Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އެސްފިޔަ ޖެހުމުން ޒޫމް ކުރެވޭ ލެންސެއް އުފައްދައިފި

ރީތި މަންޒަރެއް ފެނުމުން އަހަރެމެން އަވަސް ވެގަންނަނީ އޭގެ ފޮޓޯއެއް ނަގާލާށެވެ. ކެމެރާއެއް ނެތް ނަމަ ފޯނުންނެވެ. އެކަމަކު އަބަދުވެސް ކޮށްލެވޭ ޝަކުވާއަކީ ހަމަލޮލަށް ފެންނަހާ ރީތިކޮށް ކެމެރާއަށް އެ ތަސްވީރު ނަގައިނުގަނެވުމެވެ.

މިކަން ކޮށްލެވޭނެ ލެންސެއް އަދި މިހާތަނަށް އެއްވެސް ބަޔަކަަށް ތައްޔާރުކުރެވިފައިނުވެއެވެ. ނަމަވެސް އެދުވަސް ދެން މާ ދުރު ހެނެއް ހީނުވެއެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސޭންޑީއޭގޯގެ ސައިންޓިސްޓުން ވަނީ ދެ ފަހަރު އެސްފިޔަ ޖަހާލުމުން ޒޫމް ކުރެވޭ ލޮލަށް ލައްވާ ރޮބޮޓިކް ލެންސެއް އީޖާދުކޮށްފައެވެ.

އާންމު ގޮތެއްގައި ރޮބޮޓްތަކަކީ މެނުއަލްކޮށް، ނުވަތަ ކުރީބައިގައި ވަކި ގޮތަކަށް ޕްރޮގްރާމް ކޮށްގެން ބޭނުންކުރޭ އެއްޗެއް ނަމަވެސް، މި ލެންސަކީ ލޯ މަރާލާފައި ހުންނަ އިރުވެސް ލޮލުން ދައުރުކުރާ އިލެކްޓްރިކް އިމްޕަލްސްތަކުގެ ބޭނުންކޮށްގެން މަސައްކަތްކުރާ އެއްޗެކެވެ. މި ޕްރޮޖެކްޓްގެ ލީޑް ރީސަރޗަރެއް ކަމަށްވާ ޝެންގކިއަންގ ކައި ބުނެފައިވާ ގޮތުގައި "ލޮލަށް ނުފެނުނަސް ލޯ ތަޅުވާލެވޭކަމުން، މި ލެންސަށް ބޭނުންވާ އިލެކްޓްރޯ އޮކިއުލޯގްރެފިކް ސިގްނަލްތައް ލިބޭނެ" އެވެ.

ކަރަންޓް ނުވަތަ ލޮލުން ދައުރުވާ ކަރަންޓް ފަދަ ސިގްނަލްތަކުގެ ސަބަބުން ބޮޑުވާ މިލެންސު ހަދާފައިވަނީ އެކަމަށް ހާއްސަ ޕޮލިމަރއަކުންނެވެ. އަދި މި ލެންސު ކޮންޓްރޯލް ކުރަނީ ލޮލުގެ ވަށައިގެން ހުންނަ 5 އިލެކްޓްރޯޑްގެ އެހީގައެވެ. ސައިންޓިސްޓުންގެ އުންމީދަކީ މި ޕްރޮޖެކްޓުން ލިބުނު މައުލޫމާތުގެ އަލީގައި ލޮލުގެ ފެނުމުން މަހުރޫމު ވެފައިވާ މީހުންނަށް ފެންނާނެ ގޮތެއް އުފެއްދުމެވެ. ނުވަތަ ލޮލުން ކޮންޓްރޯލް ކުރެވޭ ކެމެރާއެއް އުފެއްދުމެވެ.