Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ބެންކޮކްގެ ތިން ސަރަހައްދަކަށް ބޮމުގެ ހަމަލާތަކެއް ދީފި

ތައިލޭންޑުގެ ވެރިރަށް ބެންކޮކްގެ ތިން ސަރަހައްދަކަށް ހަ ފަހަރެއްގެ މަތިން ބޮމުގެ ކުދި ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ ސްކައި ޓްރެއިން ސްޓޭޝަނާއި، ތައިލޭންޑު ސަރުކާރުގެ އިމާރާތެއް ހުންނަ ސަރަހައްދެއްގެ އިތުރުން ބެންކޮކްގެ ބާރުބޮޑު މަގެއްގައެވެ.

މި ހަމަލާތަކުގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނުއިރު އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަލާގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ އެވަގުތު މަގުމަތި ސާފުކުރުމުގެ މަސައްކަތުގައި އުޅުނު ދެ މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތައް ދިން ކަމުގެ ތުހުމަތުގައި ދެ މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާތަކުގެ ފުރިހަމަ ތަހުގީގެއް ވަގުތުން ހިންގުމަށް ތައިލޭންޑުގެ ބޮޑުވަޒީރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްފައެވެ.

މިފަދަ ހަމަލާތަކެއް ބެންކޮކްގެ އެކި ސަރަހައްދުތަކަށް ދީފައިވާއިރު އެގައުމުގައި މިވަގުތު އަންނަނީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިޔަން ނޭޝަންސް (އާސިއާން) ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ވެސް ބާއްވަމުންނެވެ. މި ބައްދަލުވުމުގައި އާސިއާންގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ އިތުރުން ޗައިނާ އާއި އެމެރިކާ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރުން ބައިވެރިވެ ވަޑައިގަންނަވައެވެ.