Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ރަޝިޔާގައި މުޒާހަރާކުރި ހާހަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

މުޒާހަރާގެ ބައިވެރިޔަކު ހައްޔަރުކޮށްގެން ދަނީ: ފޮޓޯ - ބީބީސީ

ރަޝިޔާގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގައި އާންމުންގެ 1،300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

އިއްޔެ މޮސްކޯގައި ގިނަ އަދަދެއްގެ ބަޔަކު ނިކުމެ މަގުތައް ފުރާލީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުމާ ގުޅިގެންނެވެ. އިދިކޮޅު ކެންޑިޑޭޓުންނަށް ވާދަނުކުރެވެނީ ކެންޑިޑޭޓުން ފޯމު ފުރިހަމަ ނޫން ކަމަށް ބުނެއެވެ.

އެއްވުންތަކަށް ގޮވާލި އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ ވަނީ ބުދަ ދުވަހު ހައްޔަރުކޮށް، 30 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އޭނާގެ އިތުރުން ވެސް އިދިކޮޅުގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުން ވަނީ އެއްވުންތަކުގެ ކުރިން ހައްޔަރުކޮށް ޖަލަށް ލާފައެވެ. އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ ޔަޝީން ވަނީ ހުކުރު ދުވަހުގެ ރޭ އޭނާގެ ގެޔަށް 10 ވަރަކަށް މޫނު ނިވާކޮށްގެން ތިބި ފުލުހުން ވަދެ ހިފާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އޭނާއަކީވެސް އިންތިޚާބުތަކުގައި ވާދަކުރަން އުޅުމުން އެފުރުސަތު ނުދިން ލިސްޓުގައި ހިމެނޭ މީހެކެވެ.

އެއްވުންތަކުގެ ބައިވެރިން ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ފުރުސަތުނުދީ އިންތިޚާބު ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އަޑުއުފުލާފައެވެ. އެއް ބަޔަކު ވާދަކޮށް ވޯޓު އެޅުމަކީ ވޯޓު ލުމުގެ ބޭނުން ކެނޑިގެންދާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވޯޓުގައި ބައިވެރިނުވާނެ ކަމަށް ބުނެފައެވެ.

ރަޝިޔާގައި ކޮންމެ އިންތިޚާބަކާ ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކާ ފުލުހުންނާ މިފަދަ ކުރިމަތިލުންތަކެއް ހިނގައެވެ. ރައީސް ޕޫޓިންގެ ހަރުކަށި ސިޔާސަތުތަކަށް ފާޑުކިޔުންތައް އަމާޒުވަނީ މިނިވަން އިންތިޚާބުތަކާއި މިނިވަންކަމާއެކު އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާތީއެވެ.