Last Updated: April 26, 06:25
Friday, April 26, 2024
ރިޕޯޓް

ޖަލުގައި ތިބޭ ބިދޭސީންނަށް އާއިލާއަށް ގުޅުމުގެ ފުރުސަތެއް ނުލިބޭ: އެޗްއާރްސީއެމް

މާލެ ޖަލު އެނެކްސް -- ފޮޓޯ / ކަރެކްޝަނަލް ސަރވިސް

ކުށުގެ ތުހުމަތުގައި ބަންދު ކޮށްފައި ތިބޭ ބިދޭސީންނަށް އާއިލާއާ ގުޅުމުގެ ފުރުސަތު އެއްގޮތަކަށް ނުލިބޭކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިއަދު އާއްމުކުރި އެންޓި ޓޯޗާ ރިޕޯޓުން ހާމަވެއްޖެއެވެ.

އެ ކޮމިޝަނުން އާއްމުކުރި އެންޓި ޓޯޗާ ރިޕޯޓު 2019ގައިވާ ގޮތުން އެ މައްސަލާގައި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްއާ އެޗްއާރްސީއެމްއިން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ކުށުގެ ތުހުމަތުގައިވާ ބިދޭސީންނަށް އާއިލާއާ ގުޅުމަށް ފޯނު ކޯލު ނުދެނީ ދިވެހިރާއްޖޭގެ ޕެރޯލް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށް އެ މުއައްސަސާތަކުން ބުނެފައިވާ ކަމަށް އެޗްއާރްސީއެމްގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބޭ މީހުންގެ އާއިލާއަށް ގުޅޭނީ ޖަލު އޮފީހުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރުތަކަކީ ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ނަންބަރުތަކަކަށް ވެގެން ކަމަށެވެ.

ނަމަވެސް 2013ވަނަ އަހަރުގެ ތެރޭގައި ފާސްކޮށްފައިވާ އެންޓި ޓޯޗާ ގާނޫނުގައި ބުނެފައިވަނީ ދެމީހެއްގެ ދެމެދުގައި ތަފާތެއް ކުރުމަށް ގާނޫނުގައި ހުއްދަ ކޮށްފައި ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް ދެމީހެއްގެ ދެމެދުގައި އެއްވެސް ބާވަތެއްގެ ތަފާތު ކުރުމަކީ ޓޯޗާ ކުރުން ކަމަށެވެ.

އެޗްއާރްސީއެމްއެމްގެ ރިޕޯޓުގައި ބުނެފައިވަނީ ޕެރޯލް ގާނޫނުގައި ގައިދީން ޖަލުގައި ތިބޭ މުއްދަތުގައި އެމީހުންނަށް ލިބެން ހުންނަންވާނެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި އާއިލާއާ މުއާމަލާތްކޮށް ބައްދަލު ކުރުމުގެ އިންތިޒާމް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަދި އެފަދައިން މުއާމަލާތް ކުރެވޭނީ ރާއްޖޭގައި ތިބޭ އާއިލާ ފަރާތްތަކަށް އެކަނި ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށްވެސް މި ރިޕޯޓުގައި އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމްއިން ބުނީ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ތިބޭ ހުކުމް ތަންފީޒުކުރާ ބިދޭސީންގެ އާއިލާތައް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހާލަތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރުތައް ފިޔަވައި އެހެން ނަންބަރުތަކަށް ގުޅަން ހުއްދަ ނުދިނުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް އަދި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކުން ހަނި ކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ،

އެންޓި ޓޯޗާ ގާނޫނުގެ 37ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށްފަހު އެންޓި ޓޯޗާ ރިޕޯޓު އާއްމުކުރަންވާނެ ކަމަށެވެ. އެޗްއާރްސީއެމްގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 1އިން ފެށިގެން މި އަހަރުގެ ޖޫމް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޗްއާރްސީއެމްއިން ކޮށްފައިވާ މަސައްކަތްތައް ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.