Last Updated: April 25, 22:42
Thursday, April 25, 2024
ޓެކްނޮލޮޖީ

ދޮންނަ މެޝިނެއް ގަންނަނީތަ؟ ބަލަންވީ ކޮން ކަމަކަށް؟

ޓެކްނޮލޮޖީގެ ޒަރީއާއިން އަހަރެމެންގެ ދިރިއުޅުމަށް ގެނެސްދީފައިވާ ފަސޭހަތަކާއި ނުލައި މިހާރު އަހަރެމެންނަށް އުޅެން ދަތިވާނެއެވެ. ދުއްވާ އުޅަނދު ފަހަރުން ފެށިގެންގޮސް ދަތް އުނގުޅަން ބޭނުންކުރާ ބުރުހަކީވެސް މިހާރު އިލެކްޓްރޯނިކް ޑިވައިސްއެކެވެ. އެގޮތުން، ކުރީގައި އަތުން އަންނައުނު ދޮވެ އުޅުނު ނަމަވެސް މިހާރު އަހަރެމެންނަށް މެޝިނަކުން ނޫނީ ހެދުން ދޮވެލެވޭކަމަކަށްނުވެއެވެ. އެހެންކަމުން ގޭގައި ދޮންނަ މެޝިނެއް ހުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. އެކަމަކު ދޮންނަ މެޝިނެއް ގަތުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

– ބޭނުން ކުރަން ފަސޭހައީ ކޮން ވައްތަރެއް؟

މައިގަނޑު ގޮތެއްގައި ބާޒާރުގައި ލިބެން ހުންނަނީ 2 ވައްތަރެއްގެ ދޮންނަ މެޝިނެވެ. އެއީ ޓޮޕް ލޯޑިން ނުވަަތަ މަތިން ހުޅުވޭ ދޮންނަ މެޝިނާއި، ފްރޮންޓް ލޯޑިންގ ނުވަތަ ކުރިމަތިން ހުޅުވޭ ދޮންނަ މެޝިނެވެ. އާންމު ގޮތެއްގައި މަތިން ހުޅުވޭ ދޮންނަ މެޝިން ބޭނުންކުރަން ފަސޭހަ ވާނެއެވެ. ސަބަބަކީ ތިރިވެގެން ހުރެ ހެދުން އަޅައި، ނަގަން ނުޖެހުމެވެ. އެހެންކަމުން، އުމުރުން ދުވަސްވީ މީހުންނާއި ބުރަކަށީގެ މައްސަލަ ހުންނަ މީހުންނަށް ފަސޭހަވާނީ މިކަހަލަ ދޮންނަ މެޝިނެއް ބޭނުންކުރުމުންނެވެ. ނަމަވެސް މިކަން ހައްލުކުރުމަށް ކުރިމަތިން ހުޅުވޭ ދޮންނަ މެޝިން އުސް ތަނެއްގައި ބެހެއްޓިދާނެއެވެ. މީގެ އިތުރުން މަތިން ހުޅުވޭ ދޮންނަ މެޝިނުން ލިބޭ އަނެއް ފަސޭހަކަމަކީ، އޭގެ ދޮރު ތަޅުނުލެވޭތީ، ދޮންނަން ޖައްސާފައި ދޮވެ ދޮވެ ހުންނަ އިރުވެސް އިތުރު އަންނައުނު މެޝިންތެރެއަށް އަޅާލެވުމެވެ.

– ކިހާ އަވަހަކަށް ދޮވެލެވޭ؟

މަތިން ހުޅުވޭ ދޮންނަ މެޝިނުގެވެސް 2 ވައްތަރެއް ހުރެއެވެ. އެއް ވައްތަރަކީ އެޖިޓޭޓަރ ހުންނަ ވައްތަރެވެ. އަދި އަނެއް ވައްތަރަކީ އެޖިޓޭޓަރ ނުހުންނަ ވައްތަރެވެ. އެޖިޓޭޓަރަކީ މެޝިންގެ ތެރޭގައި ފެން ދައުރުކުރުމަށް ހުންނަ، އޭގެ ސަބަބުން މެޝިނު ވައިބްރޭޓްވާ ބައެކެވެ. އެޖިޓޭޓަރ ހުންނަ މަތިން ހުޅުވޭ ދޮންނަ މެޝިނުން އަވަހަށް ހެދުން ދޮވެވޭނެއެވެ. ނަމަވެސް އެޖިޓޭޓަރ ނުހުންނަ މަތިން ހުޅުވޭ ދޮންނަ މެޝިނުން ގިނަ ހެދުން ދޮވެވި، އަދި މާ ރަނގަޅަށް ހެދުން ދޮވެވެއެވެ. މީގެ އިތުރުން މިކަހަލަ ދޮންނަ މެޝިނުން ފެން ބޭނުންކުރާ މިންވަރުވެސް ކުޑަކޮށްދެއެވެ.

– ރަނގަޅަށް ދޮވެވެނީ ކޮންކަހަލަ މެޝިނަކުން؟

މަތިން ހުޅުވޭ ދޮންނަ މެޝިނުން ބުރަކަށްޓަށް ފަސޭހަވި ނަމަވެސް، އޭގެއިން ހެދުމަށް ކުރާ ބާރު ވަރަށް ބޮޑެވެ. ޚާއްސަކޮށް ގިނަ ހެދުން އަޅާނަމަ ހެދުން ދޮވެވޭއިރު، ހެދުންތަކަށް އޭގެ އަސަރު ވަކިން ބޮޑަށް ކުރެއެވެ. ނަމަވެސް ކުރިމަތިން ހުޅުވޭ ދޮންނަ މެޝިނުން ހެދުމަށް ކުރާ ބާރު ކުޑަވެފައި ބާލީހާއި ކޮމްފޯޓަރ ކަހަލަ އެއްޗިހިވެސް ދޮންނަ ފަސޭހަވާނެއެވެ.

– އަގު ހެވީ ކޯޗެއް؟

ކުރިމަތުން ހުޅުވޭ ދޮންނަ މެޝިން މަތިން ހުޅުވޭ ދޮންނަ މެޝިނާއި އަޅާ ކިޔާ އިރު އަގުބޮޑެވެ. ނަމަވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ. މި ދޮންނަ މެޝިންތަކަކީ މަތިން ހުޅުވޭ ދޮންނަ މެޝިންތަކަށްވުރެ ރަނގަޅަށް ހެދުން ދޮވެ، ފެނާއި ކަރަންޓުވެސް ބޭނުންކުރާވަރު މަދު މެޝިނެކެވެ. ޓީއެކްސްޔޫ އެނަރޖީ އިން ބުނާގޮތުގައި މަތިން ހުޅުވާ ދޮންނަ މެޝިނުން ކުރިމަތިން ހުޅުވާ ދޮންނަ މެޝިނަށްވުރެ %40 ގިނަ ފެން ބޭނުންކުރެއެވެ. އެހެންކަމުން ފުރަތަމަ ގަންނަ އިރު ތަންކޮޅެއް އަގު ބޮޑުވި ނަމަވެސް، ގިނަ ދުވަހަށް ބަލާއިރު ޚަރަދު ކުޑަ ވާނެކަމަށް ބެލެވެނީ ކުރިމަތިން ހުޅުވޭ ދޮންނަ މެޝިނުންނެވެ.

– ސްޕިން ސްޕީޑް ބާރީ ކޮން ވައްތަރަކުން؟
ސްޕިން ސްޕީޑް ނުވަތަ އެނބުރޭ ބާރުމިނަކީވެސް ދޮންނަ މެޝިނެއް ގަންނަ އިރު ބަލަން ޖެހޭ ކަމެކެވެ. ޚާއްސަކޮށް ބޭރުގައި، ނުވަތަ އަވީގައި ހިއްކަން ނޭޅޭ ފަދަ ތަންތަނުގައި އުޅޭ މީހުންނަށެވެ. މިގޮތުން ބަލާއިރު، ކުރިމަތިން ހުޅުވޭ ދޮންނަ މެޝިންގެ ސްޕިން ސްޕީޑ، މަތިން ހުޅުވޭ ދޮންނަ މެޝިނުގެ ސްޕިން ސްޕީޑަށްވުރެ %33 ބާރުވާނެއެވެ. މޭގެ ސަބަބުން ހެދުންތައް ހިކޭލެއް އަވަސްވެ، ބޭރުގައި ހިއްކަން އަޅާފައި ބަހައްޓަން ޖެހޭ ވަގުތުވެސް މަދުވާނެއެވެ.

– ސާފުކުރަން ފަސޭހައީ ކޯޗެއް؟
ކުރިމަތިން ހުޅުވޭ ދޮންނަ މެޝިން ގެންގުޅޭ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ މެޝިނުގައި މަޑުޖަހައި، ސާފުކުރަން ޖެހޭވަރު ގިނަ ކަމެވެ. މިއާއި ޚިލާފަށް މަތިން ހުޅުވޭ ދޮންނަ މެޝިނުގައި ފެން ހިނދޭގޮތް ހުންނަނީ ތިރީގައިކަމުން އެއްވެސްތަނެއްގައި ފެން ހަރުލާފައި ނުހުރެއެވެ.

އެހެންކަމުން، ބުނެވިދިޔަ ކަންކަމަށް ބަލައި، ކޮންމެ މީހަކުވެސް ދޮންނަ މެޝިންގަތުމުގައި އެމީހަކާއި، ނުވަތަ އެގެއަކާއި އެންމެ އެކަށީގެންވާ ވައްތަރުގެ ދޮންނަ މެޝިނެއް ގަތުން މުހިންމެވެ.