު، އެ ފިލްމް ޕްރީމިއާކުރުމަށް ބޭއްވި ހާއްސަ އިވެންޓެއްގައި މާރގޯ ބުނެފައިވަނީ “ބާބީ” މި ކެރެކްޓާ ކުޑަކުދިންނަށް އިންސްޕިރޭޝަންއެއްގެ ގޮތުގައި ގެނެސްދިނުން ވަރަށް މުހިއްމުކަމެއްކަމަށެވެ.

“ވަންސް އަޕޮއަނަ ޓައިމް އިން ހޮލީވުޑް”ގައި މާރގޯ ފެނިގެންދާނީ ހޮލީވުޑްގެ ތަޖުރިބަކާރު އެކްޓަރު ލިއަނާޑޯ ޑީކާޕްރިއޯ އަދި ބްރެޑް ޕިޓް އާއެކުއެވެ.

“ބާބީ” ގެ ލައިވް އެކްޝަން ފިލްމް ރިލީޒްކުރުމަށް ހަަމަޖެހިފައިވަނީ، 8 މެއި 2020 ގައެވެ.