Last Updated: April 24, 06:35
Wednesday, April 24, 2024
ސިއްހަތު

ބޮލުން ހަން ފޮޅޭތަ؟ މިއޮތީ ހައްލު!

ބޮލުން ހަންފޮޅުން ނުވަތަ ޑޭންޑްރަފަކީ ދުނިޔޭގެ %50 މީހުންނަށް އުމުރުގެ ކޮންމެވެސް އެއް އިރަކު ދިމާވާ ކަމެކެވެ. އާންމުކޮށް ބޮލުގެ ހަންގަނޑު ހިކި، ބޮލުން ހުދު ކުނޑި ކަހަލަ ހަން ކޮޅުކޮޅު އައުމަކީ ޑޭންޑްރަފް ހުންނަ ކަމުގެ އަލާމާތެކެވެ. އަދި އާންމުކޮށް ހަންގަނޑު ތެޔޮ މީހެއް ނަމަ، އިސްތަށިގަނޑާއި ބޯ ތެޔޮ ވެފަ ހުރުމަކީވެސް އަލާމާތެކެވެ. މިކަން ހައްލު ކުރުމަށްޓަކައި ތަފާތު އެކިކަހަލަ ޝޭމްޕުތަކާއި ކްރީމްތައް ހުންނަ އިރު، ގޭގައި ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެންވެސް ވަރަށް ފަސޭހަ ކަމާއެކު ޑޭންޑްރަފް ފިލުވާލެވިދާނެއެވެ.

– ޓި ޓްރީ އޮއިލް
ޓީ ޓްރީ އޮއިލް އަކީ ޒަމާނުއްސުރެ ހަންގަނޑުގެ އެކިއެކި ބަލިތަކަށް ފަރުވާ ކުރުމަށްޓަކައި ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މީއަކީ އެންޓިމައިކްރޯބިއަލް އަދި އެންޓި އިންފްލެމޭޓަރީ ބޭހެއްގެ ގޮތުގައި ހަންގަނޑުގައި ބޭނުން ކުރެވޭ އެއްޗެއް ކަމުން، މިއީ ބޮލުގައި ހަން ފޮޅުން ހުއްޓުވުމަށް އެއްވަނައިގެ އެއްޗެކެވެ.

އެގޮތުން ރިޕޯޓްތަކުން ދައްކާ ގޮތުގައި ޓީ ޓްރީ އޮއިލްއަކީ ހަންފޮޅުމަށް ދިމާވާ ޒާތުގެ ފަންގަސް ނައްތާލުމުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ޑޭންޑްރަފް ހުންނަ 126 މީހުންނަށް %5 ޓީ ޓްރީ އޮއިލް ޝޭމްޕޫގައި ބޭނުން ކޮށްގެން ފަރުވާ ކުރުމުން ހަންފޮޅުމާއި، އެއާއި ގުޅުން ހުރި އަލާމާތްތައް %41 މަދުވެފައިވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 4 ހަފްތާގެ މުއްދަތަކަށެވެ.

ޓީ ޓްރީ އޮއިލް އަކީ ސެންސިޓިވް ހަންގަނޑުތައް ހިރުވުމަށް މެދުވެރި ކުރުވާ އެއްޗެއް ކަމުން، އެންމެ ރަނގަޅު ގޮތަކަށް ވާނީ ކާށި ތެލަށް 3-2 ތިކި ޓީ ޓްރީ އޮއިލް އަޅައިގެން ބޭނުން ކުރުމެވެ.

– ކާށި ތެޔޮ
އެކި ގޮތްގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މެދުވެރި ކުރުވާ އެއްޗެއް ކަމަށްވާ ކާށި ތެލަކީވެސް ބޮލުން ހަން ފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ ވަރަށް ފައިދާ ހުރި އެއްޗެކެވެ. ބޮލުން ހަން ފޮޅުން އިތުރު ކުރުވާ ކަމެއް ކަމަށްވާ ހަންގަނޑު ހިކުން ހުއްޓުވުމަށް ކާށި ތެލަކީ ވަރަށް ރަނގަޅު އެއްޗެކެވެ. 34 މީހުން ބޭނުން ކޮށްގެން ހިންގި ދިރާސާއަކުން ދެއްކި ގޮތުގައި ކާށި ތެލަކީ މިނެރަލް އޮއިލް އާއި އެއްވަރަށް ހަންގަނޑު ހިކުން ހުއްޓުވުމުގައި ބޭނުންތެރި ބައެކެވެ. އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ކާށިތެލަކީ ޑޭންޑްރަފަށް ބައެއް ފަހަރު މެދުވެރި ކުރުވާ ހާލަތެއް ކަމަށްވާ އެކްޒީމާ ފަސޭހަ ކުރުމުގައިވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ.

– އެލޯ ވެރާ
އެލޯ ވެރާ އަކީ ހަންގަނޑަށް ބޭނުންކުރާ އެކި ކަހަލަ ކްރީމްތަކާއި ޖެލްތަކުގައި ބޭނުން ކުރާ، ހަންގަނޑަށް ފައިދާހުރި އެއްޗެކެވެ. ހަންގަނޑު އަނދާފައި ހުންނަ ތަންތަނާއި، ކޯލްޑް ސޯރސް ކަހަލަ ތަންތަނުގައި އެލޯ ވެރާ އުނގުޅުމުން ވަރަށް ފަސޭހަ ވާކަމަށް ދައްކައެވެ. އަދި ޓީ ޓްރީ އޮއިލް އާއި އެއްގޮތަށް މިއިންވެސް އެންޓިބެކްޓީރިއަލް އަދި އެންޓި ފަންގަލް ފަރުވާތައް ލިބޭތީ، މިއީވެސް ބޮލުގައި ހަން ފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ، ވަރަށް ފައިދާ ހުރި އެއްޗެކެވެ.

– އެޕަލް ސައިޑަރ ވިނެގަރ
އެޕަލް ސައިޑަރ ވިނެގަރ އަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވޭ ވަރަށް މަޝްހޫރު އެއްޗެކެވެ. ބުނެވޭ ގޮތުގައި އޭގައި ހުންނަ އެސިޑިޓީގެ ސަބަބުން މަރުވެފައި ހުންނަ ހަމުގެ ސެލްތައް ސާފު ކުރުމަށް އެހީތެރިވެދެއެވެ. އަދި އޭގެ ސަބަބުން ހަންގަނޑުގެ ޕީއެޗް ރަނގަޅު މިންވަރެއްގައި ހިފަަހައްޓައިދީ، ބޮލުން ހަންފޮޅުން ހުއްޓުވައިދެއެވެ. މި ބޭނުން ކުރަން އެންމެ ރަނގަޅު ގޮތަކީ ޝޭމްޕޫއަށް 3-2 ތިކި އަޅައި، ނުވަތަ ތެލަށް 3-2 ތިކި އަޅާލުމަށްފަހު ބޭނުން ކުރުމެވެ.

– ކެއުމުގައި އޮމެގާ 3 އިތުރު ކުރުން
އޮމެގާ 3 އަކީ ހަށިގަނޑުގެ ސެލް ތަކުގެ ބޭރު ފަށަލަ ހެދުމުގެ އިތުރަށް، ހިތާއި ފުއްޕާމޭ، އަދި މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އޮމެގާ 3 އަކީ ހަންގަނޑުން ތެޔޮ އުފެއްދުން ރަނގަޅުކޮށް، ހަމުގެ ތެތްކަމާއި، ފާރުތައް ރަނގަޅުކޮށް، ހަންގަނޑު އަވަހަށް މުސްކުޅި ވުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގައި އޮމެގާ 3 މަދު ވެއްޖެނަމަ، ހަންގަނޑާއި އިސްތަށިގަނޑު ހިކި، ހަންފޮޅުމަށް މަގުފަހިކޮށްދެއެވެ. އޮމެގާ 3 އެންމެ ފަސޭހައިން ލިބޭނީ ބައެއް ބާވަތްތަކުގެ މަހާއި، މަސް ތެލުގެ އިތުރުން ޗިއާ ސީޑްސް، ފްލެކްސް ސީޑްސްް އަދި ވޯލްނަޓް ފަދަ ބާވަތްތަކުންނެވެ.

މި ކަންތައް ތަކަކީ ގޭގައި ތިބެގެން ބޮލުން ހަން ފޮޅުން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ ލަފާވެސް މިކަމުގައި ހޯދުމެވެ.