Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބީއެމްއެލްގެ އެހީގައި އައިހަމް އަނބުރާ ސްކޫލަށް!

ސ. ހިތަދޫއަށް އުފަން މުހައްމަދު އައިހަމް އަލީ ޝަރީފަކީ އޭނާގެ ދެބެންގެ ދެދަރި ބޭބެ އައިމަން ސިފަކުރާގޮތުގައި ފެށުނީއްސުރެ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް އަބަދު ހެވިފައި ހުންނަ ކުޑަކުޑަ އައިހަމްގެ ދިރިއުޅުމުގައި ވަރަށް ކުޑައިރުއްސުރެ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނެވެ.

އައިހަމްއަކީ ގައިގެ މަސްތަކުގެ ބާރު ދެރަވުމަށް މެދުވެރިކުރުވާ ޑޫޝެން މަސްކިއުލާ ޑިސްޓްރޮފީއާއި ހަނގުރާމަ ކުރަމުންދާ ކުއްޖެކެވެ. މީގެ ދުވަސްތަކެއްކުރިން އައިހަމްއަށް މަޑުމަޑުން ހިނގުނު ނަމަވެސް، މިހާރު އައިހަމްއަކަށް ނުހިނގެއެވެ. އަދި މިކަމުގެ ސަބަބުން ޝަރަފުއްދީން ސްކޫލްގެ ސެން ކުލާހުގައި ކިޔަވަމުންދިޔަ އައިހަމްއަށް ސްކޫލަށް ދާނެ ގޮތެއްނެތި ގޭގައި މަޑުކުރަން ޖެހުނެވެ.

މިކަން ވެގެން ދިޔައީ ކުޑަކުޑަ 10 އަހަރުގެ އައިހަމް އަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. އޭނާގެ ބޭބެ ބުނާގޮތުގައި ސްކޫލަށް ނުގޮސް ގޭގައި ހުންނަން ޖެހޭތީ އައިހަމް ވަރަށް ސުވާލުކޮށްހެދިއެވެ. އަދި ކުރިއަށްވުރެ ނެގި މަޑުވިއެވެ. ނަމަވެސް އައިހަމް އަލުން ހެއްވާލާ، އަލުން ސްކޫލަށް ދާނެ ގޮތެއް ދިވެހިންގެ ބޭންކު ބީއެމްއެލްއިން ވަނީ ހޯދައިދީފައެވެ.

ބީއެމްއެލްގެ މޮޓޮރައިޒްޑް ވީލްޗެއަރ ޕްރޮގްރާމުގެ ދަށުން އައިހަމްއަށް އެކުންފުނިންވަނީ ފުރޮޅިލީ ގޮނޑިއެއް ހަދިޔާކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އައިހަމް މިހާރު ދަނީ އަލުން ސްކޫލަށް ދިޔުމަށް ތައްޔާރުވަމުންނެވެ. އައިހަމްގެ ބޭބެ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން އައިހަމްއަށް ގޮނޑި ލިބުމާއެއްކޮށް ކޮއްކޮ ކައިރީގައި ބުނެފައިވަނީ "އައި ވިލް ކެޗް ޔޫ"އެވެ. އަދި ގޮނޑީގެ އެހީގައި މިހާރު އައިހަމްއަށް ގެއިން ބޭރަށްވެސް ގޮސް އުޅެވޭތީ ހުންނަނީ ވަރަށް އުފަލުންކަމުގައި އައިހަމްގެ ބޭބެ އައިމަން "އައްޑޫލައިވް" އަށް މައުލޫމާތު ދިނެވެ.

މޮޓޮރައިޒްޑް ވީލްޗެއަރ ޕްރޮގްރާމަކީ ބީއެމްއެލްގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.