Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އުސާމާ ބިން ލާދިންގެ ދަރިފުޅު މަރުވެއްޖެ: އެމެރިކާ

އަލް ޤައިދާގެ ކުރީގެ ލީޑަރ، އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރުވެއްޖެކަމަށް ޤަބޫލުކުރާކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލަކު ސީއެންއެންއަށް ދިން މި މައުލޫމާތުގައި ވިދާޅުވީ ހަމްޒާ މަރުވެއްޖެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އޭނާ މަރާލުމުގައި އެމެރިކާގެ ދައުރެއް އޮތް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނުގައި އެމެރިކާގެ ދައުރަކީ ކޮބައި ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.

ދަ ނިއުޔޯރކް ޓައިމްސް ގައި ބުނެފައިވާގޮތުން ހަމްޒާ މަރާލެވިފައިވާ މި އޮޕަރޭޝަން ހިންގިތާ މިހާރު ވަނީ ދެ އަހަރުވެފައެވެ.

މިއަހަރުގެ ކުރީކޮޅު، އެމެރިކާއިން ވަނީ ހަމްޒާއަކީ އަލް ޤައިދާގެ ކުރިއަރަމުން އަންނަ ލީޑަރެއް ކަމަށްބުނެ، އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ދޭ ފަރާތަކަށް 1 މިލިއަން ޑޮލަރު ދޭން ބުނެފައެވެ. އަދި އެމެރިކާއިން ބުނެފައިވަނީ ހަމްޒާ ދަނީ އެމެރިކާއާއި ދެކޮޅަށް ހަމަލާތައް ދިނުމަށް ބާރުއަޅަމުން ކަމުގައެވެ.

އެމެރިކާގެ އޮފިޝަލަކު ހަމްޒާ މަރާލެވިފައިވާ ކަމަށް ބުނި ނަމަވެސް، އެމެރިކާގެ ސަރުކާރުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމާއި ގުޅިގެން ނޫސްވެރިންކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރުކޮށްފައެވެ.

ހަމްޒާ ބިން ލާދިން އަކީ ސައުދީ އަރަބިއާ އަށް އުފަން މީހެކެވެ. ނަމަވެސް މިއަހަރުގެ ކުރިކޮޅު ސައުދީ އަރަބިއްޔާ އިން ވަނީ އޭނާގެ ރައްޔިތުކަން ބާތިލުކޮށްފައެވެ.