Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

އިތިއޯޕިއާގައި 12 ގަޑިއިރު ތެރޭގައި 350 މިލިއަން ގަސް އިންދައިފި

photo: BBC

ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކާއި ޤުދުރަތީ ކާރިސާތައް މަދު ކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތަފާތު އެކި މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް އިތިއޯޕިއާ އިން މިވަނީ މިކަމަށް ހައްލެއް ހޯދުމަށްޓަކައި ދުނިޔޭގައި އަދި މިހާތަނަށް ކޮށްފައިނުވާ ވަރުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެޤައުމުން ވަނީ 350 މިލިއަން ގަސް އެއްދުވަހުގެ ތެރޭގައި އިންދާފައެވެ.

ބޮޑު ވަޒީރު އަބީ އަހުމަދުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ދިޔަ މިހަރަކާތުގައި ވީހާވެސް ގިނަ ފަރާތަކަށް ބައިވެރި ވެވޭނެހެން އެ ޤައުމުގެ ބައެއް އިދާރާތައްވެސް އެދުވަހަށް ބަންދު ކުރެވުނެވެ. މިހަރަކާތަކީ އިތިއޯޕިއާގެ 1000 ސަރަހައްދެއްގައި ހިނގާ، އެމަނިކުފާނުގެ ގްރީން ލެގަސީ އިނީޝިއޭޓިވްގެ ދަށުން ހިންގުނު ހަރަކާތެކެވެ.

ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި އޮފިޝަލުން ވަނީ ވޮލަންޓިއަރުން އިންދި އޮށްތަކުގެ އަދަދު ގުނާ، އިންދުނު އަދަދު ކަށަވަރުކޮށްފައެވެ. އަދި އެޤައުމުގެ މިނިސްޓަރ އޮފް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ، ގެޓަހުން މެކުރިއާ ވަނީ ޓްވީޓަކުން ރަސްމީ އަދަދު 350 މިލިއަންކަމުގައި އިއުލާނުކޮށްފައެވެ.

މިއީ ބެލެވޭ ގޮތުގައި ދުނިޔޭގެ ރިކޯޑެކެވެ. މީގެ ކުރިން މި ރިކޯޑު އޮތީ އިންޑިއާގައެވެ. އެއީ 1 ދުވަސް ތެރޭގައި 800،000 ވޮލަންޓިއަރުންނާއި އެއްކޮށް، 50 މިލިއަން ގަސް އިންދައިގެންނެވެ.

އިތިއޯޕިއާއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން އިންދުނު ގަސްތައް ބަލައި މަރުވެ ދިޔަ ނުދިނުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. ޔޫއެންގެ ރިޕޯޓްތަކުން ދައްކާގޮތުގައި އިތިއޯޕިއާގެ ބިމުގެ %35 ކުރިން އޮތީ ޖަންގަލީގެ ގޮތުގައެވެ. ނަމަވެސް 2000 ވަނަ އަހަރާއި ހަމައަށް ދިޔައިރު، މި އިންސައްތަ ވަނީ %4 އާހަމައަށް ދަށްވެފައެވެ.